ޔުވެންޓަސްގެ ފޯވާޑް ޕައޮލޯ ޑީބަލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
24 އޮކްޓޯބަރ 2018 - 08:51
މެންޗެސްޓާ (އޮކްޓޯބަރު 24) – މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީއާ އެކު، އެ ޓީމު 1-0 އިން ބަލިކޮށް ޔުވެންޓަސް އިން ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗް ގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލް 17 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ތަރި ޕައޮލޯ ޑީބަލާ އެވެ. ރޮނާލްޑޯ ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ އަށް ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ އާއި ޔުނައިޓެޑުގެ ކްރިސް ސްމޯލިން އެރި ނަމަވެސް ދެ ކުޅުންތެރިންގެ ދެމެދުން ގޮސް ލިބުނީ ގޯލް ކުރިމައްޗަށް ހުސްވި ޑީބަލާ އަށެވެ. އޭނާ ވަނީ އޭރު މަގާމް ގެއްލިފައި ހުރި ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
ޔުވެންޓަސް އިން ކޮންޓްރޯލްކޮށްގެން ކުޅުނު މި ހާފުގައި އެ ޓީމަށް އިތުރު ގޯލް ޖަހާނެ ފުރުސަތު ވެސް ލިބުނެވެ. އެ ޓީމުން 10 ޝޮޓް ފޮނުވާލައި 70 ޕަސެންޓް ބޯޅަ ޕޮޒެޝަން ހިއްސާކުރިއިރު ޔުނައިޓެޑަށް ފޮނުވާލެވުނީ އެންމެ ޝޮޓެކެވެ.
ޔުނައިޓެޑުން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި ނަމަވެސް މާ ރަނގަޅު ފުރުސަތުތަކެއް ނުލިބެ އެވެ. ޔުވެންޓަސް އިން ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑަށް މީގެ ދެ އަހަރު ކުރިން ބަދަލުވި ޕައުލް ޕޮގްބާގެ ޝޮޓް ވެސް އަމާޒުވީ ދަނޑި އަށެވެ.
ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޔުވެންޓަސްގައި ވަރަށް ފެންވަރު އެބަހުރި ކަމަށާއި ބައެއް މީހުން ހަމައެކަނި ރޮނާލްޑޯ އާއި ޑީބަލާގެ ވާހަކަ ދެއްކި ނަމަވެސް ޑިފެންޑަރުން ކަމަށްވާ ލިއޮނާޑޯ ބޮނޫޗީ އާއި ޖިއޯޖިއޯ ކިއެލީނީގެ ނަން ވެސް ފާހަގަކުރާ ކަމަށެވެ.
މިއީ ރޮނާލްޑޯގެ ލަނޑުން ރެއާލް މެޑްރިޑް އަތުން 2013 ވަނަ އަހަރު އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިވި ފަހުން ޔޫރަޕުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އޭސީ މިލާން އަތުން 1-0 އިން ޔުނައިޓެޑް ބަލިވީ ފަހުން އަމިއްލަ ދަނޑުގައި އިޓަލީގެ ޓީމެއް އަތުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ.
ރޭގެ މޮޅާ އެކު ޔުވެންޓަސް ގްރޫޕުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އޮތީ ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މި ދެ ޓީމު އަންނަ މަހުގެ 7 ގައި ޔުވެންޓަސްގެ ދަނޑުގައި ކުޅޭ މެޗުން ޔުވެންޓަސް މޮޅުވެއްޖެ ނަމަ ދެ ވަނަ ބުރު ކަށަވަރުވާނެ އެވެ. ތިން ވަނައިގައި ދެ ޕޮއިންޓާ އެކު އޮތީ ރޭ ސްވިޒަލެންޑުގެ ޔަންގް ބޯއިސްއާ 1-1 އިން އެއްވަރުވި ސްޕެއިނުގެ ވެލެންސިއާ އެވެ. ޔަންގް ބޯއިސް އޮތީ އެއް ޕޮއިންޓާ އެކު ފުލުގަ އެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ އަށް ޔުނައިޓެޑުގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ. ޔުނައިޓެޑަށް 2003-2009 އަށް ކުޅެ ރޮނާލްޑޯ ވަނީ އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލް
24 October 2018
ފޮޓޯގައި ހުރި ފޮރިނަރ ހާދަ ލޯތްބޭ!!!! >.<
އައިންތު
24 October 2018
އަސްލުވެސް. ސޯ ޑްރީމީ. މަގޭ ބޯއި ފްރެންޑަށް ވެބަލަ.
ލޯބި
24 October 2018
ސީރިއަސްކޮންތަ؟ އަޅޭ..
ޔާނާ
24 October 2018
ދޯ؟؟؟؟ އަދި އަލަށް މި ފެނުނީ މަށަށްވެސް.... ކުރިން އެނގެނީ ނޭމާ އަކާ ރޮނާލްޑޯ އަކާ ސަލާހަކާ މެސީއެއް... އެނޫން ނަމެއް އަޑެއް ނީވޭ... މަހީކުރީ އިޓަލީގަ އެއުޅޭ ރީތި ފިރިހެނުންގެ ތެރެއިން ކުލުންތެރިއެއްކަމަށް އެކަމު އާޖެންޓީނާޔޯ ހަބަރުގަ އޮތީ..
ޗީޗީޗީ
25 October 2018
ދެން އަޅޭ! ޗަކޮއިމެން މޮޔަވީތޭ.. ޗީޗީޗީ
ލޭޑީ ބޯއީ
27 October 2018
އަޅޭ!!! ހީއިސް ޑޭމް ހޮޓް!!!