ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިއްޔެގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. މަޖިލިސް މެމްބަރުން އިތުރު ނުވާ ގޮތް ހަދަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ނިންމާފައި. - ފޮޓޯ: މަޖިލިސް
16 އޯގަސްޓް 2016 - 14:33
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 85 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު މަޖިލީހުން ފާސްނުކޮށް ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު 17 ވަނަ މަޖިލީހަށް ހުށަހެޅުއްވި އިސްލާހު ފާސްކުރަން ވޯޓު ދެއްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 47 މެމްބަރެކެވެ. އަދި އިސްލާހާ ދެކޮޅަށް 19 މެމްބަރަކު ވޯޓު ދެއްވި އެވެ.
ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައި މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އެއީ 64 ވޯޓެވެ.
މަޖިލީހުގެ ތަޅުމުން މިގޮތަށް ނިންމިޔަސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ މެމްބަރުންގެ އަދަދު 85 އަށް ވުރެ އިތުރުނުވާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ފާސްކޮށްފަ އެވެ.
ގާނޫނުއަސާސީގެ 71 ވަނަ މާއްދާގެ (ހ) ކޮމެޓީން އިސްލާހުކުރި ގޮތުން މެމްބަރުންގެ އަދަދަކީ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ އިދާރީ ދާއިރާތަކާއި އިންތިހާބީ ދާއިރާތަކުގެ މައްޗަށް ބިނާކޮށް 85 މެމްބަރުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު އެއަށް ވުރެ އިތުރެއް ނުކުރެވޭނެ އެވެ.
ގާނޫނުއަސާސީގައި މިހާރު އޮންނަ ގޮތުން ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރާއަކަށް ދެ މެމްބަރުން އައްޔަން ކުރަންޖެހޭނެ އެވެ. އަދި 5000 އަށް ވުރެ އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެމްބަރެއް އައްޔަންކުރަން ޖެހެ އެވެ.
މީގެ ކުރިން އާމިރު ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލު ކުރުމަށާއި ކައުންސިލްގެ ރައީސުން ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން އިންތިހާބުކުރާ ގޮތަށް ގާނޫނުއަސާސީއަށް ދެ އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް އިސްލާހުތައް ފާސްކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބި ދެ އިސްލާހު ވެސް މަޖިލީހުން ވަނީ ބޭރުކޮށްފަ އެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ މާފަންނު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަސްމާ ރަޝީދު މަޖިލީހަށް ހުށަހެޅުއްވި ޖެންޑާ އިކުއަލަޓީގެ ބިލް، އިޖުތިމާއީ ކޮމެޓީން ގެންނަން ނިންމި އިސްލާހުތަކާއި މަޖިލީހުގެ ތަޅުމުގައި ގެނައި ބައެއް އިސްލާހުތަކާ އެކު ފާސްކޮށްފަ އެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
16 August 2016
މެމްބަރުން މަދުކުރަން ނިންމައިފިއްޔާ ފަހަރެއްގާ ޕީ.ޕީ އެމް އަށް ގޮޑި މަދުވެދާނެތީ އެގޮތަކަށް ފާހެއް ނުކުރާނެ !
އަލިބެ
16 August 2016
"ޖެންޑާ އިކުއަލަޓީ ގެ ބިލް" މިއަށް ކިޔާނެ ދިވެހިނަމެއް ނެތީތޯ؟