އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
09 އޯގަސްޓް 2016 - 02:42
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން، ވެލެންސިއާ އަށް ހިތްހަމަޖެހުން ލިބިއްޖެ އެވެ.
މި މެޗުން މޮޅުވެގެން ތާވަލުގެ ހަތަރު ވަނަ އަށް އަރަން ޔުނައިޓެޑް ވިކްޓަރީ އަށް ފުރުސަތު އޮތް ނަމަވެސް އެ ޓީމަށް މޮޅުނުވެވުމުން ވެލެންސިއާ ވަނީ ހަތަރު ވަނައިގައި ދެމި އޮވެފަ އެވެ. ސާދަ ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގައި ޔުނައިޓެޑް ވިކްޓަރީ އޮތްއިރު ވެލެންސިއާ ހަތަރު ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު މާޒިޔާ އެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު ކްލަބް އީގަލްސް އޮތްއިރު ތިން ވަނައިގައި 20 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް އެވެ. މިރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ބީޖީ އަށް ހަތަރު ޕޮއިންޓް ހަމަވި ނަމަވެސް އެ ޓީމު އަދިވެސް އޮތީ ތާވަލުގެ ފުލުގަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބީޖީ އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ވަނީ ބޭކާރުވެފަ އެވެ. އެ ޓީމުގެ ހުސެއިން އަފްސަލް އާއި އިބްރާހިމް ހަމްދާން އަށް އޭރިއާ ތެރެއިން ރަނގަޅު ދެ ބޯޅަ ލިބުނުއިރު އަފްސަލް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ. އަދި ހަމްދާން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ދެ ވަނަ ހާފުގައި ބީޖީގެ ޑޭވިޑަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، މެޗުގެ ފަހުކޮޅު ޔުނައިޓެޑް ވިކްޓަރީގެ ރަފީނިއާ ގޯލެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު 90 ވަނަ މިނެޓުގައި އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.
ލީގުގައި ހުކުރު ދުވަހު ހަވީރު ބީޖީ އާއި ޓީސީ ސްޕޯޓްސް ބައްދަލުކުރާއިރު އެރޭ އޮންނާނީ ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗެވެ. ހޮނިހިރު ދުވަހު ހަވީރު އީގަލްސް އާއި ނިއު ރޭޑިއަންޓް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy