އިންތިޚާބު ބާތިލްކުރަން ނުޖެހޭކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުން، އިދިކޮޅު ކޯލިޝަނަށް ތާއީދުކުރާ މީހުން އުފާފާޅުކުރަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 އޮކްޓޯބަރ 2018 - 13:39
އިންތިޚާބު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މަރުހަބާ ކިޔައިފި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބަލި ގަބޫލު ކުރެއްވުމަށް ފަހު، އިންތިޚާބު ބާތިލުކުރަން ރައީސްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން (އީސީ) ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދޭން އުޅުނު ކަމަށް ބުނެ އާއި ނަތީޖާ ވަކި ކޮޅަކަށް އަނބުރާލަން ކޮމިޝަނުން މަސައްކަތް ކުރި ކަމަށް ބުނެ އެވެ.
އިއްޔެ ބޭއްވި ޝަރީއަތުގައި އެ މައްސަލައިގެ ހުކުމް އިއްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އިންތިޚާބު ބާތިލްކޮށް، އަލުން އިންތިޚާބު ބާއްވަން އީސީގެ މައްޗަށް އަމުރުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެފައިވާ ކަމަށެވެ.
Welcome the decision of the #Maldives Supreme Court yesterday which respects the will of the people and paves the way for an orderly transfer of power. We look forward to working with the future government of Maldives and expect the full restoration of democratic institutions.
— EU to the Maldives (@EU_Maldives) October 22, 2018
އީޔޫން ކުރި ޓްވީޓް
އީޔޫން ކުރި ޓްވީޓެއްގައި ބުނީ ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމްކޮށް ސުޕްރީމް ކޯޓުގެ ހުކުމަށް މަރުހަބާ ކިޔާ ކަމަށެވެ. އެހެންކަމުން ބާރުތައް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން އަމާންކަމާއެކު ދާނެ ކަމަށް އުއްމީދުކުރާ ކަމަށް އެ ޓްވީޓްގައިގެ އެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި އަދި ޑިމޮކްރެޓިކް މުއައްސަސާތަކުގެ ބާރުތައް އަނބުރާ އިއާދަވާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އީޔޫގެ ޓްވީޓްގައިވެ އެވެ.
ވެރިކަމުގެ ބާރުތައް ބަދަލުކުރަން ދެކޮޅު ހަދާ ނަމަ ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ތޯމަސް ޒެކޯވްސްކީ ވަނީ ކުރިން ވިދާޅުވެފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމިން އަމަލު ކުރައްވަމުން ގެންދަވަނީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އީޔޫ އާއި ރާއްޖެއާ ދެމެދު ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އިންސާނީ ހައްގުތަކަށް އަރައިގަންނަ ސަރުކާރުގެ އިސް ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅަން އީޔޫގެ ކައުންސިލުން ވަނީ ނިންމައިފަ އެވެ. އަދި ސަރުކާރާއި ޝަރުއީ ދާއިރާއިން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫކާބީޅް
22 October 2018
ތިޔަ ފެންނަން ފެށީ ކޮޅުމަތި
ޝޮކްތެރަޕީ
22 October 2018
މަރުހަބާއެއް ނުކިޔާނެ އަނެއްކޮޅަ ނިމުންނަމަ. މީ އެބުނާ ޑިމަކްރަސީ އަކީ.
އަހުމަދު އިބްރާހިމް
22 October 2018
ތިއީ އެމްޑީޕީގެ ގޮތްޕެއް... އެމީހުން ބޭނުންވާ އެޖެންޑާ ގެންގުޅޭ ބަޔަކަށް ވާގިވެރިވެ ދިވެހި ދައުލަތް ބްލެކް މެއިލް ކުރުމަށް ފޫގަޅާފައި ތިބި ބައެއް..