ރިޕޯޓް / ވީއައިއޭގެ އާ ރަންވޭގެ މަޝްރޫއު

މިއީ އިގްތިސާދުގެ އާ ތަޅުދަނޑި: އާދިލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ރަންވޭގައި ލައިޓްތައް ހަރުކޮށްފައި: އާ ރަންވޭ މިއަދު ހުޅުވާނެ:.-- ފޮޓޯ:އަހުމަދު ނިޝާތު

18 ސެޕްޓެމްބަރ 2018 - 09:02

2 comments

އެންމެ ބޮޑެތި ބޯޓުފަހަރު ޖެއްސޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލަށް ހެދި ރަންވޭއާ އެކު ތާރީޚު ބަދަލުކޮށްލައިފި އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި 60 މީޓަރު ފުޅާ ރަންވޭ އަކީ މި ސަރަހައްދުގައި މި ވަގުތު އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ އެވެ. މި ރަންވޭ ފެށުމާއި ނިމުމާ ދޭތެރޭ ވަރަށް މުހިންމު ތަޖުރިބާތަކެއް ކުރެއްވި އެއް ބޭފުޅަކީ އެމްއޭސީއެލްގެ މެނެޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ. އޭނާ ވިދާޅުވި ގޮތުގައި އާ ރަންވޭއާ އެކު ގައުމީ މައި އެއާޕޯޓްގެ މަންޒަރު މުޅިން ބަދަލުކޮށްލާނެ އެވެ. މިހާރު އުފުލަމުން ދާ ތަކުލީފުތައް ނިމުމަކަށް އައީ އެވެ.

މިއީ، މިއަދު ޓެސްޓް ފްލައިޓްތައް ޖައްސަން ފެށި އާ ރަންވޭއާ ބެހޭ ގޮތުން އާދިލް ދެއްވި އިންޓަވިއުއެއްގެ މުހިންމު ބައިތަކެވެ.

އެއާޕޯޓްގައި ހުންނަވައި އާދިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އާ ރަންވޭ ހެދުމުގައި ގޮންޖެހުންތަކާ ކުރިމަތިވި -- ފައިލް ފޮޓޯ: މިހާރު

ވިދާޅުވެދެއްވިދާނެތޯ އާ ރަންވޭއެއް ހަދަން ޖެހުނު މައިގަނޑު ސަބަބާއި އެކަން ޕްލޭން ކުރެވިގެން ދިޔަ ގޮތް؟

ރައީސް [ޔާމީން] ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ އިސްކަން ދެއްވި އެއް ކަންތައް އެއީ ޓޫރިޒަމް ޑިވެލޮޕް ކުރުން. އެކަމަކު ޓޫރިޒަމް ޑިވެލޮޕް ކުރުމޭ އެއްވަރަށް، އެނދުތައް މި ފުރާލެވެން އޮތީ އެއާޕޯޓްގެ ކެޕޭސިޓީ ބޮޑުކޮށްގެން. ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މިތާނގެ ކެޕޭސިޓީ މިއޮތީ ފުލްވެފައި. މެކްސިމަމް ކެޕޭސިޓީގައި އޮތީ. އެހެންވީމަ ޓޫރިޒަމް ތަރައްގީ ކުރަންޏާ އެބަ ޖެހޭ އެންމެ ފުރަތަމަ ކަމަކަށް އެއާޕޯޓް ތަރައްގީ ކުރަން. ދެން އަޅުގަނޑުމެން ބެލީ އެއާޕޯޓްގައި ތަރައްގީ ކުރަން ހުރީ ކޮންކޮން ކަމެއްތޯ. އެކަމަށް އެންމެ ފުރަތަމަ އެކުލަވާލީ އިނގިރޭސިވިލާތުގެ ކުންފުންޏަކާ ހަވާލުކޮށްގެން މާސްޓަ ޕްލޭނެއް. މާސްޓަ ޕްލޭންގައި މި ބެލީ 7.5 މިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދިނުމަށްޓަކައި ކޮންކޮން ކަމެއްތޯ މި އެއާޕޯޓްގައި ތަރައްގީ ކުރަން ޖެހެނީ. އެހެން ބެލިއިރު މި އެއާޕޯޓްގައި އެބަ ޖެހޭ ހުރިހާ ފެސިލިޓީއެއް އާކުރަން. އޭގެ ތެރެއިން ވެސް މި ވަގުތަށް އެންމެ މުހިންމު ކަމަކަށް ފާހަގަކުރެވުނީ ސިންގަލް ރަންވޭއެއް އޮތުމުން ފްލައިޓްތައް ޑިލޭވުމާއި ގަޑިއަށް ފުރަން ޖެހޭ ފްލައިޓްތައް ގަޑިއަށް ނުފުރުން.

އެންމެ ރަންވޭއެއްގެ ސަބަބުން ދިމާވަމުން އައި މައިގަނޑު މައްސަލަތަކަކީ ކޮބައިތޯ؟

ސިންގަލް ރަންވޭއެއްގައި ޓެކްސީވޭއެއް ނެތި ބޯޓު ޖެއްސީމަ، ޖައްސާ ބޯޓު ރަންވޭ ކޮޅަށް ގޮސް އަނބުރާލައިފައި ޕާކިންއަށް ދިޔައިމަ އަނެއް ފްލައިޓަށް މި ޖެއްސެނީ ވެސް. އެކަމަށް އެބަ ހޭދަވޭ ގާތްގަނޑަކަށް މަދުވެގެން 10 މިނެޓާއި 15 މިނެޓް ވަރު. ސިންގަލް ރަންވޭއެއްގައި އޮޕަރޭޓް ކުރަންޏާ މި އެއާޕޯޓް މި އޮޕަރޭޓް ކުރެވެނީ ހަމަ މެކްސިމަމްގައި. މިއަށް ވުރެ ދެން އިތުރެއް ނުކުރެވޭނެ. ރަންވޭގެ ހައިޑްރޯލިކް މައްސަލަތަކާއި ބަންދު ކުރަން ޖެހުމާއި މަރާމާތު ކުރުމުގެ މައްސަލަތައް ވެސް މީގެ ތެރޭގައި އެބަ ހިމެނޭ. މި ވަރުގެ އޮޕަރޭޝަނެއްގައި ސިންގަލް ރަންވޭއެއްގައި މިކަން ކުރުމަކީ މިއީ ޗެލެންޖިން ކަމެއް. ހީވެސް ނުކުރާ ވަރުގެ އުނދަގޫ ކަމެއް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓުތަކެއް ޖައްސާފައި.-- މިހާރު ފައިލް ފޮޓޯ

އެންމެ ރަންވޭއެއް އޮތުމުން އެމްއޭސީއެލްގެ އާމްދަނީ އަށް ހުރަސް އެޅޭތޯ؟

އާމްދަނީ އަށް ވެސް ހުރަސް އެޅޭނެ. އަޅުގަނޑުމެންނަށް ޑިމާންޑް އެބަ އޮތް. ވަކި ފްލައިޓްތަކެއް އެއީ ވަކި ގަޑިތަކެއްގައި އަންނަން ބޭނުންވާ ފްލައިޓްތަކެއް. އެހެންވީމަ، އަޅުގަނޑުމެންނަށް އެ މީހުންނަށް ޓައިމް ނުދެވެންޏާ ލިބެން ހުންނަ އާމްދަނީ އަށް ވެސް ހުރަސް އަޅާނެ. ހަގީގަތުގައި މިހާރު މި ދިމާވާ އެންމެ ބޮޑު މައްސަލައަކީ މިސާލަކަށް ވައިޓް ބޮޑީއެއް ވިއްޔާ އާންމުކޮށް އެބަ ނަގާ 15 މިނެޓް ވަރު [ރަންވޭއަށް ޖެއްސުމާއި ޕާކްކުރުމާ ދެމެދު]. އެހެންވީމަ، ފާޑަކަށް މުޅި ސަރަހައްދު މި އޮންނަނީ ބްލޮކްވެފައި. އަނެއް ރިސްކަކީ އިމަޖެންސީގައި ވެސް ކަމެއް ދިމާވެއްޖިއްޔާ މިހާރު އޮތް ސިންގަލް ރަންވޭގައި ވެސް ކަމެއް ދިމާވެގެން ދެން ނޯންނާނެ އިތުރު ޗޮއިސްއެއް. ރާއްޖޭގައި ވިއްޔާ މި އޮންނަނީ ގޭން އެއާޕޯޓް. އެކަމަކު ގޭން އަށް ވުރެ ހުރިހާ ފެސިލިޓީ ހުންނާނީ ކޮލަމްބޯ. ކަމެއް ދިމާވެއްޖިއްޔާ ދެން މިތަނަށް އިތުރަށް ޖެއްސޭނެ ފްލައިޓެއް ނޯންނާނެ. އެއީ ވަރަށް ބޮޑު ގެއްލުމެއް.

އެއް ރަންވޭ އޮތުމަކީ އޮޕަރޭޝަންތަކަށް އެޅޭ ކިހާ ބޮޑު ހުރަހެއްތޯ؟

އެއް ރަންވޭ އޮތީމަ މުޅި ތަން މޭނެޖްކުރުމަކީ ވަރަށް ޗެލެންޖިން ކަމަކަށް ވާނެ. މިސާލަކަށް އޭޓީސީ ބޭފުޅުން ނުވަތަ އޯޓީސީ ބޭފުޅުންނަށް އެއީ ވަރަށް ބޮޑު އޮޕަރޭޝަނަކަށް ވާނެ. ސިންގަލް ރަންވޭއެއްގައި މިހާ ބައިވަރު އޮޕްރޭޝަން ހިންގާއިރު އެއީ ވަރަށް ބައިވަރު މަސައްކަތް. ހިނގާ ޑޮމެސްޓިކަށް އެކަނި ބަލާލަން. މިސާލަކަށް ދަރަވަންދޫ - މާލެ އެއީ 20 މިނެޓްގެ ދަތުރެއް. އެކަމަކު އަޅުގަނޑުމެން އެބަ ޖެހޭ މޯލްޑިވިއަން ވިހި މިނެޓް މަތީގައި ހޯލްޑް ކުރަން ބައެއް ފަހަރު ރަންވޭއިން ޖާގަ ނުލިބިގެން. ކިޔޫއަކަށް އަންނަ އިރު މޯލްޑިވިއަން ހިނގައިދާނެ ހަމަ ވަރަށް ފަހަތަށް ވެސް. އެއާލައިންތަކަށް ވެސް ވާ އިންކޮވީނިއަންސެއް. ޕެސެންޖަރުންނަށް ވެސް.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ރަންވޭގެ ފުރަތަމަ ތާރު ފަށަލަ އެޅުމުގެ މަސައްކަތްކުރަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މިއީ ފައިސާގެ ގޮތުން ކިހާ ވަރެއްގެ މަޝްރޫއެއްތޯ؟

ދެ ޕްރޮޖެކްޓެއް އެއާޕޯޓްގައި މި ހިންގަނީ. އެއީ ރަންވޭ ޕްރޮޖެކްޓާއި ޓާމިނަލް ޕްރޮޖެކްޓް. ރަންވޭ ޕްރޮޖެކްޓްގައި ހިމެނެނީ ރަންވޭގެ އިތުރުން ރަންވޭ އަޅަން 70 ހެކްޓަރުގެ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަން އާއި ރަންވޭ އެޅުމާއި ދެ އޭޕްރަން އެޅުމާއި ފިއުލް ފާމާއި ފިއުލް ހައިޑްރަންޑް ސިސްޓަމާއި ފިއުލް ޖެޓީ އާއި ކާގޯ އާއި ކާގޯ ޖެޓީ. މި ހުރިހާ ކަމަކަށް މި ހަރަދު ވަނީ 337 މިލިއަން ޑޮލަރު. މީގެ ތެރޭގައި ނެވިގޭޝަން އިކުއިޕްމަންޓްތައް ވެސް ހިމެނޭނެ.

ރަންވޭ ޕްރޮޖެކްޓްގައި ހިމެނެނީ ރަންވޭގެ އިތުރުން ރަންވޭ އަޅަން 70 ހެކްޓަރުގެ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަން އާއި ރަންވޭ އެޅުމާއި ދެ އޭޕްރަން އެޅުމާއި ފިއުލް ފާމާއި ފިއުލް ހައިޑްރަންޑް ސިސްޓަމާއި ފިއުލް ޖެޓީ އާއި ކާގޯ އާއި ކާގޯ ޖެޓީ. މި ހުރިހާ ކަމަކަށް މި ހަރަދު ވަނީ 337 މިލިއަން ޑޮލަރު. މީގެ ތެރޭގައި ނެވިގޭޝަން އިކުއިޕްމަންޓްތައް ވެސް ހިމެނޭނެ.

އެކަށީގެންވާ އަގެއްތޯ އެއީ؟

ކުރީގެ ތާރީހުތަކަށް ބަލާއިރު އެއާޕޯޓްގައި މި ހިންގެނީ ޝޯޓް ޓާމް ޕްރޮޖެކްޓްތަކެއް. އެއާޕޯޓްގެ މުޅި ތާރީހުގައި ވެސް އެއާޕޯޓްގެ ތަރައްގީ އަށް ހަތަރު ފިޔަވަހި ހިންގިފައި މިއޮތީ. އެންމެ ބޮޑު މަޝްރޫއަށް ވެސް މި ހޭދަވީ ފަންސާކަށް މިލިއަން ޑޮލަރު. އެންމެ ފަހުން ޕްރޮޖެކްޓެއް ހިންގިފައި މިއޮތީ 10 އަހަރު ކުރިން. އެހެންވީމަ، އެހާ ބޮޑު އިންވެސްޓެއް ނުކުރަންޏާ މީހުންނަށް ހީވެދާނެ ވަރަށް އަގު ބޮޑޭ. އެކަމަކު ބޮޑު ޕްރޮޖެކްޓެއް އަގު ބޮޑުވާނެ. އަޅުގަނޑު ދަންނަވާނީ ހަމަ ސްޓޭންޑަޑް އަގުތައް މީގައި ހުރީ.

އާ ރަންވޭ އަކީ މި ސަރަހައްދުގައި ވެސް ފާހަގަކުރެވޭ ވަރުގެ ރަންވޭއެއް ކަމަށްވޭ. ކޮން ސަބަބަކަކާ ހުރެތޯ އެހެން އެ ވިދާޅުވަނީ؟

އަޅުގަނޑުމެން އެ ގޮތަށް މި ބުނާ ސަބަބަކީ މިހާ ބޮޑު ކޮންސަލްޓެންސީ ޓީމެއް މިކަހަލަ ޕްރޮޖެކްޓެއްގައި ބަޔަކު ގެންގުޅެފައެއް ނޯންނާނެހެން ހީވަނީ. އަޅުގަނޑުމެން މި ޕްރޮޖެކްޓްގައި މި ގެންގުޅެނީ ނަމޫނާއަކަށް މި ސަރަހައްދުގައި ބަލާ ސިންގަޕޫރު. ސިންގަޕޫރުގައި ޗަންގީ އަށް ކޮންސަލްޓެންސީ ދޭ ކުންފުނި މިކަމުގެ ތެރޭގައި ވެސް މި އުޅެނީ. އެހެންވީމަ އެއްވެސް ޝައްކެއް ނެތް، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ކޮންސަލްޓަންޓުންނާ އެކު މި ރަންވޭ މި ނިމިގެން ދިޔައީ. ރަންވޭގައި ހަ ލޭޔަރު މިއޮތީ އެޅިފައި. ކޮންމެ ލޭޔަރެއް އަޅާއިރު އިންޓަނޭޝަނަލް ކޮންސަލްޓަންޓުން އެބަ ގެންގުޅެން. އެ މީހުން ސައިޓްގައި ތިބޭނެ. ކޮންމެ ލޭޔަރެއް އެޅުމުގެ ކުރިން އެ މީހުން ޓެސްޓް ކުރާނެ. މާނައަކީ އަޅުގަނޑުމެން ކިތަންމެ އަވަހަކަށް މިކަން ނިންމަން އުޅުނަސް އެ މީހުން އެ ނުބަލައެއް އެޕްރޫވެއް ނުކުރާނެ.

އެއާޕޯޓުގެ އާ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް ޔާމީން ފައްޓަވައިދެއްވަނީ. ފައިލް ފޮޓޯ: މިހާރު

އޮޕަރޭޝަން ހިނގަމުންދާ ރަންވޭއެއްގައި މިކަން ކުރުމަކީ ކިހާ ބޮޑު ޗެލެންޖެއްތޯ؟

ތެދެއްތީ، 24 ގަޑިއިރު އޮޕަރޭޝަނެއް ހިނގާ ތަނެއްގައި މިކަން ހިނގަމުން މި ދިޔައީ ވެސް. ގްރީން ފީލްޑެއްގައި ކުރި ކަމެއް ނޫން މިއީ. އެހެންވީމަ އެއްވެސް ފްލައިޓަކަށް ބުރޫނާރާ ގޮތަކަށް މިކަން މި ކުރަން ޖެހުން މިއީ އެންމެ ޗެލެންޖިން ކަންތައް. ވަކި ގަޑިތަކެއްގައި ވަކި މަސައްކަތްތައް މި ކުރެވެނީ. މިސާލަކަށް ދެ ރަންވޭ ގުޅުވާލަން ކުރަން ޖެހުނު މަސައްކަތް މި ކުރީ ރޭގަނޑު 12 ގެ ފަހުން. އެހެންވީމަ ވަރަށް ބޮޑު އެޗީވްމަންޓެއް ލިބިގެން މިދިޔައީ.

އާ ރަންވޭ އާދިލް ސިފަކުރައްވާނީ ކިހިނެއްތޯ؟

މިއީ އިގްތިސާދުގެ އާ ތަޅުދަނޑި. ޓޫރިޒަމްގެ ކުރިއެރުމަށް މިއޮތީ އާ މަގެއް ހެދިފައި. އަނެއްކޮޅުން ވިސްނާއިރު އަޅުގަނޑުމެން އުފުލަމުން އައި ވަރަށް ބޮޑު ބުރަތަކެއްގެ ނިމުން މިއައީ.

މި މަޝްރޫއަކީ ރައީސް ކިހާ އިސްކަން ދެއްވި މަޝްރޫއެއް؟

މިއީ ރައީސް އަބްދުﷲ ޔާމީންގެ މި ފަސް އަހަރުގެ ތެރޭގައި ފެށުނު އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް ވާތީ ރައީސްގެ ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބެއްލެވި މަޝްރޫއެއް މިއީ. އަނެއްކާ ބޯޑުގެ އިރުޝާދު ވެސް ހަމަ ކޮންމެ ވަގުތަކު މި މަޝްރޫއަށް ލިބެމުން ދިޔަ. އެ ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

2 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 0%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދު

18 September 2018

ސުކުރިއްޔާ ރައީސް މީގެ ހިތާމަޔަކީ މާދަމާ ވެރިކަމައްއަންނަބަޔަކުމިތަން ވިއްކާލަފާނެތީ

The name is already taken The name is available. Register?

މަފުން

18 September 2018

ޝުކުރިއްޔާ ރާއީސް ޔާމީން. ގަބޫލް ކުރަންވީ ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ކުރާކަމީ އެވަގުތަކަށް މުހިންމު ކަމެއްވީމައޭ އިސްކަން އެހާމެ ބޮޑުކޮށްދީގެން އެކުރަނީ ގާނޫނީ ހަމަ ތަކުގެ މަތީގަ ކުރަންޏާމު. ބަލައިގަންނަން ޖެހޭ ވަކި ފިކުރަކަށް ނުބާލާ. " ދިވެހި ގައުމު - އަހަރެމެން އެންމެންގެ ގައުމު"

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454