ބަޖެޓު ފާސް ކުރަން މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ބޮޑު ބަޖެޓު ފާސް ކުރުމަށް މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.


މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓާ މެދު ގޮތެއް ނިންމުމާއެކު، އިތުރު ތިން ކަމެއް ވެސް އެޖެންޑާކޮށްފައިވެ އެވެ. މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވާ ގަޑިއާ ހިލާފަށް މިރޭ ޖަލްސާ އޮތީ 8:30 ގަ އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ވަނީ އެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެއާއެކު، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ޖުމްލަ އަދަދު 30.2 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ.

މިރޭގެ ޖަލްސާގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހުމަށް ވަނީ ހަމަޖެހިފަ އެވެ. ގާނޫނުއަސާސީއަށް ގެންނަ އިސްލާހު ފާސްވެއްޖެނަމަ، އުމުރުން 35 އަހަރުން މަތީ މީހުންނަށް ރައީސް ކަމަށް ކުރިމަތިލެވޭނެ އެވެ.

ޕެޑުން ނަގަމުން އަންނަ ޓެކްސް އުވައިލުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރަން ފެނޭތޯ ވޯޓަށް އެހުމަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެމްބަރަކު އައްޔަން ކުރަން ވަނީ އެޖެންޑާކޮށްފަ އެވެ.