ރާއްޖޭގެ ރިސޯޓެއްގެ ފަޅުތެރޭގައި ޓޫރިސްޓުންތަކެއް ފީނަނީ: އެކަށީގެންވާ މިންވަރަށް ޑިމާންޑް ނެތުމުން ޓޫރިޒަމްގެ އަގުތައް ދަށްވާނެ ކަމަށް ލަފާކުރޭ.
06 ސެޕްޓެމްބަރ 2018 - 21:28
ޓޫރިޒަމް އިންޑަސްޓްރީގެ ވާދަވެރިކަން އިތުރުވެ، އެކަށީގެންވާ މިންވަރަށް ޑިމާންޑް ނެތުމުން އަންނަ ކުއާޓަރުގައި ޓޫރިޒަމްގެ އަގުތައް ދަށްވާނެ ކަމަށް ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކޮށްފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ދެވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައި ވަނީ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަށް ހުންނާނެގޮތަށް ބަލާއިރު، ޓޫރިޒަމް އިންޑަސްޓްރީ ފިޔަވައި އެހެނިހެން އިންޑަސްޓްރީ ނިސްބަތްވާ ފަރާތްތަކުން ލަފާކުރަނީ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ.
"ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ އަގުތައް ދަށަށް ދާނެކަމުގަ އެވެ. މިކަމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، މި ސިނާއަތުގައި ވާދަވެރިކަން އިތުރުވުމާއި އެކަށީގެންވާ މިންވަރަށް ޑިމާންޑް ނެތުމުގެ ސަބަބުން ކަމަށް މި ސިނާއަތުގެ ވިޔަފާރިތަކުން ފާހަގަކޮށްފައިވެ އެވެ،" އެ އޮތޯރިޓީން ބުންޏެވެ.
އެ ސާވޭ ރިޕޯޓުގައި، ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކާ ހަވާލާދީ ބުނެފައި ވަނީ މިދިޔަ ކުއާޓަރުގައި އެ ސިނާއަތުގެ އަގުތައް ދިޔައީ ދަށަށް ކަމަށެވެ. އޭގެ މައިގަނޑު ސަބަބަކީ ދެވަނަ ކުއާޓަރު ދިމާވެފައި ވަނީ ޓޫރިޒަމްގެ އޮފް-ސީޒަނަށް ވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްއެމްއޭގެ ސާވޭ ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމްގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ބައެއް ފަރާތްތަކުން ވެސް އަގުތައް ދަށަށްދިޔަ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.
"މިކަމުގެ ސަބަބެއް ކަމަށް ބެލެވެނީ ރަމަޟާން މަހާ ދިމާކޮށް ޕްރޮމޯޝަންތަކަށް އަގުތައް ދަށްކޮށްފައި ވުމެވެ. އެހެން ނަމަވެސް، އިމާރާތްކުރުން އަދި ތަކެތި އުފެއްދުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ބަޔާންކޮށްފައި ވަނީ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ކަމުގަ އެވެ." ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ހެދި ސާވޭގައި ބައިވެރިވި އިމާރާތްކުރުން، ތަކެތި އުފެއްދުން އަދި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގެ ގިނަ ފާރާތްތަކުން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގައި އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ރަނގަޅުވެފައިވާ ކަމަށް ބުނެފަ އެވެ.
"މިއިން ދައްކުވައިދެނީ މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކަށް ރަނގަޅު އިގްތިސާދީ މާހައުލެއް އޮތްކަމެވެ. އެހެން ނަމަވެސް، މި ކުއާޓާރު ދިމާވެފައި ވަނީ ފަތުރުވެރިކަމުގެ އޮފް ސީޒަނާ ކަމުގައި ވުމުން، ފަތުރުވެރިކަމުގެ ސިނާއަތް ފެނުނީ ދަށްކޮށެވެ" އެ ސާވޭ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ކުރިއަށް އޮތް ތިންވަނަ ކުއާޓަރަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، އިމާރާތްކުރުމުގެ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ ވިޔަފާރި އިތުރަށް ރަނގަޅުވާނެ ކަމަށެވެ.
"ނަމަވެސް، އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ދެކެނީ ތިންވަނަ ކުއާޓަރުގައި މި ސިނާއަތް ކޮންމެވެސް މިންވަރަކަށް މަޑުޖެހިގެންދާނެ ކަމުގައެވެ. އިމާރާތްކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ކުރިއެރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކަކީ ފަންނީ މުވައްޒަފުން ލިބުން ދަތިވުމާއި ހިދުމަތްތަކުގެ އަގަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމެވެ." އެމްއެމްއޭ އިން ހެދި ސާވޭ ރިޕޯޓުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމު
08 September 2018
އަދިވެސް ރިސޯޓުތައްގިނަކުރޭ މާލެއަތޮލުގަ ހުރިހާ ފަޅުތަކެއް ހިއްކާގެން
falaku ain
07 September 2018
އަހަރެން ނުބުނަން ކަނޑުކޮސްވާހަކައެކޭ ތިދައްކަނީ. ޓޫރިޒަމް ސިނާއަތުގައި އޮފް ސީޒަން އަންނަނީކީ އެނބުރެމުންދާ އެއްޗެއްގެ ގޮތުގައެއްނޫން. ވަކިތާރީކުތަކެއް ކަނޑައެޅިފައިވާ ދުވަސްތަކެއް އެއީ. ޓޫރިސްޓުން ނާންނަނަމަ ޑިމާންޑްދާނީ ދަށަށް. އޭގެ ސަބަބަކީ ގަޓް ރައީސުގެ ނުސިޔާނު ސިޔާސަތު. ދެން ރިޓެއިލް ވިޔާފާރީގެ އަގުތައް ތިރިއެއްނުވޭ. ހައްތާ ދަނީ ބޮޑުވަމުން. މިކަން ރަނގަޅަށް ރެޓެއިލް ވިޔަފާރިކުރާ ފަރާތްތަކަށް އެނގޭނެ. ކޮންމވެސް އޮޅުވާލުމެއް އޮޅުވާލެވޭތޯ ބަލާތި. ކުރިންވެސް ރިޒަވް މަތިވެއްޖެޔޭ ކިޔައިގެން ބޮޑު ރިޕޯޓެއް ނެރުނު ތަނެއްނުންތިޔަތަނަކީ.
ޜިބެލް
07 September 2018
ޢިމާރާތް ކުރުމަށް އޮތް ގޮންޖެހުމަކީ “ބަންގާޅިން”
އިބްރާހީމު
06 September 2018
މޮޅު އިކޮނޮމިސްޓެއް ލިބިގެން ޔޫރަޕްގެ މާކެޓް ގެއްލި ޗައިނާއިގެ ނޫޑްލިސް ޕްކެޓްތައް ހުރިހާ ރިސޯޓެއްގަ.
ދިސްވޭއޭ
06 September 2018
ޓޫރިޒަމް ގެ އަގުތައް ދަށްވާންވީ ވަރަށް ބޮޑު ތަން ރާއްޖޭގެ ރިސޯރޓަކުން ގެސްޓް ރޫމެއް ލިބެން ޖެހޭނެ ރެއަކާއި ދުވާލަކަށް 100 ޑޮލަރަށް ބެޑް އެން ބްރެކްފާސްޓް އާއި އެކު ފުލް ބޯރޑް ލިބެން ޖެހޭނެ 200 ޑޮލަރަށް ރެއަކާއި ދުވާލު އެއިރުން ހުންނާނީ ރަނގަޅަށޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އައި އޭމް ލުކިންގް ފޯރ ސަޗް އަ ލޯ ޕްރައިސް ޓެގް އޯއް ޔޭއް އައި މެންޓް ޓު ބީ އިޓް އޮން ދިސްވޭ...