ވެލެންސިއާގެ ފްރެންސިސް ކޮކެލިން (ކ) އަތުން ބޯޅަ ހޯދަން މެންޗެސްޓާ ޔުނައިޓެޑުގެ ނެމަންނާ މަޓިޗް މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ
03 އޮކްޓޯބަރ 2018 - 09:16
މެންޗެސްޓާ (އޮކްޓޯބަރު 3) – މައްސަލަތަކާ ކުރިމަތިވެފައިވާ މެންޗެސްޓާ ޔުނައިޓެޑް ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި ސްޕެއިނުގެ ވެލެންސިއާއާ އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި ޔުވެންޓަސް ވަނީ ޕައޮލޯ ޑީބަލާގެ ހެޓްރިކުން ސްވިޒަލެންޑުގެ ޔަންގް ބޯއިސް އަތުން 3-0 އިން މޮޅުވެފަ އެވެ. ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ވެލެންސިއާ އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ޔަންގް ބޯއިސް އޮތީ ޕޮއިންޓެއް ނުލިބި ފުލުގަ އެވެ.
ޔުނައިޓެޑުން ރޭގެ މެޗު ފެށީ ވަރަށް ރަނގަޅަށެވެ. އެކަމަކު މެޗު ކުރިއަށްދިޔަ ވަރަކަށް ވެލެންސިއާ އިން ދިޔައީ މެޗުގެ ތެރެއަށް ވަންނަމުންނެވެ. ދެ ހާފުގައި ވެސް ރަނގަޅު ފުރުސަތެއް ހޯދީ ވެލެންސިއާ އިންނެވެ.
މި މެޗަކީ ޔުނައިޓެޑް މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި ހަތަރު ވަނަ މެޗެވެ. ލީގު ކަޕުން ޑާބީ ކައުންޓީ އަތުން ބަލިވެ ކެޓިއިރު ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 3-1 އިން ބަލިވެ ވުލްވްސްއާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯއާ ބައެއް ކުޅުންތެރިންނާ ވަނީ މައްސަލަތަކެއް ޖެހިފަ އެވެ. ހާއްސަކޮށް ޕައުލް ޕޮގްބާއާ އެވެ. އެކަމަކު ރޭ މޮރީނިއޯ ވާހަކަދެއްކީ ޕޮޒިޓިވްކޮށެވެ. އޭނާ ބުނީ ކުޅުންތެރިން ވަރަށް މަސައްކަތްކުރި ކަމަށާއި ކުޅުންތެރިންގެ މަސައްކަތުގެ ލެވެލް ވެސް މަތި ކަމަށެވެ.
"ކައުންޓާ އެޓޭކުގައި ހަލުވި ޓީމެއް ހުއްޓުވަން ކުރި މަސައްކަތް ރަނގަޅަށް ކުރިން. އަހަރެމެންނަށް އެނގޭ ވިއްސަކަށް ފުރުސަތެއް ނުލިބޭނެކަން. އަހަރެމެންގެ އެޓޭކިން ކުޅުންތެރިން ތިބީ އެންމެ ރަނގަޅު ލެވެލެއްގައެއް ނޫން އިތުބާރާއި ވަކިވަކިވި ފެންވަރަށް ބަލާއިރު،" މޮރީނިއޯ ބުންޏެވެ.
ޔުވެންޓަސް އިން އަމިއްލަ ދަނޑުގައި ޔަންގް ބޯއިސް އަތުން މޮޅުވި އިރު ހުރިހާ ވެސް ތަފާތެއް ދެއްކީ ޑީބަލާ އެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި އޭނާ ފުރަތަމަ ގޯލް ޖެހީ ލިއޮނާޑޯ ބޮނޫޗީ ދިން ބޯޅައަކުންނެވެ. ދެ ވަނަ ގޯލް 33 ވަނަ މިނެޓުގައި ޖެހިއިރު ފަހު ގޯލް ޖެހީ ހުއާން ކުއަޑްރާޑޯ ދިން ބޯޅައަކުން 69 ވަނަ މިނެޓުގަ އެވެ. ރަތްކާޑުގެ ސަބަބުން މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕުތަރަދީފް
03 October 2018
މޮރީނިއޯ ޓީމަށް ހެވެއް އެދެންޏާ، ފޮނި އަނގަނުތަޅާ އަމިއްލައަށް އިސްތިއުފާދީބަލަ