ދިވެހި ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

މާޒިޔާ މޮޅުވެ، ޓީސީއާ ގާތަށް ޖެހިލައިފި

ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މާޒިޔާ

30 އޮކްޓޯބަރ 2018 - 00:07

3 comments

ކެޕްޓަން އަސަދުﷲ އަބްދުﷲގެ ހެޓްރިކާ އެކު ފ. ނިލަންދޫ 6-1 އިން ބަލިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޓީސީއާ ދެމެދު އޮތް ފަރަގު މާޒިޔާ އިން މިރޭ ދެ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި ޓީސީ އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެންނެވެ. ޓީސީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން މާޒިޔާ ދެ ވަނައިގައި އޮތީ 12 މެޗުން 28 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ށ. ފޯކައިދޫއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ޓީސީ އަށް އަލުން ފަސް ޕޮއިންޓުގެ ލީޑެއް ހޯދޭނެ އެވެ.

މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ނިލަންދޫ އަށް ލީޑުނަގައިދޭން އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ލޫކަސް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ޑިފެންޑަރުން ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ވަގުތުގައި ފަހަތަށް ދިޔަ ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް މުޅިން ހުސްކޮށް ވަދެ ލޫކަސް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

މާޒިޔާގެ ފުރަތަމަ ފުރުސަތު ލިބުނީ ޒުވާން މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖެންނޭ) އަށެވެ. އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ޖެންނޭ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ފަހުން އަސަދުﷲ އަށް ވެސް ހުސް ފުރުސަތެއް ލިބުނެވެ.

ފުރަތަމަ 15 މިނިޓަށް ފަހު މާޒިޔާ އިން އެއްކޮށް ކަހަލަ ގޮތަކަށް ކުރިއަށް ޖެހިގެން ނިލަންދޫގެ ފަހަތަށް ބާރުބޮޑުކުރަން ފެށި އެވެ. މާޒިޔާ އަށް ލަނޑު ޖަހައިދޭން މެޗުގެ 25 ވަނަ މިނިޓްގައި ސަމޫހު އަލީ (ސަމުއްޓެ) އަށް ލިބުނު ފުރުސަތުން އޭނަ ފޮނުވާލި ބޯޅަ ނިލަންދޫގެ ކީޕަރު އަލީ ސޮބާހު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން އަސަދުﷲ އާއި ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓަށް ރަނގަޅު ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެފަ އެވެ. އެ ޓީމުގެ އެޓޭކްތައް ހުއްޓުވަން ކީޕަރު ސޮބާހު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ލަނޑެއް ޖަހަން މާޒިޔާ އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 43 ވަނަ މިނިޓްގަ އެވެ. ސްޓެވާޓް ހުސްކޮށްލާފައި ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ އަސަދުﷲ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ނިލަންދޫގެ އަހުމަދު ނަބީލް އަށް އޭރިއާތެރެއިން ފައުލުކުރި ކަމަށް ބުނެ ޕެނަލްޓީއެއް ހޯދަން ނިލަންދޫގެ ކުޅުންތެރިންނާއި ބެންޗުގައި ތިބި އޮފިޝަލުން ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެކަމަކު ރެފްރީ މުހައްމަދު ޖާވިޒް ނިންމީ ފައުލެއް ނުވާ ކަމަށެވެ.

މާޒިޔާ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުފުޅާކޮށްފަ އެވެ. އެ ޓީމަށް ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް އީސާ (މެސީ) އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައެއް އޭނާ ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 30 ސިކުންތު ތެރޭގައި މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ އަސަދުﷲ އެވެ. ސްޓެވާޓް ނަގައިދިން ހުރަހަކުން އަސަދުﷲ މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ ދެ މިނިޓް ފަހުން ހިލޭ ޖެހުމަކުން އީސަ ނަގައިިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި އަމްދާން އަލީ (އެންޑީ) ވަނީ މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ ދާދު އެވެ. މެޗުގެ 58 ވަނަ މިނިޓްގައި އީސަ ދިން ބޯޅައެއް ހިފައިގެން ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޮސް ދާދު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ ފަހު 20 މިނިޓް ތެރޭގައި ނިލަންދޫ އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި މެޗުގެ 75 ވަނަ މިނިޓްގައި މާޒިޔާ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ލޫކަސް ވަނީ ނިލަންދޫ އަށް ގޯލެއް ކާމިޔާބު ކޮށްދީފަ އެވެ.

މާޒިޔާގެ ހަ ވަނަ ލަނޑު ޖަހައި އަސަދުﷲ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ ފަހު މިނިޓްގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު އިމާޒް (އާއްކޮ) ނަަގައިދިން ބޯޅަ އަސަދުﷲ ވަނީ ފަސޭހަކަމާ އެކު ގޯލަށް ފޮނުވާލައިފަ އެވެ.

މެޗާ ބެހޭގޮތުން ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ މާޒިޔާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް ކުޅޭއިރު 90 މިނިޓް ވެސް ޖެހޭނީ ސަމާލުވެގެން ކުޅެން ކަމަށެވެ. އަދި މި މެޗުން ބަލިވިއިރު ގިނައިން ވަނީ ފަސޭހަ ގޯލުތަކެއް ކަމަށާއި އެކަން ރަނގަޅުކޮށް ބޭނުންވާ ޓާގެޓަށް ވާސިލްވާން ކުރިއަށް ހުރި މެޗުތަކުން ތިން ޕޮއިންޓް ބޭނުންވާ ކަމަށެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ޖެހިޖެހިގެން މެޗުތަކުން މޮޅުވަމުން އަންނާތީ ޓީމުގެ ކޮންފިޑެންސް ވަރަށް ރަނގަޅު ވަމުން އަންނަ ކަމަށާއި މި މެޗުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ޖެހުމަކީ ކުރިއަށް ހުރި މެޗުތަކަށް އޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަަމަށެވެ.

ލީގުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓް ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. މާދަމާރޭ ޓީސީ ބައްދަލުކުރާނީ ށ. ފޯކައިދޫއާ އެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާޒިޔާ

30 October 2018

ދިވެހިރާއްޖޭގައި ހުރި އެންމެ މޮޅު އެންމެ ހުނަރުވެރި ފޯވާޑް އަސަކޯ. މަރުހަބާ އަސަކޯ.

The name is already taken The name is available. Register?

އާރީ

30 October 2018

ޓީސީއަކަށް ލީގެން ނުލިބޭނެ. މާޒިޔާ ނޫނީ އީގަލުސް ލީގުނަގާނި. މި ކޮމެންޓް ސޭވްކޮންލާފަ ބޮނޑް ފޮށީ ބައިންދާ

The name is already taken The name is available. Register?

ހަަހަ

30 October 2018

ތިކަން ތިހެން ވުމަކީ އަހަރެންގެވެސް އެދުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454