"ޔޫސުފް" ގެ އިތުރުން "4426" އާއި "ބޮސް" ގެ ޝޯތަކެއް ވެސް އޮލިމްޕަހުގައި ދައްކާނެ.
"ޔޫސުފް" ގެ ޕޯސްޓަރެއް: މިއީ 2008 ގައި ރިލީޒް ކުރި ފިލްމެއް.
04 ޑިސެމްބަރ 2018 - 08:07
މީގެ ނުވަ އަހަރު ކުރިން ރިލީޒްކޮށް، ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފާތުމަތު ނަހުލާގެ ކާމިޔާބު ފިލްމު "ޔޫސުފު"ގެ ޝޯއެއް މި މަހު އޮލިމްޕަހުގައި ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.
ޔޫސުފު ޝަފީއު (ޔޫއްޕެ) އާއި ނިއުމާ މުހައްމަދު ލީޑް ރޯލް ކުޅެފައިވާ ފިލްމުގެ އެންމެ ޝޯއެއް ދައްކަން ނިންމާފައިވާ އިރު، އެ ޝޯ ދައްކާނީ މި މަހުގެ 9 ވަނަ ދުވަހުގެ ރެ އެވެ.
"ޔޫސުފު" އަކީ މަންމަނު ޒުވާނެއްގެ އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. އަދި މި ފިލްމަކީ ނަހުލާ ލިޔެ، ޑައިރެކްޓް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމު ވެސް މެ އެވެ. "ޔޫސުފް" ގެ ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކާއި އޭނާގެ އަންހެނުން ޝީލާ ނަޖީބާއި ޒީނަތު އައްބާހާއި ރަވީ ފާރޫގު، އަހުމަދު ނިމާލް އަދި ފައުޒިއްޔާ ހަސަން ހިމެނެ އެވެ.
"ޔޫސުފް" ގެ އިތުރުން ނަހުލާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ދެ ފިލްމު ކަމަށްވާ "ބޮސް" އާއި "4426" ގެ ޝޯތަކެއް ވެސް އޮލިމްޕަހުގައި ދައްކަން ވަނީ ނިންމައިފަ އެވެ. މި ދެ ފިލްމު ރިލީޒް ކުރި ފަހުން، އެކި ފަހަރު މަތިން ވަނީ އޮލިމްޕަހުގައި ޝޯތަކެއް ދައްކައިފަ އެވެ.
ނަހުލާ އާއި އަހުމަދު ޝިނާން ގުޅިގެން ޑައިރެކްޓް ކުރި 2016 ގެ ބިރުވެރި ފިލްމު "4426" ދައްކަން ހަމަޖެހިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ރެ އެވެ. އަދި މިދިޔަ އަހަރު ރިލީޒް ކުރި "ބޮސް" އަޅުވަން ހަމަޖެހިފައި ވަނީ 8 ވަނަ ދުވަހުގެ ރެ އެވެ.
ދިވެހި ބިރުވެރި ފިލްމުތައް އާންމުކޮށް ހަދާ ސްޓައިލާ ވަރަށް ތަފާތުކޮށް ގެނެސް ދީފައިވާ "4426" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ. މި ފިލްމުގައި ކިޔައި ދެނީ ފަޅު ގެއެއްގެ ތެރޭގައި ތާށިވާ ބަޔަކަށް އެއް ރޭ ދިމާވާ ބިރުވެރި ހާދިސާތަކެކެވެ.
"4426" ގެ މުހިއްމު ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ، ޔޫއްޕެ. ޝީލާ، މުހައްމަދު ފައިސަލް، ޖުމައްޔިލް (ޖުމަލް) ނިމާލު، އިބްރާހީމް (ޖިމީ) ޖިހާދު އަދި އިސްމާއީލް (ޖުމާ) ޖުމައިހުގެ އިތުރުން އަލީ ފާރޫގް ހިމެނެ އެވެ.
"ބޮސް" ގެ ޓްރެއިލާ.
މިދިޔަ އަހަރު ރިލީޒް ކުރި "ބޮސް" އަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މި ފިލްމުގައި ލީޑް ތަރިންނަކި އައްޒަ އާއި އަލަަށް ތައާރަފުވި މުހައްމަދު ޔުނާން އާއި ފާތުމަތު (އަޒޫ) އަޒީފާގެ އިތުރުން ޖިމީ އެވެ.
"ޔޫސުފު" އާއި "4426" އަދި "ބޮސް"ގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ އިރު، "ޔޫސުފު"ގެ ޓިކެޓްގެ އަގަކީ 50ރ. އެވެ. އަނެއް ދެ ފިލްމުގެ ޓިކެޓް ވިއްކަނީ 100ރ. އަށެވެ.
ނަހުލާ ބުނި ގޮތުގައި ތިން ފިލްމުގެ ޓިކެޓް ގަންނަ މީހުން ޓިކެޓް ބުރި ހިފައިގެން ޕިކްލްސް ރެސްޓޯރަންޓަށް ދިއުމުން މެންދުރުގެ ކެއުމަކުން 30 ޕަސަންޓް ޑިސްކައުންޓެއް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ސިނަމާގައި ކުރިން ދައްކައިފައިވާ ނަހުލާގެ ތިން ފިލްމެއް އަލުން ސްކްރީނަށް ގެންނަން ނިންމި އިރު، މި އަހަރުގެ މިހާތަނަށް ދިވެހި ސިނަމާ އަށް އައިސްފައި ވަނީ އެންމެ ފަސް ފިލްމެވެ. އެއީ "ދެވަންސޫރަ"، "ވަކިން ލޯބިން"، "ރޭވުމުން"، "ތިޔަ ލޯތްބާ ދުރަށް" އަދި ދިވެހި އެނިމޭޓެޑް ފީޗާ "ބަގީޗާ" އެވެ.
އަންނަ އަހަރު "ބީ" ކިޔާ ފިލްމެއް ގެނެސް ދޭން ނަހުލާ ތައްޔާރުވަމުން އަންނަ އިރު، އޭނާގެ ވެބް ސީރީޒް "ހުވާ" މިހާރު އަންނަނީ ބައިސްކޯފް އެޕުން ސްޓްރީމް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚޮންމެސް މީހެއް
04 December 2018
ސިޔަރަތުތަ މީ ކޮންމެ އަހަރަކު އަންނަން
ލަޓޯފަޓޯ
04 December 2018
އޮލިންފަސް މިހާރު ވެއްޖެ ރިސައިކަލް ބިނަކަށް. ކޮބާ ތަ ޓީވީތަކަށް އާރާ މޮޅެތި ޕްރޮޖެކްޓްގެ ވާޙަކަދައްކާ މީހުން؟ ޓީވީތަކުންވެސް ވެއްޖެ ތަންކޮޅެއް ހަރުދަނާ ކޮށް މިކަންކުރަން. މިރާއްޖެގަ ވާގޮތަކީ ފިލްމެއްގެ މަންޒަުން 10 ސިކުންތައް ފެނިލިއަސް އެމީހަކުވީ ސެލެބްރިޓީއަކަށް، ދެން ކޮންމެވެސް ޒާތީ އިންޓަވިއު ކުރާނީ.
ރިޝް
04 December 2018
ބޮޑު ޗުއްޓީ ހަދާލަން ލާރިކޮޅެއް ބޭނުންވަނީ
ކަޕޫރު
04 December 2018
އަޅުގަޑު މިހާރު އެއްވެސް ފިލްމެއް ނުބަލާ މަޑުކޮށްގެން މިހުންނަނީ ޓެޑްރީގެ ފިލްމު "ލަސްވިއަވަސް" ބަލަފާ ނޫނީ އެހެން ފިލްމެއް ނުބަލަންވެގެން.
އައްޕަޅޭ
04 December 2018
ތި ފިލްމެއް ދުވަހަކު ނާންނާނެ. ސިނަމާއަކަށް. ޓެރަަސްމަތީގެ ކެއުން ނޫން ކަމެއް ޓެޑުރީ ނުކުރޭ. ނަހުލާ ކުޑަމިނުން ބާ ފިލްމުތައް ވެސް އެބަ އަޅުވާތާ. ވަރަށް ސަލާން.
ވައްޑޭ
04 December 2018
ނޫން.. ނޫން.. އަހަރެން ބޭނުމީ ނަހުލާގެ ބީ ބަަލަން..
ޖަމަލޭ
04 December 2018
ފިލްމު އަލުން އޮލިންޕަހަށް ގެންނަނީ ކުރިން އެޅުވިގޮތް ކަމުނުދަނީތަ؟