ސިނަމާލެ ބްރިޖް ދަތުރުތަކަށް ހުޅުވާލުމުން ބަޔަކު އެމްޕީއެލްގެ ބަހަކަށް އަރަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
09 އޮކްޓޯބަރ 2018 - 12:20
ސިނަމާލެ ބްރިޖު ހުރަސްކޮށް، މާލެ-ހުޅުމާލެއާ ދެމެދު ބަހުގެ ޚިދުމަތް ދެމުން އަންނަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭގައި ވެސް ބަސް ދަތުރުތައް ފަށަން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކުގެ އިތުރުން ބޮޑެތި އޮފީސްތައް ހިމެނޭ ގޮތަށް، "ކަނެކްޓިން" ބަސްތަކެއް މާލޭގައި ތައާރަފް ކުރަން ބޭނުންވާ ކަމަށެވެ. އަދި އެކަން ކުރަން ނިންމީ އެކަމަށް ބޮޑު ޑިމާންޑެއް އޮތުމުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ގިނަ ބަސްތަކެއް ގެނެސްގެން، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެމްވީކޭއިން ވެސް މާލޭގައި ކުރިން ބަހުގެ ޚިދުމަތް ދިނެވެ. އެކަމަކު މާގިނަ ދުވަހެއް ނުވެ، އެ ޚިދުމަތް ހުއްޓި ކުންފުނި ވަނީ ބަނގުރޫޓު ވެފަ އެވެ.
އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ، މާލޭގައި ޚިދުމަތް ދޭނީ މަގުތަކަށް އެންމެ އެކަށީގެންވާ ގޮތަށް ހަދާފައިވާ ފެންވަރު ރަނގަޅު، ހަނި އަދި ކުދި ބަސްތަކެއްގައި ކަމަށެވެ. އަދި އޭސީ ހަރުކޮށްފައި ހުންނަ އެ ބަސްތަކުގައި ދަތުރުކުރަން އާއްމުންނަށް މާބޮޑަށް ވެސް ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖުގައި ދުއްވާ 2 ބަހެއް ދަތުރުގައި. މާލޭގައި ވެސް ބަސް ދަތުުރުތައް ފެށުމަށް ވަނީ ނިންމާފައި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އަޅުގަނޑު ދެކޭ ގޮތުގައި ބަހުގެ ނިޒާމް ކުރިން މަސައްކަތް ނުކުރީ އެ ބަސްތައް މާބޮޑެތި ވެފައި، މާލޭގެ މަގުތަކުގައި ދުއްވަން ވެސް އުނދަގޫ ވުމުން. އަދި އެއީ ހޫނު ގަދަ ބަސްތަކެއް. އެކަމަކު އަޅުގަނޑުމެން މި ފަހަރު މި ގެންނަ ބަސްތައް މީހުންނަށް ވަރަށް ކޮންވީނިއަންޓް ވާނެ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ނިންމާފައިވާ ގޮތުން، އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ބަހުގެ ޚިދުމަތް މާލެއަށް ފެށޭނެ އެވެ. އަދި ފަށައިގަންނަ އިރު، 13 ބަސް އެ ޚިދުމަތުގައި ބޭނުން ކުރާއިރު، އާއްމުންގެ ތަރުހީބަށް ބަލައި، އެ އަދަދު އިތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.
މާލެ-ހުޅުލެ-ހުޅުމާލޭގައި ދަތުރު ކުރާ ބަސްތަކުގެ އިތުރުން، ހަމައެކަނި މާލޭގައި ދަތުރު ކުރާ ބަސްތަކުގެ ވަގުތާއި ދަތުރު ކުރާ މަގުތައް އެނގޭނެ ގޮތަށް މިހާރު ވަނީ މޮބައިލް އެޕެއް ތައްޔާރު ކޮށްފަ އެވެ.
ހަލީމް ވިދާޅުވީ، ބަސް ދަތުރު ކުރާ ރޫޓާއި އޮތް ސަރަހައްދު އެ އެޕުން ބަލައިލެވޭނެ ކަމަށެވެ. އަދި ޓިކެޓު ވިއްކުމުގެ ބަދަލުގައި، ކުރިއަށް އޮތްތަނުގައި ބޭނުން ކުރާނީ ރިޗާޖަބަލް ކާޑެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން ޖެހޭނީ ބަހަށް އަރައި، އޭގައި އިންނަ ޑިވައިސްއެއްގައި ކާޑު ޖައްސާލަން. ޓެބް-ޓު-ޕޭ އުސޫލުން މި ހިދުމަތް ބޭނުން ކުރެވޭނެ." ހަލީމް ވިދާޅުވި އެވެ.
ބަހުގެ ހިދުމަތް އެމްޕީއެލްއިން ދޭން މި ފެށީ، ސިނަމާލެ ބްރިޖް ހުޅުވުމާ އެކު އެވެ. ބްރިޖް ހުރަސްކޮށް ދަތުރުކުރުމަށް އެ ކުންފުނިން މިހާރު ނުވަ ބަސް ބޭނުން ބޭނުން ކުރާއިރު، އަމާޒަކީ 22 ބަސް ހިދުމަތަށް ނެރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުލު
09 October 2018
ޙުޅުމާލޭގައި ގިނަ މަގުތައް ވަރަށް ހަނި...ޚައްސަކޮށް ބީޗް މަގުތައް...ދެން ކޮން ބަހެއް ދުއްވޭނީ
ކަމަކު ނުދޭ
09 October 2018
މާލޭގަ ދުއްވަން ތިބަސްތައް މާބޮޑު....ހެންވޭރު ކާނިވަލް ސަރަހައްދުގަ ބަސް ޓާމިނަލްއެއް ނުވަތަ ބަސް ސްޓޮޕެއް ހަދަންޖެހޭ
ބޮސް
09 October 2018
މާލަސްވެއްޖެ ތިކަންކުރަން މިހާރުވެސް....ޓެކްސީ ޑްރައިވަރުން ސައިޒް ކުރަންޖެހޭ އެބަ!
ޙަސަންބޭ
09 October 2018
ކޮބާ ކުޅުދުއްފުށީގައި މިދިޔަ އަހަރު (3 މަސް ތެރޭގައި އެމް ޕީ އެލް އިން) ފަށަންބުނި ބަހުގެ ހިދުމަތް؟
މަޖޫރިން
09 October 2018
ކޮންޓެއިނަރ ތިރިނުކޮށް މަޖޫރިން މުޅިރެޔާދުވާލު ހޭލާ ބައިތިއްބަން ލަދުހަޔާތްކުޑަ މެނޭޖްމެންޓް އެއް އޮތްތަނެއްތީ.
މީވީގޮތޭ
09 October 2018
ތަފާތު ނަންނަމުގައި އޮފީސްތަކާއި ކުންފުނިތައް އުފައްދަނީ ތަފާތު މަސައްކަތް ކުރުމަށެވެ. ޕޯރޓްސް ލިމިޓަޑް އުފެއްދީ ވަކި ބޭނުމަކުއެވެ. ދެން އެމްޑީ އަށް ފެނުނީމައި އެތަނުން ޑޮކްޓަރުން ގެނެސްގެން ބޭސްފަރުވާދީ, އާސަންދައިން ސްޓޭމްޕްވިއްކާ ހެދީމާ މިވަނީ ބޮޑު އޮޅުންގަނޑަކަށެވެ. ތަނަކުން ކަޓް ލިބޭގޮތަށް ޖަނަރޭޓަރުތަކެއް ލިބޭއިރަށް ކަސްޓަމްސްއިން ކަރަންޓްދޭން ފެށިމާ, ކަރަޕްޝަނަށް މަގު ފަހިވުން ނޫންގޮތެއް ނުވާނެއެވެ. އެމްޓީޓީސީއަށް ތިކަން ނުވަންޏާ, އިންލަންޑް ޓްރާންސްޕޯރޓް ކިޔާފައި ތަނެއް ހަދައިގެން ކަމުގައި ވިޔަސް, އެކުންފުންޏެއްގެ މެމަރަންޑަމްގައި ހުރިކަމެއް ނޫންކަމެއް ކުރިޔަދީގެން ނުވާނެއެވެ. އަދި މިމީހުން މިހާރުވެސް ސައިހޮޓާވެސް އެބަ ހިންގައެވެ.
ރަންބުއްދި
09 October 2018
މިގައުމުގަ ސިފައިން ވިޔަފާރިވެސް ކުރޭ.މީ މީހުން ކޮސްކަންތައް ކުރާ ރާއްޖެއެކޭ
ގަދަ
09 October 2018
ތިކަމަކީ ކުރެވިދާނެ އަދި ކުރަންވެސްޖެހޭކަމެއް. ޢެކަމު ބްލޮކެއްނެތި ދުއްވޭގޮތަށް މާލޭގެ މަގުތައް އަޕްގުރޭޑް ކޮއްލަންޖެހޭ. ޢެގޮތުނަ 1. ކަސްޓްމް ބިލްޑިންގުން ފެށިގެން 1 ނަންބަރު ޖެޓީއާހަމައައް މަތިން ބުރިޖުކޮޅެއް ހަދާ ޙައިވޭއެއް ހިއްލާލުނެ. މީކުރެވިދާނެކަމެއޮ 2. މަރުކަޒު ދެފަރާތު މަގު ހުޅުވާލުން 3. ވެސްޓުޕާރކު ކާރި މަގު ފުޅާކުރުން އަދި މަގުން ބޭރުން ޕާކު ކުރެވޭނެ ގޮތް ހެދުން. ޢޭރުން ބުލޮކެއް ނެތި ބަސް ދުއްވާލެވޭނީ.
ފޫހި
09 October 2018
މާލޭގައި ތިޔަކަން ފެށުން ރަނގަޅު. އެކަމަކު ތިޔަކަންކުރަންޖެހޭނީ ދަތުރުވެރިޔާއަށް ވޭނަކަށް ނުވާގޮތަށް. މާލޭގައި ދުއްވާ ބަސްތައްވެސް އެ ކަންޑައެޅިފައިވާ ރޫޓުތަކުން މީހުންނަގައިގެން ހުޅުމާލެއަށް ދާންޖެހޭނެ. އެހެންނޫނީ އެއްބަހުންފައިބައިގެން އަނެއްބަހަށް އަރާ ނުވަތަ ދެން ޖެހިގެން އިންބަސް އަންނަންދެން އެތައް އިރެއް ބަސް ސްޓޮޕްގައި ތިބެންޖެހޭނެ. ބަހުގެ ޚިދުމަތް ކާމިޔާބުވާނީ ސްޓޮޕްގައި ގިނަވެގެން 10 މިނިޓުން ބަސްލިބޭގޮތަށް އޮތުމުން.
ހެހެހެހެ
09 October 2018
ތިޔަ ކުންފުނީގެ މެންޑޭޓް ތެރޭ ހިމެނޭކަމެއްތަތީ ޓްރާންސްޕޯޓްގެ ހިދުމަތް ދިނުން.?
ހެޕީ
09 October 2018
ވަރަށް ރަނގަޅު ކަމެއް.