ސައުތު ހެމްޕްސްޓެޑް ހައި ސްކޫލްގެ ބޭރުގައި ދަރިވަރުންތަކެއް ހަރަކާތްތެރި ވަނީ.
01 ޑިސެމްބަރ 2018 - 09:01
ލަންޑަންގެ އަންހެން ކުދިންގެ ސްކޫލަކުން، އެތަނުގެ ދަރިވަރުންނާއި ބެލެނިވެރިން ވީހާ ވެސް ބޮޑަށް ފޯނާ ދުރުވުމަށް އިލްތިމާސްކޮށް އެކަމަށް އިގުރާރުވާ އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ސައުތު ހެމްޕްސްޓެޑް ހައި ސްކޫލުން އާންމުކުރި ދެ ސޮފުހާގެ ބަޔާނެއްގައި ބުނީ ގޭގައި ދަރިވަރުންނާއި ބެލެނިވެރިން ފޯނާ ދުރުވާނެ ކަމަށް އިގުރާރުވުމަށް ފަހު އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު މި އިގިރާރުގައި ސޮއިކުރާކަށް އެއްވެސް ދަރިވަރަކަށް އަދި ބެލެނިވެރިއަކަށް ވެސް މަޖުބޫރެއް ނޫނެވެ.
ސްކޫލުން ބުނި ގޮތުގައި ފޯނާ ދުރުވާން ޖެހޭ މައިގަނޑު ސަބަބަކީ ވަރަށް ގިނަ ދަރިވަރުންނާއި މަބައިންބަފައިން ބޭކާރު ގޮތުގައި ފޯނަށް ވަގުތު ހޭދަކޮށް މުހިއްމު ވަރަށް ގިނަ ކަންކަން އަތުން ދޫވާތީ އެވެ. އޭގެ ބަދަލުގައި ދަރިންނާއި މައިންބަފައިން އެކީގައި ވަގުތުތައް ހޭދަކޮށް، ވާހަކަ ދައްކައި ކަންކަމާ ދޭތެރޭ މަޝްވަރާ ކުރުމަކީ ދަރިވަރުންގެ ކިޔެވުމަށް ވެސް އެހީތެރި ވެދޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
"އެހެންވެ އަހަރެމެން ވަރަށް ބޮޑަށް ހިތްވަރު ދެން ވީހާ ވެސް ގިނަ ދަރިވަރުންނާއި ބެލެނިވެރިން ފޯނާ ދުރުވާން އިގުރާރުގައި ސޮއިކޮށް އެގޮތަށް އަމަލު ކުރަން،" ބަޔާނުގައި ބުންޏެވެ.
އިގުރާރުގައި ވާ ގޮތުން ރޭގަނޑު ނިދުމުގެ އެއް ގަޑިއިރު ކުރިން ދަރިވަރުންނާއި ބެލެނިވެރިން ވެސް ފޯނު އެއްގޮތަކަށް ވެސް ބޭނުން ކުރުމާ ދުރުވާން ޖެހޭނެ އެވެ. އަދި ނިދާ އިރު ފޯނު ޗާޖް ކުރަން ޖެހޭ ނަމަ، ފޯނު ނިދާ ކޮޓަރީގައި ޗާޖް ނުކުރަން ވެސް އެދިފައިވެ އެވެ.
Very proud of our Sixth Form students who have mobilised this initiative to try and encourage us all to be more mindful of our digital habits.
— South Hampstead High School (@SHHSforGirls) November 30, 2018
Read more in @thetimes https://t.co/A6cXIM5zUm and on @VickyBingham's blog: https://t.co/INDdypfMKC pic.twitter.com/hU0J7otoBa
ސައުތު ހެމްޕްސްޓެޑް ހައި ސްކޫލްގެ ޓްވީޓެއް.
ސައުތު ހެމްޕްސްޓެޑް ހައި ސްކޫލުން ބުނި ގޮތުގައި ދަރިވަރުންނާއި ބެލެނިވެރިން ފޯނާ ދުރުވާން އިގުރާރުވާ ގޮތަށް ހަމަޖެއްސީ އެ ތަނުގައި ސައިކޮލޮޖީ ކިޔަވާ ދަރިވަރަކު ފޯނާ މާ ބޮޑަށް ދޯޅުވުމުން ދިމާވާ އެކި ކަހަލަ ސިއްހީ އަދި އިޖުތިމާއި މައްސަލަތަކުގެ ވާހަކަ ހިއްސާ ކުރުމުންނެވެ. އަދި މިއީ މުޅި ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ ދުޅަހެޔޮ ކަމަށްޓަކައި ކުރަން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އެތަނުން ވަނީ ސިފަކޮށްފަ އެެވެ.
"ފޯނުގެ ސަބަބުން ވާ ފަސޭހަތަކާއި ލިބޭ ފައިދާތައް ވެސް ގިނަ. އެކަމަކު މާ ބޮޑަށް ފޯނަށް ދޯޅުވުމަކީ ވަރަށް ގިނަ މައްސަލަތައް ކުރިމަތި ކުރުވާނެ ކަމަށް،" ސްކޫލްގެ ތަރުޖަމާން ދި އިންޑެޕެންޑެންޓް ނޫހަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލުން އާންމުކުރި އިގުރާރަށް ވަރަށް ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން މިހާރު އަންނަނީ ބޮޑު ތަރުހީބެއް ވެސް ލިބެމުންނެވެ. އަދި މީގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy