ދުނިޔެ / ސްރީ ލަންކާ

ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން

ލަންކާގެ ސިޔާސީ މަޝްރަހުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ތިން ބޭފުޅުން ކަމަށްވާ ރައީސް ސިރިސޭނާ (ކ)، ރަނިލް (މ) އަދި ރާޖަޕަކްސާ.

ކޮލަމްބޯ (ނޮވެމްބަރު 11) - ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ސިޔާސީ މަޝްރަހު މިހާރު ވަނީ ހަލަބޮލިކަމެއްގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ ކަމަކަށް މިދިޔަ މަހު 26 ވަނަ ދުވަހު ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމުން އުފެދުނު މައްސަލަތަކެވެ. ގާނޫނީ ގޮތުން ބޮޑު ވަޒީރަކީ އޭނާ ކަމަށް ވިދާޅުވެ ރަނިލް ގެންދެވީ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. ރާޖަޕަކްސާ ގެންދެވީ ކެބިނެޓެއް އެކުލަވާލައި ސަރުކާރު ހިންގަމުންނެވެ. މި ބަދަލުތަކާ އެކު ސިރިސޭނާ ވަނީ ޕާލަމެންޓް ސަސްޕެންޑްކޮށްފަ އެވެ. ބޭނުމަކީ އެ މުއްދަތުގައި ޕާލަމެންޓުގެ މެޖޯރިޓީ ހޯއްދެވުމެވެ.

އެންމެ ފަހުން އެކަން ކާމިޔާބު ނުވުމުން ސިރިސޭނާ ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ޕާލަމެންޓް އުވާލައިފަ އެވެ. އާ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ޖެނުއަރީ މަހު 5 ވަނަ ދުވަހު އެވެ. ޕާލަމެންޓުގެ ޖަލްސާ ޖެނުއަރީ 17 ވަނަ ދުވަހު ބޭއްވުމާ ހަމައަށް ބޮޑު ވަޒީރުކަމުގައި ހުންނަވާނީ ރާޖަޕަކްސާ އެވެ.

ތިރީގައި މި ވަނީ 21 މިލިއަން މީހުން ހިމެނޭ ސްރީ ލަންކާގެ ސިޔާސީ މަޝްރަހުގައި މިހާރު އެންމެ ފާހަގަކޮށްލެވޭ ތިން ބޭފުޅުންނެވެ.

ސްރީ ލަންކާގެ ރައީސް ސިރިސޭނާ ސަޕޯޓަރުންނާ އެކު. --ފޮޓޯ:އޭއެފްޕީ

މައިތުރިޕާލާ ސިރިސޭނާ

ދެހާސް ފަނަރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ހަމައަށް މައިތުރިޕާލާ ސިރިސޭނާ، 67، އަކީ އާއްމުން އެހާ ފަރިތަ ބޭފުޅެއް ނޫނެވެ. ރާޖަޕަކްސާ ސަރުކާރުގެ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ސިރިސޭނާ އިދިކޮޅު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރު ރަނިލްއާ ގުޅިގެން އިންތިޚާބަށް ނުކުންނެވީ އެންމެ ފަހު ވަގުތު އެވެ. ސިރިސޭނާ، ރާޖަޕަކްސާ ދޫކުރެއްވީ ދެ ބޭފުޅުން އެކުގައި ރޭގަނޑުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ. ސިރިސޭނާ ވަނީ އެ ފަހަރުގެ އިންތިޚާބުން އޭނާ ބަލިވި ނަމަ ރާޖަޕަކްސާގެ ރޭވުމެއްގެ ދަށުން އޭނާ އަވަހާރަކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި އިންތިޚާބު ކާމިޔާބު ނުކުރެވުނު ނަމަ، އަޅުގަނޑު އޮންނާނީ ހަ ފޫޓު އަޑީގައި،" އިންތިޚާބުގެ ކާމިޔާބީ އަށް ފަހު ބޭއްވި އާއްމު އެއްވުމެއްގައި ސިރިސޭނާ ވިދާޅުވި އެވެ.

ހުދު ހެދުމުގައި އަބަދުވެސް ހުންނަވާ ސިރިސޭނާ ގެންދެވީ ލަންކާގެ ބޮޑު ވަޒީރަކަށް ރާޖަޕަކްސާ ވަޑައިގަތަ ނުދިނުމަށް މަސައްކަތް ކުރައްވަމުންނެވެ. އޭގެ ބަދަލުގައި އާ ސަރުކާރުގެ ބޮޑު ވަޒީރަކަށް ހަމަޖެއްސީ ރަނިލް އެވެ.

އެކަމަކު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. ރާޖަޕަކްސާއާ ދެކޮޅަށް ނުކުންނެވިތާ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން އަނެއްކާ ވެސް ކޮޅު ބަދަލު ކުރައްވައިފި އެވެ. ރަނިލް ދުރުކޮށް އެ މަގާމަށް ރާޖަޕަކްސާ ގެންނަވައިފި އެވެ. އަދި ރާޖަޕަކްސާ އަށް ޕާލަމެންޓުގެ ތާއީދު ނުލިބުމުން ވަނީ ޕާލަމެންޓް އުވާލައި އާ އިންތިޚާބެއް ޖެނުއަރީ މަހު ބާއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ކުރީގެ ރައީސް ރާޖަޕަކްސާ ބޮޑު ވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ފަހު ވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

މަހިންދާ ރާޖަޕަކްސާ

ލަންކާގައި 2005-2015 އަށް ވެރިކަން ކުރެއްވި ރާޖަޕަކްސާ ވަނީ ގާތްގަނޑަކަށް ސާޅީސް އަހަރަށް ދިގު ދެމިގެން ދިޔަ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެންނަވައިފަ އެވެ. އެކަމަކު ތަޅައިން ތުހުމަތުކޮށްފައި ވަނީ ހަނގުރާމައިގެ ފަހު ދުވަސްވަރު 40،000 އަށް ވުރެ ގިނަ މީހުން މަރާފައިވާނެ ކަމަށެވެ. ރާޖަޕަކްސާ، 72،ގެ ވެރިކަމުގައި ވަނީ ޗައިނާ އިން ބިލިއަން ޑޮލަރުން ލޯނު ނަންގަވައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގަވައިފަ އެވެ.

ލަންކާގެ މީޑިއާތަކުން ތުހުމަތު ކުރާ ގޮތުގައި ރާޖަޕަކްސާގެ ވެރިކަމުގައި ވަނީ 17 ނޫސްވެރިން މަރާލައިފަ އެވެ. ރާޖަޕަކްސާ އާއި އާއިލާގެ ބޭފުޅުންގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފަ އެވެ. އެކަމަކު ގައުމީ ހެދުމުގައި އާއްމުކޮށް ފެންނަ ރާޖަޕަކްސާ އަކީ ސިންހަޅައިންގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ބަތަލެކެވެ.

"އާ އިންތިޚާބަކުން ރައްޔިތުންގެ އުއްމީދުތައް ހާސިލްވެ، ގައުމަށް ހަމަޖެހުން އަންނާނެ،" ރާޖަޕަކްސާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ލަންކާގެ ބޮޑު ވަޒީރުކަމުން ދުރުކުރި ރަނިލް. --ފޮޓޯ:އޭއެފްޕީ

ރަނިލް ވިކްރަމަސިންހަ

މަގާމުން ދުރުކުރުމާއި ޕާލަމެންޓް ސަސްޕެންޑް ކުރުމާ އަދި އެންމެ ފަހުން ޕާލަމެންޓް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ރަނިލް ވިކްރަމަސިންހަ ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންވެ މިދިޔަ މަހު 26 ވަނަ ދުވަހުން ފެށިގެން ރަނިލް، 69، ގެންދަވަނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. އަބަދުވެސް ހުޅަނގުގެ ސްޓައިލަށް ހެދުން އަޅުއްވައި ރަނިލް ވަނީ ލަންކާގައި ހަތަރު ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ 1993 ވަނަ އަހަރު، އޭރުގެ ރައީސް އަވަހާރަކޮށްލުމުންނެވެ. ލަންކާގައި 2001-2004 އަށް ބޮޑު ވަޒީރުކަން ރަނިލް ކުރެއްވި އިރު އިގްތިސާދީ ހީނަރުކަމަކުން ގައުމު ސަލާމަތްކޮށްދީފައިވާތީ ގިނަ ބައެއްގެ ތައުރީފް ރަނިލް އަށް ލިބުނެވެ.

"ޚުދުމުޚްތާރު އަނދިރި ވަޅުގަނޑަކަށް ގައުމު ވެއްޓެން ތިޔަ ބޭފުޅުން ފުރުސަތު ދީގެން ނުވާނެ،" ސަޕޯޓަރުންނަށް މުޚާތަބް ކުރައްވާ ވީޑިއޯ މެސެޖެއްގައި ރަނިލް ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ

12 November 2018

ގޮޓޯގަ އެންމެ މުހިއްމު މީހާ ނެތް. އެއީ ސަރަހައްދުގެ ގައުމުތަކުގެ ވެރިކަމަށް އަތް ބާނަން އޮތް މޮދީ.

The name is already taken The name is available. Register?

ޓާޒަން / ހިތާދޫ

11 November 2018

ތިންގެރި ތަޅަންޏާ ކައްގަލަށް ބާރުކުރާނެއެވެ.

The name is already taken The name is available. Register?

ވާލުސޮރު

11 November 2018

"ސިޔާސީ ރަނޑަ ހޭވުމަކީ" ވަރަށް ފާޑެއްގެ ކަމެއް. އޭގަ ރާއްޖެއެކޭ ލަންކާއެކޭ އިންޑިއާއެކޭ ތަފާތެއްނެތް. 7 ފެބްރުއަރީ 2012 ގަ އެމްޑީޕީ އާ ރައީސް ނަޝީދާ ދެކޮޅަށް ނުކުތް އެންމެންހެން މިއަދު އެތިބީ ރައީސް ނަޝީދު ގެ ފަހަތުގަ. ވަގުތާ ހާލަތު ފިޔަވާ އެއްކަމެއްވެސް ބަދަލުވީކީނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454