15 އޮކްޓޯބަރ 2018 - 08:56
ޝަންހާއީ، ޗައިނާ (އޮކްޓޫބަރު 15) - ޝަންހާއީ މާސްޓާސް ތަށި އުފުލާލުމަށް ފަހު މިހާރު އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އަލުން އެރުން ކަމަށް ސާބިއާގެ ހުނަރުވެރި ޓެނިސް ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.
އިއްޔެ ކުޅުނު ފައިނަލުގައި ޖޮކޮވިޗް ވާދަކުރީ ކްރޮއޭޝިއާގެ ބޯނާ ކޮރިޗްއާ އެވެ. އެ މެޗުން ޖޮކޮވިޗް މޮޅުވީ 6-3 6-4 އިންނެވެ. ފައިނަލް މެޗު 97 މިނިޓަށް ދިގު ދެމިގެންދިޔައިރު، މިއީ ޖޮކޮވިޗް މި މުބާރާތުގެ ތަށި އުފުލާލި ހަތަރު ވަނަ ފަހަރެވެ.
މިދިޔަ އަހަރު އަނިޔާގެ ސަބަބުން ފޯމު ގެއްލުމުން ޖޮކޮވިޗް ވަނީ ދުނިޔޭގެ ރޭންކިންގެ ފަހަތަށް ވެއްޓިފަ އެވެ. އޭރު އޭނާ ދުނިޔޭގެ ރޭންކިންގެ 22 ވަނަ އަށް ވެސް ވެއްޓުނެވެ.
އެކަމަކު އަނިޔާއިން ރަނގަޅުވެ އަލުން ފޯމަކަށް އައިސް އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ރޭންކިންގައި ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ. ޝަންހާއީ މާސްޓާސްގެ ކާމިޔާބީ އަށް ފަހު މިއަދު އާންމުކުރާ ޓެނިސް ރޭންކިންގައި ރޮޖާ ފެޑެރާ ފަަހަތަށް ޖައްސާލުމަށް ފަހު ޖޮކޮވިޗް ދެ ވަަނަ އަށް އަރާނެ އެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ސްޕެއިނުގެ ރަފައެލް ނަޑާލް އާއި ޖޮކޮވިޗް ދެމެދުގައި މިހާރު އޮތީ 215 ޕޮއިންޓުގެ ފަރަގެކެވެ. ޖޮކޮވިޗް ބުނީ އަލުން އެއް ވަނަ އަށް އެރުމަކީ މިހާރު ހުރި ފޯމަށް ބަލާއިރު ހާސިލްކުރެވޭނެ ކަމެކެވެ.
"މި ވަގުތު މި ހުރި ފޯމުގައި ކުރިއަށް ގޮސްފިނަމަ އަލުން އެއް ވަަނަ އަށް އެރޭނެ. އަސްލު އެންމެ ފުރަތަމަ މި ފޯމަށް އައި އިހުސާސް ކުރެވުނީމަ ވެސް ހިތުލައިގެން ހުރީ ފަސް ބެލުމެއް ނެތި ކުރިއަށް ގޮސް ކުރިން ހުރި ހިސާބަށްދާން. އެއީ އެއް ވަނަ،" އިއްޔެގެ ފައިނަލަށް ފަހު ޖޮކޮވިޗް ބުންޏެވެ.
ބަލިނުވެ 18 މެޗު ހަމަކުރި މުއްދަތުގެ ތެރޭގައި ޖޮކޮވިޗް ވަނީ ވިމްބަލްޑަން، ޔޫއެސް އޯޕަން، ސިންސިނާޓީ މާސްޓާސް އަދި ޝަންހާއީ މާސްޓާސް ކާމިިޔާބުކޮށްފަ އެވެ.
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނަޑާލް މި ވަގުތު ހުރީ ކުޅުމާ ދުރު އެވެ. އެކަމަކު އޭނާ ދާދި ފަހުން ބުނީ ކުޅުމަށް ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށާއި އެއް ވަނަ މަގާމު ދިފާއުކުރަން ބުރަކޮށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy