ޚަބަރު / މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ލައިވް އިންވެންޓުތަކުގެ ބްރޯޑްކާސްޓިން ހުއްޓައިލަން އެންގުމާ ބެހޭ އުސޫލެއް ހަދައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންތަކެއް: ލައިވް އިވެންޓްތަކުގެ ފީޑް ކަނޑާލަން އެންގުމާ ބެހޭ އުސޫލެއް އެ ކޮމިޝަނުން މިއަދު ވަނީ ފާސްކޮށް، އަމަލު ކުރަން ފަށާފައި --- މިހާރު/ފޮޓޯ

22 ސެޕްޓެމްބަރ 2018 - 14:57

ލައިވް އިވެންޓުތަކުގެ ބްރޯޑްކާސްޓް މެދުކަނޑައިލަން އެންގުމުގެ ބާރު ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބޭ ގޮތަށް އުސޫލެއް މިއަދު ފާސްކޮށް، މިއަދުން ފެށިގެން ފެށިގެން އެ އަށް އަމަލު ކުރަން ފަށައިފި އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ހެދި ލައިވް އިންވެންޓުތަކުގެ ބްރޯޑްކާސްޓިން ހުއްޓައިލުމާ ބެހޭ އުސޫލުގައިވާ ގޮތުން، ބްރޯޑްކާސްޓަރަކު ގެނެސްދޭ ލައިވް އިވެންޓެއްގެ ލައިވް ފީޑް ކަނޑައިލަން އަންގާ އެންގުންތައް އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް ވެސް އެންގިދާނެ އެވެ. އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް އަންގާ އެންގުންތައް ޑެލިވާ ވެއްޖެ ނަމަ، އެކަން ސިސްޓަމުން ދައްކާ ހިސާބުން ފެށިގެން އެ އެންގުމެއް އެ ފަރާތަށް ރައްދުވީ ކަމަށް ބެލެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އެކަމަށްޓަކައި، ބްރޯޑްކާސްޓިން ކޮމިޝަނުން ބޭނުން ކުރާނެ ޚާއްސަ ނަމްބަރަކާއި އީމެއިލްއެއް ވެސް އެ އުސޫލުގައި ވަނީ ހިމަނައިފަ އެވެ. އަދި އެކަމުގައި ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ މުއާމަލާތް ކުރާނެ ނަމްބަރާއި އީމެއިލްތައް އެ އުސޫލަށް އަމަލު ކުރަން ފަށާތާ ހަ ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނަށް ފޮނުވަން ޖެހެ އެވެ.

އެ އުސޫލު ބުނާގޮތުން ލައިވް އިވެންޓެއްގައި އަބުރުގެ ގާނޫނާ ޚިލާފް ކޮންޓެންޓެއް ގެނެސްދޭ ކަމަށް ކޮމިޝަންގެ މޮނީޓަރިންއަށް ނުވަތަ އެ ކޮމިޝަންގެ މެމްބަރަކަށް ފެނިއްޖެ ނަމަ، އެ މައްސަލައެއް ބެލުމަށް ކޮމިޝަންގައި އެދެވިދާނެ އެވެ. އެފަދަ މައްސަލަތައް ވެސް ފޯނާއި އެސްއެމްއެސް އާއި އީމެއިލް މެދުވެރިކޮށް އެ ކޮމިޝަންގެ ރައީސްގެ ސަމާލު ކަމަށް ގެނެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އެފަދަ މައްސަލަތައް ބަލާނީ އެކަމަށް ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން، ވަގުތާއި ހާލަތަށް ބަލައި، ކުއްލި ބައްދަލުވުމެއްގައި ނުވަތަ ކޮމިޝަނުން ކަނޑައަޅާ އޮންލައިން ޕްލެޓް ފޯމެއްގައި ވެސް އެކަމާ ބެހޭގޮތުން ކޮމިޝަނަށް މަޝްވަރާ ކުރެވިދާނެ ކަމަށް އެ އުސޫލުގައިވެ އެވެ. އޮންލައިން ޕްލެޓް ފޯމްތަކުގައި ކޮމިޝަނުން ނިންމާ ނިންމުންތައް އެކަން ފަހުން ކޮމިޝަންގެ ބައްދަލުވުމަކަށް ހުށަހަޅައި، ޔައުމިއްޔާ ކުރަންޖެހެ އެވެ.

ބްރޯޑްކާސްޓަރުން ގެނެސްދޭ ލައިވް އިންވެންޓެއްގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ، އެކަމުގެ ޝަކުވާ ފޯނާއި އީމެއިލް މެދުވެރިކޮށް އެ ކޮމިޝަނަށް ހުށަހެޅޭނެ ނިޒާމެއް ވެސް އެ އުސޫލުގައިވަނީ ހިމަނައިފަ އެވެ. އެފަދަ ޝަކުވާތައް ހުށަހެޅޭނީ އަބުރާ ބެހެވުނު ކަމަށް ބުނާ މީހާ ނުވަތަ އޭނާގެ ވަކީލު ނުވަތަ ދައުލަތުގެ މުއައްސަސާތަކަށެވެ. އެކަމަކު އެފަދަ ފަރާތްތަކަށް ކޮމިޝަނަށް ޝަކުވާ ހުށަހެޅޭނީ ބްރޯޑްކާސްޓަރަށް އެކަމުގެ ޝަކުވާ ހުށަހެޅުމަށް ފަހު، އެ ބްރޯޑްކާސްޓަރު ލައިވް ހުއްޓާނުލައިފި ނަމަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް ވިދާޅުވީ މިއަދަކީ ބަންދު ދުވަހެއް ކަމަށް ވިޔަސް، ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި އެ އުސޫލު ފާސްކުރީ އެއީ މުހިންމު ކަންކަމެއް ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވުމުން ކަމަށެވެ. އެ ބައްދަލުވުމުގައި ކޮމިޝަަންގެ ރައީސް މުހައްމަދު ޝަހީބު ބައިވެރި ވަޑައިނުގަންނަވާ ކަން އޭނާ ކަށަވަރުކޮށް ދެއްވި އެވެ. އެކަމަކު ދެން އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ މައުލޫމާތެއް ހާމައެއް ނުކުރެއްވި އެވެ.

"ބަންދު ދުވަހެއް ކަމަށް ވިޔަސް، މުހިންމު ކަމެއް ކަމަށް ކޮމިޝަނަށް ފެނިވަޑައިގަތީމަ ބޭއްވި ބައްދަލުވުމެއް އެއީ. އެގޮތުން ބައްދަލުވުން މިއަދު ބޭއްވީ." އޭނާ ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިިވާ ގޮތުގައި އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާނާއި ކޮމިޝަންގެ މެމްބަރުން ކަމަށްވާ ހަސަން ނަބާހާއި ފާތިމަތު ޒައިނާގެ އިތުރުން ސަރާހަތު އިއްޒަތެވެ. ކޮމިޝަންގެ ރައީސް ޝަހީބުގެ އިތުރުން ދެން ތިއްބެވި ދެ މެމްބަރުން ކަމަށްވާ ޒީނާ ޒާހިރާއި އަމްޖަދު ވަހީދު އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަަމަށް ވެ އެވެ.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454