މޮސޫލް ހިފުމުގެ ފަހުގެ އޮޕަރޭޝަނުގެ ކުރިން އެ ސިޓީއާ ކައިރީގައިވާ އަވަށްތައް ދަނީ އައިއެސްގެ އަތްދަށުން ހިފަމުން. --ފޮޓޯ:ރޮއިޓާސް
15 އޯގަސްޓް 2016 - 09:22
ބަޣުދާދު (އޮގަސްޓް 15) - އިރާގުގެ މޮސޫލްއާ ކައިރީގައިވާ އަވަށްތައް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން ކުރުދީ ހަނގުރާމަވެރިން ހިފާފައިވާ ކަމަށް ކުރުދީން ބުނެފި އެވެ.
އިރާގުގައި އައިއެސްގެ އަތް ދަށުގައި އޮތް ހަމައެކަނި ސިޓީ އަށް ކުރުދީ ހަނގުރާމަވެރިން ހަމަލާދޭން ފެށީ އިއްޔެ ވަރަށް ހެނދުނާ އެވެ. ކުރުދީންނަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ ކޯލީޝަނުން ވަނީ ވައިގެ ހަމަލާތައް ވެސް ދީފަ އެވެ. މޮސޫލް އެކުގައި ހިފުމުގެ ކުރިން އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން ދަނީ މޮސޫލް ވަށާލުމަށް މަސައްކަތް ކުރަމުންނެވެ.
އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސްގެ ބާރުގެ ދަށަށް ދިޔައީ ޖޫން 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ އިއުލާން ކުރީ ވެސް މޮސޫލުގަ އެވެ.
ކުރުދީ ހަނގުރާމަވެރިންނަށް ރައްދު ދިނުމުގެ ގޮތުން އައިއެސް އިން ވަނީ ކުރުދީންގެ ސަފުތައް ކުރިއަށް ނޭރޭނެހެން ވެހިކަލްތަކުގައި ގޮވާތަކެތި ހަރުކޮށް ގޮއްވައިފަ އެވެ.
ކުރުދީންގެ ކޮމާންޑަރަކު ބުނީ އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތަކުގައި 5،000 ވަރަކަށް ހަނގުރާމަވެރިން ބައިވެރިވަމުންދާ ކަމަށެވެ.
މޮސޫލްއާ ކައިރީގައިވާ އަވަށްތައް ކުރުދީ ހަނގުރާމަވެރިން ހިފަމުންދާ އިރު އިރާގު ސިފައިން ދަނީ މޮސޫލްގެ ދެކުނުން ހަމަލާ ދެމުންނެވެ. މޮސޫލް އަށް އަރާ އެ ސިޓީ ހިފުމުގެ ފަހުގެ އޮޕަރޭޝަން ފަށާނެ ދުވަހެއް އިރާގު ސިފައިން ހާމަކޮށްފައެއް ނުވެ އެވެ.
އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެފައި ވަނީ މޮސޫލް ގެއްލުމަކީ އައިއެސް އަށް ލިބޭނެ އެންމެ ބޮޑު ދެރަ ކަމަށެވެ. މޮސޫލް ހިފުމުގެ ފަހުގެ އޮޕަރޭޝަން ފެށުމުން ވަރަށް ނާޒުކް އިންސާނީ މުސީބާތެއް ކުރިމަތިވާނެ ކަމަށް އދ. އިން ވަނީ އިންޒާރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާނަކޮށި
15 August 2016
ތިޔަ އައިސިސް މުޅިދުނިޔެއިން ހުސްކޮށްލަންވީއެވެ.