ހަމަލާ އަށް ފަހު ކަރާޗީގައި ހުންނަ ޗަައިނާ ކޮންސިއުލޭޓް ބޭރުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި. --ފޮޓޯ:އޭއެފްޕީ
23 ނޮވެމްބަރ 2018 - 15:16
ކަރާޗީ (ނޮވެމްބަރު 23) - ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޗައިނާ ކޮންސިއުލޭޓަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ހަމަލާދީ ހަތަރު މީހުން މަރާލައިފި އެވެ.
ކަރާޗީގެ މަޝްހޫރު ކްލިފްޓަން އޭރިޔާގައި ހުންނަ ކޮންސިއުލޭޓަށް ފުރަތަމަ ހަމަލާ ދޭން ފެށީ މިއަދު ހެނދުނެވެ. ފުލުހުން ވަނީ ހަމަލާ ދިން މީހުންގެ ތެރޭން ތިން މީހުން މަރާލައިފަ އެވެ. ހަމަލާ ދިން ކަމަށް ބުނެފައި ވަނީ ޕާކިސްތާނުގެ ހުޅަނގުގައި ޗައިނާ އިން ކުރާ އިންވެސްޓްމަންޓާ ދެކޮޅު ހަދާ ހަނގުރާމަވެރިން ކަމަށްވެ އެވެ. ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ބަލޮޗިސްތާން ލިބަރޭޝަން އާމީންނެވެ.
ހަމަލާގައި ވަނީ ވެހިކަލްތަކަށް ގެއްލުންދީފައި. --ފޮޓޯ:އޭއެފްޕީ
ހަމަލާ ދިން މީހުންގެ ތެރޭން ތިން މީހުން ވަނީ ކޮންސިއުލޭޓަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޗެކްޕޮއިންޓުގައި ތިބި ސެކިއުރިޓީ ގާޑުން ވަނީ ހަމަލާދީ އެ ތިން ހަނގުރާމަވެރިން މަރާލައިފަ އެވެ. ހަމަލާގައި ވަނީ ޕާކިސްތާން ފުލުހުންގެ ދެ މީހުން މަރުވެފަ އެވެ. ކޮންސިއުލޭޓަށް ފަހުން ވަނީ ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ޖަމާވެފަ އެވެ.
ޗައިނާ އިން ބުނީ ކޮންސިއުލޭޓް އެތެރޭގައި ތިބި އެންމެން ވެސް ސަލާމަތްވި ކަމަށެވެ. ބެއިޖިންގައި ހުންނަ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޕާކިސްތާނުގައި އުޅޭ ޗައިނާ މީހުންގެ ރައްކާތެރި ކަމަށް އިތުރު ފިޔަވަޅު އަޅާނެ ކަމަށެވެ.
ޗައިނާ އަކީ ޕާކިސްތާނާ ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ޗައިނާ އިން ވަނީ ޕާކިސްތާނުގައި ބިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޔާމީނު
24 November 2018
މީ ބަޔަކަށް ހަޖަމު ނުވެގެން ކުރާ ކަންކަން. ޗައިނާއިން ގައުމުތަކުގައި އިންވެސްޓް ކުރާތީ ވަރަށް މޭކަރާ ގައުމުތައް އެބަތިބި.