ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ސިޓީއާ ދެމެދު އޮތް ފަރަގާ މެދު ނުވިސްނަން: މޮރީނިއޯ

11 ނޮވެމްބަރ 2018 - 09:45

މެންޗެސްޓާ (ނޮވެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމާ ދެމެދު އޮތް ފަރަގާ މެދު ނުވިސްނާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ސިޓީން މިދިޔަ ސީޒަނުގައި ލީގު ހޯދީ 100 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަަނައިގައި ނިންމާލި ޔުނައިޓެޑާ ދެމެދު 19 ޕޮއިންޓުގެ ފަރަގެއް އޮތެވެ. މި ސީޒަނުގައި މިހާތަނަށް ސިޓީން ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، މިހާރު ވެސް އެ ޓީމު އޮތީ ޔުނައިޓެޑަށް ވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ. އަދި މިރޭގެ މެޗުން ޔުނައިޓެޑަށް މޮޅުނުވިއްޖެނަމަ އެ ފަރަގު އިތުރުވާނެ އެވެ،

ސިޓީ އެއް ވަނައިގައި 11 މެޗުން 29 ޕޮއިންޓާ އެކު އޮތްއިރު، ޔުނައިޓެޑް ލީގުގެ އަށް ވަނައިގައި އޮތީ 20 ޕޮއިންޓާ އެކު އެވެ.

"ސިޓީގެ ކޮލިޓީ ތަފާތު. ކުރާ މަސައްކަތް ފުރިހަމަ. މި ހުރިހާ ކަމެއް ރަނގަޅަށް ދާއިރު އެ މީހުންނާ ހަމަކުރަން ފަސޭހަނުވާނެ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އަށް މިހާތަނަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ވާދަކޮށް 21 މެޗުން ހޯދުނީ ފަސް މޮޅުވެ. އޭގެ ތެރެއިން އެންމެ ފަހު މެޗަކީ މިދިޔަ ސީޒަނުގައި ސިޓީން ދެ ގޯލު ކުރީގައި އޮއްވައި ފަހަތުން އަރައި 3-2 އިން ޔުނައިޓެޑް މޮޅުވި މެޗެވެ.

"އެ ހާލަތާ މިހާރު ތަފާތު. ސިޓީ ކުރިން ލަނޑު ޖެހިޔަދީގެން މިހާރު އެކަން ކުރަން ފަސޭހަނުވާނެ. ސިޓީ ވަރަށް ރަނގަޅު ކޮށްފި. އެހެންވީމަ އަހަރެމެން ވެސް އެބަޖެހޭ ރަނގަޅުވާން،" މޮރީނިއޯ ބުންޏެވެ.

ފައިނޭންޝިއަލް ފެއާޕްލޭ ގަވާއިދާ ހިލާފަށް ސިޓީން ހަރަދުކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތަކާ މެދު މޮރީނިއޯ ދެކޭގޮތެއް އޮޅުންފިލުވުމަށް ނޫސްވެރިން ކުރިން ސުވާލުތަކަށް މޮރީނިއޯ އެކަށީގެންވާ ޖަވާބެއް ނުދިނެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ މި މެޗަށް ނުކުންނައިރު އެންމެ ބޮޑަށް ހިތްހަމަ ޖެހެނީ ޓީމު ރަނގަޅު ފޯމެއްގައި އޮތުމުންނެވެ. ސިޓީ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ވަނީ ހަ ގޯލު ޖަހައިފަ އެވެ. އެކަމަކު ގާޑިއޯލާ ބުނީ އެ ދެ މެޗުގައި ހިނގާދިޔަ އެއްވެސް ކަމަކާ މެދު ނުވިސްނާނެ ކަމަށެވެ.

"ޔުނައިޓެޑް އެ އައީ ޓިއުރިންގައި ޔުވެންޓަސް ބަލިކޮށްފައި. އެހެންވީމަ އެ މީހުންނަށް މި ދަނޑުގައި ވެސް މޮޅުވެވޭނެކަން އޭގެން އެބަ އެނގޭ. އަހަރެމެން ޖެހޭނެ ވަރަށް ވިސްނުން ތެރިކަމާ އެކު ކުޅެން. ޔަގީނުން ވެސް ކުރިއަށް ވުރެ އަހަރެމެން ވަރުގަދަވާނެ،" ގާޑިއޯލާ ބުންޏެވެ.

ޔުނައިޓެޑުން އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި މިޑްފީލްޑަރު ޕައުލް ޕޮގްބާ މިރޭގެ މެޗުގައި ބޭނުންކުރާނީ އެ ދެ ކުޅުންތެރިން އެއްކޮށް ފިޓްވެއްޖެނަމަ އެވެ. މޮރީނިއޯ ވަނީ އެއްވެސް ކުޅުންތެރިޔަކު އަނިޔާގައި ހުއްޓައި ރިސްކު ނުކުރާނެ ކަމަށް ބުނެފަ އެވެ.

ސިޓީ އާއި ޔުނައިޓެޑްގެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454