މުނިފޫހިފިލުވުން / ބޮލީވުޑް

"ސުއީ ދާގާ" ގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ

"ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ ޕޯސްޓަރެއްގައި ވަރުން އާއި އަނުޝްކާ.

06 އޮކްޓޯބަރ 2018 - 08:58

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" އިން، ވަރުން ދަވަންއަކީ ބޮކްސް އޮފީހުގައި ރަސްކަން ކުރެވޭނެ އެކްޓަރެއްކަން އަނެއްކާ ވެސް ސާބިތުކޮށްދީ، ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދައިފި އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް ކްރިޓިކުން ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ އިރު، "ސުއީ ދާގާ" އަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ހުކުރު ދުވަހާ ހަމައަށް ލިބުނު އާމްދަނީ މިހާރު ވަނީ 90.36 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.

އިންޑިއާ އިން އެކަނި ފިލްމަށް ލިބުނު އާމްދަނީ ހަފުތާއެއްގެ ތެރޭގައި 62.50 ކްރޯޑް ރުޕީސް އަށް އަރާފައިވާ އިރު، ބެލެވޭ ގޮތުން މިއީ އަނެއްކާ ވެސް 100 ކްރޯޑްގެ އާމްދަނީއެއް ކަޑައްތުކުރާނެ ފިލްމެކެވެ.

ތަރަންގެ ޓްވީޓެއް.

ޝަރަތު ކަތަރިއާ ޑައިރެކްޓްކޮށްފައިވާ "ސުއީ ދާގާ" ގައި ކިޔައި ދެނީ ފަހައިގެންނާއި ޖަރީގެ މަސައްކަތްކޮށްގެން އަމިއްލަ ދިރިއުޅުން ކާމިޔާބުކުރާ ރަށްފުށުގެ ޒުވާން ދެމަފިރިއެއްގެ ވާހަކަ އެވެ. ވަރުންއާ އެކު ފިލްމުގައި ބަތަލާގެ ރޯލު ކުޅެފައި ވަނީ އަނުޝްކާ ޝަރްމާ އެވެ. މިއީ މި ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

ތަރަންގެ ރިވިއު.

"ސުއީ ދާގާ" އާ ބެހޭ ގޮތުން ގިނަ ކްރިޓިކުން ބުނީ މިއީ ވަރަށް ސާދާ ސީދާ ވާހަކައެއް ކިޔައިދީގެން ބެލުންތެރިންގެ ހިތްތައް އަތުލި ފިލްމެއް ކަމަށާއި ޝަރަތުގެ ސްކްރީންޕްލޭ ވަރަށް ވެސް ފުރިހަމަވެފައި، އޭނާގެ ޑައިރެކްޝަން ވެސް ވަރަށް މޮޅު ކަމަށެވެ. އަދި މި ފިލްމަކީ ބެލުންތެރިން ސިނަމާ ހޯލުގެ ސީޓްގައި އިށީނީއްސުރެން ފޫހި ކުރުވާނެ ހިނދުކޮޅެއް ނުދީ، ކްލައިމެކްސްއާ ހަމައަށް ވާސިލުކޮށްދޭ ވަރަށް ވެސް އަސަރުގަދަ އެހާމެ އިބުރަތްތެރި ފިލްމެއް ކަމަށް ބުންޏެވެ.

"ޕަޓާޙާ" އަކީ ފްލޮޕެއް.

އަދި ވަރުން އާއި އަނުޝްކާގެ އެކްޓިން ވަރަށް މޮޅު ކަމަށާއި ރަށްފުށުގެ ދެމަފިރިއެއްގެ ރޯލު އަސްލާ ވަރަށް އެއްގޮތަށް ދެ ތަރިން ވެސް ދައްކުވައި ދީފައިވާ ކަމަށް ކްރިޓިކުން ފާހަގަކޮށްފައިވެ އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމަށް ގިނަ ކްރިޓިކުން ދީފައި ވަނީ ތިނެއް ބައި ތަރީގެ ރޭޓިންއެކެވެ.

"ސުއީ ދާގާ" އާ އެކު ރިލީޒް ކުރި ވިޝާލް ބަރަދްވާޖްގެ ފިލްމު "ޕަޓާޙާ" ވެގެން ގޮސްފައި ވަނީ އޭނާގެ ލިސްޓަށް އިތުރުކޮށް ދިން އިތުރު ފްލޮޕަކަށެވެ. ރާދިކާ މަދަން އާއ ސާނިޔާ މަލްއުތުރާ ލީޑް ރޯލް ކުޅުނު މި ފިލްމަކީ ދެބޭންގެ ކޯޅުންތަކެއް ދައްކުވައިދޭ ޑާކް ކޮމެޑީއެކެވެ.

"ޕަޓާޙާ" އަށް ހުކުރު ދުވަހާ ހަމައަށް ލިބުނީ އެންމެ 7.64 ކްރޯޑް ރުޕީސް އެވެ.

އިއްޔެ ސިނަމާތަކަށް އައި ފިލްމުތަކަކީ އަޔޫޝްމަން ކުރާނާ އާއި ތައްބޫގެ "އަންދާދުން" އާއި އަލަށް ތައާރަފުވި އާޔޫޝް ޝަރްމާ އާއި ވަރީނާ ހުސައިންގެ "ލަވްޔާތުރީ" އެވެ.

މި ދެ ފިލްމުގެ ވިޔަފާރި އަށް ވެގެންދާ ގޮތެއް ކުރިއަށް މި ހަފުތާ ނިމިގެންދާ އިރު، އެނގިގެން ދާނެ އެވެ. ގިނަ ކްރިޓިކުން ބުނަނީ ސްރީރާމް ރަގްވަންގެ ސަސްޕެންސް ތުރިލާ "އަންދާދުން" އާ އަޅާކިޔާ އިރު، ސަލްމާން ހާން ޕްރޮޑިއުސް ކުރި ލޯބީގެ ފިލްމު "ލަވްޔާތުރީ" އަކީ ސުމެއްގެ ފިލްމެއް ކަމަށެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454