ބަޖެޓު ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަހުމަދު ޝަރީފާއި ކޮމިޓީގެ ނައިބު މުގައްރިރު ރިޔާޒް ރަޝީދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ނޮވެމްބަރ 2018 - 14:59
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރޭގައި ހައްލު ކުރަން ޖެހޭ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ، އެ މައްސަލަތައް ހައްލުކުރަން މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
މިނިވަން މުއައްސަސާތަކަށް ކަނޑައެޅި ބަޖެޓާ ގުޅޭ ގޮތުން، ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މަޖިލީހުގެ ފާހަނާތަކުން ފެން ރަނގަޅަށް ނުލިބުން ފަދަ ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. މަޖިލީހުގެ އެތެރޭގެ ކަންތައްތައް މިހާ ދެރަވަރުކޮށް ހުރީމަ، މަޖިލީހުގެ ކުރީގެ ރައީސް އަހުމަދު ޒާހިރު ނެތް ކަމުގެ އިހްސާސް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޖެޓު ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުން. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރިޔާޒް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސަކަށް ޒާހިރު ހުންނެވި އިރު، މަޖިލީހުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ރޭވުންތެރިކަމާއި ފުރިހަމަކަމާ އެކުގަ އެވެ. މަޖިލީހުގެ ކަންކަން ރަނގަޅު ކުރުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަން ވެސް ރިޔާޒް ފާހަގަ ކުރެއްވި އެވެ.
ރިޔާޒް އެހެން ވިދާޅުވި އިރު، ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހު މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނެވީ އަބްދުﷲ މަސީހް މުހައްމަދެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ތައްޔާރުވަމުން ދަނިކޮށް، އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ދެން އެ މަގާމަށް އިންތިހާބު ކުރީ ގާސިމް އިބްރާހިމެވެ.
"އެއްވެސް ސަރުކާރަކުން ރައްޔިތުންގެ މަޖިލީހާ ދޭތެރޭ އިހާނެތިކޮށް ކަމެއް ނުކުރޭ. އެއިރެއްގައި ހުންނަ ރައީސެއްގައި ހިންގުމުގައި ނުވަތަ [ކަންކަމާ] އުޅޭ މިންވަރުން މަޖިލީހުގެ ކަންކަން ނުވެ އޮންނަނީ. އެއީ އަޅުގަނޑު ގަބޫލު ކުރާ ގޮތަކީ،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރުކަން ކުރައްވާ ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި، މަޖިލީހުގައި މެމްބަރުން ބޭނުން ކުރައްވާނެ ވެހިކަލެއް އޮންނަން ޖެހެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާއެކޭ އެއްގޮތަށް ލޯންޗެއް ވެސް މަޖިލީހުގައި އޮންނަން ވާނެ ކަމަށް ވިދާޅުވި އެވެ.
ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ކެލާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ކޮޓަރީގެ އޭސީ މަސައްކަތް ނުކުރާ އިރު، ބޮކިތައް ވެސް ނުދިއްލޭ ފަހަރު އަންނަ ކަމަށެވެ. އެހެންވެ، މަޖިލީހުގެ އިދާރާގެ މައްސަލަތައް ހައްލުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމެނުމަށް އޭނާ އެދިވަޑައިގަތެވެ.
މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި މަޖިލީހަށް ބަޖެޓު ހުށަހެޅި އިރު، އޮތީ ފިނޭންސް މިނިސްޓްރީ އަށް މަޖިލީހުން ފޮނުވި އަދަދަށް ވުރެ ފަސް މިލިއަން ރުފިޔާ މަދުކޮށެވެ.
މަޖިލީހުގެ އިދާރާ އިން ވަނީ 11 މީހުންގެ ޖާގައިގެ ވެހިކަލެއް ހޯދަން ހަތް ލައްކަ ރުފިޔާ، ލައިބްރަރީއެއް ގާއިމު ކުރަން އެއް މިލިއަން ރުފިޔާ، ސޮފްޓްވެއާތައް ހޯދުމަށް އަށް ލައްކަ ރުފިޔާ، މުވައްޒަފުންގެ ކޮމްޕިއުޓާ ސިސްޓަމް އާކުރުމަށް ހަތަރު ލައްކަ ރުފިޔާ، ޕްރިންޓިން މެޝިންތަކެއް ގަތުމަށް ހަތަރު ލައްކަ ރުފިޔާ، އޯޑިއޯ/ވީޑިއޯ އަޕްގްރޭޑް ކުރުމަށް ތިން ލައްކަ ރުފިޔާ، މަޖިލީހުގެ ޗެމްބަރުގައި ހުރި އޮޓެމޭޓެޑް ސިސްޓަމްތަކެއް ތަރައްގީ ކުރަން އެއް މިލިއަން ރުފިޔާ ބޭނުންވާ ކަން ހާމަކޮށްފަ އެވެ.
މީގެ އިތުރުން މަރާމާތަށް ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް މަޖިލީހުން ބުންޏެވެ. އެކަމަކު، މިއިން އެއްވެސް ކަމެއް ބަޖެޓުގައި ހިމަނާފައިނުވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖާގައިގެ ދަތިކަން ހައްލު ކުރަން ހަދާފައިވާ 13 ބުރީގެ އިމާރާތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ. އެ އިދާރާ އިން ބުނި ގޮތުގައި މިހާރު ހަމައެކަނި ކުރަން ހުރި ކަމަކީ އިމާރާތަށް ބޭނުންވާ ސާމާނުތައް ހޯދުމެވެ. އަދި ތަނުގެ ކަރަންޓު މަސައްކަތް ޑިސެމްބަރު މަހު ފަށާނެ ކަމަށް މަޖިލީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
21 November 2018
ބޮޑު މުސާރަ ނަންގަވާ. ބޮޑު އިނާޔަތް ނަންގަވާ. ތައިލެންޑް ސިންގަޕޫރުން ބޭސްފަރުވާ ޕެކޭޖް ނަންގަވާ. ބަލަގަ ރައްޔަތުންގެ ފައިސާއިން މިހުރިހާ ކަމެއްކޮށް ހަފްތާއަކު 3 ދަވަހު މަސައްކަތް، ގަޑިޖެހުނަސް ނަޔަސް މުސާރައިން ނުކެނޑޭ. އަދި ކޮންމެ 3 މަހުން ޗުއްޓީ ނަންގަވާ. މިކަންކމާ ބަހުސްކޮށްފަ 2019 ގަ ފެށޭ މަޖިލިސްގެ މެންބަރުންގެ މުސާރަ އިނާޔަތާ، ކުޑަކޮށް އަދި އެމަޖިލީހަކުން އެކަން އިސްލާހު ނުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހުކުރަންކެރޭނެބާ!
މާލި
21 November 2018
މަޖިލިސް އިދާރާގެ ކަންކަން ނުވާ ވާހަކަ ނުދައްކަމާ.. ފާހާނާއިން ފެން ނުލިބުމަކީ މަޖްލިސް ރައީސްގެ މައްސަލައެއް ނޫން.. ބަޖެޓު ނެތިގެން ދިމާވާ މައްސަލައެއް ވެސް ނޫން.. އިދާރީ ގޮތުން ހަވާލުވެ ހެޑަކަށް ހުރި ފަރާތުން އަދިވެސް ކުރަމުން ދަނީ ކޮމިޓީގެ ވާރކް.. ދެ މަޤާމު އަދާ ކުރަން ހަދައި އެއްލަމެއްވެސް ރަނގަޅަށް ނުވެ އެދަނީ..
ރިޒޫ
21 November 2018
މަޖިލިސް އިދާރާގެ އެންމެ ބޮޑު އެއް މައްސަލަ ފޮޓޯ އިންވެސް ތިޔަ ފެންނީ.. މަސްއޫލިއްޔަތުތައް އޮޅި، ބޮއްސުންލާފައި އޮތުން.. ކުރިން ފަޒުލް ހުރި މަޤާމުކަމުގައިވާ ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަޤާމަށް އިއުލާނުކޮށްގެން މީހަކު ނެގި އިރު، ކޮމިޓީގައި މަސައްކަތް ކުރާ މުވައްޒަފަކު ކުރިމަތިލައި، ހޮވިފައިވާއިރު، އަދިވެސް ކުރީގެ މަޤާމުގެ މަސްއޫލިއްޔަތުތައް ދޫކޮށްލައި، އިދާރީ ކަންކަމަށް ހާއްސަވެފައި ނެތްއިރު، އެކަން އެއްވެސް މައްސަލައަކަށް ނުވޭ...
މަޖިލިސް
21 November 2018
ތިތާންގެ ފުރަތަމަ މައްސަލަ އަކީ ގާސިމު. އޭނަމުޅިގައުމުގެ ކޮންޓރޯލްނަގައިފި. ތިތަން ރަނގަޅުކުރަން ގޮވާލަން.
ކޮންސެޓް
21 November 2018
ތިޔަބޭފުޅުން މަސައްކަތްކުރާ ތަނުގެ ފާޚާނާ ފަދަތަންތަން ރަނގަޅުކުރަން ބަޖެޓް ނެތިއްޔާ ހުރިހާ މެންބަރުން މަސައްކަތު ދުވަސް ފާހަކުރަންވީނު. ނުވަތަ ކޮންސެޓް ވެސް ބޭއްވިދާނެ ނޫތޯ. ގައިމު ސްކޫލުތައްވެސް ހިންގަނީ މިގޮތަށް ނޯންތޯ.
Dhaadhey
21 November 2018
އެމީހުން މަސައްކަތް ނުކުރާވާހަކަ އެމީހުން ނުދައްކާނޭތާ؟ އެމީހުންގެ މުސާރަ އާއި ޢިނާޔަތް ކަނޑައެޅުމާއި ކާރާއި ޕިކަޕާމައި ލޮރިއާއި ޔޮޓާއި ރިސޯޓް އޮންނަންވާނޭކަމަށް ނިންމޭ ފަދަ ބާރުގަދަ ގާނޫނު ތައް ހަދައިގެން އޭގެ މައްޗަށް އަރާ ވިއްޔާ އެތިބީ. އަދި އިރުއިރުކޮޅާ އެމީހުންނަށާއި ޢާއިލާ އަށް ފައިދާވާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ ބާރުވެސް އެބޮތް ވިއްޔާ. ރައްޔިތުން އެތަނަށް ހޮވަނީވެސް ކޮރަޕްޝަނުގެ ފައިސާގައި ހިފައިގެންތިބެ އަޅާ ވޯޓަކުން ވިއްޔާ.
ޙައްލު
21 November 2018
ޢIީޔޫ އަށް މައްޟަލަފޮނުވ!
ހުސްއަތާ
20 November 2018
ސުރުޙީ ކިޔާލުމުން ހީވީ މިދައްކަން އުޅެނީ މަޖިލިސް މެމްބަރުން މަސަތްކަތެއް ނުކޮށް ރައްޔިތުންގެ ފަިސާއިން އުދުހޭ ވާހަކަ ކަމަށް އަދި ކޮރަޕްޝަނުގެ އަމަލުތަކުގެ ތެރެއިން ނިހާޔަތަށް ގިނަގުނަ މުދާ ހޯދާ އޭގެން މުއްސަދިވާ ވާހަކަ ކަމަށަ. މިފަދަ ބޮޑެތި ކަންކަން ހުއްޓާ ފާހާނާ ތައްޓެއްގެ ވާހަކަ ދެއްކީމާ ހާލަތު އޮތް ހިސާބު ވަރަށް ސާފު. އަދި މިވެރިންނަށް މުހިންއްމީ ކޮން ކަންތައް ތަކެއްކަންވެސް ވަރަށް ސާފު.
ގޮޑި ކޮށްކޮ
20 November 2018
ޢެހެންވާނީ ތަޖުރިބާ ނެތި ތަައުލީމު ނެތް މީހުންނަށް ބޮޑު މަގާމު ދެންޏާ.
ދަތްނެތްކުއްޖާ
20 November 2018
ބަލަ މިހާރުވެސް މަމެންގެ ޓެކްސް ފައިސާ އިން ތަމެންނަށް ކުރާ ޙަރަދު އަދިވެސް މަދީދޮތަ! މަމެން ރައްޔިތުން ނުކައި ނުބޮއި ތިބެ މި ޖެހެނީ ތަމެންގެ އެދުންތައް ފުއްދަން ދޮތަ! ތަމެންގެ މުސާރަތައް ކުޑަކުރަން މަމެން ރައްޔިތުން ގޮވާލަނމު. ރައްޔިތުން ނަށް ހެޔޮ އެދޭ މެންބަރެއް ވިއްޔާ މަޖުލިހުގެ މެމްބަރުންގެ މުސާރަތައް ކުޑަކުރަން ބިލެއް ހުށައަލާދިނުން އެދެން. ތަމެންގެ މުސާރަ ތައް ބޮޑު ވެގެން ވާންޖެހޭނީ 25،000 ރުފިޔާ. މިވަރުން ތަމެންނަށް ފުދޭނެ.