ޚިޔާލު / ކޮލަމް ކޯދު

ކޮލަމް ކޯދު: ފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް

ކީރިތި ޤުރްއާނުގެ ސޫރަތުލް ފާތިޙާ.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

25 އޯގަސްޓް 2016 - 06:35

2 comments

(18 އޮގަސްޓް ދުވަހުގެ ނޫހާ ގުޅޭ)

މި މަގާމުގައި، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވޭ ތެދުމަގު، ޚުލާސާ ގޮތެއްގައި ބަޔާން ކުރެވިފައިވާ އާޔަތެއްގެ މައްޗަށް އަވަސް ކަޅިއެއް އެއްލުން ބޭނުންތެރި ކަމަށް ދެކެމެވެ. ކުރު ނަމަވެސް، އެ މަގުގެ ހިއްސީ ތަސައްވުރެއް، ލިބިގަތުމަށްޓަކަ އެވެ. އެ އާޔަތަކީ އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތެވެ. އާދެ، إِنَّ اللَّـهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ ۚ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ "ހަމަކަށަވަރުން (އީމާންވީ މީސްތަކުންނަށް މާތް) ﷲ އަންގަވަނީ އަދުލުވެރި ވުމަށާއި (އެހެން މީސްމީހުނަށް) އިހުސާންތެރި ވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުކޮށް އުޅުމަށެވެ. އަދި އެކަލާނގެ (ކަލޭމެންނަށް) މަނާ ކުރައްވަނީ ފާޙިޝް ކަންތައްތަކާއި (އެބަހީ ޒިނޭ ކުރުން ފަދަ ހުތުރުކަން ބޮޑު ފާފަތަކާއި) މުންކަރާތުތަކާއި (މީހުން މެރުމާއި ވައްކަން ކުރުމާއި ފޭރުން ފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތަކާއި) އަދި (އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް) އަނިޔާވެރި ވުމެވެ. (މާތް)ﷲ ތިޔަބައި މީހުންނަށް ނަސޭހަތްތެރިވެ ބާރު އަޅުއްވަނީ، ތިޔަބައިމީހުންގެ ހިތްތަކުގައި (މިކަންކަން) ހަރުކޮށްލުމަށްޓަކަ އެވެ"، މި އާޔަތެވެ.

އައްނަޙުލު ސޫރަތުގެ މިއާޔަތުގައި މުޅި ކީރިތި ގުރްއާނުގެ ފަތްފުށްތަކުގައި ހުށަހަޅާ ލެވިފައިވާ 'ތެދުމަގު' ޚުލާސާކޮށް ބަޔާން ކޮށްދެވިފައި ވެ އެވެ. މުއުމިނު މީހާގެ ފަރުދީ ހަޔާތާއި އޭނާގެ މުޖުތަމައީ ހަޔާތް އޮންނަން ޖެހޭނޭ ގޮތުގެ ތައުލީމާތު މި އާޔަތުގައި ދެވިފައިވެ އެވެ. މިއާޔަތުން އެނގެނީ މުއުމިނާ، އޭނާ ވަކި ފަރުދެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަން ޖެހޭނީ ހެޔޮލަފާ ރަނގަޅު މީހަކަށް ވުމަށެވެ. އޭނާގެ އަމިއްލަ، ޝަޚްޞީ، ހަޔާތް ވޭތުކޮށްލަން ޖެހޭނީ، ފާޙިޝް ކަންތައްތަކާއި އަދި މުންކަރާތްތައް ފަދަ ނުބައި ނުރަނގަޅު ކަންތައްތަކުން ދުރުހެލިވެ ހުރެ އެވެ.

އައްނަޙުލު ސޫރަތުގެ މިއާޔަތުގައި މުޅި ކީރިތި ގުރްއާނުގެ ފަތްފުށްތަކުގައި ހުށަހަޅާ ލެވިފައިވާ 'ތެދުމަގު' ޚުލާސާކޮށް ބަޔާން ކޮށްދެވިފައިވޭ.

މީގެ އިތުރުން، ގާތް ތިމާގެ މީހުންނަށާއި، އަދި އެނޫން މީހުންނަށް ވެސް، އެހީތެރިވެ، މިފަދައިން ހެޔޮ އަމަލު ކުރުން މަތީ ވެސް ދެމިހުރެ އެވެ. އަދި، އޭނާގެ މުޖުތަމައީ ހަޔާތް ރޭވި ބިނާވެފައި އޮންނަން ޖެހޭނީ ހަމަހަމަ ކަމާއި އަދުލު އިންސާފުވެރިކަމުގެ މައްޗަށް ކަމަށް ވެސް އައްނަޙުލު ސޫރަތުގެ މިއާތުން އެނގެ އެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގާ ގުޅޭ ތައުލީމާތުތަކުގެ ލަނޑުދަނޑި ގުޅެނީ މި ދެ ކަމާ އެވެ. މުއުމިނާއަކީ ހެޔޮ ލަފާ އިންސާނަކަށް ހެދުމާއި އަދި އޭނާގެ މުޖުތަމައަކީ، އެ މުޖަތަމައުގެ ޖަމާއީ ހަޔާތް، ހަމަހަމަކަމާއި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައި އޮންނަ މުޖުތަމައަކަށް ހެދުމެވެ.

ކުރިން ނަންގަނެވި ދިޔަ އަލް ޢަންކަބޫތު ސޫރަތުގެ 45 ވަނައާޔަތް ފަދައިން، މި އާޔަތަކީ ވެސް މުސްލިމުން އުޅޭ ކޮންމެ ތަނެއްގައި އެންމެ އިހުއްސުރެން ކޮންމެ ހުކުރު ދުވަހަކު ހުކުރުގެ ފަހު ޚުތުބާގައި ކިޔައި އިއްވޭ އާޔަތެކެވެ. އެ އާޔަތުގެ މުހިއްމު ކަމަށްޓަކަ އެވެ. އާދެ، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ތެދުމަގު އެ އާޔަތުގައި ޚުލާސާކުރެވިފައި ވާތީ އެވެ. މި ދެ އާޔަތަކީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން، ހުކުރަށް ގޮސް ހުކުރު ޚުތުބާ އަޑު އަހާ ކޮންމެ މީހަކަށް ވެސް އަޑުއިވި ދަސްވެފައި އޮންނާނޭ ދެ އާޔަތެވެ.

ތެދުމަގު ބަޔާންކޮށް ދެއްވުމަށް، މާތްﷲގެ ޙަޟްރަތުގައި ދެންނެވޭ ދުއާ އަށް ފަހު، ދެން އޮތީ މި ތެދުމަގު ސިފަ ކޮށްދެވިފައިވާ ސިފަ ކޮށްދިނުމެކެވެ. މިގޮތުން އެންމެ ފުރަތަމަ ބުނެދެވިފައިވަނީ އެ މަގަކީ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ 'އެމީހުންގެ މައްޗަށް އިބަރަސްކަލާނގެ ނިއުމަތް ލެއްވި މީހުންގެ މަގު' ކަމެވެ. އާދެ، އެމަގަކީ އާ މަގެއް ނޫނެވެ. އިހުގައި ވެސް މާތްﷲ އަށް އީމާންވެ، ހެޔޮ ގޮތުގައި އެމީހުންގެ ހަޔާތް ވޭތުކޮށްލި މީހުން ވެސް ހިނގި މަގެވެ. އިހުގެ ނަބީބޭކަލުން ވެސް ދެއްކެވި މާތް ރީތި މަކާރިމުލް އަޚުލާގުގެ މަގެވެ.

އަދި އެ ބޭބޭކަލުންގެ ބަސްފުޅުގެ ތެދުކަން ގަބޫލުކޮށް އެބޭކަލުންނަށް ތަބާވެ، އެ ބޭކަލުން ދެއްކެވި މަގުން ހިންގެވުންމަތީ ދެމިތިއްބެވި ޞިއްދީގުންގެ ވެސް މަގެވެ. އަދި މީގެ ތެރެއިން ބައެއް ބޭކަލުންނަކީ، ނަބީބޭބޭކަލުން ދެއްކެވި މަގުގައި ހިންގަވައި އަދި އެކަމުގެ ސަބަބުން، ދަތި އުނދަގޫތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެން، އެބޭކަލުންގެ ފުރާނަ ގުރުބާން ކުރައްވައި ޝަހީދުވެ ވަޑައިގެން، މިދުނިޔެ ދޫކުރެއްވި، ބޭކަލުންނެވެ.

މި އެންމެ ބޭކަލުން، އާދެ، ނަބީބޭކަލުންނާއި ޞިއްދީޤުންނާއި ޝަހީދުންނަކީ، އެ ބޭކަލުންނާ ދޭތެރޭ މާތްﷲ ރުހިވޮޑިގެން، އެބޭކަލުންގެ މައްޗަށް، ނިޢުމަތް ލެއްވި ބޭކަލުންނެވެ. އަދި އެބޭކަލުންގެ މައްޗަށް، ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވެސް، ހެޔޮ ގޮތްތައް، މާތްﷲ މިންވަރު ކުރެއްވި ބޭކަލުންނެވެ. ދުނިޔޭގައި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ނިއުމަތެވެ. އާޚިރަތުގައި ފާފަ ފުއްސެވުމާއި ސުވަރުގެ ލިބުމުގެ ނިއުމަތެވެ. އަލް ފާތިޙާ ސޫރަތުގައި މުއުމިނުންނަށް، މާތްﷲގެ ހަޟްރަތުގައި ތެދުމަގު އެދިގެން ދުއާ ދަންނަވަނީ މިދެންނެވި ފަދަ، އިސްވެދިޔަ އުއްމަތްތަކުގެ ހެޔޮ ލަފާ ސާލިހު ބޭކަލުންވެސް އުޅުއްވި މާތް ރީތި އަޚުލާގީ މަގު ހޯދުމަށެވެ. އެމަގުގެ ސަބަބުން ދެދުނިޔޭގެ ބާއްޖަވެރިކަން އެބޭކަލުންނަށް ހައްގުވީ މަގު ހޯދުމަށެވެ.

.

ތެދުމަގު ސިފަ ކޮށްދިނުމުގެ ގޮތުން، މި އާޔަތުގެ ދެން އޮތް ބައިގައި، އިތުރު ދެ ކަމެއް ފާހަގަ ކޮށްދެވިފައި ވެ އެވެ. އެންމެ ފުރަތަމަ އަށް ފާހަގަކޮށް ބުނެދެވިފައިވާ ކަމަކީ، އެ މަގަކީ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ، '(މާތްﷲގެ) ކޯފާ އެ މީހުންގެ މައްޗަށް ހައްގުވީ މީހުންނެއް ނޫން' ކަމެވެ. އާދެ، އެއީ އެ މީހުންނަކީ، އެ މީހުންގެ ކުރިމައްޗަށް އެކަލާނގެ ތެދުމަގު ހުށަހަޅާލެވުނު ހިނދު، އެއީ ހައްގު ގޮތްކަން އެ މީހުންނަށް ވިސްނި ދިޔުމަށް ފަހު ވެސް، އެކި ސަބަބުތަކާ ހުރެ، ހައްގު ގޮތާ އިދިކީލިވެ، ދެކޮޅު ހަދައިގަތް މީހުންނެވެ.

އަމިއްލަ ހަވާނަފްސުގެ އެނދުންތަކަށާއި ނުވަތަ އަމިއްލަ ދުނިޔަވީ މަސްލަހަތުތަކަށް ބެލެވި، އެ ކަންކަމަށް އިސްކަންދެވުން ފަދަ ސަބަބުތަކާ ހުރެ، އެ މަގުން ހިނގުމަށް އިންކާރު ކޮށް، އެ މަގަށް ފުރަގަސްދިން މީހުންނެވެ. އިލާހީ ހިދާޔަތުގެ ތެދުމަގު ބަލައި ނުގަތުމުގެ ސަބަބުން، އެ މީހުން އަމިއްލަ އަށް މާތްﷲގެ ރަހުމަތުން ބޭރުވެގަތް މީހުންނެވެ. މާތްﷲގެ ކޯފާ، އެ މީހުންގެ މައްޗަށް ހައްގުވީ މީހުންނަކީ މިފަދަ މީސްމީހުންނެވެ.

މިއިން މުއުމިނުންނަށް ލިބިދޭ އިރުޝާދަކީ، އިލާހީ ހިދާޔަތުގެ މަގު އެ މީހުންގެ ކުރިމައްޗަށް ހުށަހަޅާ ލެވުމުން އެކަމާ ދޭތެރޭ ވިސްނައި ފިކުރު ކުރުމަށް ފަހު އެއީ ހެޔޮ ގޮތްކަން އެނގުމުން، އެއްވެސް ސަބަބަކާ ހުރެ އެކަމާ ދެކޮޅުހަދައި އެކަމަށް އިންކާރުކުރާ ބަޔަކު ކަމުގައި އެމީހުން ނުވުމެވެ. އާދެ، މާތްﷲގެ ކޯފާ ހައްގުވުމުގެ މި ގޮތް އިޚްތިޔާރު ކުރާ ބައެއްގެ ގޮތުގައި އެމީހުން ނުވުމެވެ.

ތެދުމަގު ސިފަ ކޮށްދިނުމުގެ ގޮތުން ދެ ވަނަ އަށް އަލްފާތިޙާ ސޫރަތުގެ ހަތް ވަނަ އާޔަތުގައި ފާހަގަކޮށް ބުނެދެވިފައިވަނީ، އެ މަގަކީ وَلَا الضَّالِّينَ، 'މަގު އޮޅިދާ މީހުން'ގެ މަގެއް ވެސް ނޫން ކަމެވެ. މަގުއޮޅި ދިއުމަށް ތަފާތު ސަބަބުތައް ވެ އެވެ. އިލާހީ ހިދާޔަތު އަލި ނުލިބި، އެކަމުން މަހުރޫމު ވެފައިވުމުން މަގުއޮޅި ދިޔުމެވެ. ނުވަތަ ހިދާޔަތުގެ އަލި ފަނޑުވެ އެ މަގު ރަނގަޅަށް ސާފުވާ ގޮތް ނުވުމުން މަގު އޮޅި ދިޔުވެ. ނުވަތަ ހިދާޔަތުގެ އަލި ލިބި، އޭގެ އުޖާލާކަން ގަދަވި ކަމުގައި ވިޔަސް، އެ އަލިން ފައިދާ ލިބިގަތުމަށް އަމިއްލަ އަށް މަސައްކަތް ނުކުރެވުމުން މަގުއޮޅި ދިޔުމެވެ.

އިލާހީ ހުކުމްތަކާއި ދީނީ ތައުލީމާތުތަކުގެ ހަގީގީ މަގުސަދާއި ލަނޑުދަނޑިތަކަކީ ކޮބައިކަމާ ދޭތެރޭ ރަނގަޅަށް ވިސްނާ ފިކުރު ނުކުރެވި، އެހެންވެ، ތެދުމަގު ހޯދައި ނުގަނެވި، މަގު އޮޅިދިޔުމެވެ. މިގޮތުން މަގު އޮޅިދާ މީހުންނަކީ، އަމިއްލަ ވިސްނުން ބޭނުންނުކޮށް، ކަނު އަނދިރި ގޮތެއްގައި، މީސްމީހުން ބުނާ ބަސް ބަހަށް ތަބާވެ، އެއާ އެއްގޮތަށް އަމަލު ކުރުމުގެ ސަބަބުން. ތެދު މަގުން އެއްކިބާވެ، މަގު އޮޅި ދިޔަ މީހުންނެވެ.

ޝައިޚް މުޙައްމަދު ޢަބްދުހް (އަވަހާރަވީ 1323ހ./1905މ.). ޝައިޚު ޢަބްދުހްގެ ޤުރްއާން ތަފްސީރު އެކުލަވާލައްވައި އިތުރު ތަޢުލީޤުތަކާ އެކު ޝައިޚު ރަޝީދު ރިޟާ އޭނާގެ މަނާރު މަޖައްލާގައި ޝާއިޢު ކުރެއްވި.

އާދެ، މުއުމިނާގެ ދުއާ އަކީ، އެއްވެސް ސަބަބަކާ ހުރެ، ތެދުމަގުން އޭނާގެ ފައިތިލަ ކައްސާލައިގެން ދާ މީހަކަށް ނުވުމެވެ. ތެދުމަގު ހޯދުމުގައި އަބަދުމެ މަސައްކަތް ކުރާ މީހެއްގެ ގޮތުގައި އޭނާ ލެހެއްޓުމެވެ. (މި މައްސަލަ، މި ޒަމާނުގެ އިލްމުވެރި ބޮޑެތި މުފައްސިރުންގެ ތެރޭގައި ހިމެނޭ މުފައްސިރެއް ކަމުގައިވާ ޝައިޚު މުޙައްމަދު ޢަބްދުހްގެ (އަވަހާރަވީ 1323ހ./1905މ.ގައި) ތަފްސާރާ ބެހޭ ލިޔުންތައް ޖަމާކޮށް އޭނާގެ އިސް ދަރިވަރު، ޝައިޚު މުޙައްމަދު ރަޝީދު ރިޟާ (އަވަހާރަވީ 1354ހ./1935މ.) އެކުލަވާލެއްވި ތަފްސީރުލް މަނާރުގެ 1/72-69ސ. ގައި ތަފްސީލީ ގޮތެއްގައި ބަލާލެވިފައި ވެއެވެ.)

އާދެ، ތެދުމަގަކީ ކޮބައިކަން އިތުރަށް ސާފުވުމަށްޓަކައި އަލްފާތިޙާ ސޫރަތުގެ ހަތް ވަނަ އާޔަތުގައި ބޭނުން ކުރެވުނު ތިން އިބާރާތުގެ މައްޗަށް އަދި އެއް ފަހަރު ބަލައިލަމާތޯ އެވެ. صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ މި އާޔަތުން ދޭހަވަނީ، މުއުމިނުން، މާތްﷲގެ ޙަޟްރަތުގައި، އެ މީހުންނަށް، ދެއްކެވުމަށް އެދި ދަންނަވާ ތެދުމަގަކީ ކުރީގެ އުއްމަތްތަކުގެ ސާލިހު އަޅުތަކުން ވެސް ހިންގެވި މަގެވެ. ނަބީބޭކަލުންނާއި ޞިއްދީޤުންނާއި ޝަހީދުންގެ ވެސް މަގެވެ.

ޝައިޚް މުޙައްމަދު ޢަބްދުހްގެ ދަރިވަރެއްކަމުގައިވާ ޝައިޚް މުޙައްމަދު ރަޝީދު ރިޟާ (އަވަހާރަވީ 1354ހ./1935މ.). ޝައިޚު ޢަބްދުހޫގެ ޤުރްއާން ތަފްސީރު އެކުލަވާލައްވައި އިތުރު ތަޢުލީޤުތަކާއި އެކު ޝައިޚު ރަޝީދު ރިޟާ އޭނާގެ މަނާރު މަޖައްލާގައި ޝާއިޢު ކުރެއްވި. މި ތަފްސީރު ލިޔެވިފައިވަނީ ޔޫސުފު ސޫރަތުގެ ނިޔަލަށް. މި ތަފްސީރު، ފަހުން، 13 ޖިލްދުގެ މައްޗަށް އެކުލެވޭ ފޮތެއްގެ ސިފައިގައި ޝާއިޢު ކުރި.

އިލާހީ ހިދާޔަތު ލިބި، ތެދު މަގަކީ ކޮބައިކަން އެނގުމަށް ފަހު އެ މަގުން ހިނގުމަށް އިންކާރު ކުރި މީހުންގެ މަގެއް ނޫން ކަމެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ތެދު މަގުން، އެ މީހުންގެ ފައިތިލަ، ކައްސާލައިގެން ދިޔަ މީހުންގެ މަގެއް ވެސް ނޫން ކަމެވެ.

މި ހިސާބުން އަލްފާތިޙާގެ ހަތް އާޔަތުގެ ތަރުޖަމާ އާއި ތަފްސީރު ނިމުނީ އެވެ. ދެން އަންނަ ހަލަގާއެއްގައި ބަލާލެވޭތޯ މަސައްކަތް ކުރާނީ އަލްފާތިޙާ ސޫރަތުން މުއުމިނުންނަށް ލިބެދޭ ފިލާވަޅުގެ މައްޗަށެވެ.

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބުނި ޢަލީ!

25 August 2016

ﷲ އަށް ޙަމްދު ކުރަމެވެ. މިހާރުގެ އެޑިޓަރަށާއި ޑރ ޢަބުދުލް ޣަފޫރަށް ޝުކުރު ދަންނަވަމެވެ. ވަރަށް ދަހިވެތި ކަމާއެކު އިންތިޒާރުކުރާ ވާހަކަ ދަންނަވަމެވެ.

The name is already taken The name is available. Register?

ހިތްވަރު

25 August 2016

ޑރ.ޢަބްދުލްޣަފޫރުމެންފަދަ ބޭފުޅުންގެ ސަބަބުން މުޅި ދުނިޔެއަށް އިސްލާމީ ވަޙުދަތު ފެތުރި، ޣައިރު މުސްލިމުންނަށްވެސް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބި އިސްލާމް ވުމަށް މަގުފަހިވެގެން ދިޔުން އެދެން. މިފަދަ ލިޔުއްވުންތަކުން މުސްލިމުންގެ ހިތްތައް އަލިކުރައްވައި މުސްލިމުންގެ ތެރެއިން މަގު އޮޅިފައިވާ މީހުންނަށް ތެދުމަގު ދައްކަވާށި! ޑރ.ގެ މިފަދަ ގިނަ ލިޔުންތައް ހަފުތާއަކު ދެފަހަރު ޝާއިޢު ކޮށްދެއްވުން އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454