ޚަބަރު / ޕީޕީއެމް

ޕީޕީއެމް ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ޕީޕީއެމްގެ ކޮންގްރެސް: އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތް މައްސަލާގައި އެ ޕާޓީން ހައި ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައި -- ފޮޓޯ/ޕީޕީއެމް ޓްވިޓާ

ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިިންމި މައްސަލާގައި ޕީޕީއެމުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޕީޕީއެމުން ބޭއްވި ޚާއްސަ ކޮންގްރެސްގައި ރައީސް އަބްދުﷲ ޔާމީން އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. އެކަމަކު އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމުމުން އެ އެ މައްސަލަ ޕީޕީއެމުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި ދެ ފަރާތަށް ފުރުސަތު ދިނުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އެކަމަކު ހުކުމް އިއްވާނެ ދުވަހެއް ފަނޑިޔާރުން އިއުލާނެއް ނުކުރައްވަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޕީއެމްގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތް ސަބަބު ކޮމިޝަނުން ކުރިން އެ ޕާޓީއަށް އަންގާފައި ނެތް ކަމަށާއި އެކަންކަން ކޮމިޝަނުން ހާމަކުރީ ކޯޓުގައި ކަމަށެވެ. އޭނާ ވިދާޅުވީ ކޮންގްރެސް ބޭއްވީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި، އެ ޕާޓީގެ އިންތިޚާބުތަކާ ބެހޭ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ނުކުރަން ނިންމުމަށް ފަހު ކަމަށާއި އެކަން އެގޮތަށް ކައުންސިލަށް ނިންމިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީގައި ތިބެންޖެހޭ ނައިބު ރައީސުންގެ އަދަދު ކަނޑައެޅުމުގައި އަސާސީ ގަވާއިދުގައި ފުށުއެރުންތަކެއް ހުރިކަން ކޮމިޝަނުން ފާހަގަކޮށްފައިވާތީ އެކަމާ ގުޅިގެން ޝިޔާޒް ވިދާޅުވީ އެއީ ޕާޓީގެ ކޮންގްރެސްގެ ނިންމުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެއްދޭނެ ސަބަބެއް ނޫން ކަމަށެވެ.

ކޮންގްރެސްގައި ވޯޓު ނެގިއިރު، މީހުން ކައިރިއަށް ވޯޓު ފޮށި ގެންގޮސްގެން ވޯޓުލުމަކީ އިންތިޚާބާ ބެހޭ ގަވާއިދާ ޚިލާފް ކަމެއް ކަމަށް ކޮމިޝަނުން ފާހަގަކޮށްފައިވާތީ ޝިޔާޒް ވިދާޅުވީ އެކަން އެގޮތަށް ކުރީ ކައުންސިލްގެ ނިންމުމަކަށް ކަމަށާއި ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖައްސަން އެފަދަ ނިންމުމެއް ނިންމިދާނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްގެން އެއްވެސް ވޯޓަކަށް ނުފޫޒު ފޯރުވައި ނުވަތަ ވޯޓުގެ ސިއްރުކަން ގެއްލުނު ކަމުގެ ޝަކުވާއެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ޕާޓީތަކުގެ މެމްބަރުންތަކެއް ކޮންގްރެސްގައި ވޯޓުލި ކަމަށް ކޮމިޝަނުން ބުނެފައިވާތީ އެކަން ދޮގު ކުރައްވައި، ޝިޔާޒް ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ މަންދޫބުންނަކީ ވެސް ކޮންގްރެސް ބޭއްވިއިރު ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަމުގައި ބަލަން ޖެހޭނީ ކޮމިޝަންގައި އޮންނަ ޕީޕީއެމްގެ ދަފްތަރަކަށް ނޫނެވެ. ޕާޓީއަށް ވަންނަން ފޯމް ހުށަހަޅާ ހިސާބުން އެ މީހަކީ މެމްބަރަކަށް ވާނެކަން ފާހަގަ ކުރައްވައި، ކޮމިޝަންގެ ދަފްތަރަށް އެކަމުގައި ބަލަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ހުކުމެއް އެކަމާ ގުޅޭގޮތުން ޝިޔާޒް ފާހަގަ ކުރެއްވި އެވެ.

ޝިޔާޒް ވިދާޅުވި ގޮތުގައި ކޮންގްރެސްގެ ހުރިހާ ކަމެއް ވެސް ދިޔައީ ކޮމިޝަންގެ އޮބްޒާވަރުންގެ ހާޒިރުގަ އެވެ. އޭރު އެއިން އެއްވެސް ކަމަކަށް މަންދޫބުން ޝަކުވާކޮށް ނުވަތަ އެއްވެސް ކަމެއް ގޯސްކޮށް ހިނގާ ކަމަށް ފާހަގަކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ވަކީލް ރިފްއަތު އަބްދުﷲ ވިދާޅުވީ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް ނިންމީ ޕީޕީއެމްގެ ގަވާއިދުތަކާ ޚިލާފަށް ކޮންގްރެސްއާ ގުޅޭ ކަންކަން ކޮށްފައި ހުރި ކަން ކޮމިޝަނަށް ފާހަގަވުމުން ކަމަށާއި ކޮމިޝަނުން އެ ނިންމުން ނިންމީ ޕީޕީއެމުން ފޯރުކޮށް ދިން ލިޔުންތަކަށް ބެލުމަށް ފަހު ކަމަށެވެ. އެގޮތުން ކޮންގްރެސްގައި ވޯޓުލުމުގެ ކަންކަން ކުރަންޖެހޭ ގޮތް އިންތިޚާބާ ބެހޭ ގަވާއިދުގައި އޮތްއިރު، އެއާ ޚިލާފަށް ވޯޓު ފޮށި މީހުން ކައިރިއަށް ގެންގޮސްގެން އަމަލު ކުރީ ކައުންސިލުން ނިންމައިގެންކަން ލިޔުންތަކުން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގަވާއިދާ ޚިލާފަށް ކަންތައްތަކެއް ހުރުމަކީ އެއީ ކޮމިޝަނުން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ޕާޓީތަކުގެ މެމްބަރުން ކޮންގްރެސްގައި ބައިވެރިނުވާ ކަމަށް ޕީޕީއެމުން ބުނެފައިވާތީ އެކަމާ ގުޅިގެން ރިފްއަތު ވިދާޅުވީ އެކަމުގައި ބަލަން ޖެހޭނީ ކޮމިޝަންގައި އޮންނަ ޕާޓީގެ ދަފްތަރަށް ކަމަށެވެ. އަދި އެކަމުގައި ކޮމިޝަންގައި އޮންނަ ދަފްތަރަށް ބަލަން ނުޖެހޭ ކަމަށް ބުނެ ޕީޕީއެމުން ފާހަގަކުރި ސުޕްރީމް ކޯޓުގެ ހުކުމަކީ އެ މައްސަލައާ ގުޅުންހުރި ހުކުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮންގްރެސްގައި ތިބި ކޮމިޝަންގެ މަންދޫބުން އެއްވެސް ކަމަށް ޝަކުވާ ކޮށްފައި ނެތް މައްސަލައާ ގުޅިގެން ރިފްއަތު ވިދާޅުވީ ކޮންގްރެސްގެ ނިންމުންތައް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ ބާރު އޮންނަނީ ކޮމިޝަންގެ މެމްބަރުންނަށް ކަމަށާއި އެއީ މަންދޫބުން ކުރާ ކަމެއް ނޫން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ދެ ފަރާތާ އަމާޒު ކުރެއްވި އެވެ. އެގޮތުން ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންނަކީ ޕާޓީގެ މެމްބަރުން ކަމަށް ބެލުމުގައި ކޮމިޝަނުން އަމަލުކުރާ އުސޫލާ ބެހޭގޮތުންނާއި ކޮންގްރެސްގެ ނިންމުންތަކާ ގުޅޭ ލިޔުންތައް ކޮމިޝަނަށް ފޮނުވުމުގައި އަމަލު ކުރަންޖެހޭ އުސޫލުތަކާ ބެހޭގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.

މީގެ އިތުރުން ކޮންރެސްގެ ނިންމުންތަކާ ގުޅޭ ލިޔުންތައް ކޮމިޝަނަށް ފޮނުވުމުގައި ފުރިހަމަ ވާންޖެހޭ ކަންތައްތަކެއް ހުރޭތޯ އާއި ކުރީގެ ކޮންގްރެސްތަކުގެ ނިންމުންތައް ބަލައިގަތުމުގައި ކޮމިޝަނުން އަމަލުކުރި އުސޫލާ ބެހޭގޮތުން ފަނޑިޔާރުން ދެ ފަރާތާ ވެސް ގިނަ ސުވާލުތަކެއް އަމާޒުކުރި އެވެ.

ކޮމިޝަންގެ ވަކީލް ރިފްއަތު ވިދާޅުވީ ޕާޓީގެ މެމްބަރެއް ކަމަށް ކޮމިޝަނުން ބަލަނީ ކޮމިޝަންގައި އޮންނަ އެ ޕާޓީއެެއްގެ ދަފްތަރުގައި އެ މީހެއްގެ ނަން ހިމަނާ ހިސާބުން ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮތްގޮތުން ޕާޓީތަކަށް ދައުލަތުން ފައިސާ ދޭން ޖެހެނީ ވެސް ކޮމިޝަންގައި އޮންނަ ދަފްތަރުގައި ތިބޭ މެމްބަރުންގެ އަދަދުގެ ނިސްބަތުން ކަމަށް ވުމެވެ.

ކޮންގްރެސްގެ ނިންމުންތަކާ ގުޅޭ ލިޔުންތައް ކޮމިޝަނަށް ފޮނުވުމުގައި ވަކި ކަންތައްތަކެއް ފުރިހަމަވާންޖެހޭ ކަމަށް ބުނާ އުސޫލެއް އެބައޮތްތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން ކޮމިޝަންގެ ވަކީލް ރިފްއަތު ވިދާޅުވީ އެފަދަ އުސޫލެއް ނެތް ކަމަށެވެ.

ޕީޕީއެމްއާ ފަނޑިޔާރުން ކުރިމަތި ކުރެއްވި ސުވާލުތަކާ ގުޅިގެން އެ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ތޮލާލް ވިދާޅުވީ ކޮންގްރެސް ހިނގިއިރު ކޮމިޝަންގެ މަންދޫބުން ކުރި ހަމައެކަނި ސުވާލަކީ ރިޔާސަތަށް ވޯޓުލެވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ. އަދި ކޮންގްރެސް ކުރިއަށް ދިޔައިރު، އެއްވެސް ކަމެއް ގޯސްކޮށް ހިނގާތޯ ކޮމިޝަންގެ މަންދޫބުންނާ ސުވާލުކުރުމުން ވެސް އޭރު އެއްވެސް ކަމެއް ގޯސް ކަމަށް ބުނެފައިނުވާ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ޕާޓީއަށް މެމްބަރުން ވަނުމަށް ފޯމް ހުށަހަޅާ ހިސާބުން ފެށިގެން ވެސް މެމްބަރަކަށް ވާ ކަން ފާހަގަ ކުރައްވައި، ތޮލާލް ވިދާޅުވީ 2013 ގައި އެ ޕާޓީން ބޭއްވި ކޮންގްރެސްގައި ވެސް، ކޮންގްރެސް ބޭއްވުމުގެ އެއް ދުވަސް ކުރިން އެ ޕާޓީއަށް ވަން މެމްބަރުން ކޮންގްރެސްގައި ބައިވެރިވި ކަމަށެވެ. އަދި ކޮންގްރެސްގެ ނިންމުންތައް ކޮމިޝަނުން އޭރު ބަލައިގަތް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފައިސަލް އެވެ.

3 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 9%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަންފާ ޚަދީޖާ / މާލެ

14 November 2018

މިކަން ނިންމަންޖެހޭނީ ޔާމިނުގެ ކޮޅަށް އެއީ ރަނގަޅު ގޮތަކީ

The name is already taken The name is available. Register?

ޙުސައިން ބާޤިރު

14 November 2018

ބެންޗަށް އެކަނި ބަލާލީމާވެސް މައްސަލަ ނިމޭނެގޮތް އެނގެއެވެ. އިއްޔެގެ އަޑު އެހުން ދިޔައީ ފަނޑިޔާރުން ޔާމީންގެ ވަކީލުންގެ ގޮތަށް ތިބެގެންކަމަށް މައްސަލަ އަޑުއަހަން ދިޔަ މީހަކު ބުނި..

The name is already taken The name is available. Register?

ވާލުސޮރު

13 November 2018

ދެފަރާތުގެ ވަކީލުން ދައްކާފަ ހުރި ވާހަކަތަކަށް ބަލައި މައްސަލަ ނިންމާނަމަ ތިޔަ މައްސަލަ ނިމޭނީ ޕީޕީއެމް އާ އެއްކޮޅަށް. އެއީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454