06 ނޮވެމްބަރ 2018 - 07:18
އެންޑްރޮއިޑް ސްމާޓްފޯނުތައް އުފައްދާ ކުންފުނިތަކުން 5ޖީ ނެޓްވޯކަށް ތައްޔާރުވަނީ އެވެ. ނެޓްވޯކް ޚިދުމަތްދޭ ކުންފުނިތަކުން ވެސް 5ޖީ އަށް ތައްޔާރުވަނީ އެވެ. މަސްރަހުގައި ޚަބަރުތައް ހުރި ގޮތަށް ބަލާއިރު، 2019 ގައި 5ޖީ ފޯނުތައް ބޭނުންކުރަން ފަށާނެ އެވެ.
އެޕަލް އިން ވެސް 5ޖީ އައިފޯނެއް އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެވެ އެވެ. ނަމަވެސް، 2020ގެ ކުރިން ތައާރުފުނުކުރާނެ ކަމަށް ވެ އެވެ.
5ޖީ އައިފޯނުގައި ބޭނުންކުރާނެ ކަމަށް ބުނެވެނީ އިންޓެލް މޯޑެމްއެކެވެ. ނަމަވެސް، އެޕަލް އިން ބޭނުންވާ ފެންވަރުގެ މޯޑެމްއެއް އިންޓެލް އަށް އަދި ނުއުފެއްދެ އެވެ.
އައިފޯނުތަކަށް މޯޑެމް އުފެއްދުމުގައި އެޕަލް އިން މީގެ ކުރިން އިތުބާރުކުރީ ކުއަލްކޮމް އަށެވެ. އެހެންނަމަވެސް، ޖެހުނު މައްސަލައެއްގައި ދެ ކުންފުނި ވަނީ ދެ އަތަށް އެނބުރިފަ އެވެ. ކުއަލްކޮމް ޗިޕްތައް ބޭނުންނުކުރަން އެޕަލް ވަނީ ނިންމާފަ އެވެ.
އެޕަލް އިން ކުއަލްކޮމް ޗިޕްތައް ދޫކޮށްލުމަކީ އެޕަލް އަށް ފަސޭހަ އިޚުތިޔާރަކަށް ނުވާނެ އެވެ. މުޅި ދުނިޔެ އަށް 5ޖީ ނެޓްވޯކް އަންނަ އަހަރު ތައާރުފުކުރާއިރު ތަންކޮޅެއް ފަހަތުގައި އެޕަލް އަށް އުޅެންޖެހިފައި ވަނީ ވެސް ކުއަލްކޮމްއާ ގުޅުން ރަނގަޅުނުވުމުންނެވެ. އެހެން ނޫން ނަމަ، 5ޖީ އައިފޯނެއް މިހާރު އުޅޭނީ ޓެސްޓް މަރުހަލާގަ އެވެ.
އިންޓެލް މޯޑެމްތައް މާ ބޮޑަށް ހޫނުވުން ވެފައި ވަނީ އެޕަލް ނުތަނަވަސްކުރުވާ ކަމަކަށެވެ. އެހެންނަމަވެސް، އައިފޯނުގައި އަޅުވަން ވާއިރަށް އެ މައްސަލަތައް ރަނގަޅުވާނެ ކަމަށް އެޕަލް ދެކެ އެވެ. ޗިޕްތައް ހޫނުވާ މައްސަލަ ރަނގަޅު ނުވެދާނެ ކަމަށް ބަލައި އެޕަލް އިން ވަނީ "މީޑިއާ ޓެކް" އާ ގުޅިފަ އެވެ. އެއީ އައިފޯނަށް ބޭނުންވާ ޗިޕްތައް ސަޕްލައިކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy