މައުމޫނަށް ހަމަލާދޭން އުޅުނު މައްސަލާގައި ޖަލަށްލި މުރުޝިދު: އޭނާގެ އަދަބު ލުއިކޮށް ދިނުމުގައި އިއުތިރާޒެއް ނެތް ކަމަށް މައުމޫން ވަނީ އަންގަވާފައި
17 ސެޕްޓެމްބަރ 2018 - 15:53
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މީގެ 10 އަހަރު ކުރިން ވަޅިން ހަމަލާދިން މައްސަލާގައި ޖަލަށްލާފައިވާ މީހާގެ އަދަބު ލުއިކޮށް ދިނުމަށް މައުމޫންގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކްލެމެންސީ ބޯޑަށް އެމަނިކުފާނު އަންގަަވައިފި އެވެ.
ރައީސް ކަމުގައި ހުންނަވައިގެން މެއި، 2008 ގައި މައުމޫން ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެމަނިކުފާނަށް ވަޅިން ހަމަލާދިން މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެރަށު ކިނާރާ، މުހައްމަދު މުރުޝިދުގެ މައްޗަށެވެ.
މައުމޫން އެރަށުގައި އާންމު ރައްޔިތުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް އަމާޒުކުރި ހަމަލާއިން މައުމޫން ސަލާމަތްވެ ވަޑައިގަތީ އެވަގުތު އެތަނުގައި ހުރި ސްކައުޓް ކުއްޖެއް ކަމަށްވާ މުހައްމަދު ޖައިޝަމު ހުރަސް އެޅުމުންނެވެ. އެ ހާދިސާގައި ޖައިޝަމްގެ އަތް ވަރަށް ބޮޑަށް ޒަހަމްވި އެވެ.
ހަމަލާ ދިން މައްސަލާގައި މުރުޝިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާގެ މައްޗަށް އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރީ އޭރު އަމަލުކުރި ގާނޫނުލް އުގޫބާތުގެ 34 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެއްލުމެއް ދޭން ރޭވުމުގެ ކުށުގައި 12 އަހަރަށް ޖަލަށްލުމަށް އަދި ތޫނު އެއްޗަކާ އެކު މާރާމާރީ ހިންގުމުގެ ކުށުގައި އެ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން އިތުރު އެއް އަހަރަށް ޖަލަށްލުމަށެވެ.
މުރުޝިދަށް މައާފް ދިނުމަށް ނުވަތަ އޭނާގެ އަދަބު ލުއިކޮށް ދިނުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް، ޖަލުގައި ހުންނެވި މައުމޫންގެ ފަރާތުން ކްލެމެންސީ ބޯޑަށް އެންގެވީ އެކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތެއް ސާފުކޮށްދޭން ކްލެމެންސީ ބޯޑުން އެދުމުން ކަމަށް މައުމޫންގެ ވަކީލުން ބުންޏެވެ.
"އަނިޔާ ލިބުނު ފަރާތެއް ހުރި ނަމަ އެ މީހަކު ދެކޭ ގޮތެއް ހޯދަން ކްލެމެންސީ ބޯޑުން އެދޭނެ. އެގޮތަށް އެދުނީމަ އެކަމުގައި އެމަނިކުފާނުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ހަފުތާއެއްހާ ދުވަސް ކުރިން ރައީސް މައުމޫން ސޮއި ކުރައްވައި، ލިޔުމުން ވަނީ އަންގަވާފައި،" މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.
ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސަށް ލަފާ އެރުވުމަށް އުފެދިފައި އޮންނަ ބޯޑެކެވެ.
މުރުޝިދުގެ އަދަބު ލުއިކޮށް ދިނުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް މައުމޫން އެންގެވިއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ދޮޅު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އެމަނިކުފާނުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންެވެ.
މީގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް މައުމޫންގެ މައްޗަށް ދައުލަތުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަފާ
18 September 2018
ތި ވަލިޖަހަން އުޅުން ވެސް ޑުރާމާއެއްކަމަށް އަޑު އެހީ.. ހަމްދަރުދީ ހޯދަން އޭރުގެ ޑީއާރުޕީން ޖެއްސި
ގެއްލުން
18 September 2018
ޑްރާމާ ކުޅުނު ކުއްޖާ ހަޔާތުން 10 އަހަރު ބޭކާރުކުރީ ޑްރާމާގެ ވާހަކަވެސް ނަންނުގަނެ ހަނުހުރެގެންދޯ.
ތޮށަލިތަކުރު
18 September 2018
ޑްރާމާތަކުގެ ހަގީގަތް އިރާދަކުރެއްވިއްޔާ އެނގޭކަށް މާކަ ގިނަ ދުވަހެއް ދެން ނެތެވެ. ތިޔަގޮތަށް ދޮގުވާހަކަ ފަތުރަން ދެންއޮތީ މަދު ދުވަސްކޮޅެކެވެ.
ނަފާގެ ބަފާ
20 September 2018
'އައިލެންޑް ޕްރެޒިޑެންޓް' ޑްރާމާ ނުބަލައްވަންތޯ.
އައިލަމް
18 September 2018
އިސްލާމްދީނުގައި އޮތް އެންމެ ރިވެތިގޮތް "މާފު" ދިނުމުގެ އުޞޫލު އިޚްތިޔާރު ކުރެއްވީތީ މައުމޫނު ޢަބްދުލްޤައްޔޫމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
ހަސްތީ
18 September 2018
މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނަށް ސީދާ ޙަމަލާދިން އެކުއްޖާއަށް އެއިރު މާފުދިންނަމަ ތިޔައީ މާތް ބޭފުޅަކަށް ވެދާނެ. އެކަމަކު އެއިރު އެކަން ނުކޮށް 10 އަހަރު ފަހުން އިއުތިރާޒެއް ނެތޭ ބުނުމަކުން އެހެނެއް އެކަން ނުހިނގާނެ.
ރަދީފް
18 September 2018
ހަސްތީ އަށް.ދުނިޔޭގެ އެއްވެސް ތަނެއްގަ ރައީސަކަށް ހަމަލަދީގެން 3 ވަނަ ދުވަހު މިނިވަނެއްގެ ގޮތުގަ ނުހުންނާނެ.އެއި އެހާ ދެކޮޅު ޖެހޭ ކަމެއް ވެސް ނޫން.ކްލެމެންސީ ބޯޑުން މިކަމާއި މިއުޅުނީ ތަންކޮޅެއްލަހުންކަމަށް ދެކެން.އެހެނީ 7 އަހަރު ޖަލުގަ ހޭދަކުރެވުނީމަ ދެން އަޙްލާގް ރަނގަޅުނަމަ އެމީހަކަށް އެމްނެސްޓީ ދިނުން އެއީ ވަރަށް ރީތި އިންސާނިއްޔަތު ދައްކައިދޭނެ ކަމެއް.މިމައްސަލައިގަ މައުމޫނަށް އިނގިލި ދިއްކުރަންޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް.ވ.ވެދުން
ހުސީނާ
18 September 2018
ތަންދޮރު އެނގިގެން ވާހަކަ ދައްކާ. މިކުއްޖާ ހަމަލާދިނީ ރައީސުލްޖުމުހޫރިއްޔާއަށް. އެއީ އާދައިގެ ކަމެއްނޫން. ޢެމައްސަލަ ނުބަލައި ދޫކޮށްނުލާނެ. މައުމޫނުގެ ވެރިކަން ނިމުނުއިރު އަދި މިކުއްޖާގެ ޝަރީއަތް ނުނިމޭ. އެހެންކަމުން މިކުއްޖާގެ ކުށް މާފްކުރުމުގެ ފުރުސަތު މައުމޫނަށް ނުލިބޭނެ. މައުމޫނުވަނީ އޭނައަވަހާރަކޮށްލަން ސީދާ މަސައްކަތްކުރި އެންމެންނަށް މާފްދީ އެމީހުންނަށް ސަރުކާރު ވަޒީފާވެސް ދީފަ. ކެރަފާނަސީމާއި މައިޒާން އަލިބެ ފަދަ މީހުން މިއަދުވެސް އެތިބީ
ތަރި
17 September 2018
މުރުޝިދުގެ އަދަބު ލުއިކޮށް ދިނުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް މައުމޫން އެންގެވިއިރު، އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ ދޮޅު އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ތަރިއެއް
ގެޓަކިން
18 September 2018
ހީވަނީ ޖަލު ތަހައްމަލުކުރަން ޖެހުނީމާ ވިސްނުމަށް އައި ބަދަލެއްހެން..
ޙިނި
17 September 2018
ޢަލައް އަޑުއެހީ ތިޔަ ބޯޑެއްގެ ވާހަކަ، މީ ޓޮޕް ސީކުރެޓް ބޮޑެއްތޯ
މަހާރަދުން
17 September 2018
ޖަލުގަ ތިބޭ މީހުންގެ ބަސް ގަބޫލުކުރޭތަ؟
ބައިރޯ
17 September 2018
މި ކުއްކުރި ކުއްޖާގެ މިހާރުގެ އުމުރަކީ ކޮބާ؟
ބެލާުޔ
18 September 2018
ނޭނގޭ، އެކަމު 30 ގަ ހެން ހީވަނީ، ބޮލުގެ އިސްތަށިގަނޑަށް ބަލާފަ، ޒުވާން އުމުރު ބޭކާރުވީ،
އަރުގުޅި
17 September 2018
ޝުކުރިއްޔާ ރައީސް ޔާމީން!
ާމަންމަ
17 September 2018
2✔️
ރަދީފް
17 September 2018
ނިއުޒް އަށް.އެކަމުން ދޭހަވަނީ ކްލެމެންސީ ބޯޑަށް ޒިންމާ އަދާނުކުރެވުނުކަން.