އިންޑިއާގައި މުޅިން އަންހެނުންނާ އެކު ވަރުގަދަ ފެކްޓްރީއެއް ހިންގަން އަމާޒު ހިފައިފި އެވެ.
މި ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރިކް ވެހިކަލް (އީވީ) ޕްލާންޓަށް މަސައްކަތްކުރާ އޯލާ އިލެކްޓްރިކް ދަށުން ހިންގަން ހަމަޖެހިފައިވާ އޯލާ އިލެކްޓްރިކްސް ފިއުޗަފެކްޓްރީ އެވެ. ޓަމިލް ނާޑޫ ސްޓޭޓްގައި ހުންނަ ކުންފުނީގެ ޕްލާންޓާ އެކު މަސައްކަތްކުރާ ކުންފުންޏަށް 10،000 އަށް ވުރެ ގިނަ އަންހެން މުވައްޒަފުން ނަގަން ހަމަޖެހިފައިވާ އިރު، އޭގެ ފުރަތަމަ ބެޗްގެ ދަށުން މުވައްޒަފުން ނަގައި އެ މީހުންނަށް ތަމްރީނު ދިނުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
މި ވާހަކަ ޓްވިޓާގައި ހިއްސާކުރައްވައި އޯލާ އިލެކްޓްރިކްގެ ޗެއާމަން އަދި އޯލާ ގްރޫޕްގެ ސީއީއޯ ބަވިޝް އަގަރްވާލް ވިދާޅުވީ އިންޑިއާ އިން ބޭނުން ވަނީ މުޅިން ވެސް އަންހެނުންނާ އެކު ހިންގާ ފެކްޓްރީއަކާ އެކު ދުނިޔެ އަށް ނަމޫނާއެއް ދައްކަން ކަމަށެވެ. އަދި މިކަމަކީ އަންހުން ބާރުވެރިކުރުވުމަށް މިހާރުގެ ސަރުކާރުން ކުރާ މަސައްކަތަށް ދެވޭ ވަރަށް ބޮޑު އެހީއެއް ކަމަށާއި މީގެ ސަބަބުން އަންހެނުންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ އަދި ގައުމުގެ އިގުތިސާދުގައި މުހިއްމު ދައުރެއް އަދާކުރާނެ ބަޔަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
"އަހަރެމެން މިކުރާ މަސައްކަތާ އެކު އިންޑިއާ ވެގެން ދާނެ މުޅި ފެކްޓްރީ ހުސް އަންހެނުންނަށް ބަރޯސާވާ ތަނަކަށް،" ބަވިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަމްރީނު ދީގެން ގިނަ ބަޔަކު މަސައްކަތުގެ މާހައުލަށް ނެރުމަކީ އޯލާގެ ވަރަށް ބޮޑު މަގުސަދެއް ކަމަށެވެ.
މީގެ 10 އަހަރު ކުރިން އުފަންވި އޯލާ އަކީ ތަފާތު އެތައް ވިޔަފާރިއެއް ހިންގާ އަދި މިހާރު ރައުސުލްމާލު 6.5 ބިލިއަނަށް އަރާ ކުންފުންޏެކެވެ.
އޯލާ އިލެކްޓްރިކުން އުފައްދާ ބާވަތްތަކުގެ ތެރޭގައި އިލެކްޓްރިކް ސްކޫޓަރު ވެސް ހިމެނެ އެވެ.