ކުޅިވަރު

ޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ސެމީއާ ގާތަށް

ބަންގްލަދޭޝްގެ ޑާކާ އިން،  އައްޒާމް އަލިފުޅު، މިހާރު

06 ސެޕްޓެމްބަރ 2018 - 20:13

1 comments

ސާފް ސުޒުކީ ކަޕްގައި މިރޭ 25،000 މީހުން ކުރިމަތީގައި ކުޅުނު މެޗުން މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް އިން 1-0 އިން ޕާކިސްތާން ބަލިކޮށް ސެމީ ފައިނަލުގެ ޖާގައަކާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ދެ ވަނައިގައި އޮތީ މިއަދު ބޫޓާން އަތުން މޮޅުވި ނޭޕާލް އެވެ. ނޭޕާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނޭޕާލަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ބަންގްލަދޭޝަށް ސެމީގެ ޖާގައެއް ހޯދަން ބޭނުންވަނީ ފަހު މެޗުގައި ހޮނިހިރު ދުވަހު ނޭޕާލް އަތުން ޕޮއިންޓެކެވެ. ނޭޕާލަށް ސެމީގެ ޖާގައެއް ލިބޭނީ ބަންގްލަދޭޝް އަތުން މޮޅުވެގެންނެވެ. އެ ދުވަހު ބޫޓާން އަތުން މޮޅުވެގެން ޕާކިސްތާނަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ. ބޫޓާނަށް އަމިއްލަ ބާރު ގެއްލިފައިވާއިރު އެ ޓީމަށް ސެމީގެ ޖާގަ ލިބޭނީ ބޮޑު ތަފާތަކުން ޕާކިސްތާން ބަލިކޮށް، ނޭޕާލް އަތުން ބޮޑު ތަފާތަކުން ބަންގްލަދޭޝް މޮޅުވެގެންނެވެ.

ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެންމެ ފުރަތަމަ ހަމަލާ އުފެއްދީ ޕާކިސްތާނުންނެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް ޑެންމާކް ދެ ވަނަ ޑިވިޝަނުގައި ކުޅޭ ޕާކިސްތާން ފޯވާޑް މުހައްމަދު އަލީ ބޮލުން ފޮނުވާލުމުން ބަންގްލަދޭޝްގެ ކީޕަރު ޝާހިދުލް އާލަމް ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 16 ވަނަ މިނިޓްގައި ޕާކިސްތާނުގެ ކީޕަރު އިޖާޒް ބަޓް ކުރިއަށް ޖެހި ހުރި ވަގުތު ހާފުގެ މެދުތެރޭގައި ހުރެފައި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ޓީމުން ވެސް މެދުތެރެއިން ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރަން މަސައްކަތްކުރިއިރު، ފެނިގެންދިޔައީ ވަރަށް ބޮޑަށް ފިޒިކަލް ގޭމެކެވެ. ދެ ޓީމުގެ ފަރަގަކަށް ފެނުނީ ޕާކިސްތާން ފިޒިކަލީ ވަރުގަދަކަމެވެ. އެހެންވެ ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވި އެވެ.

ބަންގްލަދޭޝްގެ ކުރިއަށް ކުޅޭ ކުޅުންތެރިން އިސްކޮޅުން ކުރުވުމުން އެންމެ އުނދަގޫވީ ޕާކިސްތާނުގެ އިސްކޮޅުން ދިގު ދެ ޑިފެންޑަރުން ކައިރިން ދެމިގަންނާށެވެ. ބަންގްލަދޭޝްގެ އެޓޭކް ހުއްޓުވުމުގައި ޕާކިސްތާނުގެ ފަހަތް ބަލަހައްޓަމުން އަންނަ، ކުރިން އިންގްލެންޑްގެ ފުލަމް އަށް ކުޅުނު ޒޭޝް ރެހެމާނާއި އެމެރިކާގެ ސްޓޭޓް ލީގުގައި ކުޅޭ އަބްދުﷲ ގާޒީ ދިޔައީ ކުރި ހޯދަމުންނެވެ.

ދެ ވަނަ ހާފްގައި ބަންގްލަދޭޝް އިން ކުރިއަށް ވުރެން ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނެވެ. އެ ޓީމުގެ ކުރިއަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ސާދުއްދީން އާއި މަހްބޫބު ރަހުމާން އަށް ގިނަ ބޯޅަތަކެއް ދީގެން އެޓޭކްކުރަން މަސައްކަތްކުރި އެވެ.

ބަންގްލަދޭޝް އިން ކުރިއަށް ޖެހިގެން ކުޅެމުންދަނިކޮށް މެޗުގެ 54 ވަނަ މިނިޓްގައި ޕާކިސްތާނަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް މުހައްމަދު އަލީ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ކީޕަރު ޝާހިދުލް އާލަމް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ޕާކިސްތާން އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއަކަށް ފައުލުކުރި ކަމަށް ބުނެ ޕެނަލްޓީއެއް ދޭން އެ ޓީމުގެ ކޯޗު ޖޭމީ ޑޭ ވަރަށް ބޮޑަށް އެޕީލްކުރި އެވެ. ހަތަރު ވަނަ އޮފިޝަލު ގާތުގައި ތަކުރާރުކޮށް ޖޭމީ ޑޭ ޝަކުވާ ކުރުމާ ގުޅިގެން މެޗުގެ ރެފްރީ ވަނީ ޑޭ އަށް އިންޒާރު ދީފަ އެވެ.

އޭގެ ފަހުން މެޗުގެ 82 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ޓޮޕޫ ބަރްމަން އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭރިއާ ތެރޭގައި އެ ވަގުތު ގިނަ ކުޅުންތެރިންތަކެއް ތިބުމުން އޭނާ އަށް އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ.

އެކަމަކު އޭގެ ދެ މިނިޓް ފަހުން އޭރިއާ ތެރެއިން ލިބުނު ބޯޅަ އަކުން ޓޮޕޫ ވަނީ ބަންގްލަދޭޝަށް ލަނޑު ޖަހައިދީފަ އެވެ. އޭނާ މި ލަނޑު ޖެހީ ބަންގްލަދޭޝްގެ ދިގު އެއްލުމެއް ޕާކިސްތާނަށް ދިފާއުނުކުރެވިގެން އުޅުނު ވަގުތުގަ އެވެ. ނަތީޖާ ހަމަހަމަ ކުރަން ފަހުން ޕާކިސްތާނުން މަސައްކަތް ކުރި ނަަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫހި

06 September 2018

ވަރަށް ފޫހި މެޗެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454