ލައިފްސްޓައިލް / އަންހެނުން

ރަޖާނީ ޕަންޑިތު: އަންހެން ޖޭމްސް ބޮންޑް

ރަޖާނީ: އޭނާ ސިފަ ކުރަނީ އިންޑިއާގެ ޝާކޮލްގެ ގޮތުގައި.

02 ނޮވެމްބަރ 2018 - 07:48

އިންޑިއާގެ މަހާރަޝްތުރާ ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރަޖާނީ ޕަންޑިތުއަކީ އާދައިގެ މީހެއް ނޫނެވެ. އޭނާ މިހާރު ލޭބަލް ކުރެވިފައި ވަނީ އިންޑިއާގެ ފުރަތަމަ ޕްރައިވެޓް އަންހެން ޑިޓެކްޓިވްގެ ގޮތުގަ އެވެ. ރަޖާނީ ސިފަކުރާ ގޮތުގައި އޭނާއަކީ އިންޑިއާގެ "ދޭސީ ޝާކޮލް" އެވެ.

މި އަންހެން މީހާގެ ވާހަކަ ހިއުމަންސް އޮފް ބޮމްބޭގެ ފޭސްބުކް ޕޭޖްގައި ހިއްސާކުރުމާ އެކު އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ރަޖާނީގެ އެންމެ ހާއްސަ ކަމަކީ ކުށުގެ ވެށީގެ ބޮޑެތި މައްސަލަތަކުގެ ތެރެއަށް އަމިއްލަ ފުރާނަ އަތަށް ލައިގެން ހިތްވަރާ އެކު ނުކުމެ މިނިވަން އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.

އުމުރުން 50 އިން މައްޗަށް ގޮސްފައިވާ ރަޖާނީ ބުނި ގޮތުގައި މިކަމެއް ފުރަތަމަ ފެށުނީ އުމުރުން 22 އަހަރުގައި އޮފީހެއްގެ ކާތިބާއެއްގެ ވަޒީފާ އަދާކުރަމުން ޕާޓްޓައިމް ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ވަރަށް ކުރީއްސުރެ ވެސް މައްސަލަތަކުގެ ތަހުގީގުތަކަށް ރަޖާނީގެ ޝައުގުވެރިކަން ހުރެ އެވެ. ސަބަބަކީ އޭނާގެ ބައްޕައަކީ އިންޑިއާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ގެ އޮފިސަރަކަށްވުމެވެ.

ރަޖާނީ މިހާތަނަށް 80،000 އަށް ވުރެ ގިނަ މައްސަލަތަކުގެ ތެރެއަށް ފީނައި، އެތައް ބަޔަކަށް އިންސާފު ހޯދައި ދީފައިވެ އެވެ. އޭގެ ތެރޭގައި މަރުގެ ބޮޑެތި މައްސަލަތައް ވެސް ހިމެނެ އެވެ. އަދި ބައެއް މައްސަލަތަކުގެ ތެރޭގައި އުޅެން ހަދައިގެން، މީގެ ކުރިން ރަޖާނީ ވަނީ ޖަލުގައި ވެސް ހައްޔަރުކޮށްފަ އެވެ.

މި ހިތްވަރު ގަދަ އަންހެން މީހާގެ ވާހަކަ އާންމު ކުރި ފޭސްބުކް ޕޯސްޓަށް އެތައް ހާސް ލައިކާއި ޝެއާ އަދި ކޮމެންޓްސް ލިބި އަދިވެސް އަންނަނީ އަދަދު އިތުރުވަމުންނެވެ.

ރަޖާނީގެ ވާހަކަ "ހިއުމަންސް އޮފް ބޮމްބޭ" ގައި ހިއްސާކޮށްފައި.

ބައެއް މީހުން ކުރި ކޮމެންޓްތަކުގައި ވަނީ ރަޖާނީގެ ވާހަކަ ބޮލީވުޑުން ފިލްމެއްގެ ގޮތުގައި ގެނެސް ދޭން ރަނގަޅު ކަމަށް ވެސް ބުނެފަ އެވެ. އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީން އަންނަނީ ރަޖާނީގެ ވާހަކަ ކިޔައިދޭ ފިލްމެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންނެވެ. "ލޭޑީ ޖޭމްސް ބޮންޑް" ގެ ނަމުގައި ވަނީ އޭނާގެ ޑޮކިއުމަންޓްރީއެއް ވެސް ކުރިން ހަދާފައިވެ އެވެ.

ރަޖާނީ ކިޔައި ދީފައިވާ ގޮތުގައި އޭނާ މިހާތަނަށް ތަހުގީގުކުރި މައްސަލަތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެކެވޭ ކަމަކީ އަންހެނަކު އޭނާގެ ފިރިމީހާ އާއި ދަރިފުޅު މަރައިލި ހާދިސާ އެވެ. ސިއްރުން ފުރިގެންވާ މި ހާދިސާގެ ތަހުގީގުގެ ތެރެއަށް ރަޖާނީ ފުންމައިލީ، ފިރިމީހާ އާއި ދަރިފުޅު މަރައިލި ކަމަށް ތުހުމަތު ކުރެވޭ އަންހެން މީހާގެ ނޯކަރެއްގެ ގޮތުގައި ހައެއްކަ މަސް ދުވަސް މަސައްކަތްކުރާ ގޮތަށެވެ.

ރަޖާނީ އޭނާ އަށް ލިބުނު ބައެއް އެވޯޑްތަކާ އެކު.

އެ ތަޖުރިބާ ކިޔައި ދެމުން ރަޖާނީ ބުނީ މި ތަހުގީގުގެ ތެރެއިން ދިމާވި އެންމެ ބިރުވެރި ކަމަކީ އަންހެން މިހާގެ ވާހަކަތައް އޭނާ ރިކޯޑް ކުރާކަން ފަޅާއަރައި، އޭނާ އަށް ޝައްކުވެ، ފުރާނަ އަށް ނުރައްކާ ވެދާނެ ހާލަތަކަށް ދިއުން ކަމަށެވެ.

"އެ ހިސާބުން އޭނާ އަހަރަން ބޭރަށް ދިއުން ހުއްޓުވައި ގޭތެރޭގައި ފާޑަކަށް ބަންދު ކުރި. އަދި އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހަކާ އެކު އަހަރެންގެ ދުވަސް ދުއްވާލަން ރާވަމުން ދިޔަ،" ތަހުގީގުތަކާ ބެހޭ ގޮތުން މިހާތަނަށް ދެ ފޮތެއް ލިޔެ، އެ ދާއިރާ އިން ވަރަށް ގިނަ އެވޯޑްތައް ވެސް ހޯދާފައިވާ ރަޖާނީ ބުންޏެވެ. "ސަލާމަތްވާން އަހަރެން ކުރި ކަމަކީ ވަޅިއަކުން ފައި ޒަހަމްކޮށްލައިގެން ބޭންޑޭޖް ހޯދަން ކަމަށް ބުނެ ގެއިން ނުކުންނަން ފުރުސަތު ހޯދީ. އެއަށް ފަހު ފުލުހުންނަށް ގުޅައިގެން އެ ދެ މީހުން ފުލުހުންނާ ހަވާލުކުރީ."

ރަޖާނީ ބުނި ގޮތުގައި ވަރަށް ގިނަ މީހުން އެކި ކަހަލަ މައްސަލަތަކުގައި އޭނާގެ އެހީތެރިކަން ހޯދަ އެވެ. އަދި އޭނާގެ މަސައްކަތުގެ ވާހަކަ އެއްބަޔަކު އަނެއް ބަޔަކަށް މިހާތަނަށް ފޯރާފައިވާތީ ތުންތުންމަތިން އޭނާއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން ކަމަށް ބުންޏެވެ.

"މިއީ ހަގީގަތުގައި ވެސް ވަރަށް ނުރައްކާތެރި މަސައްކަތެއް. ވަރަށް ހިތްވަރު ގަދަވެގެން ނޫނީ އަންހެނަކަށް އިންޑެޕެންޑެންޓްކޮށް ނުކުރެވޭ ކަހަލަ މަސައްކަތެއް،" ރަޖާނީ ބުންޏެވެ. "އަހަރެން ވަރަށް އުފާވޭ އަހަރެންގެ ހިދުމަތް ގިނަ ބަޔަކު ބަލައި ގަނެ، އަހަންނަށް އިތުބާރު ކުރާތީ. މި ގޮތުގައި ދެމި ހުންނަން ބޭނުން ވަނީ."

0 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454