ކުޅިވަރު

އަތްއުރާލައިގެން ތިބެވެން ނެތް: ބަންގްލަދޭޝް ކޯޗު

ބަންގްލަދޭޝްގެ ކޯޗު ޖޭމީ ޑޭ.-- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގެ ޑާކާ އިން،  އައްޒާމް އަލިފުޅު، މިހާރު

07 ސެޕްޓެމްބަރ 2018 - 00:05

ސާފް ސުޒުކީ ކަޕްގެ ފުރަތަމަ ދެ މެޗުން މޮޅުވިޔަސް ސެމީ ފައިނަލް ޔަގީންކުރަން އަދިވެސް މަސައްކަތްކުރަން ޖެހޭތީ އަތްއުރާލައިގެން ތިބެވެން ނެތް ކަމަށް ބަންގްލަދޭޝްގެ ކޯޗު އިންގްލެންޑްގެ ޖޭމީ ޑޭ ބުނެފި އެވެ.

ސާފް ސުޒުކީ ކަޕްގައި މިރޭ 25،000 މީހުން ކުރިމަތީގައި ކުޅުނު މެޗުން ބަންގްލަދޭޝް ވަނީ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ޖޭމީ ޑޭ ދެކުނު ޕާކިސްތާން އަތުން މޮޅުވެފަ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. ދެ ވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނޭޕާލަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ބަންގްލަދޭޝަށް ސެމީގެ ޖާގައެއް ހޯދަން ބޭނުންވަނީ ފަހު މެޗުގައި ހޮނިހިރު ދުވަހު ނޭޕާލް އަތުން ޕޮއިންޓެކެވެ. ނޭޕާލަށް ސެމީގެ ޖާގައެއް ލިބޭނީ ބަންގްލަދޭޝް އަތުން މޮޅުވެގެންނެވެ. އެ ދުވަހު ބޫޓާން އަތުން މޮޅުވެގެން ޕާކިސްތާނަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ. ބޫޓާނަށް އަމިއްލަ ބާރު ގެއްލިފައިވާއިރު، އެ ޓީމަށް ސެމީގެ ޖާގަ ލިބޭނީ ބޮޑު ތަފާތަކުން ޕާކިސްތާން ބަލިކޮށް، ނޭޕާލް އަތުން ބޮޑު ތަފާތަކުން ބަންގްލަދޭޝް މޮޅުވެގެންނެވެ.

ޕާކިސްތާން ކޮޅަށް ބަންގްލަދޭޝް މޮޅުވި ލަނޑު މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ޖެހީ ޓޮޕޫ ބަރްމަން އެވެ. މެޗުން މޮޅުވުމުން ބަންގްލަދޭޝް ސަޕޯޓަރުންނާއި ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކޯޗު ޑޭ ބުނީ ޕާކިސްތާނަކީ ވަރުގަދަ ޓީމެއް ކަމަށާއި މި މޮޅު ހޯދުނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.

"ޕާކިސްތާނަކީ ވަރަށް ވަރުގަދަ ޓީމެއް. މިއީ ވަރަށް މަސައްކަތުން ހޯދުނު މޮޅެއް. ޕާކިސްތާނުގައި އެބަތިބި ޔޫރަޕްގައި ކުޅޭ ކުޅުންތެރިން ވެސް. އެންމެ ފަހު ވަގުތު އަހަރެމެންނަށް މޮޅުވެވުމުގެ އެންމެ ބޮޑު އަސްލަކީ ފިޓްނަސް. އެއީ މިދިޔަ 12 ހަފްތާގައި މި ކުޅުންތެރިން ކުރި މަސައްކަތުން ހާސިލްވި އެއްޗެއް،" ކުރިން އާސެނަލް ޔޫތު ޓީމަށް ކުޅުނު ޑޭ ބުންޏެވެ.

އޭނާ ބުނީ ސެމީގެ ޖާގައެއް ހޯދަން ފަހު މެޗުގައި ނޭޕާލާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމު ކަމަށެވެ.

"އަހަރެން މިރޭ މި ކުޅުންތެރިން އުފާފާޅުކުރަން ވަގުތު ދޭނަން. އެކަމަކު މާދަމާ އަލުން މަސައްކަތަށް ނުކުންނަންވީ. ދެން އޮތީ ނޭޕާލާ ދެކޮޅަށް ކުޅެން ޖެހޭ މެޗު. އެ ވަރުގެ މެޗެއް އޮއްވައި އަހަރެން އަތްއުރާލައިގެނެއް ނުހުންނާނަން. އެހެން މެޗުތަކެކޭ އެއްގޮތަށް ނޭޕާލް އަތުން ވެސް މޮޅުވާން ކުޅޭނީ،" ޑޭ ބުންޏެވެ.

މެޗުގެ ތެރެއިން ބޯޅަ ހޮވާ ކުދިން އަަވަހަށް ދަނޑަށް ބޯޅަ އެއްލާތީ އެކަމާ ޑޭ ހިތްހަމަ ނުޖެހިގެން އުޅުނުތަން ފެނުނެވެ. އަދި ލަނޑު ޖެހި ވަގުތު ޕާކިސްތާންގެ އޮފިޝަލުންނާއި ޑޭ އާއި ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކުރި އެވެ.

"އިންގްލެންޑްގައި އަމިއްލަ ދަނޑުގައި މެޗު ކުޅޭއިރު ބޯޅަ ހޮވާ ކުދިން ބޯޅަ ދޭނީ ޓީމު ހަމަޖެހިލީމަ. އެކަމަކު މިތަނުގައި ވަރަށް އަަވަހަށް ބޯޅަދޭ. އަހަރެމެން ޕްރެޝަރަށްދޭ އެހެންވެ ހަމަޖެހިނުލެވެނީސް ކުޅުމުގެ ތެރެއަށް ބޯޅަ އަންނާތީ. ދެން އަހަންނާ ޕާކިސްތާން އޮފިޝަލުންނާ ދެމެދު އެއްވެސް ކަމެއް ނެތް،" ޑޭ ބުންޏެވެ.

މި މެޗުން މޮޅުވުމުގައި ވަކި ކުޅުންތެރިންނަށް ކްރެޑިޓް ދޭން ބޭނުންނުވާ ކަމަށާއި މި މޮޅަކީ ދަނޑަށް އެރި ކުޅުންތެރިން އެކަނި ހޯދި މޮޅެއް ނޫން ކަމަށާއި މިއީ ޓީމުގައި ތިބި 20 ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތް ކަމަށް ޑޭ ވަނީ ބުނެފަ އެވެ.

ޕާކިސްތާނުގެ ބްރެޒިލް ކޯޗު ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނީ މިއީ ވަރަށް ވާދަވެރިކޮށް ދިޔަ ފެންވަރު ރަނގަޅު މެޗެއް ކަމަށާއި މި މެޗުގެ ތަފާތަކަށް މި ފެނުނީ އޭނާގެ ޓީމަށް ހެދުނު ގޯހަކުން ވަން ގޯލަކުން ކަމަށެވެ. އަދި މިހާ ހިސާބުން ޕާކިސްތާނަށް މުބާރާތް ނިމުނީކީ ނޫން ކަމަށާއި ފަހު މެޗުން ބޫޓާން އަތުން މޮޅުވެގެން ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އޭނާ ބުނީ މި މެޗުގައި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ހިފަހައްޓަން ރޭވި ކަމަށާއި އެއީ އޭނާ އަކީ އެ ޓީމުގެ މައިތަބު ކަމަށްވާތީ ކަމަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454