ސައުދީ ވިސާ ފީ އަށް ބަދަލުތަކެއް، ހައްޖުގެ އަގު ބޮޑުވެދާނެ

ހައްޖާއި އުމުރާ އަށް ދާ މީހުންގެ ވިސާ ފީ އަށް ސައުދީ އަރަބިއްޔާ އިން ގެނައި ބަދަލުތަކާ އެކު ހައްޖާއި އުމްރާގެ އަގު ބޮޑުވެދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.


ސައުދީ އަރަބިއްޔާ އަށް އެއް ފަހަރަށް ވުރެ ގިނަ އިން އެތެރެވާ ނަމަ، ވިސާ ފީ އަގު ބޮޑުކުރަން މިދިޔަ އެ ގައުމުގެ ކެބިނެޓުން މިދިއަ ހޯމަދުވަހު ވަނީ ނިންމައިފަ އެވެ. އެކަމަކު ފުރަތަމަ ހައްޖާއި ފުރަތަމަ އުމްރާ އަށް ސައުދީ އަށް އެތެރެވާ މީހުންގެ ވިސާ ފީ ނަގާކަށް ނުނިންމަ އެވެ. އެމީހުންގެ ވިސާ ފީ ހަމަޖައްސަނީ ސައުދީ ސަރުކާރުންނެވެ.

އަގު ބޮޑުކުރި ވިސާ ފީ ނަގަނީ ކޮން ގައުމުތަކެއްގެ މީހުންގެ އަތުން ކަމެއް އަދި ނުނިންމަ އެވެ. ކެބިނެޓުން ނިންމާފައި ވަނީ ވިސާ ފީގައި ބައެއް ގައުމުތަކަށް އިސްތިސްނާ ދޭށެވެ،

ވިސާ ފީ އަށް ގެނައި ބަދަލުގެ ތަފްސީލް އަންނަ ހަފުތާގައި ހާމަކުރާނެ އެވެ.

ސައުދީގެ ބައެއް ވެބްސައިޓުތަކުގައި ބުނެފައިވާ ގޮތުގައި ފުރަަތަމަ ފަހަރު ފިޔަވައި ދެން އެތެރެވާ ނަމަ ހަ މަސް ދުވަހުގެ ވިސާ އަށް 3،000 ރިޔާލް (12،278ރ.) ދައްކަން ޖެހެ އެވެ. އެއް އަހަރު ދުވަހުގެ ވިސާ ފީ އަކީ 5،000 ރިޔާލް (20،464ރ.) އެވެ. އަދި ޓްރާންސިޓްކުރާ މީހުންގެ ވިސާ ފީގެ ގޮތުގައި 300 ރިޔާލް (1،227ރ.) ދައްކަން ޖެހެ އެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދާއިރު ހައްޖު ކޯޕަރޭޝަނާއި ކުންފުނިތަކުން ވެސް ބޮޑަށް އިސްކަންދެނީ އަލަށް ހައްޖަށް ދާ މީހުންނަށެވެ. މިގޮތަށް އަމަލުކުރިއަސް ބައެއް ފަހަރަށް މަހުރަމުންގެ ގޮތުގައި ދާ މީހުންގެ ތެރޭގައި ދެ ވަނަ ފަހަރަށް ހައްޖަށް ދާ މީހުން ވެސް ތިބެ އެވެ.

ހައްޖަށް އިސްކަން ދިނުމުގައި މި އުސޫލް ގެންގުޅުނަސް އުމްރާ އަށް ދިއުމުގައި އެފަދަ އުސޫލެއް ނުގެންގުޅެ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ އަގު އުޅެނީ 70،000ރ. އިން ފެށިގެން 112،000ރ. ދެމެދު ގަ އެވެ. އުމްރާގެ އަގު އުޅެނީ 36،000ރ. އިން މަތީގަ އެވެ.

ސައުދީން އެކި ގައުމުތަކަށް، އެ ގައުމެއްގެ އާބާދީ އަށް ނިސްބަތްކޮށް ކަނޑައަޅާ ހައްޖު ކޯޓާގެ ދަށުން ރާއްޖެ އަށް ލިބެނީ 1،000 ޖާގަ އެވެ. އެކަމަކު މި އަހަރާއި މިދިޔަ އަހަރު ވެސް ރާއްޖެ އިން 2،000 މީހުން ހައްޖަށް ދިއުމުގެ ފުރުސަތު ސައުދީން ވަނީ ރާއްޖެ އަށް ދީފަ އެވެ.