06 ނޮވެމްބަރ 2018 - 08:58
މިލާން (ނޮވެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އޭނާގެ ޓީމާ ދެކޮޅަށް ބާސެލޯނާގެ ލިއޮނަލް މެސީ ކުޅެފި ނަމަ މޮޅުވާން ދެ ގުނަ އުނދަގޫވާނެ ކަމަށް އިންޓަ މިލާނުގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފި އެވެ.
މީގެ ދެ ހަފުތާ ކުރިން އަތުގައި ރެނދެއް ލައި ކުޅުމާ ދުރަށް ދާން ޖެހުނު މެސީ ނެތި ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި އިންޓަ އަތުން 2-0 އިން މޮޅުވެފަ އެވެ. ހީކުރި ވަރަށް ވުރެން އަވަހަށް މެސީ ފިޓްވެ، އޭނާ ވަނީ މިރޭ އިންޓަ ދަނޑުގައި ކުޅޭ މެޗަށް ނެގި ސްކޮޑުގައި ހިމެނިފަ އެވެ.
"މެސީ އަށް ވާ ހިތުން އުޅޭ ކުޅުންތެރިން ހައްތަހާ ވެސް ތިބެނީ. އެއީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ހުވަފެނެއް. މެސީ ނުލައި ވެސް ބާސެލޯނާ އިން މޮޅަށް ކުޅެފި. އޭގެ މާނަ އަކީ އެ މީހުން މެސީ ބޭނުން ނުވަނީއެއް ނޫނޭ. މެސީ ހުރެފިނަމަ ދެ ގުނަ އުނދަގޫވާނެ އަހަރެމެންނަށް،" ސްޕަލެއްޓީ ބުންޏެވެ.
އޭނާ ބުނީ ކޮންމެ ހާލަތެއްގައި ވިޔަސް އިންޓަ މި މެޗަށް ނުކުންނާނީ މޮޅުވުމަށް ކަމަށެވެ.
"ވަކި ސަބަބެއް އޮވެގެން އަހަރަމެން ކަންބޮޑުވާން ޖެހޭނެ ކަމަކަށް ނުދެކެން. އެއީ އަހަރެމެންގެ ވިސްނުމަކީ ދެ ވަނަ ބުރަށް ދާން މި މެޗުން މޮޅުވުން،" ކުރިން ރޯމާ އަށް ކޯޗުކޮށްދިން ސްޕަލެއްޓީ ބުންޏެވެ.
ބާސެލޯނާއާ ކުޅޭއިރު ވަކި ކުޅުންތެރިއެއް މޭން މާކް ކޮށްގެން ކުޅޭ ގޮތަށް ޓީމު ރާވައިފިނަމަ އިންޓަ އަށް ލިބޭ ދެރަ ބޮޑުވާނެ ކަމަށް ސްޕަލެއްޓީ ދެކެ އެވެ.
"އަހަރެމެން ކުޅެން މި ޖެހެނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްލަބާ. އަހަރެމެން ޖެހޭނެ މެޗުގައި ކުރިމަތިވާނެ ކޮންމެ ހާލަތަކަށް ތައްޔާރުވާން. ހަމައެކަނި ވަކި ބައެއް މޭން މާކް ކޮށްގެން ކުޅޭކަށް ނޫންވީ. އެ ކުޅުންތެރިންނަށް ކުޅޭނެ ޖާގަ ނުދޭންވީ،" ސްޕަލެއްޓީ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މި ފަހަރު ބާސެލޯނާ ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ބާސެލޯނާ އަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ މެޗުގައި މެސީ ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"މެސީ ކުޅެފާނެ. ވަރަށް ބޮޑު ފުރުސަތެއް އެބައޮތް. އެކަމަކު އަހަރެމެން އޭނަ ލައްވައި ކުޅުވާނީ ރިސްކު ނަގައިގެނެއް ނޫން. އޭނަ އަށް އޭގެން ގެއްލުމެއް ނުވާނަމަ ކުޅުވާނީ. ހާސްވެގެން އުޅޭ ހިސާބެއްގައެއް ނޫން އަަހަރެމެން މި އޮތީ،" ވަލްވޭޑޭ ބުންޏެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy