އައިސީޔޫގައި އޮތް ބަލި މީހަކަށް ޑޮކްޓަރަކު އެޓެންޑް ކުރަނީ.
26 ނޮވެމްބަރ 2018 - 07:38
އިންޓެސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ފަރުވާ ދޭ މީހުންނަށް ޑިޕްރެޝަންގެ ބިރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ކްރިޓިކް ކެއާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި އެކި ބަލިތަކަށް އައިސީޔޫގައި ފަރުވާ ހޯދަން ޖެހުމަކީ ނަފުސާނީ ގޮތުން މީހާ އަށް މައްސަލަތައް ކުރިމަތިކުރުވާ ކަމެކެވެ.
ދިރާސާގައި ފާހަގޮށްފައިވާ ގޮތުގައި އައިސީޔޫގައި ފަރުވާ ހޯދަން ފެށުމުން ގިނަ މީހުންގެ ފަރާތުން ޑިޕްރެޝަނާއި އެންޒައިޓި އާއި ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ގެ އަލާމާތްތައް ފެންނަން ފަށަ އެވެ.
ދީރާސާގައި ބުނީ އައިސީޔީގައި ފަރުވާ ހޯދާ މީހުންނަށް ކުރިމަތިވާ ނަފުސާނީ މައްސަލަތަކާ އެކު، ޑިޕްރެޝަން ފަދަ އުނދަގޫ ބޮޑު ބަލިތަކާ އެކު، ފަރުވާ ހޯދާތާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މީހާ އަވަހަށް މަރުވުމުގެ ފުރުސަތު 47 ޕަސަންޓަށް އިތުރުވެ އެވެ.
އައިސީޔޫގައި ފަރުވާ ހޯދަން ޖެހުނު 4،943 މީހުންނަށް ސުވާލު ކަރުދާހެއް ދީގެން އޮކްސްފޯޑް ޔުނިވަސިޓީން ހެދި ދިރާސާގައި ބައިވެރިން ދިން ޖަވާބުތަކުގެ ނަތީޖާތައް ދައްކާ ގޮތުން އައިސީޔޫގައި ފަރުވާ ހޯދަން ޖެހުމުން ޑިޕްރެޝަނާ ކުރިމަތިލާން ޖެހުނު ކަމަށް 40 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އަދި 46 ޕަސެންޓް މީހުންނަށް އެންޒައިޓީ އަށް ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައިވާ އިރު، 22 ޕަސަންޓް މީހުންނަކީ ޕީޓީއެސްޑީ ތަޖުރިބާ ކުރަން ޖެހުނު މީހުންކަން ހާމަވެފައިވެ އެވެ.
ދިރާސާގައި ބުނީ ނަފުސާނީ ބަލިތަކަށް މީހާ ހުށަހެޅުމާއި އައިސީޔޫގައި ފަރުވާ ހޯދާ މުއްދަތާ ވެސް ގުޅުން ބޮޑު ކަމަށެވެ. އެހެންވެ ދިގު މުއްދަތަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭ މީހެއް ނަމަ، އެ މީހެއްގެ ނަފުސާނީ ހާލަތު ގަވައިދުން ޑޮކްޓަރުން މޮނިޓަކޮށް އެކަމަށް އެޓެންޓްވުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy