އަދާލަތު ޕާޓީގެ ރައީސް އިމްރާން ރޭ އަދާލަތު ޕާޓީގެ އޮފީހަށް ވަޑައިގަތުމުން އޭނާއާ އެކު ބައެއް މީހުން ފޮޓޯ ނަގަނީ.--- ފޮޓޯ: އަދާލަތު ޕާޓީ
02 ނޮވެމްބަރ 2018 - 23:02
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކޮށްފައިވާއިރު، އެކަށީގެން ނުވާ މިންވަރަކަށް އެއްވެސް ކަމެއްގައި އެ ކޯލިޝަނުން އުންމީދު ކޮށްގެން ނުވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ، ޓެރަރިޒަމް ތުހުމަތުގައި 12 އަހަރަށް ޖަލަށް ލާފައި ވަނިކޮށް، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި އަމުރާ އެކު، އޭނާ މި ވަގުތަށް މިނިވަންވުމާ ގުޅިގެން ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި އޮތް އެ ބައްދަލުވުމުގައި އެ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، އެކަށީގެން ނުވާ މިންވަރަކަށް ކޯލިޝަނުން އުއްމީދު ކުރުމުގެ ނަތީޖާ އަކަށް ވާނީ އެ ކަމެއް ނުވުމުގެ މާޔޫސްކަމާ އެކު، ކުރިމަގުގެ ޖީލުތަކަށް އޭގެ ހިތްދަތިކަން ވާސިލް ކުރުން ކަމަށެވެ.
"ރާއްޖޭގައި ކޯލިޝަން ސަރުކާރެއް ކާމިޔާބު ކުރެވޭ ނަމަ، އެ މީހަކީ އިބްރާހިމް މުހައްމަދު ސޯލިހް،" އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސް ދައުރެއް އަދާކުރައްވާ އިދިކޮޅު ކޯލިޝަންގެ ކާމިޔާބީގެ އަސްލަކީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަން ފާހަގަކުރައްވަމުން އިމްރާން ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ ކެބިނެޓަށް ބޭފުޅުން އައްޔަން ކުރެއްވުމާއި ސަރުކާރުގެ ކުންފުނިތަކަށް މީހުން އައްޔަން ކުރުމާއި ރާއްޖޭގެ އިގްތިސޯދީ މައްސަލަތަކާއި ބޮޑެތި ކުށްތަކާއި ޖަރީމާތަކަށް ހައްލު ހޯއްދަވަން އިބޫ މަސައްކަތްޕުޅު ފެއްޓެވުމާ އެކު، ކަންތައްތަކުގެ ފަސް ޕަސެންޓު ވެސް ކާމިޔާބު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޝައިހް އިމްރާން (ކ) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް (ވ)، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) އާ އެކު އިއްޔެ އާޓިފިޝަލް ބީޗް ސަރަހައްދުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެއީ ކީއްވެ؟ އެއީ އެ އަށް ވުރެ މާ ގޮންޖެހުންތައް ގިނަ. އެހެންވީމާ، މި ހުރިހާ ކަމަކާ އަޅުގަނޑުމެން ކުރިމަތިލާއިރުގައި، އަޅުގަނޑުމެން ކޮންމެ މީހަކު ކުރިމަތިލަމާ ހިނގާށޭ މިއީ ތިމަންނަގެ އަމިއްލަ ޒިންމާއެކޭ ބުނެގެން. މި ކަމުން ފެއިލް ވެއްޖިއްޔާ މި ފެއިލް ވަނީ ތިމަންނައޭ ބުނެގެން،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ދީނާއި ގައުމުގެ މަސްލަހަތަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް އޭނާ ދޫކޮށެއް ނުލައްވާނެ އެވެ. އެކަމަކު ވިދާޅުވީ، އޭނާ އަކީ "ވަރަށް ބަލިކަށި، އާރެއް ބާރެއް ނެތް، ނިކަމެތި" ބޭފުޅެއް ކަމަށާއި ނުކުރެއްވޭނެ ވަރަށް ގިނަ ކަންތައްތައް ހުންނާނެ ކަމަށެވެ. ނަމަވެސް ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވި އެވެ.
Adhaalath Party ge Raees Imran Abdulla supportarunnaa baddhalukuravvanee. Live on FBhttps://t.co/7OjTNMontL
— Adhaalath Party (@AdhaalathOffice) November 2, 2018
އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ ވާހަކަ
އިމްރާން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށްޓަކައި ކޯލިޝަނުން ފެށި މަސައްކަތުގެ ނަތީޖާ ފެންނާނީ އެކުވެރިކަމާއި ސާބިތުކަންމަތީގައި ތިބެގެން ކަމަށެވެ. އޭގެ ބަދަލުގައި، ކަންކަން ނުވާ ކަމަށް ބުނެ އަދާލަތު ޕާޓީގެ ސަޕޯޓަރުން ފެއަށް ޖެހިއްޖެ ނަމަ، އެއީ އާރެއްބާރެއް ނެތް ޕާޓީ އަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި، ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ފަހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ކުރިމަތިލާއިރު، އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އެކަމަށް އިސްކަން ދިނުމަށް އިމްރާން އެދިވަޑައިގަތެވެ. އެކަމަކު، އެއީ އުނދަގޫ މަސައްކަތެއް ކަން ފާހަގަކުރައްވައި އިމްރާން ވަނީ އަމިއްލަ ވިސްނުމަށް ކަންކަން ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ. އަދި އެ މީހަކު ގަބޫލުކުރާ ގޮތަށް އެކަނި މަސައްކަތް ކުރަން ފަށައިފި ނަމަ، ތިން މީހުން އެއްކޮށް ދެ ދުވަސް ވަންދެން ނުތިބޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިދިޔަ ޖުލައި މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި އޭރު އިދިކޮޅު ކެންޑިޑޭޓް އަދި މިހާރު އިންތިޚާބީ ރައީސް އިބޫ (ކ) އާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މަޝްވަރާ ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް އުފައްދަންޖެހޭ އެއް ސިފަ އަކީ، މި މަސައްކަތުގެ އެންމެ މުހިންމު އެއް ސިފަ އަކީ އަނެކުންނަށްޓަކައި އަނެކުންގެ ރައުޔަށް، ވިސްނުމަށް އިހްތިރާމްކޮށް، ކޮންމެ ފަދަ ހާލެއްގައި ވެސް އެންމެން އެކުގައި ދެވޭނެ ގޮތަށް ވިސްނުން ބައްޓަން ކުރަން،" އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި، ކޯލިޝަންގައި ތިބީ ހަތަރު ފިކުރުގެ މީހުންކަން ގަބޫލު ނުކޮށް، މަސައްކަތް ފަށައިގަނެވޭނެ އެއްވެސް ހަމައެއް ނެތެވެ. ހަތަރު ޕާޓީގެ މީހުންގެ ވިސްނުމުގެ ތަފާތު އިމްރާން ނެންގެވީ އިބޫގެ ކެމްޕެއިން މެނިފެސްޓޯ އިންނެވެ.
އިމްރާން ވިދާޅުވީ، ހަތަރު ޕާޓީން "ތަޅާފޮޅައިގެން، ކޮށައި މަށައިގެން" މެނިފެސްޓޯ އާންމު ކުރެވުނީ އެތައް ބަޔަކު މާޔޫސްވި ފަހުން، ރިޔާސީ އިންތިޚާބަށް 3-4 ދުވަހަށް ވެފައި ވަނިކޮށް ކަމަށެވެ.
"އެކަމަކު، އުފާކުރާ ކަމަކީ އަޅުގަނޑުމެންނަށް ހައްލު ނެރެވޭ. ހައްލު ގެނެސްދެވޭ. އެކަމުގެ ހައްލު ގެނެސް ދެވެނީ ކިހާ އުނދަގުލުން، ކިހާ ބުރައިންތޯ، ކިހާ ތަކުލީފެއް އުފުލައިގެންތޯ އެއީ ސުވާލަކީ،" އިމްރާން ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"ކިތަންމެ ވިސްނުން ތަފާތު ވިޔަސް، ކިތަންމެ އެހެން ގޮތަކަށް ވިސްނުނަސް އަޅުގަނޑުމެން އެންމެން ތިބެން ވާނީ އެއްކޮށް. ވަރަށް ސާބިތުކޮށް. ވަރަށް ވިސްނުން ތަފާތު ވާނެ. އެކަމަކު އަޅުގަނޑުމެން ތިބެން ވާނީ އެއްކޮށް،" އޭނާ ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ، މިހާރު ރާއްޖޭގެ ސިޔާސީ ކަންކަމުގައި ހިނގާ ކަންކަމާ ގުޅިގެން، ކަންކަން ނިންމުމުގައި އަދާލަތު ޕާޓީ އަށް ވުރެ ބޮޑަށް މަޝްވަރާ ކުރާ ބަޔަކު ނޫޅޭނެ ކަމަށެވެ. އެކަމަކު ވެސް އެންމެން ބޭނުންވާ ގޮތަކަށް ކަންކަން ނުނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެގޮތެއް ނިންމުމަށް ފަހުގައި، އެންމެން މަޝްވަރާ ކުރުމަށް ފަހުގައި، ދެން ބަލައިގެން ނުވާނެ އޭގެ ނަތީޖާ އަކީ ކޮބައިތޯ؟ ނަތީޖާ އައިސްދާނެ ކޮންމެ ގޮތަކަށް ވެސް،" މަޝްވަރާ ކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން، ކީރިތި ރަސޫލާގެ ހަޔާތްޕުޅުން މިސާލު ދައްކަވަމުން އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާ ނިންމުން އެއީ ހައްގު ގޮތެއްކަން، މިއީ ރަނގަޅު ގޮތެއް ކަން ކަނޑައަޅައިދޭ ކަމެއް ނޫން ކާމިޔާބު ވުމާއި ނާކާމިޔާބު ވުމަކީ. ރަސޫލާ ބަދުރުގެ ދުވަހު ވެސް ނިންމެވީ ހައްގު ނިންމެވުމެއް. އުހުދުގެ ދުވަހު ވެސް ނިންމެވީ ހައްގު ނިންމެވުމެއް. އެއް ދުވަހު ކާމިޔާބުވީ. އަނެއް ދުވަހު ނާކާމިޔާބުވީ."
އަދާލަތު ޕާޓީގެ ދައުވަތަކަށް އެ ޕާޓީގެ އިސް ބޭފުޅުންނާ އެކު، އިބޫ މިދިޔަ ޖުލައި މަހު ބޭއްވި ބައްދަލުވުމަކަށް ފަހު، ގުރޫޕް ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
އިމްރާން ވިދާޅުވިގޮތުގައި، އަދާލަތު ޕާޓީގެ އާންމު މަސްލަހަތާ ގުޅޭ، ބޮޑު ކަމެއް ނަމަ އެ ކަމެއް ނިންމާނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުންނެވެ. އަދި އެފަދަ ކަމެއް މަޝްވަރާ މަޖިލީހުން ނިންމުމުން، މެމްބަރަކު އެ ކަމަކާ ކިތަންމެ ހިޔާލު ތަފާތު ވިޔަސް ސުވާލެއް ނެތް ނަމަ ކުރިއަށް ދާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ހުދު އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވެސް އެކަން ކުރާނީ އިރާދަކުރެއްވިއްޔާ އެހެން. އަޅުގަނޑު ވަރަށް ބޮޑަށް ޔަގީން ކޮށްގެން، ހަމަ މި ގޮތަށޭ މިކަން ހިފައިގެން ދާން ވާނީ، މަޝްވަރާ ކުރަން އިށީނދެފައި ދެ ބޭފުޅަކު، އެއް ބޭފުޅަކު ވާހަކަ ދައްކާއިރަށް އަޅުގަނޑު ބުނަން އޯކޭއޭ. މިހާރު އެއްބަސް ވެއްޖައީމޭ. މިހާރު ތި ގޮތަށް ދާންވީއޭ،" މަޝްވަރާ މަޖިލީހަށް އޭނާ ހުށަހަޅުއްވާ ކަންކަމާ އެހެން މެމްބަރުން ހިޔާލު ތަފާތުވުމުން، އެކަން ދޫކޮށްލައްވާ ކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މިދިޔަ ދުވަސްތަކުގައި އަދާލަތު ޕާޓީއަށް ލިބުނު ނިކަމެތި ކަމެއް ލިބިފައި ވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރުމުންނެވެ. އެކަމަކު، މަޝްވަރާ މަޖިލީހުގެ ނިންމުމާ އެކު، ކުރި މަސައްކަތްތައް ދަތިތަކާ އެކު ނަމަވެސް ކާމިޔާބު ވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޒިހާ
04 November 2018
ވަރައް މަކަރުވެރި އަދި ބުއްދިވެރިވާހަކައެއް..މިބޭފުޅާއަށް ސަރުކާރުން އިސްލާމިކު މިނިސްޓަރ ކަން ވަނީ ވަރައް ބޮޑަށް ޔަގީންވެފައި.. ގައިގެ ހަންކޮޅު ބޭނިގެން އުޅުނު މީސްކޮޅު މާބޮޑަށް ޑިމާންޑު ކުރުމުގެ ބޭނުމެއްނެތް ވާހަކަ އެވިދާޅުވީ... ގަދަ މަނިކުފާނު
ނާޒިހާ
04 November 2018
ވަރައް މަކަރުވެރި އަދި ބުއްދިވެރިވާހަކައެއް..މިބޭފުޅާއަށް ސަރުކާރުން އިސްލާމިކު މިނިސްޓަރ ކަން ވަނީ ވަރައް ބޮޑަށް ޔަގީންވެފައި.. ގައިގެ ހަންކޮޅު ބޭނިގެން އުޅުނު މީސްކޮޅު މާބޮޑަށް ޑިމާންޑު ކުރުމުގެ ބޭނުމެއްނެތް ވާހަކަ އެވިދާޅުވީ... ގަދަ މަނިކުފާނު
މުހައްމަދު އަހްމަދު
04 November 2018
އިމްރާނު އެދެއްކެވީ ރަނގަޅު ވާހަކަފުޅެއް... 2019ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށްފަހު، ކޯލިޝަންގެ އެންމެން ބޭރުކުރާނެ... އަނާރާ އަށް ވެސް ގޮނޑިއެއް ނުލިބޭނެ.. އެދާއިރާ އަށް މިހާރުވެސް އެމްޑީޕީން ކެމްޕެއިން ފަށައިފި.. އިބޫ ގެނައުމުގެ އަސްލު ކަމަށްވާ 12 މެމްބަރުންނަށްވެސް ފުރުސަތެއްނެތް.. އެ 12 ދާއިރާ އަށްވެސް އެމްޑީޕީން ކެމްޕެއިން ފަށައިފި..
ބޫމް
04 November 2018
ކިތައް މީހުންބާ ލިޔުން ކިޔާފައި ކޮމެންޓްކުރީ؟ އިމްރާންގެ މުޅި ވާހަކަ އަމާޒުކޮށްފައި އެވަނީ ކޯލިޝަނުގެ ވެރިކަން ދެމެހެއްޓުމަށް. މައްސަލަ އުފައްދާ ބަޔަކަށް ޢަދާލަތު ޕާޓީ ނުވުމަށް. އެ ޕާޓީން އެދޭގޮތް ނުވާ ފަހަރުވެސް ކެތްތެރިވެ ގޮތްދޫކުރުމަށް. އިމްރާންގެ މި ސިޔާސަތު ވެގެންދާނީ ކޯލިޝަން ބަދަހިކުރުމަށް ލިބޭ ބާރަކަށް. ﷲ ތިޔަބައިމީހުންނަށް ހެޔޮ ވިސްނުން ދެއްވައި، ދިވެހީންނަށް ފާގަތިކަން ދެއްވާނދޭވެ!
ޣޣ
03 November 2018
އެއްވެސް ވަރަކަށް އުންމީދެއް ނުކުރަން.... ކޯލިޝަން ރޫޅޭނެ އެމްޑީޕީން އެކަނި ވެރިކަން ކުރަން އުޅެގަތީމަ، ވެރިކަން ޖަހައިގަނެގެން 2008 ގަ ގޮތަށް....އަދި އެމްޑީޕީ ވެރިކަމުން ވައްޓާލަން ކޯލިޝަންގަ މިހާރު އުޅުއްވާ ޖޭޕީޔާ ރައިސް މައުމޫން އާއިލާއިން އުލުއްވަން ފެއްޓީމަ އެންމެ މަޖާވާނީ...ހިހީ
ޒުހޫރު
03 November 2018
މިހާރު މިވީ ކޯއްޗަކަށް؟ ކެމްޕެއިން ތެރޭ ދެއްކި ވާހަކަތަކަށް ބަލާފަ އަހަރެމެން ވޯޓު ދިނީ އޭރު ބުނި މިހެން ހަދާނަމޭ އެހެން ހަދާނަމޭ، އެއްދުވަސް ތެރޭ ރިލްވާނު މައްސަލަ ހައްލުކުރާނަމޭ މިވަރުން ދަންޏާ ދައުލަތުން ގެއްލުނު އެންމެ ފައިސާފޮއްޗެއްވެސ ނުފެންނާނެ، ޒިންމާ ވާނެ މީހަކު ނުހުންނާނެ، މީ ހަމަ އަބަދުވެސް މިވެރިން ކަންތައްކުރާ ގޮތް. ގޮނޑި ލިބުނީމަ ރާގު ބަދަލުވާނެ.މިހާ އަވަހަށް މާޔޫސްކޮށްލައިފި. އެކުވެގެން ބަހައިގެން ހަމަ ކަނީ. ރައްޔިތު މީހާ ނިކަމެތި
ރަންބުއްދި
03 November 2018
އިމްރާން ކޮސް ނުގޮވާ.ހުރިހާ ޕާޓީތައްގުޅިގެން އިލެކްޝަން ކާމިޔާބުކުރަން ނުކުތީ ތިމާމެން ގެ އަމިއްލަ އެޖެން ޑާއެއް ހާސިލް ކުރަންތަ ނުވަތަ ރައްޔިތުން ބޭނުންވާކަންތައްތަކެއް ކޮށްދިނުމަށް މެނިފެސްޓޯއެއް ގަ ހިމަނާ އެކަން ކުރަން ނަމަ ބޭކާރުވާހަކަނުދައްކާ ހިޔާލުތަފާތުމުގެ ވާހަކަ ނުދައްކަ ތިބައިމީހުންގެ ގޮތްދޫނުކުރުން އެއްފަރާތް ކޮށް ރައްޔިތުން ބޭނުން ވާކަންތައްތައް ކޮށްދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުމުން ނަތީޖާ ނުކުންނާނެ..
ޖަމްބޭ
03 November 2018
އުއްމީދުތަކެއް ހުރީމަ ވޯޓްދިނީ. ވާހަކަ ބަދަލުކުރަން ނޫޅޭ.
ކެނެޑީ
03 November 2018
އިބޫއަށް ތިއޮތީ އުނދަގޫ 4 “އަނބިން” ލައްވާލާފަ މިބުރު. ދީނީ “އަނބީ”ގެ އުދަގޫ މިހާރު ތިޔަޖެހުނީ އަދި ހުވާނުކޮށް އުޅެނިކޮށް ލޮަލް
ޣޣ
03 November 2018
ބަލާ އެމްޑީޕީ މީހުން ކިޔާ ގޯސް އެއްޗެހި.... ވަރަށް ހިތާމަ ހުރި....އަދާލަތު ޕާޓީން އެވަރަށް ތާއިދު ކުރީމަ ވެސް
އިހުމާލު
03 November 2018
ގައިމު ވެރިކަމަށް އަންނަން ވައުދުވީއިރު ތިކަމަކަށް ނުވިސްނާ. ކޮންމެ ރަށަކަށް ކޮންމެ ތަނަކަށްގޮސް ވައުދުތައްވަމުންދުވީ. މިހާރު ހަނދާންނެތުނީތަ