18 ވަނަ މަޖިލިހުގެ ފަހު ޖަލްސާ ހޯމަ ދުވަހު

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ 18 ވަނަ ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ތާވަލްކޮށްފި އެވެ.


މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް މިއަދު ވިދާޅުވީ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމިޔަސް، އެ ދުވަހުގެ އެޖެންޑާގައި ހިމަނާނެ ކަންކަން އަދި ކަނޑަނާޅާ ކަމަށެވެ. އަދި ފަހުން، އެޖެންޑާ ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން 2014 ގައި ރައްޔިތުން އިންތިޚާބުކުރި 85 މެމްބަރުންގެ ދައުރު އަންނަ މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު، މަޖިލިހުގެ ގަވައިދުގައިވާ ގޮތުން މި މަސް ނިމުމާ އެކު، މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީ އަށް ވަޑައިގަންނަވާނެ އެވެ.

އާ މަޖިލިހާ އެކު، އާ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ ޖޫން މަހު އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ހޮވި 87 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރައްވާނީ އަންނަ މަހުގެ 28 ގަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް. --- ފޮޓޯ: މަޖިލިސް

މަޖިލިހުގައި ނުނިމި ހުރި ބިލްތަކުގެ ތެރޭގައި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ގާނޫނީ ހިދުމަތުގެ ބިލާއި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ރައްޔިތުން މަޖިލިހުން ފާސްކުރި ފާސްކުރުން ބާތިލްކޮށް، އެ މީހުންނަށް އަލުން ފުރުސަތު ދިނުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާހު ވެސް އަދި ފާހެއް ނުކުރެ އެވެ.

މީގެ އިތުރުން ހެއްކާ ބެހޭ ބިލާއި ތައުލީމްގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލާ މެދު ގޮތެއް ނުނިންމަ އެވެ.

މަޖިލިހުގެ 18 ވަނަ ދައުރު ނިމުމާ އެކު، އެ ދައުރުގައި ނުނިމި ހުރި ހުރިހާ ބިލްތަކެއް ބާތިލްވާނެ ކަމަށް މަޖިލިހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފަ އެވެ. މި ދައުރުގައި ނުނިމި ހުރި މަސައްކަތްތައް މި މަސް ނިމުމުގެ ކުރިން ނިންމަން ޖެހެ އެވެ. އެހެން ނޫން ނަމަ ޖެހޭނީ ޗުއްޓީ ތެރޭގައި ޖަލްސާތައް ބާއްވާށެވެ.

މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް 65 ގޮނޑި ވަނީ ލިބިފަ އެވެ. މިއީ މަޖިލިހުގެ އިންތިޚާބެއްގައި މިހާ ގިނަ އަދަދެއްގެ ގޮނޑިތަކެއް ސިޔާސީ ޕާޓީ އަކުން ހޯދައި މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދި ފުރަތަމަ ފަހަރެވެ.

މިހާރު ހިނގާ މަޖިލިހުގައި ތިއްބެވި ގިނަ މެމްބަރުންނަށް އިންތިހާބުގައި ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގެ ގިނަ މެމްބަރުން ހިމެނެ އެވެ.