ވިޔަފާރި / ދިރާގު

ދިރާގަށް 30: ދިވެހިންގެ ދިރިއުޅުން ބަދަލުކޮށްލި

ދިރާގުން ކުރިން ބެހެއްޓި ފޯނު ބޫތެއް ކައިރީގައި ބަޔަކު ފޯނުކުރަން މަޑުކޮށްލައިގެން: މުވާސަލާތީ ދާއިރާގައި ތަފާތު ހަރުފަތްތައް ދިރާގުން ވަނީ ހުރަސްކޮށްފައި

01 އޮކްޓޯބަރ 2018 - 09:22

4 comments

މީގެ 30 އަހަރު ކުރިން ދިރާގު އުފެދުނުއިރު ރާއްޖޭގެ މުވާސަލާތީ ގުޅުންތައް އޮތީ ވަރަށް ޅަފަތުގަ އެވެ. ފޯނެއް ހުންނަނީ މާލޭގެ ވަރަށް މަދު ގެއެއްގަ އެވެ. ކައިރި ރިސޯޓްތައް ނޫނީ އެހެން ރަށެއްގައި ފޯނެއް ނުހުރެ އެވެ. އާންމުން މުއާމަލާތްތައް ކުރަނީ ސިޓީންނާއި، ވަކި ގަޑިތަކެއްގައި ރަށު އޮފީސް ނުވަތަ އަތޮޅު އޮފީހަށް ފޮނުވާ މެސެޖްތަކުންނެވެ.

އެކަމަކު އޮކްޓޯބަރު 1، 1988 ގައި އުފެދި ދިރާގާ އެކު މުވާސަލާތީ ޚިދުމަތަށް މި ވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފަ އެވެ. އެ ކުންފުނީގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށެއް ފޯނުން ގުޅާލަން ކަނޑައެޅި ލަނޑުދަނޑި ހާސިލްވުމަކީ، ދިވެހިންގެ އާންމު ދިރިއުޅުމަށް ގެނެސްދިން ބޮޑު އިންގިލާބެކެވެ.

ރަށްރަށުގައި ބެހެއްޓި ފޯނު ބޫތުތައް ކައިރީގައި އާންމުން ކިޔޫ ޖެހެ އެވެ. ރަށުން ބޭރުގައި، މާލެ ނުވަތަ ރިސޯޓްތަކުގައި، މަސައްކަތްކުރާ އާއިލާގެ މީހުންނާ ވާހަކަ ދައްކާލަން އެ ލިބުނީ ރަނުގެ ފުރުސަތެކެވެ. ދުރުގައި އުޅުނަސް، އޭރުގެ ނިސްބަތުން، ގެއާ ކައިރިކޮށްލަދިން މުވާސަލާތީ ގުޅުމެވެ.

"އަޅުގަޑު ދަންނަވާނީ ކުންފުނި އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް ރާއްޖެ ފަދަ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ވަކިވަކި ރަށްތަކަކަށް، އާދެ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކަށާއި ރިސޯޓްތަކަށް، ޓެލެފޯނުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ދިރާގުން ކުރި ތަރައްގީގެ ވަރަށް ބޮޑު އަދި މުހިންމު މަސައްކަތެކޭ،" ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާޢި އަދި އިގްތިސޯދީ ތަރަށްގީއަށް ހަލުވިކަމެއް ލިބިގެންދިޔަ. އަމިއްލަ މީހުންގެ މުއާސަލާތާއި ބޭނުންތައް ފުއްދުމަށާއި، ވިޔަފާރިތަކާއި ޓޫރިޒަމްގެ ވިޔަފާރި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިއުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދިޔަ."

އާންމު ފޯނުތަކުގެ ބޭނުން ކުޑަވެގެންދާނެ ތަރައްގީއެއް، މޮބައިލް ފޯނާ އެކު ދުނިޔެއަށް އަންނަން ފެށުމުން ދިރާގުން މަޑުން އޮތީކީ ނޫނެވެ. މޮބައިލް ފޯނުގެ ހިދުމަތް ވެސް ރާއްޖޭގައި ފެށީ އެވެ. އަދި ނޮވެމްބަރު 21، 1999 ގައި ތައާރަފުކުރި ޖީއެސްއެމް މޮބައިލްގެ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް މިހާރު ނެތެވެ.

ދިރާގުން ރަށެއްގައި ބެހެއްޓި ފޯނު ބޫތެއްގައި މީހަކު ފޯނެއްގައި: އެއްދުވަސްވަރެއްގައި މިއީ ވަރަށް މުހިންމު ހިދުމަތެއް --ފޮޓޯ: ދިރާގު

ރާއްޖޭގެ ހުރިހާ ރަށަކަށް މޮބައިލް ޚިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ދިރާގުން ހާސިލްކުރީ 2008 ގަ އެވެ. އިސްމާއިލް ސިފަކުރެއްވި ގޮތުގައި ހުރިހާ ހިސާބަކަށް މޮބައިލް ފޯނުގެ ޚިދުމަތް ލިބޭ ގޮތް ހެދުމަކީ ރާއްޖޭގެ މުއާސަލާތީ ދާއިރާއަށް އައި ބޮޑު އިންގިލާބެކެވެ. އެ ޕްރޮޖެކްޓް ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ވެސް އޭނާ އެވެ.

ދިރާގުން ރަށަކަށް ފޯނުގެ ހިދުމަތް ދިނުމަށް މަސައްކަތްކުރަނީ: ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު މޮބައިލް ފޯނުގެ ހިދުމަތް ލިބޭ. ފޮޓޯ: ދިރާގު

އިސްމާއިލް ގަބޫލުކުރާ ގޮތުގައި ދިރާގުން ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބަކީ މުވައްޒަފުންނެވެ. އެ ކުންފުނީގައި ތިބި ދިވެހި މުވައްޒަފުންގެ ނިސްބަތް 99 ޕަސެންޓަށް ވުރެ މައްޗަށް ދެ އެވެ.

"ދިރާގުގައި މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ އެންމެ ބެސްޓް ޓީމު ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެ ޓީމު އެކުލެވިގެން ވަނީ 99 ޕަސެންޓް ދިވެހިން ކަމުގައި ވީ ކަމީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް،" އިސްމާއިލް ވިދާޅުވި އެވެ.

"މި ފުރުސަތުގައި ދިރާގުގައި މަސައްކަތް ކުރަމުންދާ އަދި މާޒީގައި އަޅުގަނޑުމެންނާ އެކު މަސައްކަތް ކޮށްދެއްވާފައިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ޝުކުރުދަންނަވަން."

އިންޓަނެޓްގެ މި ޒަމާނުގައި ދިރާގުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބްރޯޑް ބޭންޑް ފަސޭހަ ފޯރުކޮށްދީފަ އެވެ. އަދި ހައި ސްޕީޑް ބްރޯޑްބޭންޑްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަގު ހެޔޮކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސަބްމެރީން ކޭބަލެއް އަޅައި، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅެއް އެ ކޭބަލް ގުޅާލައިފަ އެވެ. ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް 3ޖީ މޯބައިލް ބްރޯޑް ބޭންޑް ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓް 2015 ގައި ނިންމާލުމަށް ފަހު މި އަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް 4ޖީގެ ހިދުމަތް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. މިއީ މި ވަގުތު ރާއްޖެ އިން ލިބެން ހުރި އެންމެ އަވަސް މޮބައިލް އިންޓަނެޓެވެ.

ދިރާގުން ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އަޅަން ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ފޮޓޯ: ދިރާގު

ދިރާގުން ވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ގޭގެއަށް ފައިބަ އިންޓަނެޓްގެ ހިދުމަތް ވެސް ދީފަ އެވެ. އެގޮތުން މިހާތަނަށް މާލެއާ އެކު އާބާދީގެ 70 ޕަސެންޓަށް އެ ހިދުމަތް ލިބެ އެވެ. މިއީ ދިރާގު ފިޔަވައި އެހެން ކުންފުންޏަކަށް މިހާތަނަށް ހާސިލްކުރެވުނު ނަތީޖާއެއް ނޫނެވެ.

ދިރާގުގެ ހިދުމަތަށް މިއަދު 30 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފަ އެވެ. "އެންރިޗިން ލައިފް" އެއީ އެ ކުންފުނީގެ ތަސައްވުރެވެ. ދިރާގުން ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.

"އަޅުގަނޑުމެންގެ ވިޝަނަކީ ވެސް 'އެންރިޗިން ލައިވްސް'. އޭގެ މާނައަކީ ރާއްޖެއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ހޯދައިދިނުން. އަޅުގަނޑު ދަންނަވާނީ މި ތަސައްވަރު ހާސިލް ކުރުމުގައި ދިރާގުން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ހެން. މިގޮތުން ނަޒަރު ހިންގާލާއިރު ރާއްޖެއަށް މި އައި ސޯޝިއޯ އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ދިރާގަށް އިސް ރޯލެއް ކުޅެވިފައިވާކަމީ ދިރާގު އެކަމަށް ފަޚުރުވެރިވާ އެންމެ ބޮޑު ކާމިޔާބީ،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން މިދިޔަ 30 އަހަރުގެ ތެރޭގައި ހަމައެކަނި އާއްމުންގެ ދިރިއުޅުމަށް ބޮޑެތި ފަސޭހަތަކެއް ގެނެސްދިނީއެއް ނޫނެވެ. ރާއްޖޭގެ ވިޔަފާރިއަށާއި އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދިނުމުގައި ވެސް ދިރާގުގެ ހިދުމަތް ވަރަށް މުހިންމު ރޯލެއް އަދާކުރި އެވެ.

ދިރާގުން ސ. ހިތަދޫގައި ބެހެއްޓި ސެޓެލައިޓް އާތު ސްޓޭޝަން: އޭރު އައްޑުއަށް ފޯނުގެ ހިދުމަތް ދެމުން ދިޔައީ ސެޓެލައިޓް މެދުވެރިކޮށް

"ދިރާގުގެ ޚިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން، އަދި ކަސްޓަމަރުންގެ އަދަދު އިތުރުވަމުން ދާކަމީ އަދި ވިޔަފާރީގެ ފައިދާ އާއި ޝެއާހޯލްޑަރުންނަށް ދެވޭ ނަފާ ވެސް އަހަރުން އަހަރަށް ބޮޑުވަމުންދާކަން އެއީ ދިރާގަކީ ކާމިޔާބު ކުންފުންޏެއްކަން ދޭހަކޮށްދޭ ކަމެއް ކަމަށް އަޅުގަނޑުމެން ދެކެން. އަދި މި ފުރުސަތުގައި ވެސް ދިރާގުގެ ކަސްޓަމަރުން އަޅުގަނޑުމެންނަށް ކުރައްވާ އިތުބާރަށާއި އަޅުގަނޑުމެންގެ ޚިދުމަތްތަކަށް ދެއްވާ ތަރުހީބަށް ޝުކުރު ދަންނަވަން،" ސީއީއޯ ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔަލެސް އާއި ދިވެހި ސަރުކާރު ގުޅިގެން މެއި 16، 1988ގައި އުފެއްދި ކުންފުނިން މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކުން އެއީ ރާއްޖޭގައި އޮތް ކާމިޔާބު ވިޔަފާރީގެ މޮޑެލްއެއް ކަން ވަނީ ސާބިތުކޮށްދީފަ އެވެ. އެ ކުންފުނީގެ ހިދުމަތް އޮކްޓޯބަރު 1، 1988 ގައި ފެށުނު އިރު ވާދަވެރިކަމެއް ނެތް ނަމަވެސް، މިހާރު ދިރާގު މަސައްކަތްކުރަނީ ވާދަވެރި މާހައުލެއްގަ އެވެ. އެކަމަކު އަދިވެސް ދިރާގަކީ އެ ރޭހުގެ އެންމެ ކުރީގައި އޮތް ކުންފުންޏެވެ.

"ދިރާގަކީ ރާއްޖޭގައި ސަރުކާރާއި ބޭރު ކުންފުންޏަކާ ގުޅިގެން ކާމިޔާބު ޖޮއިންޓްވެންޗާ ކުންފުންޏެއް ހިންގިދާނެ ކަމުގެ ވަރަށް ރަނގަޅު މިސާލެއް. އަދި ރާއްޖޭގައި ވިޔަފާރި އަށް ރަނގަޅު މާހައުލެއް އަދި ސަކްސެސްފުލް [ކާމިޔާބު] ބިޒްނަސް މޮޑެލްއެއް އެބަ އޮތްކަމުގެ ރަނގަޅު ހެއްކެއް. ކިތަންމެ މީހުން މަދު ނަމަވެސް، ކޮމްޕެޓިޝަން [ވާދަވެރި] ވިޔަފާރިއެއް ދުނިޔޭގެ ފެންވަރުގެ ކުންފުނިތަކާ ވާދަކޮށް ދިވެހިންނަށް ހިންގިދާނެ ކަމުގެ ރަނގަޅު މިސާލެއް،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުގެ ހެޑް އޮފީސް: މިއީ ސަރުކާރާއި ބޭރު ކުންފުންޏަކާ ގުޅިގެން ކާމިޔާބު ޖޮއިންޓްވެންޗާއެއް ހިންގިދާނެ ކަމުގެ ރަނގަޅު މިސާލެއް.

މުއާސަލާތީ ހިދުމަތުގެ ތެރޭގައި ހިމެނޭ ޓެލެފޯނާއި މޮބައިލް ފޯނާއި ހައި ސްޕީޑް އިންޓަނެޓްގެ އިތުރުން އެ ކުންފުނިން 2015 ގައި ވަނީ "ދިރާގު ޓީވީ" ވެސް ލޯންޗްކޮށްފަ އެވެ. އަދި އޭގެ ފަހުން މިދިޔަ އަހަރު ގޭގެއަށް އައިޕީ ޓީވީގެ ހިދުމަތް ވެސް ދޭން ފެށި އެވެ. ޓީވީގެ ހިދުމަތުގެ އިތުރުން އެއް ކަސްޓަމަރު އަނެއް ކަސްޓަމަރަށް އިންޓަނެޓް މެދުވެރިކޮށް ފައިސާ ފޮނުވޭ "ދިރާގު ޕޭ"ގެ ހިދުމަތް ވެސް މިދިޔަ އަހަރު ތައާރަފްކުރި އެވެ.

ދިރާގުން މިދިޔަ 30 އަހަރު ހޯދި ކުރިއެރުންތަކާ އެކު ދިވެހިންގެ އާއްމު ދިރިއުޅުމަށް އައި ފަސޭހައާ މެދު ދެބަސްވެވޭކަށް ނެތެވެ. ބައެއް ކަންކަމުގައި އާންމުންގެ ފާޑުކިއުން ހުރި ނަމަވެސް ދިރާގަކީ އަދިވެސް ދިވެހިންގެ "މުއާސަލާތީ އެކުވެރިޔާ" އެވެ.

4 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 5%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިރާގު މީހެއް

01 October 2018

އަސްލު ދިރާގު ގަ މަސައްކަތް ކުރުމުގެ އެންމެ ސަޅިތަންކޮޅަކީ އެހެންކުންފުނިތަކުގައި ކިތަންމެ ވަރަކަށް ސިޔާސީވިޔަސް ދިރާގުގެ މުވައްޒަފުންނަކަށް އެކަހަލަ އެއްވެސް ޕުރެޝަރެއްނެތް.. މަސައްކަތަށް ފޯކަސް ކޮށް ވަރަށް ގިނަވަގުތު މަސައްކަތް ކުރަންލިބޭ!

The name is already taken The name is available. Register?

ނިއު ގަވަމެންޓްް

01 October 2018

އަދިވެސް ކޮމްޕެޓިޝަން ހައި ކުރަންވީ. އަގުތައް ތިރިވާނެ. އޭރުން ރައްޔިތުންނަށް ފައިދާ ވާނެ.

The name is already taken The name is available. Register?

ސޮބޮޅި ސޮބޮޅި

01 October 2018

އޭރު މާ ފައްކަލޭ.

The name is already taken The name is available. Register?

ސަސި

01 October 2018

ދިރާގު ހަމަ ބިމަށްތިރިކޮށް އަގުތައް ދައްކުރުމަށް މަޖުބޫރުވީ އުރީދޫއިން ހިދުމަތްދޭން ފެށުމުން. ޑޮމެސްޓިކް ދަތުރުތަށްވެސް ވާދަވެރި މާހައުލަކަށް ހުޅުވާލީމަ އޭގެ މަންފާ ބޮޑުތަނުން ކުރާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454