އެންޓިބައޮޓިކްސް އަށް ހޭލުންތެރިކަން އުފެއްދުމަށް އެމްއެފްޑީއޭ އާއި ޑަބްލިޔުއެޗްއޯ ގުޅިގެން ހިންގި ހަރަކާތެއްގައި ބައިވެރިވެރިން ލިޔުންތަކެއް ހިފައިގެން. -- ފޮޓޯ: އެމްއެފްޑީއޭ ޓްވިޓާ
13 ނޮވެމްބަރ 2018 - 16:07
ރައްކާތެރި ގޮތުގައި އެންޓިބައޮޓިކްސް ބޭނުންކުރުމަށް ހޭލުންތެރިކަން އުފެއްދުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ހަފުތާއާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވެސް ހާއްސަ މަސައްކަތްތަކެއް އިއްޔެ ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތްތަކުގައި، މި މަހު 23-25 އަށް އައްޑޫގައި ވެސް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދާނެ އެވެ. އެގޮތުން، އެންޓިބައޮޓިކްސް ބޭނުންކުރުމުގެ އެންމެ ރަނގަޅު ގޮތާއި، ގޯސްކޮށް ބޭނުން ކޮށްފި ނަމަ ދިމާވާނެ ނުރައްކާތަކާ ގުޅޭގޮތުން އާންމުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މައުލޫމާތު ދޭނެ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެންޓިބަޔޮޓިކްސް ހަފުތާ އަށް މި އަހަރު ކަނޑައަޅާފައިވާ މައުލޫއަކީ އެންޓިބައޮޓިކްސްއަށް ރެސިސްޓަންޓްވުމުގެ މައްސަލަ އެވެ. އެއީ އެންޓިބަޔޮޓިކްސް ނުރަނގަޅު ގޮތުގައި ބޭނުންކުރުމުން، އެ ބޭނުންކޮށްގެން ބަލިތަކަށް ފަރުވާ ނުކުރެވޭ މައްސަލަ އެވެ.
Maldives have identified Microbiology laboratory at IGMH as the National Reference Laboratory for #AMR surveillance in the Maldives. Plans are in place to identify network laboratories for national #AMR surveillance#WAAW2018 pic.twitter.com/hLhRw2eFCR
— MFDA (@MFDA_mv) 13 November 2018
އެންޓިބައޮޓިކް ރެސިސްޓެންޓް ޖަރާސީމު އުފެދެނީ ކިހިނެތްކަން ކިޔާދިނުމަށް އެމްއެފްޑީއޭ އިން ކުރި ޓްވީޓެއް
އެމްއެފްޑީއޭގެ ޑައިރެކްޓާ ފާމަސޫޓިކަލް އައިޝަތު ޖަލީލާ "މިހާރު" އަށް ވިދާޅުވީ އެންޓިބައޮޓިކްސް އަށް ބެކްޓީރިއާ ނުގުޑަނީ އެ ބޭސް ބޭނުންކުރަންވާ ގޮތަށް ބޭނުން ނުކުރުމުންނާއި މާ ގިނައިން ބޭނުންކުރުމުން ކަމަށެވެ.
ޖަލީލާ ވިދާޅުވީ އެންޓިބައޮޓިކްސް އަށް ރެސިސްޓެންޓް ވުމުގެ މައްސަލަ ރާއްޖޭގައި އޮތީ ކިހާ މިންވަރަކަށް ކަން އެނގޭނެ ދިރާސާއެއް މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މީހުން މިފަދަ ކޭސްތައް ރިޕޯޓް ކުރާކަމަށް އޭނާ ވިދާޅުވި އެވެ.
"ޑޮކްޓަރުންނާއި ނަރުހުން ބުނޭ ރެސިސްޓަންޓް ކޭސްތައް ފެންނަކަމަށް،" ޖަލީލާ ވިދާޅުވި އެވެ.
ޖަލީލާ ވިދާޅުވީ މި ކަންތައް ހުއްޓުވުމަށް ސިއްހީ ދާއިރާގެ އިތުރުން އާންމުންނަށް ވެސް ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ.
"ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން އެންޓިބައޮޓިކްސް ގެންގުޅުމުގައި ސަމާލުވުމާއި ބޭސް ދިނުމުގައި ފަރުވާ ބެހެއްޓުން މުހިއްމު،" ޖަލީލާ ވިދާޅުވި އެވެ
މީގެ އިތުރުން ޑޮކްޓަރުންގެ ލަފާ ނުހޯދައި އަމިއްލަ އަށް އެންޓިބައޮޓިކްސް ބޭނުން ނުކުރުމަކީ އާންމުންނަށް ކުރެވިދާނެ މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ބަލީގެ އަލާމާތްތައް ކުޑަވުމުން އެންޓިބަޔޮޓިކްސް ހުއްޓާނުލުމާއި އެހެން މީހަކަށް ދީފައި ހުންނަ އެންޓިބަޔޮޓިކްސް އެހެން މީހުން ބޭނުން ނުކުރުމުން ވެސް ހިމެނެ އެވެ.
އެންޓިބައޮޓިކް ރެސިސްޓަންޓްވުމުގެ މައްސަލައަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ބުނެފަ އެވެ. އެމްއެފްޑީއޭ އިން އަންނަނީ މިކަމާ ގުޅިގެން، ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި ގްލޯބަލް އެކްޝަން ޕްލޭނާ އެއްގޮތަށް އާންމުން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
13 November 2018
މިކަމުގެ އެންމެ ބޮޑު ޒިއްމާ އުފުލަންޖެހޭބަޔަކީ ޑޮކްޓަރުން. ދުވަހަކުވެސް ޑޮކްޓަރަކު ބޭސް ލިޔެދީފަ އެބޭހާ ބެހޭ އެއްވެސް މައުލޫމާތެއް ބަލިމީހާއަށް ކިޔައި ނުދެއްވާ. އެންޓިބައޮޓިކް ލިޔެދެއްވައިފިނަމަ އެބޭސް ގަވާއިދުން ބޭނުންކޮއް ނިންމަންވާނެކަން ބުނެދެނެ ޖެހޭނެ. ހަމަ ގައިމުވެސް އަޅުގަޑު އަބަދުވެސް ޑޮކްޓަރުންކުރެ އަހަން. އެހީމާނޫނީ އެބޭފުޅުން ނުބުނޭ.