ޖީމެއިލް އީމެއިލް އިންބޮކްސް
20 ނޮވެމްބަރ 2018 - 07:47
އާ ކަންތައްތަކަށް ފަރިތަވުމަކީ އުނދަގޫކަމެކެވެ. އެކަމަކު، އެއިން ކަމަކަށް ފަރިތަވެ، އާދަވުމުން، އެ ކަމެއް ކުރެވުން ލަސްކުރެވުނީތީ ދެރަވާ ކަންތައްތައް ވެސް ހުރެ އެވެ. އެކަމަކު ވެސް ބުނަން ޖެހެނީ، ގޫގުލް އިން ޖީމެއިލް އަށް އެންމެ ފަހުން ގެނައި ބަދަލުތައް ކަމުދާނެ އެއްވެސް ގޮތެއް އަދި ވެސް ނުފެންނަ ވާހަކައެކެވެ.
ޖީމެއިލް އިންބޮކްސް ވަރަށް ހުތުރުވެއްޖެ އެވެ. އުނދަގޫ ވެސް މެ އެވެ. އެކަމަކުވެސް، ގޫގުލުން ގެނައި މޮޅު ބަދަލަކަށް ވާތީ ރުހެވޭތޯ ކުރި އެއްވެސް މަސައްކަތަކުން، ކެތްކުރެވޭ ގޮތެއް ނުވި އެވެ. ދެން ބޭނުންވީ އެކަމާ އަޅައިނުލާށެވެ.
މި އޮތީ މިއަދު އެނގުނު އެއްޗެކެވެ. "ބިޒްނަސްއިންސައިޑާ" ވެބްސައިޓްގައި އުޅެނިކޮށް އަޅައިގަތް ލިޔުމެކެވެ. މި އާޓިކަލް ފެނުމުގެ ކުރިން ވެސް، ޖީމެއިލް ސެޓިން ތެރެ އަށް ވަދެ މި ފީޗާތަކާ ކުޅެވުނެވެ. ދެބަ ނިދީގައި އިނދެވުނީ ތޯއްޗެކެވެ. ޖީމެއިލް އިންބޮކްސް ތަރުތީބުކުރުމަށް ބަދަލުތަކެއް ގެނެވޭ ކަމެއް އެއިރު ނޭނގުނެވެ.
ޖީމެއިލް ތެރެ އަށް ވަދެ ކަނާތު މަތީ ކަނާ ދިމާ އަށް ބަލައިބަލާށެވެ. މިއުޅެނީ "ސެޓިން ވީލް" ދައްކާށެވެ. ހޯދަން އުނދަގޫ ނަމަ ގޫގުލް ކުރެން އަހާލާށެވެ. އިންސާނުންނަށް ކުރަން ނޭނގޭ ކިތަންމެ ކަމަކަށް ގޫގުލް މަގުފަހިކޮށްދީ، ދަސްކޮށްދެ އެވެ.
"ސެޓިން ވީލް" އަށް ފިތާލުމުން، ކުރެވެން ހުރި ކަންތައްތަކުގެ ލިސްޓެއް، ތިރި އަށް ސޮހޭނެ އެވެ. "ޑިސްޕްލޭ ޑެންސިޓީ" އަށް ފިތާލާށެވެ. ޖީމެއިލް އިންބޮކް ތަރުތީބުކުރެވިދާނެ ތިން ގޮތެއް ފެންނާނެ އެވެ. "ޑިފޯލްޓް، "ކޮމްފޮޓަބަލް" އަދި "ކޮމްޕެކްޓް" އެވެ. ވަކި ގޮތެއް ކަމުދާ ނަމަ، އިޚުތިޔާރުކޮށް "އޯކޭ"ކޮށްލާށެވެ.
ޖީމެއިލް އީމެއިލް އިންބޮސްގައި، އީމެއިލް ތަރުތީބުކުރުމަށް ގޫގުލުން ވަކި ގޮތެއް ކަނޑައެޅުމަށް ވުރެ، އަމިއްލަ އަށް ގޮތެއް އިޚުތިޔާރުކުރެވުން މާ ހިތަށް ފަސޭހަ ވެއްޖެ އެވެ. ޖީމެއިލް އެންމެ ކުރި ހުރި ގޮތަށް ބަދަލު ނުކުރެވުނު ނަމަވެސް، މި ވަރު ވެސް އެންމެ ރަނގަޅެވެ. ޖީމެއިލް އަކީ ވަރަށް ސީރިއަސް މުއާމަލާތްތަކުގައި ބޭނުންކުރެވޭ ޚިދުމަތެކެވެ. އިންބޮކްސް ތެރެ އެހާ ކުލަގަދަނުކުރި ނަމަވެސް ފުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި
20 November 2018
ލޭއައުޓް ރީތީ.