މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބަޔަކު ބައިވެރިވަނީ: ބައެއް ހައްޖު ގްރޫޕްތަކުން މި އަހަރު ވެސް ވަނީ އިތުރަށް ފައިސާ ނަގާފައި.
03 އޯގަސްޓް 2016 - 17:23
ރާއްޖެއިން މީހުން ހައްޖަށް ގެންދަން ކުންފުނިތަކުން ފައިސާ ނެގުމުގައި މިފަހަރު ވެސް ބޮޑެތި އޮޅުވާލުންތަކާ އެކު، ކަނޑައެޅި އަަގަށް ވުރެ އެތައް ގުނައެއް އިތުރަށް ފައިސާ ނަގާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކުރީ އެ ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްގައިވާ އަގުތަކަށް ބަލައި އެއަށް ވުރެ އިތުރަށް ފައިސާ ނުނަގަން ޝަރުތު ކޮށްފަ އެވެ. ހުއްދަ ދޫކުރީ އެންމެ އަގު ހެޔޮކޮށް ހައްޖަށް މީހުން ގެންދަން އެއްބަސްވި ފަސް ކުންފުންޏަށެވެ. އެކަމަކު އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި އަގުތަކަށް ވުރެ އެތައް ގުނައެއް އިތުރަށް ބައެއް ކުންފުނިތަކުން ވަނީ ފައިސާ ނަގައިފަ އެވެ.
"ފުރަތަމަ ފައިސާ ދައްކަން ޖެހުނީ މިނިސްޓްރީ އަށް އެ މީހުން ހުށަހެޅި އަދަދަށް، އެ ފައިސާ ޖަމާކުރީ ކުންފުނިން ދިން އެކައުންޓަކަށް. އޭގެ އިތުރަށް 40،000ރ. ދޭން ޖެހުނީ ނަގުދު ފައިސާގެ ގޮތުގައި. މި ފައިސާ ދޭން ޖެހުނީ ހާއްސަ ޕެކޭޖަކުން ކޮޓަރި ކުއްޔާއި އެހެން އިންތިޒާމްތައް ހަމަޖައްސަން ކަމަށް ބުނެ،" މަންމަ ހައްޖަށް ފޮނުވަން ފައިސާ ދެއްކި މީހަކު ބުންޏެވެ.
"އެހެންވީމަ ޖުމްލަ އަހަރެން ދައްކަން ޖެހުނު 109،000ރ. މިއީ އަދި އާދައިގެ ޕެކޭޖެއް. މިއީ އެ މީހުން ހުށަހެޅި ޕެކޭޖްގައި ނުވެސް ހިމެނޭ އަގެއް."
- ޒައީ ހައްޖު ގްރޫޕުން ޕްރޮޕޯސަލްގައި ހުށަހަޅާފައި ވަނީ އިކޮނޮމިކް ޕެކޭޖްގެ ދަށުން 69،965ރ. ނެގުމަށެވެ.
- އެކްރޯ ކުންފުނިން ތިން އަގެއް ހުށަހަޅާފައިވެ އެވެ. އިކޮނޮމިކް ޕެކޭޖަށް 69،975ރ. އަދި ބިޒްނަސް ޕެކޭޖަށް ކަނޑައެޅީ 74،975ރ. އެވެ. ވީއައިޕީ ޕެކޭޖްގެ އަގަކީ 79،975ރ. އެވެ.
- މިނާ ހައްޖު ކުންފުނިން އިކޮނޮމިކް ޕެކޭޖްގެ އަގުގެ ގޮތުގައި ކަނޑައެޅީ 69،965ރ. އެވެ. ބިޒްނަސް ޕެކޭޖްގެ އަގުގެ ގޮތުގައި 90،656ރ. އަދި ވީއައިޕީ ޕެކޭޖްގެ އަގަކީ 112،129ރ. އެވެ.
- އަލް ހަރަމައިން ހައްޖު ކުންފުނިން އިކޮނޮމިކް ޕެކޭޖްގެ އަގެއްގެ ގޮތުގައި ކަނޑައެޅީ 57،999ރ. އެވެ. ބިޒްނަސް ޕެކޭޖްގެ ގޮތުގައި 65،000ރ. ހުށަހެޅިއިރު މި ކުންފުނިން ވީއައިޕީ ޕެކޭޖްގެ ދަށުން މީހުން ހައްޖަށް ގެންދަން ނިންމާފައެއް ނުވެ އެވެ.
- ސިސިލްފަރު ހައްޖު ކުންފުނިން ހުށަހެޅި އަގަކީ 69،969ރ. އެވެ. މި ކުންފުނިން ބިޒްނަސް އަދި ވީއައިޕީ ޕެކޭޖަ ނަގާ ގޮތަށް ހަމަޖައްސައިފައެއް ނުވެ އެވެ.
ކުންފުނިތަކުން އިއުލާންކޮށްފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ދެނީ، ބައެއް މީހުން ބުނިގޮތުގައި، ޖާގަ ނުލިބިގެން ހައްޖަށް ނުދެވޭނެ ކަމުގެ ބިރަށްޓަކަ އެވެ. އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް ކޯޓާ ދޫކުރާއިރު ވެސް ވަރަށް ބޮޑު ބައި ފުލްވެފައި އޮންނަ ކަމަށާއި ޖާގަ ހޯދަން ޖެހެނީ އިތުރަށް ފައިސާ ދައްކަން އެއްބަސްވެ ހަދާ ޑީލެއްގެ ދަށުން ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
"ޖާގަ ހޯދަން ދިޔައީމަ މި ބުނަނީ އަގު ހެޔޮ ޕެކޭޖް ހުސްވެފައޭ ހުރީ. ދެން ޕެކޭޖްތައް ކިޔާލާއިރު އޭގެ ތެރޭގައި އެބަހުރި ބޮލަކަށް 100،00ރ. އިން ފެށިގެން 150،000ރ. އާ ދެމެދުގެ ޕެކޭޖްތައް ވެސް. އަގުހެޔޮ ޕެކޭޖް ލިބުނު މީހަކާ އަދި ދިމައެއް ނުވޭ." މިހާރާ ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.
ކުންފުނިތަކުން ޕެކޭޖް ހަދާފައި ހުންނަނީ ހަރަމްފުޅާ ކައިރި ހޮޓާތަކުގައި ފެންވަރު ރަނގަޅު ކާއެއްޗެހި ލިބޭގޮތަށް ނުވަތަ އަނބިމީހާ އާއި ފިރިމީހާ އެއް ކޮޓަރިއެއްގައި ތިބެވޭގޮތަށް ނުވަތަ މަދު މީހުން ތަކަކަށް އެއް ކޮޓަރިއެއްގައި ތިބެވޭ ގޮތަކަށެވެ. އެކަމަކު މިގޮތަށް ޕެކޭޖް ހަދައިގެން އިތުރަށް ފައިސާ ނެގުމަކީ ސައުދީ އަރަބިއްޔާގެ ހައްޖު އުސޫލްތަކާ މުޅިން ހިލާފު ކަމެކެވެ. ޕެކޭޖްތައް ހަދައިގެން ބޮޑު އަގު ނެގުމަކީ އެތަނުން މަނާކޮށްފައިވާ ކަމެކެވެ.
ހައްޖަށް ގެންދާނެ އުސޫލެއް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ކަނޑައެޅީ ވެސް ކުންފުނިތަކުގެ އޮޅުވާލުންތައް ބޮޑުވުމުންނެވެ. އެ އުސޫލްގައިވާ ގޮތުން ހައްޖަށް ދާން ބޭނުންވާ މީހާގެ ފައިސާ ޖަމާކުރަން ޖެހޭނީ އެކަމަށް ހާއްސަ އެކައުންޓަކަށެވެ. އަދި އެ ފައިސާ އަށް ވާނުވާ އިސްލާމިކް މިނިސްޓްރީ އަށް އަންގަން ޖެހެ އެވެ.
މި އުސޫލް އެކުލަވާލާފައި އޮއްވައި ކުންފުނިތަކުން އިތުރަށް ފައިސާ ނަގަނީ ކީއްވެތޯ އަދި އެކަމަށް ފިޔަވަޅު ނާޅަނީ ކީއްވެތޯ ދެންނެވުމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތޮފާ ވިދާޅުވީ ކުންފުނިތަކުން އިތުރަށް ފައިސާ ނަގާ ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެގޮތަށް ހުށަހަޅައިފި ނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފޯނުން ގުޅައިގެން ޝަކުވާ ކުރޭ އަގު ބޮޑުކޮށް ފައިސާ ނަގާ ކަމަށް. އަޅުގަނޑުމެން މި ދަންނަވަނީ ހެއްކާ އެކު ހުށަހަޅުއްވާށޭ، އޭރުން އަޅުގަނޑުމެން މައްސަލަ ބަލައިި އަންނަ އަހަރު އެ ކުންފުންޏަކަށް ހުއްދައެއް ނުދޭނަމޭ،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައްޖަށް ގެންދިއުމުގެ ހުއްދަ ހޯދަން މިނިސްޓްރީ އަށް ހުށަހެޅި ޕްރޮޕޯސަލްގައިވާ އަގަށް ވުރެ އިތުރަށް ފައިސާ ނުނަގަން މިނިސްޓްރީން ވާނީ ކުންފުނިތަކަށް އަންގައިފަ އެވެ. އަދި އެ ކުންފުންޏަކުން ކަނޑައަޅާފައިވާ އަގަށް ވުރެން އިތުރަށް ފައިސާ ނުދޭން ރައްޔިތުންނަށް ވެސް މިނިސްޓްރީން އިލްތިމާސްކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނަން ކުންފުނިތަކުން ހުށަހަޅާފައިވާ ޕެކޭޖްތަކާ އެއްގޮތަށްތޯ ހިދުމަތް ހުރީ. ބަލާފައި އެ ނޫން ގޮތަކަށް ކަންކަން ކުރިއަށް ގެންދާނަމަ ފިޔަވަޅު ވެސް އަޅާނަން،" މުސްތޮފާ ވިދާޅުވި އެވެ.
ހައްޖަށް ގެންދަން އިތުރަށް ފައިސާ ނެގުމުގެ ޝަކުވާ ކުރަމުންދާއިރު ރާއްޖެ އިން މި އަހަރު 1،000 މީހުންނަށް ހައްޖަށް ނުދެވޭނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ. އެއީ، ސައޫދީ އަރަބިއްޔާ އިން 2،000 ކޯޓާގެ ޔަގީންކަން ދީފައި ވަނިކޮށް 1،000 ކޯޓާގެ އެއްބަސްވުން ފޮނުވުމުން އޭގައި އިސްލާމިކް މިނިސްޓްރީން ސޮއިކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރާންސްޕޭރަންސީ
05 August 2016
ޖަމާއަތްތަކަށް ދޫކުރާ ކޯޓާ އަށް ފައިސާ މިނިސްޓްރީއިން ނަގަންވީ އެއްނުން.
އެލެކްސަ
04 August 2016
ލާރި އިތުރަށް ނަގާނަމަ ތި މައްސަލަ ކޯޓަށް ލާބަލަ ނިކަން. ހަމަ ބުނާވަރަކަށް ދީ ދީ ތި ތިބެނީ ކީއްކުރަންތަ؟
ހަސަންބޭ
04 August 2016
މިވެރިކަމުގައި އެކިފެންވަރުގެ މީހުންނާއި ، ޖަމާއަތްތަކާއި ، މުވައްސަސާތަކުގެމީހުންނާއި އަދި އާއްމު ބައެއްމީސްމީހުން ހިޔާނާތާއި މަކަރުހެދުމާއި ދޮގުހެދުމުގައި ވަރަށް ބޮޑުކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެވޭ... މިކަން މިހެންވަނީ ނަމޫނާ ދައްކަންތިބި މީހުން މިކަންކަމުގައި ބައިވެރިވެ އަދި ފިޔަވަޅު އެޅިފައިނުވާތީކަމަށްވެސް ވެދާނެ...
ޢަސްލުމީހާ
04 August 2016
ކޯޓާދޫކުރި އަދާދާ ހައްޖުގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކންޖެހޭ އަދަދު ރައްޔިތުންނަށް މިޔަށްވުރެ ހާމަކަން ބޮޑު ގޮތަކަށް އިގޭނެ އިންތިޒާމް އަދި އޮންލައިންކޮށް މިިނިސްޓްރީއަށް ފައިސާ ދެއްކި ފަރާތުގެ މައުލޫމާތު ދުވަހުން ދުވަހަށް އިގޭނެ ގޮތެއް ހެއްދެވުން އެދެން
ދޮން އާމިރު
04 August 2016
ކެއުމާއިގެން އިންތިހާއަށް....
އާިނަތު ޢަލީ
04 August 2016
ނަމުގަ އިސްލާމިކު މިނިސްޓްރީ، ކަމުގަ އެންމެ ކޮރަޕްޓް މިނިސްޓްރީ، ހައްޖާ ޢުމުރާގެ ކަންކަމުގަ އެންމެ ވަގުޑީލް ހަދަނީ މިތަ އުޅޭމީހުން، ދެން ކޮންކަމެއް ރަނގަޅުވާނީ، އެބުނަނީ ހެއްކާއެކު ހުށަހެޅިމަޔޯ ތިމަންނަމެން ބަލާނީ، ކިހިނެއް ހެކި ހޯދަނީ، ލާރިބަލާގަނެފަ ރަސީދު ދެނީކީ ނޫން،
އަޙްމަދު
04 August 2016
އަމިއްލަ ފަރާތްތަކަށް ހައްޖު ކޯޓާދިނުނުން ހުއްޓާލާފައި ހައްޖުކޯޕަރޭޝަނުން އެކަނި ހައްޖަށް މީހުންގެންދާގޮތަށް ސަރުކާރުން ހަމަޖައްސަންވީ ،މާޒީގެ ތަޖުރިބާއަށްބަލާފައި ބަޔަކު ރުޅިއަޔަސް...
ޕިކްސް
04 August 2016
މިހާރު ނޫހުން ދެންއަންނަ އަހަރު މިކަމާގުޅޭ ސްޓިންގް އޮފަރޭޝަނެއް ހިންގަބަލަ. އަދި ހެއްކާއި ވީޑިއޯއާ އެއްކޮށް ނޫހުގަ ޖަހާދީބަލަ.
މެންޓަލިސްޓް
04 August 2016
ހައްޖަށް މީހުންގެންގޮސް ދިނުމަކީވެސް އަސްލު ވިޔަފާރިއަކަށް ރާއްޖޭގެ މީހުންހިންގާ ކަމެށް ، ރާއްޖެއަށް އެންމެ މަޝްހޫރުވެގެންދިޔަ އަތަމާ ، ސިސިލްފަރު ، ޒައީމާ މީހުސް ވިޔަފާރިއަށް މިކަންކަން ކުރިފަރާތްތަށް ، ހަގީގަތުގައި އެއްޗެއްނުލިބޭގޮތަކަށް މަސައްކަތެއްވެސް ނުކުރެވޭނެތާ ؟ މިގުރޫޕް ތަކުންވެސް ހަމަގައިމުވެސް މީހުންއަތުންފައިސާނަގައިގެން އަތަމާވެސް ސިސިލްފަރުވެސް ބޮނޑިބުއި ، އަދި އުޅޭނެ ބީކޭޓީ ކިޔާބައެއްވެސް އެމީހުންވެސް އަތަށް ގޮވި ،،،،، ކޮންމެ ކަމެއްވެސް ބިނާވެގެން ވަނީ ނިޔަތް ތަކުގެ މައްޗަށް ، ފައިސާގެ ދަހިވެތިކަން ކަލާންގެއަށް ވުރެ މުހިންމުވީމާ ގިނަފަހަރު ގޮވާނީ އަތަށް ،،، ވަރަށް ސަލާމް ،
ބަލާބަލަ
04 August 2016
ތި އަގުތަކަށް ބަލާލީމަވެސް އެބަ އިނގޭ ބޮޑެތި ހަތަރު ކުންފުންޏެއް އަގު ހަދާފައިއެވަނީ އެެއްބަސް ވެގެންކަން. މިގޮތަށް ކޯލިޝަން ހެދުމާ ބެހޭ ގަވާއިދެއް ނެތްތަ؟