ޚިޔާލު / ދީން

ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ނުރައްކާތެރި ކަމެއް

ބަޔަކު މިސްކިތެއްގައި ނަމާދު ކުރަނީ: ފަސް ވަގުތު ޖަމާއަތަށް ހާޒިރުވެ އިޚްލާސްތެރިކަމާ އެކު ނަމާދު ކުރުމަކީ، ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުން ފަދަ ނުބައި އާދަތަކާ ތިމާ ދުރުކޮށްދޭ ކަމެއް.

ޑރ. ސަޢުދުﷲ ޢަލީ

14 ސެޕްޓެމްބަރ 2018 - 11:10

3 comments

ދިރިއުޅުމުގައި ތިމާ ބޭނުންވާ ކަމެއް ހާސިލުކުރުމަށް ހުރަހެއް އޮތްކަމަށް ހީވާ ނަމަ އެ ހުރަސް ނައްތާލުމަށް ބައެއް މީހުން ކުރާ ކަންތައްތަކުގެ ތެރޭގައި ދޮގުހެދުމާއި ކަންކަން އޮޅުވާލައި މަކަރު ހެދުން ފަދަ ކަންތައް ކުރެއެވެ. މިގޮތުން ހާސިލުކުރަން ބޭނުންވާ ކަމެއްގައި އެހެން ފަރާތެއް ހިމެނޭ ނަމަ އެ ފަރާތަކަށް ކާމިޔާބުވިޔަ ނުދިނުމަށްޓަކައި އެ މީހަކާ ބެހޭ ގޮތުން އަސްލެއް ނެތް ވާހަކަތައް ފެތުރުމަކީ ވެސް ބައެއް މީހުންގެ އާދައެކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި ދޮގު ހެދުމާއި ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާ ކޮށްފައިވާ ކަމެކެވެ. އިސްލާމީ މުޖުތަމައުގެ އަފުރާދުންނަކީ ސީދާ ތެދު ބަސް ބުނާ ބައެއް ކަމުގައިވުމަށް ދީން ވަރަށް ބޮޑަށް ބާރު އަޅަ އެވެ. އަދި މީގެ އިދިކޮޅު ސިފަތައް ކަމުގައިވާ ދޮގު ހެދުމާއި، އޮޅުވާލުމާއި، ހަގީގަތާ ހިލާފު ވާހަކަތައް މީސްތަކުންގެ މެދުގައި ފެތުރުން ފަދަ ކަންކަން މަނާކުރެ އެވެ.

ދޮގުހަދާ މީހަކީ، ﷲ ބާވައިލެއްވި އާޔަތްތަކަށް އީމާންނުވާ މީހެއްކަން އައްނަޙްލު ސޫރަތުގެ 105 ވަނަ އާޔަތުގައި ބަޔާންވެފައި ވެއެވެ. އަދި އަލްއަޙްޒާބު ސޫރަތުގެ 58 ވަނަ އާޔަތުން އެނގެނީ މުއުމިނުންނަށް އެ މީހުން ނުކުރާ ކަމަކުން ދޭ ގެއްލުން (އެބަހީ ނުކުރާ ކަމެއްގެ ވާހަކަދެއްކުން) އެއީ ކަނޑައެޅިގެން ހެދޭ ދޮގު ބުހުތާނެއް ކަމެވެ. އަދި އެއީ ބަޔާން ވެގެންވާ ބޮޑު ފާފައެއް ކަމެވެ. ކަންކަމުގެ ހަގީގަތާ ޚިލާފަށް ވާހަކަ ދައްކާ މީހުންނަކީ ލަޢުނަތް ލިބިގެންވާ ބައެކެވެ. (އަލްއަޙްޒާބު 61)

ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ބަޔާން ކުރައްވާފައި ވަނީ، މުސްލިމުންގެ ލެޔާއި އަބުރާއި މުދާ ހުރުމަތްތެރިވެގެންވާ ކަމުގައެވެ. އަދި އަބޫދާއޫދު ރިވާ ކުރައްވާފައިވާ ހަދީސެއްގެ މާނައިގައިވެ އެވެ. "ރިބާކަން އެންމެ ގަދަވެގެންވާ ރިބާ އަކީ ހައްގަކާ ނުލައި މުސްލިމެއްގެ އަބުރަށް އަރައިގަތުމެވެ."

މީގެ އިތުރުން އައްޠަބަރާނީ ރިވާކުރައްވާފައިވާ ހަދީސަކުން ދޭހަވާ ގޮތުގައި މުސްލިމަކަށް ދުނިޔެ މަތީގައި ގެއްލުމެއް ފޯރާ ފަދަ ބަހެއް (އޭނާ އެކަމުން ބަރީއަވެގެންވާ ހާލު) މީސްތަކުންގެ ތެރޭ ފަތުރައިފި މީހަކަށް ނަރަކައިގެ ގަދަ އަޒާބަށް ހުށަހެޅުމަކީ ﷲ އަށް ލިބިވޮޑިގެންވާ ހައްގެކެވެ. އަދިވެސް ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެ އެވެ. "މުސްލިމަކަށް އަނެއް މުސްލިމެއްގެ ހިތަށް ބިރުވެރިކަން ވެއްދުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ." (އިމާމް މުސްލިމް) ޝައްކެއް ނެތް ގޮތުގައި މުސްލިމަކާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމަކީ އެ މުސްލިމެއްގެ ހިތަށް ބިރުވެރިކަން ވަންނާނެ ކަމެކެވެ.

މި ބަޔާން ކުރެވުނު އާޔަތްތަކާއި ހަދީސްތަކުގެ އިތުރުން، ދޮގު ޚަބަރެއް ފަތުރާ މީހާ ކީރިތި ޤުރުއާނުގައި ސިފަ ކުރައްވަނީ ފާސިގެއްގެ ގޮތުގަ އެވެ. ޙުޖުރާތު ސޫރަތުގެ 6 ވަނަ އާޔަތުގައި ﷲ އަންގަވަނީ ފާސިގަކު ޚަބަރަކައިގެން އަތުވެއްޖެ ނަމަ އެކަމުގެ ތެދުދޮގު ބެލުމަށެވެ. އެއީ އެހެން ނޫން ނަމަ އޭގެ މައްޗަށް ބިނާކޮށް ފަހުން ދެރަވާން ޖެހޭ ފަދަ ނިންމުންތަކެއް ނިންމިދާނެތީ ކަމަށެވެ. ދޮގު ޚަބަރު ފަތުރާ މީހުން ޝައިތާނުންގެ ގޮތުގައި ވެސް ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވެ އެވެ.

ނުޢައިމު ބުނު މަސްޢޫދު އިސްލާމް ވުމުގެ ކުރިން މުސްލިމުންގެ ލަޝްކަރުގެ ތެރޭގައި ދޮގު ޚަބަރެއް ފެތުރުމަށް ގަސްދުކުރި ހިނދު އެކަން ޤުރުއާނުގައި ސިފަ ކުރައްވާފައި ވަނީ އެއީ ޝައިޠާނާ އޭނާގެ އަޢުވާނުންނަށް ބިރު ދައްކަނީ ކަމުގަ އެވެ. (އާލްޢިމްރާން 175)

ވީއިރު ދޮގު ޚަބަރުތައް ފެތުރުމަކީ އިސްލާމް ދީން ވަރަށް މަތީ ދަރަޖައަކަށް ނަހީކުރާ ކަމެއްކަން މިކަންކަމުން ވަރަށް ސާފުކޮށް އެބަ ހާމަވެ އެވެ. މިފަދަ ނުބައި ޢަމަލަކުން ސަލާމަތް ވުމަށްޓަކައި އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ.

މި ކަމުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ، މިކަމުގެ ހުރި ނުރައްކާތެރިކަން ދެނެގަތުމެވެ. ދެވަނަ ކަމަކީ، އެ ބާވަތުގެ ވާހަކަތައް އަޑު އެހުމުން ދުރުހެލިވުމެވެ. އެއީ އެފަދަ ދޮގު ވާހަކަތައް އަޑުއެހުމަކީ މުސްލިމުންގެ ސިފައެއް ކަމުގައި ނުވާތީ އެވެ. އަލް މާއިދަތު ސޫރަތުގެ 51 ވަނަ އާޔަތުގައި ދޮގު ވާހަކަތައް އަޑުއަހާ ބަޔެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ ޔަހޫދީންނެވެ. ތިން ވަނަ ކަމަކީ، އެކަމަކާ މެދު ސައްހަ ގޮތުގައި އެނގިފައިނުވާ ކަންކަމަށް ތަބާ ނުވުމެވެ.

އެހެނީ ﷲ އިންސާނުންނަށް ދެއްވާފައިވާ އެންމެހާ ހިއްސުތަކަކީ އެއަށް މަސްއޫލުވާން ޖެހޭ ހިއްސުތަކެއް ކަމަށް ވުމެވެ. (އަލްއިސްރާއު 26). ހަތަރުވަނަ ކަމަކީ، ހީކުރުންތަކަށް ތަބާ ނުވުމެވެ. ހީވާ ހީވުމެއްގެ މައްޗަށް ތަބާވުމަކީ ކާފިރުންގެ ސިފައެކެވެ. (އައްނަޖްމު 28). އަދި އެއީ އަނެކާއާ މެދު ނުރަނގަޅު ގޮތުގައި ބެލުމަށް މަގު ފަހިވާ ކަމެކެވެ. އެހެންވެ އެކަން ވަނީ މަނާކުރައްވާފަ އެވެ. (އަލްޙުޖްރާތު 12)

ފަސް ވަނަ ކަމަކީ، އެފަދަ ވާހަކައެއް އިވިއްޖެ ނަމަ އޭގެ ތެދުދޮގު ބެލުމެވެ. މިކަމަށް ވަނީ ކީރިތި ޤުރުއާނުގައި އަމުރުކުރައްވާފަ އެވެ. ހަވަނަ ކަމަކީ، އެފަދަ ވާހަކަތައް ނުދައްކައި ހުރުމާއެކު، މީހުންނާ ދޭތެރޭ އަބަދުވެސް ރަނގަޅަށް ހީކުރުމެވެ.

މި އިޝާރާތް ކުރެވުނު ކަންކަމަށް މުސްލިމުން ތަބާ ނުވާނަމަ ދޮގު ވާހަކަތައް ފެތުރުމަކީ އާންމު ކަމެއް ކަމުގައި ވެދާނެ އެވެ. އަދި އޭގެ ސަބަބުން ހީވެސް ނުކުރާފަދަ ބޮޑެތި މައްސަލަތައް މުޖުތަމަޢުގައި އުފެދިދާނެ އެވެ. އެހެންކަމުން މިފަދަ ވާހަކަތައް ފަތުރާ މީހުންނާ މެދު ޢަމަލީ ފިޔަވަޅުތަކެއް އެޅުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. އެއީ މިފަދަ ވާހަކަތަކުގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ވަންނަ ބިރުވެރިކަމާއި ތަނުގައި އުފެދޭ ހަމަނުޖެހުމާއި ފިތުނަވެރިކަމަކީ، ހަގީގަތުގައި މީހަކު ގަތުލުކޮށް މަރާލުމަށް ވުރެ ވެސް ނުރައްކާތެރި ކަންކަމަށް ވާތީއެވެ.

ދޮގު ވާހަކަތަކާއި އޮޅުވާލައިގެން ދައްކާ ވާހަކަތައް ފެތުރުމަކީ މިހާ ނުރައްކާތެރި ކަމެއް ކަމަށްވާ އިރު މިގޮތަށް އަމަލުކުރާ މީހުންނާ މެދު އާންމުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރަންޖެހޭނެ އެވެ. ސަބަބަކީ މިކަން ނުކުރެވިއްޖެ ނަމަ އެފަދަ ވާހަކަތައް ދައްކާ މީހުންގެ ބާރު ގަދަވެ ފިތުނަ ފަސާދަ އުފެދިދާނެތީ އެވެ.

ހަގީގަތާ ޚިލާފު ވާހަކަ ދެއްކުމުގެ ހުރި ނުރައްކަލުގެ ވާހަކަ ދެއްކުމާ އެކު އަނެއްކޮޅުން ވިސްނާލަން ޖެހޭ އެހެންކަމެއް ވެސް އެބައޮތެވެ. އެއީ އިސްލާމްދީނަށާއި މުސްލިމުންނަށް ކުރިމަތިވާ ބޮޑެތި މައްސަލަތަކުގެ ހަގީގަތްތައް ހާމަކުރަން މަސައްކަތް ކުރުމެވެ. ހަގީގަތާ އެއްގޮތަށް ދައްކާ ވާހަކައެއް އެއީ ދޮގެއްކަމަށް އެ ވާހަކައެއް ނިސްބަތްވާ މީހަކު ނުވަތަ ބަޔަކު ކިތަންމެ ވަރަކަށް ކިޔަސް އެކަމާ ޖެހިލުންވުމަކީ އޮންނަ ކަމެއް ނޫނެވެ.

އެ ދައްކާ ވާހަކަ އަކީ ހެއްކާ އެކު ސާބިތުވެފައިވާ ހަގީގަތެއް ކަމަށްވާނަމަ އަދި އެ ހަގީގަތް ހާމަކުރުން އެއީ އިސްލާމް ދީނަށާއި ގައުމަށް މަސްލަހަތު ހުރި ކަމެއް ކަމުގައިވާ ނަމަ އެހަގީގަތްތައް ހާމަ ކުރުމުގައި ޖެހިލުން ވެގެން ނުވާނެ އެވެ. އަދިކިއެއްތަ، އެފަދަ ވާހަކަ ނުދައްކާނަމަ އެއީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ސިފަކުރައްވާ، މަންމަން ޝައިތާނުން ފަދައިން ތިމާ ވުން ކަހަލަ ކަމެކެވެ. އެހެންކަމުން ހައްގު ބަސް ބުނުމުގައި ޖެހިލުންވެގެން ނުވާނެ އެވެ.

އެހެންނަމަވެސް ހައްގު ކަމަށް ކަނޑައަޅައި ބުނާ ބަހަކީ ހަމަ ހަގީގަތުގައި ވެސް ހައްގު ކަމުގައި ވާން ޖެހޭނެ އެވެ. ކިރިޔާވެސް ޝައްކެއް އެވާހަކައިގައި ނުވަތަ އެއިން ބައެއްގައި އެކުލެވޭ ނަމަ އެވާހަކައެއް ފަތުރައިގެން ނުވާނެ އެވެ.

މި ފާހަގަ ކުރެވުނު ކަންކަމަށް ބަލާއިރު ހާމަވެގެންދަނީ ހަގީގަތާ ޚިލާފު ވާހަކަ ތައް މީސްތަކުންގެ ތެރޭގައި ފެތުރުމަކީ ނުރައްކާތެރިކަމެއް ކަމެވެ. އަދި އާޚިރަތުގައި ތިމާއަށް އެކަމުން އުގޫބާތް ލިބޭނެ ކަމެއް ކަމެވެ. ވީމާ މި ނުރައްކަލުން ސަލާމަތް ވުމަށްޓަކައި ހަގީގަތާ ޚިލާފު ވާހަކަ ފެތުރުމުން ދުރުހެލިވާން ޖެހެއެވެ.

ހަމަ އެއާ އެކު މުޖުތަމައުގައި ފެތުރެމުންދާ ވާހަކަތައް ގަބޫލުކުރުމުގައި ވެސް އެ ވާހަކައެއްގެ ތެދު ދޮގު އޮޅުންފިލުވާން ޖެހެއެވެ. އެހެންނޫންނަމަ އޭގެ މައްޗަށް ބިނާކޮށް ތިމާއަށް ކުރެވޭ ކަމަކުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ އެވެ.

3 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ނަސީމް

15 September 2018

ސައޫދީގަ ބޮޑު ސޭލާ ވެއްޓި އެތައް ބަޔެއް މަރުވުމުން ސަރުކާރު ބުނި ވާހަކަ ހަނދާންވަނީ. މިތރާއްޖޭގަ ގިނައީ އެވެރިން ކުރާކަންކަން ރަގަޅު ގޮތުގެ ނަމޫނާ އަކައް ބަލާ ގުނބޯލިން!! ދޭހަވަނީ، މުޅިން ދޮގަކަސް، ނޫނީ ކަތިކޮންނަމަވެސް، ބުނާވާހަކަ އަކީ ގިނަމީހުން ގަބޫލު ކުރާގޮތަކައް ބުނެފިއްޔާ ނިމުނިއްޔޭ!!

The name is already taken The name is available. Register?

އަބްދުއްލާ

15 September 2018

އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅަނޖެހޭ މައުލޫމަތެއް ކެންޑިޑޭޓަކު ހުށަނޭޅުމުގެ ސަބަބުން ކުރިމަތިލެވިވާ ވަނިކޮށް އެކެންޑީދޭޓެއްގެ ކެންޑިޑެންސީ ސައްހަ ނުވާވަރުގެ ކުށެއް ކޮށްފާ އޮވެ އްޖެނަމަ ވޯޓްގެ ކުރިން އެކަނަ ފަޅާ އަރައިފިނަމަ ދެންވާނީ ކިހިނެތް ؟ ގާނޫނުއަސާސީގެ 109 ގެ ކ .ގަ ބުނާ އިސްލާމ،ްދީނުގަ ހައްދު ކަނޑައެޅިކުށެއް ކަމުގާ ވެއްޖެނަމަ ދެންވާނީ ކިހިނެތް ؟

The name is already taken The name is available. Register?

ދުން

14 September 2018

ތެދުވެރިޔަކާއިދޭތެރޭ ހަގީގަތައި ހިލާފު ކިތައްމެ ވާހަކައެއްދެއްކިޔަސް އެކަމެއް ވަޔަކުނުހިފާނެ. ވާހާކަތައް ފެތުރެނީ ގޯހެއް ހެދުނީމަ. ދުން އަރާނީ ކޮއްމެވެސް ހިސާބެއް އަދާތީ. ނޫނީ ދުމެއް ނާރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454