މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބަޔަކު ބައިވެރިވަނީ: ހައިރު ކުންފުނިން ހައްޖަށް ދާ މީހުން ފުރާނީ އަންނަ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު. --ފޮޓޯ:އޭޕީ
14 އޯގަސްޓް 2016 - 11:48
އަލްހައިރު ކުންފުނިން މި އަހަރު ހައްޖަށް ދާ މީހުން ފުރުން ލަސްވެއްޖެ އެވެ.
އެ ކުންފުނިން ހައްޖަށް ދާ 200 މީހުން ފުރާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ މާދަމާ އެވެ. އެކަމަކު މާދަމާ ނުފުރޭނެ ކަން އެ ކުންފުނިން މިހާރު ވަނީ އަންގައިފަ އެވެ.
ހައިރު ކުންފުނިން ވާހަކަ ދެއްކެވި އަހްމަދު ހުސެއިން ވިދާޅުވީ އިތުރު ކޯޓާ ހަމަޖެހުން ލަސްވުމުގެ ސަބަބުން، އެ ކޯޓާގައި ހައްޖަށް ފުރާ މީހުންގެ ކަންކަން ސައޫދީ އަރަބިއްޔާ އިން ނިންމަން ވަގުތު ނެގީ ކަމަށެވެ. މިހާރު ހުރިހާ ކަމެއް ހަމަޖެހި އެންމެން ފުރާނީ އަންނަ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ހަމަޖައްސާފައި އޮތީ އެންމެން އެއް ފްލައިޓަކުން ފުރާ ގޮތަށް. އެކަމަކު މިހާރު ދެ ފްލައިޓެއްގައި ފުރާނީ. ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ އެއްވެސް މައްސަލައެއް ނެތް،" އަހްމަދު ވިދާޅުވި އެވެ.
ރާއްޖެ އިން މި އަހަރު 2،000 މީހުން ހައްޖަށް ދާނެ އެވެ.
ރާއްޖެ އަށް 2،000 ކޯޓާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާ އިން ދީފައި އޮތަސް ފުރަތަމަ ހަމަޖެހުނީ 1،000 ކޯޓާ އެވެ. އެ އަދަދަށް އެއްބަސްވެ، އިސްލާމިކް މިނިސްޓްރީން ސޮއިކުރުމާ އެކު 1،000 މީހުންނަށް ހައްޖަށް ނުދެވޭނެ ކަމުގެ ބިރު ހީވި އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން ސައުދީ ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވައިގެންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކުރި މަސައްކަތްތަކުން ރާއްޖެ އަށް އިތުރު 1،000 ކޯޓާ ލިބުނުކަން ޔަގީންވީ މިދިޔަ ހަފުތާ ތެރޭގަ އެވެ.
ސައުދީން އެކި ގައުމުތަކަށް، އެ ގައުމެއްގެ އާބާދީ އަށް ނިސްބަތްކޮށް ކަނޑައަޅާ ކޯޓާގެ ދަށުން ރާއްޖެ އަށް ލިބެނީ 1،000 ޖާގަ އެވެ. އެކަމަކު އިތުރު 1،000 ޖާގަ ލިބޭނެކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ފުރަތަމަ ދިނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެ ޔަގީންކަމާ އެކު ކޯޓާ ހަމަޖެހި، ރާއްޖެ އިން މިދިޔަ އަހަރު ވެސް 2،000 މީހުން ހައްޖަށް ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
14 August 2016
އާއްމު މީހުން ކުރާ ވިޔާފަރިއަށް ސަރުކާރުން ނުވަދަ.މިކަހަލަ ކަންކަން ކުރާންމަ ރަގަޅުވާނެ. އަމިއްލަ ކުންފުނިތަކަށް މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ނުދޭންވީ. އޭގެ ބަދަލުގައި ހައްޖު ކޯޕަރޭޝަން އިން މިކަން ކުރަންވީ، އަމިއްލަ ކުންފުނިތަކުގައި އުޅޭ ތަޖުރިބާ ހުރި މީހުން ހައްޖު ކޯޕަރޭޝަންއަށް ނެގޭނެ. މިއުޅެނީ އަޅުކަމެއް ކުރަންވިއްޔަ. އަމިއްލަ ކުންފުނިތަކުން މީހުން ޓޫރިސްޓުންގެ ގޮތުގައި ގެންދޭ އެހެން ޤައުމުތަކަށް ޕެކޭޖް ހަދާިގެން.
ވޯލް
14 August 2016
މިވެސްދެން ޓްރެވަލއ އެންޑް ޓޫރިޒަމްގެ ވާރޝަންއެއް.
ދިސްވޭ
14 August 2016
ރާއްޖޭގެ އަމިއްލަ ކުންފުނި ތަކަށް މީހުން ހައްޖަށް ގެންދިއުން އެއީ ވާނެ ކަމެއް ނޫނެވެ. އެކަން ނުވާނެއެވެ. އެކަން ދަނެގަންނަންވީ ސަރުކާރުން. އެކަން ކުރެވޭނީ ސަރުކާރުގެ ހައްޖު ކޯރޕަރޭޝަން އަށެވެ. ހައްޖު ކޯރޕަރޭޝަން އިން އެކަނި މީހުން ހައްޖަށް ގެންދިއުމުގެ ކަންކަން ކުރިއަށް ގެންދިއުމަކީ ކަމަށް ހަމަޖައްސަންވީއެވެ.
ބިކާރީ ބަކުރުބެ
14 August 2016
މަށަށް ފެންނަނީ ސައިހޮޓާ ތަކާ ފިހާރަތައްވެސް ސަރުކާރުން ހިންގަން ފަށަން. އަދި ވަޒީފާ ނެތް އެންމެނަށް މަހަކު 1000ރ. ދީފަ ނަމަވެސް ވަޒީފާވެސް ދޭންއޭރުން ތަންކޮޅެއް ހަމަޖެހިލައިގެން އުޅެވިދާނެތޯއްޗެ!