ނަޖުމާ: އޭނާ އާއި މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީ އަޒްމީ މިއަދު ވަނީ ބަންދުން މިނިވަން ކޮށްފައި
26 ސެޕްޓެމްބަރ 2018 - 18:40
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރި ނަޖްމާ އިބްރާހީމާއި މުހައްމަދު އަޒްމީ ބަންދުން މިއަދު މިނިވަންކޮށްފި އެވެ.
ނަޖްމާ އާއި އަޒްމީ ހައްޔަރުކޮށް ބަންދުކުރީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ސިޔާސީ ބޭފުޅުންތަކެއްގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅޭ ހެކި ނައްތައިލަން އުޅުނު ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލުމުންނެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ނަޖްމާ ގޭ ބަންދުކުރަން އަމުރު ކުރި އިރު، އަޒްމީ ހުރީ ޝަރީއަތް ނިމެންދެން ޖަލު ބަންދުކޮށްފަ އެވެ.
އެ ދެ މީހުން އެއްވެސް ޝަރުތަކާ ނުލައި މިއަދު ބަންދުން މިނިވަންކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ ދެ މީހުންގެ ބަންދު ރިވިއު ކޮށްދޭން މިއަދު ބޭއްވި އަޑުއެހުމުގައި އެ މީހުންގެ ފަރާތުން އެދުމުންނެވެ. ބަންދުގައި ހަތް މަހެއްހާ ދުވަސް ހޭދަ ކޮށްފައިވުމުގެ އިތުރުން ގޭ ބަންދުގައި ހުރި ނަޖްމާގެ ބޭސްފަރުވާގެ ކަންކަމުގަޔާއި އޭނާގެ ދަރިފުޅުގެ ކަންކަން ބެލެހެއްޓުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ވެސް ދިފާއީ ވަކީލުން ކުރި އެވެ. އެ ކަންކަން ފާހަގަކޮށް، އެ މީހުން ބަންދުން މިނިވަން ކޮށްދޭން ވަކީލުން އެދުނެވެ.
އެކަމާ ގުޅިގެން ދައުލަތުން ބުނީ އެ މީހުންގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އެހެންވެ، އެ މީހުންގެ ބަންދާ މެދު ޝަރީއަތުން ގޮތެއް ނިންމައިދިނުމަށް ދައުލަތުން އެދުނެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ނިންމެވީ އެ މީހުން ބަންދުން ދޫކޮށްލުމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ އަމަލަކީ ޖިނާއީ ބޮޑު ކުށުގެ އަމަލަކަށް ނުވުމުގެ އިތުރުން ބަންދުގައި ދުވަސްތަކެއް ހޭދަކޮށްފައި ވުމެވެ. އެކަމަކު ބަންދުން ދޫކޮށްލިޔަސް، ކޯޓަށް ހާޒިރުވުމުގައި އެއްބާރުލުން ދިނުމަށާއި ރާއްޖެ އިން ބޭރަށް ދާ ނަމަ ހުއްދަ ހޯދުމުގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް ނުކުރަން ގާޒީ އާރިފް ނަސޭހަތްތެރިވެ ވަޑައިގަތެވެ.
ނަޖްމާ އާއި އަޒްމީ މިނިވަން ކުރި އިރު، ޖަލު ބަންދުގައި ތިބި އިދިކޮޅު ބައެއް ފަރާތްތައް ވެސް ކުރިން ވަނީ މިނިވަން ކޮށްފަ އެވެ. އެ ގޮތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ބަންދުން މިނިވަންކޮށްފަ އެވެ. އަދި ގޭ ބަންދުގައި ހުރި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު ވެސް އިއްޔެ ވަނީ މިނިވަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސައި
26 September 2018
ޢަލްހަމްދު ﷲ
އާދަނުބެ
26 September 2018
ދެން މިޤައުމުގެ ޖަލަކު ކުއްވެރިންނެއް ނުތިބޭނެ.
ޝައިމްބެ
26 September 2018
މިހާރު ފުލުހުން އެބުނީ ހެއްކަށް ނުފޫޒު ފޯރުވާފައި ނުވާކަމަށް. ނުފޫޒު ފޯރުވިކަމަށް ބުނެ 7މަސް ބަންދުގަ. އެއްބައެއްގެ ބަސް ދެގޮތަކަށް. ޕީޖީ އަށް އޯކޭ މިހާރު ދޫކޮށްލިއަސް. ކުރިން ބުނީ ދޫކޮށްގެން ނުވާނެޔޭ. ވައި ބަދަލުވީ ދޯ. ނައްޓަނީ ސާބިތުކަމާ ތެދުވެރިކަން ނުދައްކާތީ.
ހާދާލު
26 September 2018
މަރުހަބާ ނަޖޫ.......
ހިތްގައިމު
26 September 2018
ބޭންކޮކްގަ ތިބޭ ހިލޭ އަންހެނުން ކައިރިއަށް ފައިސާ ހިފައިގެން ދާކަށް ނުޖެހޭނެ
ޙާމް
26 September 2018
ޢަވަހަށް ސިޔާސީ ދާއިރާއަށް ވަންނަންވީ، ގައިމު ނޭނގިނަމަވެސް ކުށެއް ކުރެވުނަސް ޖަލަކަށް ނުލާނެއެއްނު. ސިޔާސީ މީހެއް ވެއްޖިޔާ އެމީހެއްގެ މައްޗަކަށް އެއްވެސް ޤާނޫނެއް / ޤާނޫނު އަސާސީއެއް ނުހިނގާ ވިއްޔާ.