ޚަބަރު / ސުޕްރީމް ކޯޓް

ބޭހެއްގެ ސަބަބުން ކުއްޖަކު ބީރުވި މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

ސުޕްރީމް ކޯޓު: ތިން އަހަރުގެ ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ އެއް ކަންފަތުގެ އިވުން ގެއްލުނު މައްސަލައިގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ވަނީ ނިންމާލާފައި --ފޮޓޯ/މިހާރު

ތިން އަހަރުގެ ކުޑަ ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ އެއް ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ދައުލަތާ ދެކޮޅަށް ކުރާ ދައުވާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މީގެ 11 އަހަރު ކުރިން 2007 ގައި ގދ. ތިނަދޫ ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ އެ ކުއްޖާ ހުން އަންނާތީ އެވެ. އެ ކުއްޖާ އަށް ފަރުވާ ދިނުމަށް އެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި އޮއްވާ އެ ކުއްޖާ އަށް ބޭހެއް ދިން ފަހުން އެ ކުއްޖާގެ އެއް ކަންފަތުގެ އިވުން ދާއިމީކޮށް ވަނީ ގެއްލިފަ އެވެ.

އެ މައްސަލާގައި ޑޮކްޓަރުން އިހުމާލުވި ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 7.1 މިލިއަން ރުފިޔާ ހޯދަން އެ ކުއްޖާގެ ބައްޕަ ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުން އޭރުގެ މަދަނީ ކޯޓާއި ހައި ކޯޓުން ވެސް ހުކުމް ކޮށްފައި އޮތީ ޑޮކްޓަރުން އިހުމާލުވިކަން ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ އެ ކުއްޖާގެ ބައްޕަގެ ފަރާތުން ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު، އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލައަކީ 2009 ވަނަ އަހަރުން ފެށިގެން އެކި މަރުހަލާތަކުގައި ހިނގަމުން ގޮސް، ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމަށްވާތީ އެ މައްސަލަ އެ ކޯޓުން އަވަހަށް ނިންމަވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އެ ކުއްޖާގެ ބައްޕަގެ ވަކީލް ޝާހީން ހަމީދު ވިދާޅުވީ އެ ކުއްޖާ އަށް ދިން ފަރުވާއާ ބެހޭ ލިޔުންތަކުގައި ޓިޕެކްސް ޖަހައި، ބައެއް ތަންތަން ފޮހެލާފައިވާ ކަމަށާއި އެކަން ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން ވެސް ހާމަވެފައިވާ ކަމަށާއި ލިޔުންތަކަށް ބަދަލު ގެނެސް، ކަންކަން ފޮރުވަން މަސައްކަތް ކޮށްފައި އެބައޮތް ކަމަށެވެ. އަދި އެކަމާ މެދު ދައުލަތަށް ވެސް އިންކާރު ނުކުރެވޭނެ ކަމަށް ޝާހީން ވިދާޅުވި އެވެ.

ޖެންޓަމައިސިން ކިޔާ ބޭސް އެ ކުއްޖާ އަށް ދީފައި އޮތީ ރަނގަޅަށް ކަމަށް އެ މައްސަލާގައި އެކްސްޕާޓް ޑޮކްޓަރަކު ބުނެފައި އޮތަސް، އެ އެކްސްޕާޓް ވެސް އެ ބަޔާން ދީފައި އޮތީ އެ މައްސަލާގައި ސުވާލު އުފެދިފައި ހުރި ލިޔުންތަކަށް ބިނާކޮށް ކަމަށް ޝާހީން ވިދާޅުވި އެވެ. އެހެންވެ، ސުވާލު އުފެދިފައި ހުރި ލިޔުންތަކަށް ބިނާކޮށް އެކްސްޕާޓް ދިން ބަޔާނުގެ ސައްހަ ކަމާ މެދު ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހީން ވިދާޅުވި ގޮތުގައި އެ ކުއްޖާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުން ދަށު ކޯޓުގައި ދޮގު ހެކިބަސް ދީފައިވުމުގެ އިތުރުން އެ މީހުންގެ ބަޔާންތަކުގައި ދިމާނުވާ ކަންކަން އެބަހުއްޓެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމުން އެ ކުއްޖާގެ ބަރުދަން ބެލި ކަމަށް ޑޮކްޓަރުންނާއި ނަރުހުން ބުންޏަސް، އެކަން އެގޮތަށް ކޮށްފައި ނެތް ކަން އެ ކުއްޖާ ގޮވައިގެން ދިޔަ އެ ކުއްޖާގެ ބައްޕަ ބުނާ ކަމަށް ވެސް ޝާހީން ވިދާޅުވި އެވެ. އަދި އެ ކުއްޖާ އަށް ފަރުވާ ދިން ބިދޭސީ ނަރުހުންތައް ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އެކަން ވެސް ޝާހީން ފާހަގަ ކުރެއްވި އެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަމުން އެ ކުއްޖާގެ ބައްޕަ އަހުމަދު އިހުސާން ބުނީ އެ ކުއްޖާގެ އެއް ކަންފަތުގެ އިވުމުން މަހްރޫމްވެފައި ވަނިކޮށް އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލިއިރު، ކަރުން މަތީގެ ޑޮކްޓަރަކަށް ދައްކަން ހޮސްޕިޓަލުން އެދިފައި އޮތް ކަމަށެވެ. މައްސަލައެއް ނެތް ނަމަ، އެގޮތަށް ހޮސްޕިޓަލުން އެދެން ޖެހޭނީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދި އެވެ.

އޭނާ ބުނިގޮތުގައި އެ ކުއްޖާ ރާއްޖެއިން ބޭރަށް ގެންގޮސް ހެދި ޓެސްޓްތަކަށް ފަހު މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުން، ޖެންޓަމައިސިން ދީފައި ހުރީ ރަނގަޅަށް ނޫން ކަމަށް މާލެ އިން އެ ކުއްޖާ ބެލި ޑޮކްޓަރު ވަނީ ބުނެފަ އެވެ. އަދި އެކަމުގެ ލިޔުން ވެސް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލާގައި ކޯޓަށް ދާން ޖެހުނީ އެކިއެކި މުއައްސަސާތަކަށް ގޮސްގެން ވެސް ހައްލެއް ނުލިބުމުން ކަމަށް ބުނެ އިހްސާން ބުނީ ސުޕްރީމް ކޯޓުން އިންސާފުވެރި ހުކުމެއް އިއްވައިދޭން އެދޭ ކަމަށެވެ.

އެ މައްސަލާގައި އެކްސްޕާޓެއްގެ ގޮތުގައި ބަޔާން ދިން ޑޮކްޓަރުގެ ބަޔާނުގައިވާ ގޮތުން އެ ކުއްޖާ އަށް ޖެންޓަމައިސިން ދީފައި ހުރީ ދޭންޖެހޭ މިންވަރަަށް އަދި ރަނގަޅަށެވެ. އެކަމަކު އެ ބޭސް ރަނގަޅަށް ދޭ ހާލަތުގައި ވެސް، 17 ޕަސެންޓްގެ މީހުންގެ އިވުމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމަށް އެ އެކްސްޕާޓް ބުނެފައިވެ އެވެ. އެކްސްޕާޓް ބުނެފައިވާ ގޮތުގައި އެކަން އެގޮތަށް ދިމާވަނީ އެ 17 ޕަސެންޓް މީހުން ނިސްބަތްވާ ޖީންގެ ގޮތުންނެވެ.

އެކަމާ ގުޅިގެން އިހުސާންގެ ފަރާތުން ވަނީ އެ ކުއްޖާ އަކީ އެ ޖީނަށް ނިސްބަތް ނުވާ ކުއްޖެއް ކަން ސާބިތު ކުރަން ތަހުލީލު ރިޕޯޓެއް ހުށަހަޅައިފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން އެ ކުއްޖާއަކީ ޖެންޓަމައިސިންގެ ސަބަބުން އިވުމަށް ނޭދެވޭ އަސަރު ކުރާ ޖީންގެ ކުއްޖެއް ނޫނެވެ.

އެހެންވެ، އެކަމާ މެދު ވެސް ދެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ބަހުސްކުރި އެވެ. ވަކީލް ޝާހީން ވިދާޅުވީ ޖެންޓަމައިސިންގެ ނޭދެވޭ އަސަރު ކުރާ ޖީނަށް އެ ކުއްޖާ ނިސްބަތް ނުވާ ކަން އެ ލިޔުމުން އެނގެން އޮތުމުން އެކަމާ މެދު މިހާރު ސުވާލު އުފެއްދެން ނެތް ކަމަށެވެ.

ރައްދުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ޖެންޓަމައިސިންގެ ނޭދެވޭ އަސަރު ކުރާ ޖީނަކީ 17 ޕަސެންޓް ކަމަށް ވާއިރު، ބާކީ އޮތް 83 ޕަސެންޓް މީހުންނަކީ ވެސް އެކިއެކި ސަބަބުތަކާ ހެދި އެ ބޭހުގެ ނޭދެވޭ އަސަރު ކޮށްފާނެ މީހުން ކަމަށެވެ. އެހެންވެ، ރަނގަޅަށް އެ ބޭސް ދެވޭ ހާލަތުގައި ވެސް އެހެން ސަބަބުތަކާ ހެދި އިވުމަށް އަސަރު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވަކީލާ ވިދާޅުވި އެވެ. އަދި އެ މައްސަލާގައި އެ ކުއްޖާގެ އިވުން ގެއްލިގެން ދިޔަ ސަބަބު މިހާތަނަށް ވެސް ހޯދިފައި ނެތް ކަމަށް ވަކީލާ ވިދާޅުވި އެވެ.

އެ ކުއްޖާ އަށް ފަރުވާ ދިންކަމުގެ ލިޔުންތަކުން ބައެއް ތަންތަން ކަނޑާލާފައި ކަމަށް ބުނާ ބުނުމަށް ރައްދު ދެއްވައި، ވަކީލާ ވިދާޅުވީ ބައެއް ތަންތަން ކަނޑާފައި ހުރީ އިދާރީ އޮޅުމަކުން ލިޔެވިފައި ހުރި ތަންތަން އެކަނި ކަމަށެވެ. އެކަމަކު އެ ކުއްޖާ އަށް ޖެންޓަމައިސިން ދިނުމާ ބެހޭގޮތުން އެ ލިޔުމުގައި ހުރި ބައިތައް ކަނޑާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވި ގޮތުގައި ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. އަދި އެ ކުއްޖާ އަށް ފަރުވާ ދިން ބިދޭސީ ނަރުހުން ރާއްޖެއިން ބޭރަށް ދިޔައީ އެ މީހުންގެ ކޮންޓްރެކްޓް ހަމަވުމުން ކަމަށް ވަކީލާ ވިދާޅުވި އެވެ.

ޖެންޓަމައިސިން އަކީ އާންމުކޮށް ފަރުވާ ދިނުމުގައި ބޭނުންކުރާ ބޭހެއް ކަން ފާހަގަ ކުރައްވައި، ވަކީލާ ވިދާޅުވީ އެ ބޭހުގައި ސައިޑް އެފެކްޓްސްތަކެއް ހުންނަ ކަމަށެވެ. އެކަމަކު އެ ކުއްޖާ އަށް އެ ބޭސް ދިނީ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އަދި އެ ބޭސް ދޭންޖެހޭ މިންވަރަށް ކަމަށާއި އެކަން އެކްސްޕާޓްގެ ބަހުން ވެސް އެނގެން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެކަމުގައި ޑޮކްޓަރުންގެ އިހުމާލެއް ނެތް ކަމަށް ވަކީލާ ވިދާޅުވި އެވެ.

މިިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވެސް ބައެއް ސުވާލުތައް ދެ ފަރާތާ އަމާޒު ކުރެއްވި އެވެ. އަދި ބޭސް ދިން މުއްދަތާއި އެ ކުއްޖާގެ ކަންފަތުގެ އިވުން ގެއްލުނު ކަން އެނގުނު ވަގުތާ ބެހޭގޮތުންނާއި ޖެންޓަމައިސިންގެ ސައިޑް އެފެކްޓްސްތައް ވެސް އެ ކުއްޖާއަށް މައިންބަފައިންނަށް ކިޔައިދިންތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ޖެންޓަމައިސިން އެ ކުއްޖާ އަށް ދިނުމުގެ ކުރިން އޭގެ ސައިޑް އެފެކްޓްސްތައް އެ ކުއްޖާގެ މައިންބަފައިންނަށް ކިޔައިދީފައި ނުވާނެ ކަމަށާއި ސަބަބަކީ އެއީ ރާއްޖޭގައި އަމަލުކުރާ އުސޫލަކަށް ނުވާތީ ކަމަށެވެ. ރާއްޖޭގައި ބޭހުގެ ސައިޑް އެފެކްޓްސްތައް ކިޔައި ދެނީ ބޮޑެތި ކަންކަމުގައި އެކަނި ކަމަށް ވަކީލާ ވިދާޅުވި އެވެ.

ދައުލަތުން އެގޮތަށް ބުނުމުން ވަކީލް ޝާހީން ވިދާޅުވީ ޖެންޓަމައިސިން ދިނުމުގެ ކުރިން ސައިޑް އެފެކްޓްސްތައް މައިންބަފައިންނަށް ކިޔައިދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ކުއްޖާ އަށް ފަރުވާ ދިން ޑޮކްޓަރު ދަށު ކޯޓުގައި ބުނެފައި އެބައޮތް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުންގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އެވެ.

7 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 84%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންސާފް

18 November 2018

ނިކަމެތި ރައްޔިތު ސިޔާސީ ދާއިރާ އާއި ގުޅުން ނެތް މީހާގެ އިންސާފު..

The name is already taken The name is available. Register?

.ވެދާނެ

15 November 2018

.ތިކަންތައް ވެސް މިސަރުކާރު ބޮލަށް ކަނޑާލާ ތިބުނާ ހޮސްޕިޓަލުން ވެސް އެގޮތައް ލިއުމުގާ ސޮއިކޮށްދީފާނެ.

The name is already taken The name is available. Register?

ސީޕީ

15 November 2018

11 އަހަރު. ރައްޔިތުންގެ އިންސާފުގެ ސްޕީޑް.

The name is already taken The name is available. Register?

މަރޭމިތުރާ

15 November 2018

ފަނޑިޔާރަކު ކުށެއްކުރިއަސް ކުށަކަށް ނުވާތީ މައްސަލައެކޭ! ފަނޑިޔާރަކަސް ގޯހެއް ހެދީމާ ނުބެލޭގޮތޭ މައްސަ؛ައަކީ!

The name is already taken The name is available. Register?

ަ55559

15 November 2018

11 އަހަރު ވީ އިރުވެސް މިމައްސަލަށް ނުނިމި ސިޔާސީ މައްސަލަތަށް ފަޓާސް ބަރިއެއްހެން އެ ނިންމަނީ...ނިކަމެތި ރައްޔިތުންނަށް ލިބޭ އިންސާފަކީމީ...

The name is already taken The name is available. Register?

މަލާ

15 November 2018

ލާރިކޮޅެއް ދިންމީހަކާއެއްކޮޅަށް މައްސަލަ ނިންމާލުމަށް ގޮވާލަން. ޢިންސާފުވެރި ފަނޑިޔާރުން??

The name is already taken The name is available. Register?

ތުނިޔަ

15 November 2018

11 އަހަރު ކުރިންނޭ؟ ފިނިހަކަ ސްޕީޑްވެސް ތިއަށްވުރެ އަވަސްވާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454