ވިލާ ކޮލެޖު: އެތަނުން ގިނަ އަދަދެއްގެ ކޯސްތަކަކަށް ވަނީ ފުރުސަތު ހުޅުވާލާފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އޮކްޓޯބަރ 2018 - 16:04
ވިލާ ކޮލެޖުން އަންނަ ޖެނުއަރީ މަހު ފަށާ 99 ކޯހަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.
ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖުން ބުނީ، ޑިގްރީ އާއި މާސްޓާޒް އަދި ޕްރޮފެޝަނަލް ޕްރޮގްރާމްތަކަށް އަންނަ ޑިސެމްބަރު 27 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. ސެޓްފިކެޓް ލެވެލް 2 އަދި ސެޓްފިކެޓް ލެވެލް ތިނަކާއި ފައުންޑޭޝަންގެ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖެނުއަރީ 31 ވަނަ ދުވަހެވެ.
ކޯސްތައް އިއުލާން ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވީ ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިއަސް، އޮންލައިންކޮށް ކޯސްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ކޯހަށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންލައިންކޮށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ވިލާއިން ކިޔަވައިދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރެގެން ބޭރުގެ ފެންވަރު ރަނގަޅު ކޯސްތައް ކިޔެވުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
ވިލާގެ ހެޑް އޮފް ހެލްތު ސައިންސް ޑރ. އަސްމާ އިބްރާހިމް ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ފެށި ނާސިންގެ ޑިގްރީ ކޯހަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެ ކޯހުގައި މިހާރު ވެސް 200 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު، މިހާރު ވެސް ވަރަށް ގިނަ ފޯމުތައް ހުށަހަޅާފައިވާކަމަށް ވިދާޅުވި އެވެ.
އަންނަ ޖެނުއަރީ މަހު ފަށާ ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ނާސިން، ހިއުމަން ރިސޯސް، ޝަރީއާ އަދި ލޯގެ ކޯސްތައް ހިމެނެ އެވެ. އެ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ވެސްޓް އޮފް އިންގްލޭންޑުގެ ކޯސްތައް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާ
17 October 2018
ވިލާ ކޮލެޖުން 99 ކޯސް ކިޔަނީ ނަންބަރު ގިނަ ކުރަން. ނަމަވެސް އަޞްލު މަންޒަރަކީ؛ ބެޗްލަރ އޮފް އެޑިއުކޭޝަން މިއީ އެންމެ ކޯހެކެވެ. މި ކޯހުގެ އެކި ސްޕެޝަލައިޒޭޝަންތައް ހުރެއެވެ. މިސާލަކަށް ޕްރައިމަރީ، މިޑްލްސްކޫލް، ސެކަންޑްރީ، އެސެސްމަންޓް، ޕެޑެގޮޖީ، ހެލްތު އެންޑް ފިޓްނަސް، ކަރިކިއުލަމް، ބިޒްނަސް، ސައިންސް، މިފަދަ ކިތަންމެ ސްޕެޝެލައިޒޭޝަނެކެވެ. މީގެ ކޮންމެ ސްޕެޝަލައިޒޭޝަނަކީ މުޅިން ވަކި ކޯހެއްކަމަށް ހެދުމުން 1000 ކޯސްވެސް ހަމަކުރެވިދާނެއެވެ.
ކޯސްމޭން
17 October 2018
އަދިވެސް ކޯސްތަށް ގިނަކުރޭ ތިޔަތަނުން ކިޔަވައިގެން ނުކުންނަ ގިނަމީހުންގެ އެއްވެސް ފެންވަރެއް ނުހުރޭ ޚާއްސަ ގޮތެއްގައި ޝަރީޢާ އަދި ޤާނޫނު
އަސްތާ
17 October 2018
ސޭޓުގެ ވިޔަފާރި ހާދަ ރަނގަޅޭ، މިޔައް މިކިޔަނީ ދެން ޖޭޕީ އަކީ ސިޔާ ޕާޓީ އެކޭ، ބަލަ ތީ ސޭޓެއް ހިންގާ ވިޔަފާރިއެކޭ.
ބާބޫ
17 October 2018
ކޯސް ގިނަޔަސް ފީ ފެނުނީމަ އަނބުރައި ގަންނާތީ ތިޔަތަނުން ކޯހެއްގަ ބައިވެރިވެވޭކަށް ނެތް ވާހަކަ ދަންނަވަން. މިހާރު ރާއްޖޭގައި ތަޢްލީމުގައި ވެލިޔުއެއް ނެތް، އެއީ ވިއްކާ ވިޔަފާރިއަކަށް ވެ ނިމިއްޖެ....ހިތާމަ.