ކުޅިވަރު / ކްރިސްޓިއާނޯ ރޮނާލްޑޯ

ރެއާލުގެ ރައީސަށް ރޮނާލްޑޯ ފާޑުކިޔައިފި

29 އޮކްޓޯބަރ 2018 - 21:34

ޓިއުރިން (އޮކްޓޫބަރު 29) - ރެއާލް މެޑްރިޑްގެ ރައިސް ފްލޮރެންޓީނޯ ޕެރޭޒަށް އެ ޓީމުގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފާޑުކިޔައިފި އެވެ.

މިއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 113 މިލިއަން ޑޮލަރަށް ޔުވެންޓަސް އަށް ބަދަލުވި ފަހުން ރެއާލާ ބެހޭގޮތުން އުމުރުން 33 އަހަރުގެ ރޮނާލްޑޯ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

"އަހަަންނަށް އެންމެ ބޮޑަށް އިހުސާސް ކުރެވުނީ ކްލަބްގެ ރައީސް (ޕެރޭޒް) އަށް އަހަރެން މުހިއްމު ނޫންކަން. ކުރިން ދިން ވަރުގެ މުހިއްމު ކަމެއް ފަހަކަށް އައިސް އަހަންނަކަށް ނުދޭ،" ފްރާންސްގެ މެގަޒިން އަކަށް ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި ބުންޏެވެ.

"ފުރަތަމަ ހަތަރު އަހަރު އަހަންނަށް ވަރަށް ރަނގަޅަށް ކަންތައް ކުރި. އެކަމަކު ފަހުން ހުރިހާ މަންޒަރެއް ފެނުނީ ތަފާތުކޮށް. ފަހުން އޭނަ އަހަންނާ މެދު ކަންތައް ކުރީ ވިޔަފާރީގެ ވިސްނުމުގައި. އޭނަ އަހަންނަށް ހިތްހެވެއް ނޫން."

ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު މިދިޔަ މެއި މަހު ރެއާލް ކޯޗުކަމުން ޒިނެދިން ޒިދާން ވަނީ ވަކިވެފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު ރޮނާލްޑޯ ވަނީ ރެއާލް ދޫކޮށްލާނެކަމުގެ އިޝާރާތެއް ދީފަ އެވެ. ފަހުން ރެއާލްގައި މަޑުކުރާނެ ކަމަށް ބުނި ނަމަވެސް ރޮނާލްޑޯގެ ނިންމުން ބަދަލުކޮށް ޔުވެންޓަސް އަށް ބަދަލުވީ ރެއާލުގެ ރައީސް ޕެރޭޒްގެ އަރިހުގައި އެދިގެންނެވެ.

ރޮނާލްޑޯ ބުނީ ޒިދާން ޓީމުން ދިއުމާ އޭނާ އެ ކްލަބް ދޫކޮށްލުމާ ގުޅުވައިގެން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

"ޒިދާން ވަކިވުމާއި އަހަރެން ކްލަބް ދޫކޮށްލުމުގައި ގުޅުމެއް ނެތް. ހަގީގަތަކީ ކްލަބްގައި އޭރު ހިނގަމުން އަންނަ ކަންތައްތަކާ ބެހޭގޮތުން އަހަންނަށް މާ ބޮޑު މައުލޫމާތެއް ވެސް ނުލިބޭ،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެން ކްލަބް ބަދަލުކުރީ ވަރަށް ގިނަ ކަންތައްތަކުގެ ސަބަބުން ތަފާތެއް ބޭނުންވެގެން. ރެއާލަށް ވުރެން ބޮޑު މުސާރައެއް އަހަންނަށް ޔުވެންޓަސް އިން ނުދޭ. ބޮޑު މުސާރައެއް ބޭނުންނަމަ އަހަންނަށް ޗައިނާ އަށް ވެސް ބަދަލުވެވޭނެ. އެތަނުން ހީނުކުރާވަރުގެ ބޮޑު މުސާރައެއް ހުށަހެޅި."

ރޮނާލްޑޯގެ މައްޗަށް އެމެރިކާގެ ކުރީގެ މޮޑެލް ކެތަރިން މަޔޯގާ ކުރި ރޭޕުގެ ތުހުމަތުގެ ތަހުގީގު އަލުން ވަނީ ފަށައިފަ އެވެ. ލަސް ވެގަސްގެ ހޮޓަލެއްގައި 2009 ވަނަ އަހަރުގެ ޖޫން މަހު އޭނާ ރޭޕްކުރި ކަމަށް މަޔޯގާ ކުރާ ތުހުމަތުތައް ރޮނާލްޑޯ ވަނީ އޭނާގެ ވަކީލުން މެދުވެރިކޮށް ދޮގުކޮށްފަ އެވެ.

ރޮނާލްޑޯ ބުނީ ރޭޕްގެ ތުހުމަތުތަކަކީ ވަކި މަގުސަދެއްގައި ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ އަށް ގެއްލުމެއް ލިބުނަނުދޭން އޭނާގެ ވަކީލުންގެ ޓީމުން ކުރާ މަސައްކަތްތަށް ޝުކުރުއަދާކުރާ ކަމަށެވެ.

ރޮނާލްޑޯ ނެތި ރެއާލް ކުޅުނު ފުރަތަމަ އެލްކްލަސިކޯ މެޗުން ރޭ ވަނީ ވާދަވެރި ބާސެލޯނާ އަތުން 5-1 އިން ބަލިވެފަ އެވެ. އަދި މި ސީޒަނުގައި ރެއާލް ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ މަގާމުން ވަކިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

0 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 6%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454