ރިޕޯޓް / ފްލެޓް

ބޯހިޔާވަހިކަމުގެ ނަމުގައި ގަނަތެޅުވުން ހުއްޓާލަން ވެއްޖެ!

ފްލެޓް ފޯމު ނަގަން ދަރުބާރުގޭގައި މީހުން ތޮއްޖެހިފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ފްލެޓަށް އެދޭ ފޯމު ލާން މުޅި ތަން އޮތީ ތޮއްޖެހިފަ އެވެ؛ އެކަމަކު، ފޯމު ލާން އުޅޭ، "ހިޔާ މަޝްރޫއު"ގެ ދަށުން ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީން ކަމެއް މިދިޔަ އާދީއްތަދުވަހު ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިގެން ތިބި މީހުންނަކަށް ނެތެވެ. ދިރިއުޅުމުގެ ހާލަތާ ގުޅޭ ލިއުންތައް ބަރިބަރިއަށް އަޅައިގެން ތިބީ، މި ބުރުގައި ވެސް ފޯމު ނުލެވުމުގެ މާޔޫސް ކަމުގައި ނުތިބެން ވެގެންނެވެ. އެންމެ ކުޑަމިނުން ފޯމު ލެވުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އެންމެ ފަހު ވަގުތު ވެސް ފޯމު ލާފައި ނޫނީ އެނބުރި ނުދާން، ގުޑިނުލައި އެތައް ބަޔަކު ތިބީ އެހެންވެ އެވެ. ފޯމު ލާން، ދަމާލި ދިގު ކިޔޫގައި 12 ގަޑިއިރު ހޭދަކުރި މީހުން ވެސް ތިއްބެވެ. އެ މީހުންގެ މޫނުމަތިން، ދިިރިއުޅުމުގެ ހާލަތު ކިޔައިދެ އެވެ؛

ގިނަ ބައެއްގެ މުޅި އުމުރު ހޭދަވީ ފްލެޓަށް އެދި ފޯމު ފުރުމުގަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މި ހިނގާ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ފޯމު ލައިފި އެވެ. ފްލެޓް ނުލިބި މިހާތަނަށް، ކުރިމަތިވީ މާޔޫސް ކަމެވެ.

ފްލެޓަށް އެދި ފޯމު ހުށަހަޅަން ދިޔަ ބަޔަކު ކިޔޫގައި މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ލިބޭ މުސާރަ ކުލީގެ ގޮތުގައި ދައްކައިގެން، މުޅި ދިރިއުޅުން ހާސްކަމުގަ އެވެ. ޚަރަދުތައް ދެކޮޅެއް ނުޖެހެ އެވެ. ތިން، ހަތަރު ދަރިން ގޮވައިގެން އުޅެން ޖެހިފައިވާ ކުޑަ ގޮޅިތަކުން ނުކުމެވޭނެ މަގެއް ނުފެނެ އެވެ. ނުވިތާކަށް ފްލެޓު ދޫކުރުމުގެ ނަމުގައިި، މުޅިން ވެސް އޮޅުވާލުމެވެ. ސިޔާސީ މަންފާ އަށް ރައްޔިތުން ގަނަތެޅުވުމެވެ. އެހެން ނޫން ނަމަ، މިހާ ދުވަސް ވީއިރު، މި މައްސަލަ އަށް ކޮންމެވެސް ހައްލެއް ހޯދުނީހެވެ.

"ފްލެޓަކީ ވަކި ބައެއްގެ ހައްގެއް ނޫން. ދިވެހި ކޮންމެ ފަރުދަކަށް ހައްގު އެއްޗެއް. އެކަމަކު ފްލެޓް މި ލިބެނީ، އަބަދުވެސް އޭރެއްގައި އޮންނަ ސަރުކާރެއްގެ އަރިސް ބަޔަކަށް. އިންސާފުން ކަންތައް ކުރައްވާ،" ބޯހިޔާވަހިކަމާ ހެދި މާޔޫސްވެފައި ހުރި، ޝިފްނާ ހަސަން އޭނާގެ އުދާސްތައް ފޭސްބުކްގައި ލިއުނެވެ.

300،000 މީހުންނަށް ފްލެޓާއި ގޯތި، "ހުވަފެނަކަށް"!

ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމާ ހަވާލުވާން ވެވަޑައިގަތް ވައުދުތަކުގެ ލިސްޓުގެ އެންމެ ކުރީގައި، އޮތީ ބޯހިޔާވަހި ކަމެވެ. އުއްމީދުތަކަކާ އެކު، މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން، 704 ފްލެޓް ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު އުފެދުނު ޝަކުވާތައް އަދިވެސް ނުނިމެ އެވެ. މަތިން މާކްސް ލިބުނު މީހުން ތިއްބައި ފްލެޓް "ބަހާލީ" ބޭނުން ބަޔަކަށެވެ.

އެއީ، ހައްގު ނިގުޅައިގަތުން ކަމަށް ބުނެ، ލިބުނު ޕޮއިންޓުގެ އަދަދު ހިމެނޭ ލިޔުން ހެއްކެއްގެ ގޮތުގައި ހިފައިގެން މުއައްސަސާތަކަށް މައްސަލަ ހުށަހެޅި އެވެ. އެއްވެސް މީހަކަށް އިންސާފެއް ނުލިބުނެވެ. އޭސީސީން މައްސަލަ ތަހުގީގު ކުރުމުގައި ތިއްބައި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށް މީހުން ދިރިއުޅެން ފެށީ އެވެ.

އެ ޝަކުވާތަކާއި ރުޅި ކޮންޓްރޯލް ކުރުވަން މި ސަރުކާރުން އިއުލާންކުރީ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެކެވެ. އެ މަޝްރޫއުގައި އަމާޒު ހިފީ، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން، 80،000 މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށެވެ. މި ވައުދާ އެކު، 25 ބުރީގެ 16 ޓަވަރެއް އިމާރާތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދިޔަ އެވެ. އެއީ، ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، 7،000 ހައުސިން ޔުނިޓެވެ.

އެ ތަންތަނަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ވަދެވޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. ތޮއްޖެހިގެން މީހުން މިދިޔަ ހަފުތާގައި ފޯމު ހުށަހެޅީ އެ ފްލެޓްތަކަށެވެ.

އެ މަޝްރޫއުގެ އެންމެ ފްލެޓަކަށް ވެސް ނުވަދެވި އުޅެނިކޮށް، ރިޔާސީ އިންތިޚާބަށް ދެ މަހަށް ވުމުން، ދެން އަނެއްކާވެސް އިއުލާންކުރީ "ބޯހިޔާވަހިކަމުގެ ހުވަފެނީ" މަޝްރޫއެކެވެ. މާ ބޮޑު ތަފްސީލުތަކެއް، ފްލެޓް އަޅަން ފައިސާ ހޯދާނެ ގޮތެއް އާއްމުނުކޮށް އިއުލާން ކުރީ، 300،000 މީހުންނަށް، ވިލިމާލެ 2 މަޝްރޫއު އެވެ. ގުޅީފަޅުން 230 ހެކްޓަރާއި ފުށިދިއްގަރު ފަޅުން 800 ހެކްޓަރު ބިން ހިއްކައިގެން ޖުމްލަ 80،000، ފްލެޓާއި ބިން ދޫކުރަން ސަރުކާރުން ވައުދުވެ، ކުރިމަތިލާން ފޯމު ވެސް ދޫކުރި އެވެ. މާ ބޮޑު ޝަރުތެއް ނެތް، އެ މަޝްރޫއުން ފޯމުތައް ވެސް ވަނީ ބަލައިގެންފަ އެވެ.

ފަސް އަހަރު ވިއިރު، މި ސަރުކާރުން، މާލެ އާއި ހުޅުމާލޭގައި އިމާރާތްކޮށް، ބަޔަކު ދިރިއުޅެން ފެށި ފްލެޓެއް ނެތެވެ. އެހެންވެ، މި ސަރުކާރުން ދެއްކި ބޯހިޔާވަހިކަމުގެ ހުވަފެންތައް ވާނީ "ބިލާހަކަށް" ކަމަށް ދުށް މީހުން މަދެއް ނޫނެވެ. އެއާއެކު، ރައީސް ޔާމީނަކީ، ބާރު ސްޕީޑުގައި ތަރައްގީ ގެންނެވި ވެރިއަކަށް ވާތީ، އެމަނިކުފާނަށް އިތުބާރު ކުރި ބަޔަކު ވެސް ތިއްބެވެ.

ފޯމު ހުށަހެޅި އެންމެންނަށް ފްލެޓް!

އެ އިތުބާރާ މެދު ޝައްކު އުފައްދާނެ ޖާގަ ދެއްވީ ރިޔާސީ އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، އަަމަލު ކުރެއްވި ގޮތުންނެވެ. ހުޅުމާލެ ދެ ވަނަ ފިޔަވައްސާއި ވިލިމާލެ 2 މަޝްރޫއަށް ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ދޭނެ ކަމަށް އިއުލާން ކުރެއްވީ އެވެ.

ފްލެޓަށް އެދި ފޯމު ހުށަހަޅަން ދިޔަ ބަޔަކު މަޑުކޮށްލައިގެން.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެމަނިކުފާނު [ރައީސް ޔާމީން] ވިދާޅުވީ މިހާރު ފޯމު ހުށަހަޅާފައިވާ ހުރިހާ ރައްޔިތުންނަށް އަދި މި މަހުގެ ނިޔަލަށް ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާ ހުރިހާ ރައްޔިތުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް،" ރައީސް ޔާމީންގެ ރައްޔިތުންނަށް ދެއްވި މެސެޖް އާއްމު ކުރައްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

"އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން ދިވެހި ހުރިހާ ރައްޔިތުންނަށް އެރުވުމަށް އެމަނިކުފާނު އަޅުގަނޑު ގާތު ދެންނެވީ."

ބޭނުމަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލަ އިން އިހްސާސްތަކާ ކުޅެ، ސީދާ، ވޯޓަށް ނުފޫޒު ފޯރުވުން ނޫން، އިތުރު ކޮން ކަމެއް ހެއްޔެވެ؟ ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މީހުންނަށް ހައްލު ހޯދުމަކީ އެހާ ފަސޭހަ އިން ކުރެވެން އޮތް ކަމެއް ކަން ކަމެއް ކަން ސަރުކާރަށް މާ ރަނގަޅަށް ވެސް އެނގޭނެ އެވެ. އެހެން ނޫން ނަމަ، ރައީސް ޔާމީންގެ ފަސް އަހަރުގައި އެއީ، ފުއްދަވައި ދެއްވާނެ ވައުދެކެވެ.

އަލުން ފޯމު ހުށަހަޅަން ޖެހުން، ބޮޑު ތަކުލީފެއް!

ރައީސް ޔާމީނަށް އިންތިޚާބު ނާކާމިޔާބު ވެވަޑައިގަތުމާ އެކު އެމަނިކުފާނު ވެވަޑައިގަތް ވައުދު، ދެން ހަވާލުވާ ސަރުކާރުން ފުއްދައި ދޭނެ ހެއްޔެވެ؟ ރައީސް ޔާމީން ވައުދުވެވަޑައިގަތް ގޮތަށް، ފޯމު ލީ އެންމެންނަށް ފްލެޓް ދޭނެ ހެއްޔެވެ؟ މި ސުވާލުތަކުގެ ތެރޭގައި ތިއްބައި، ބަޔަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އޭސީސީން ތަހުގީގު ފަށައި، ހިޔާ މަޝްރޫއު އިއްޔެ ހުއްޓުވައިފި އެވެ. އެހެންކަމުން މުޅި މަޝްރޫއާ މެދު ވެސް މިހާރު މިވަނީ ސުވާލު އުފެދިފަ އެވެ.

ހިޔާ މަޝްރޫއުގެ ދަަށުން މީހަކު ފޯމެއް ހުށަހަޅަނީ- މިހާރު ފޮޓޯ: ހުސެން ވަހީދު

އިންތިޚާބު ކާމިޔާބު ކުރެއްވި، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ކެމްޕޭންގައި އެންމެ އިސްކަން ދެއްވި އެއް މައްސަލައަކީ ބޯހިޔާވަހި ކަމެވެ. އެއީ، އެމަނިކުފާނުގެ ސަރުކާރެއްގައި ހައްލު ހޯއްދަވައި ދެއްވާނެ ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. އަދި އެންމެ ބޮޑު ވައުދަކީ، ހައްގުވެރިންނަށް ފްލެޓް ދީ، ފްލެޓްތަކަށް ދައްކަން ޖެހޭ އަގު ކުޑަ ކުރެއްވުން ކަމަށް ވިދާޅުވި އެވެ.

ހައްގުވެރިންނަށް ފްލެޓް ދޭން އިދިކޮޅު ޕާޓީތަކުން ގެންގުޅޭނެ އުސޫލު އަދި ސާފެއް ނޫނެވެ. އެކަމަކު، ތޮއްޖެހިގެން އެތައް ބަޔަކު ފޯމު ހުށަހެޅުމާ މެދު ހަމްދަރުދީ ފާޅުކޮށް، އަލުން ހުޅުވާލަން ވަނީ ނިންމައިފަ އެވެ. އެއީ، ސިޔާސީ ގޮތުން މަޖުބޫރު، ނިންމުމަކަށް ވެދާނެ އެވެ.

އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި، އާ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވާލާނެ އެވެ. އެކަމަކު މިހާރު ފްލެޓަށް އެދި ހުށަހަޅާފައިވާ ގާތްގަނޑަކަށް 20،000 މީހުން ވެސް އަލުން ފޯމު ހުށަހަޅަން ޖެހޭނެތޯ ސާފެއް ނޫނެވެ. ނުވަތަ އަލުން ފުރުސަތު ދޭނީ، ފޯމު ހުށަހަޅަން ބޭނުންވެ ފުރުސަތު ނުލިބި ތިބި މީހުންނަށްތޯ ވެސް އަދި ނޭނގެ އެވެ.

އެކަމަކު، ބޮޑު ކިޔޫއެއްގައި ޖެހިގެން، ފޯމުލީ މީހުން ވެސް އަނެއްކާ ލިއުންތައް ހަމަކޮށްގެން ފްލެޓް ކިޔޫއަށް އަރަން ޖެހުމަކީ އެތައް ބަޔަކަށް ބޮޑު ތަކުލީފަކަށް ވާނެ ކަމެކެވެ.

"އާ ސަރުކާރުން ފްލެޓަށް އެދި ހުޅުވާލުމުން، މިހާތަނަށް، ހިޔާ ފްލެޓް ފޯމުގެ ނަމުގައި ލީ ހުރިހާ ފޯމެއް ބާތިލް ވާނެ ހެއްޔެވެ؟ އެހެން ކަމަށް ވާ ނަމަ، ހިތާމަ ހުރި ކަމެކެވެ. ގައުމުގެ ރައީސް ބަދަލުވިއަސް އެއްވެސް އިދާރާއެއް ބަދަލެއް ނުވޭ ނޫން ހެއްޔެވެ؟ އެހެންކަމުން ރައްޔިތުންގެ އިހްސާސްތަކަށް އިހްތިރާމް ނުކުރަންވީ ސަބަބެއް ނެތެވެ. ރައްޔިތު މީހާ އަކީ މަގާމް ބޭނުންވުމުން ފިރުމާފައި މަގްސަދު ހާސިލްވުމުން ބާކީކޮށްލާ ބަޔަކަށް ނުހަދާށެވެ،" އާ ރައީސް، އިބޫ އަށް މެސެޖެއްގެ ގޮތުގައި ޝިފާނާ ލިއެފައިވެ އެވެ.

އެއީ ތެދެކެވެ؛ ބޯހިޔާވަހިކަމުގެ ނަމުގައި ސިޔާސީ ފައިދާ ނަގާތާ އެތައް އަހަރެކެވެ. އިމާރާތް ނުކުރާ ފްލެޓްތާކާއި ނުހިއްކާ ފަޅުތަކުން ގޯތި ދޫކުރުމާއި ހެޔޮ އަގުގައި ފްލެޓް ދޭނެ ކަމާއި ކުލި ނުދެއްކޭ މީހުންނަށް ސަރުކާރުން އެހީވާނެ ކަމަށް ބުނުން ފަދަ ދޮގުތައް ހެދުން ހުއްޓާލަން ޖެހެ އެވެ. އިންތިޚާބުތަކާ ކައިރިވުމުން ބޯހިޔާވަހިކަމޭ ކިޔައި ރައްޔިތުންގެ އިހްސާސްތަކާ ކުޅެން ފުރުސަތު ދިނުން ވެސް ހުއްޓާލަން ވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދެ އަހަރު ނުވަތަ ތިން އަހަރަކުން ހައްލު ހޯދެން އޮތް ކަމެއް ނޫނެވެ.

45 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 83%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިތާމައަކީ

02 October 2018

މާލޭގަ ދުވަހަކުވެސް މީގެ ކުރިން ދިރިއުޅެފަ ނެތް އޭރުގަ ރަށުގަ ވަޒީފާ އަދާކުރާ ފަރާތެއް... ހުޅުމާލެ އަމިއްލަ ފުލެޓެއްގަ އުޅޭތީ ފެނުން....

The name is already taken The name is available. Register?

މަންޖެ ހުވަދޫ

02 October 2018

ފުލެޓްދޮންބެ ވަރެއް ހަމަ ނެތް

The name is already taken The name is available. Register?

މުހައްމާ

02 October 2018

ގާނޫނުއަސާސީގައި އަސާސީ ހައްގުގެ ގޮތުގައި ބޯފެނާއި ނަރުދަމާއާއި ބޯހިޔާވަހިކަމުގެ ވާހަކަ އެބައޮތެއް ނޫންހެއްޔެވެ؟ ގާނޫނަކުން މަނާނުކުރާހައި ހިނދަކު މީހަކާ ނީންނަނަމަ ނުވަތަ ދަރިން ނެތްނަމަ ބޯހިޔާވަހިކަމަށް ނޭދެވޭނެކަމަށް އުސޫލުތަކާއި ގަވާއިދުތައް ހެދޭނެ ހެއްޔެވެ؟ މިހެން ގަވާއިދާއި އުސޫލު ހަދާނަމަ ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނީވެސް މީހަކާ އިދެގެން ދަރިން ހޯދައިގެން ކަމަށް ލިޔެވިދާނެ ދޯއެވެ؟ މިހެން ހެދީމާ ގާނޫނުއަސާސީގެ ބޭނުމެއް ނެތް.

The name is already taken The name is available. Register?

ބޭއިންސާފު

03 October 2018

ރަށްރަށުގަ އެއްވެސް އަގަކާ ނުލައި ގޯތި ދެނީ އެރަށެއްގެ ރައްޔިތުންނަށް. އެކަމަކު މާލޭގަ ރައްޔިތުންނަށް ތިޔަބުނާ ޝަރުތު ހަމަނުވާތީ ނޫނީ ހަމަ ވިޔަސް މިއޮންނަނީ ނުލިބިފަ.

The name is already taken The name is available. Register?

މަރިޔަމް

02 October 2018

ފްލެޓް ލިބޭނީ އަބަދުވެސް ގާތްމީހުނަށް. އެމްޑީޕީއިންވެސް ދިނީ ހަމައެހެން

The name is already taken The name is available. Register?

ބަދަލުނުވުން

02 October 2018

އަނެއްކާވެސް ފޯމު ނުލެވޭ މީހުންނަށް ފްލެޓަށް ކުރިމަތިލުމަށް އާ ފުރުޞަތެއް ހުޅުވާދެންޖެހޭ، އެއީ ކުރިން ހުށަހެޅި ފޯމުތައް ބާޠިލް ނުވާގޮތަކަށް އަލުން ފޯމު ހުށަހަޅަން ނުޖެހޭގޮތަކަށް މިކަން އިންތިޒާމުކުރަންޖެހޭ. ރައްޔިތުންގެ އަތުން ކިހާ ފައިސާއެއްތޯ މި ޚަރަދުވެގެންދަނީ ނިކަމެތި މީހާގެ ކިހާ ވަގުތެއްތޯ މި އިސްރާފުވެގެންދަނީ.

The name is already taken The name is available. Register?

ބަދަލުނުވުން

02 October 2018

ކޮންމެ ބަޔަކުވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ފޯމު ލާން ތިބެނީ، ގޯސްވަނީ އިންތިޒާމު ކުރާ ފަރާތް. އެތައް މަހެއް ވެއްޖެ ފޯމުލާން ހުޅުވާލިތާ ވަގުތު ނުދެޔެކޭ ނުބުނެވޭނެ ވަގުތު ހަމަވުމުން ފޯމު ލީ މީހުންނަށް ފްލެޓް ލިބެންޖެހޭ އެކަމަށް ޝަރުޠު ހަމަވާ ކޮންމެ މީހަކަށްވެސް. ދެން ފްލެޓް ނުލިބޭ މީހުންގެ ފޯމުތައް ކެންސަލް ނުކޮށް އަނެއްކާވެސް އެ ފޯމުތައް ހިމެނޭގޮތަށް ކުރިން ފޯމުލީ މީހުންނަށް އިސްކަންދެވޭ ގޮތަށް އެބަޖެހޭ ފޯމު ބާޠިލް ނުވާނެ ގޮތެއް އޮންނަން

The name is already taken The name is available. Register?

ސޭޑް މޭން

02 October 2018

އޮންލައިން ސިސްޓަމަކަށް ބަދަލުކުރުމުގެ ވިސްނުން ނުގެން ގުޅުއްވާތީ ހިތާމަކުރަން!

The name is already taken The name is available. Register?

There's

02 October 2018

ތިފްލެޓުތަށް ބިނާކޮށް ނިންމާފަ ފޯމު ލާން ހުށަހަޅަން ޖެހޭނަަމަ ހަގީގަތުގަ ވަަރަށް ސަޅި ވާނެ. ސީދާ އޭގެ ހައްގުވެރިންނަށް ލިބޭނީ

The name is already taken The name is available. Register?

ނުބައިހާނު

02 October 2018

ހިޔާ ފްލެޓަށް ފޯމުލީ މީހުންނަށް އެންމެ ބުއްދިވެރިވާނީ އަލުން އާސަރުކާރުން ހުޅުވާލީމާ ފޯމު ލުމެވެ. އެއީ ހިޔާ ފޯމުތައް ހުރީ ޕާޓީ އޮފީހުގައިކަން ނުވަތަ ހައުސިންގ މިނިސްޓްރީގައިކަން ޔަޤީންނުވާތީ ގުރުއަތުލާއިރު، ނުވަތަ ޕޮއިންޓް ދޭއިރު ނަން އޮތްކަމުގެ ޔަޤީންކަން ނެތުނީމައެވެ.

The name is already taken The name is available. Register?

އިހުމާލު

02 October 2018

މަތީގައިވާ ފޮޓޯއިން ފެންނަނީ ނުބައިމަގުން ކަންކަން ރާވާފަ ތަނުގަ ތިބި މަގަތު މުވައްޒަފުންނާ ތަންޙަވާލުކޮށް ކޯޑިނޭޓަރުންނާ ސިޔާސީ މީހުން ފިލާފަވާތަން މީވަރަށް ދެރަކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454