ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މުސްތަފާ ވާހަކަ ދައްކަވަނީ
17 އޯގަސްޓް 2016 - 12:46
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ "ކަނޑުކޮހުންތަކެއް" ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ނިގުޅައިގަނެވޭނެ އެއްޗެއް ނޫން ކަމަށް ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީން އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހާ މެދު ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަންނައިރު، މަޖިލީހަށް ވަޑައިގެން މެމްބަރުން "ޓައީ އަޅައިގެން" ތިއްބަވަން ނުޖެހޭނެ ކަމަށެވެ.
"ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑު އިދިކޮޅު ހަދާ ކަމެއް މިއީ. ރަައްޔިތުންގެ މިނިވަން ކަން ނިގުޅައިގަތުމަކީ ކުރެވޭނެ ކަމެއް ނޫން،" ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގަތް މުސްތަފާ ވިދާޅުވި އެވެ.
"350،000 މީހުން އެއް ތަނަކަށް ޖަމާނުކުރެވޭނެތީ މަންދޫބުންގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާފައި ތިބީ،" އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ މުޒާހަރާ ކުރުން ހުއްދަކޮށްފައި، ވަކި ތަންތަނެއްގައި މުޒާހަރާ ކުރެވޭ ގޮތަށް ހަދަން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަނަށެވެ. އެގޮތުން އެ ކޯލިޝަންގައި 54 މެމްބަރުން ތިއްބަވަ އެވެ.
ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަން މުސްތަފާއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް ފަންސާހަކަށް ސިކުންތެވެ. އެހެންވެ މުސްތަފާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައި ރިޔާސަތުގެ ސަމާލުކަމަށް އެކަން ގެންނަވައިފަ އެވެ.
އެމްޑީޕީ ސަޕޯޓަރުންތަކެއް މުޒާހަރާ ކުރާއިރު، ފުލުހުން ހަރަކާތްތެރިވަނީ. އެއްވެ އުޅުން ހަނި ކުރަން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި..-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ މެމްބަރުންނަށް ވާހަކަ ދައްކަވަން ވަގުތު ދެއްވަނީ ސިޔާސީ ޕާޓީތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ވަގުތު ދިނުމުގައި ރިޔާސަތުން ވަކި ގޮތެއް ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
މުސްތަފާގެ އިތުރުން ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ މި އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި މިއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިސްލާހާ ދެކޮޅަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ މިއީ ގާނޫނުއަސާސީއާ ތައާރަޒްވާ އިސްލާހެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުން ފާސްކުރާ ކޮންމެ އިސްލާހަކަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ވެސް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ސަރުކާރަށް ތައީދު ކުރައްވާ މެމްބަރުން ވިދާޅުވީ ގާނޫނުއަސާސީގައި ދައުލަތުގެ ހުއްދައަކާ ނުލާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ދީފައި އޮތަސް، ކޮންމެ ފަދަ ތަނަކަށް އެއްވުމުގެ ހައްގެއް ވެސް ގާނޫނުއަސާސީން ލިބިދީފައި ނުވާ ކަމަށެވެ.
ސަރުކާރުން ހުށަހެޅި އިސްލާހަކީ އެއްވެ އުޅުމުގެ ހައްގު ކަށަވަރު ކުރަން ހުށަހެޅި އިސްލާހެއް ކަމަށާއި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދަން ބައެއް މެމްބަރުން މަސައްކަތް ކުރައްވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ސަރުކާރަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް
ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ގައުމީ ސަލާމަތުގެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
އިސްލާހުގައިވާ ގޮތުން މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުގައި އެކަންޏެވެ. ބިލް ގާނޫނަކަށް ވާތާ 30 ދުވަހުގެ ތެރޭގައި، އެއްވެ އުޅެވޭނެ ތަންތަނުގެ ލިސްޓެއް ހަދައި ގެޒެޓް ކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްޖިބްރާ
17 August 2016
މުސްތޮފާ ވިދާޅު ވިއަސް "ބާރު " އޮތީމާ ބޭނުންވާކަންތައްތައް ބޭނުންވާ ގޮތަށް ބަދަލު ކުރެވޭނެކަން މިދަނީ ފެންނަމުންނެވެ. ފަހުން ވެދާނެ ގޮތަކަށް ބަލާނެ ވިސްނާނެ ބަޔަކު ނެތެވެ.
ބިއުޓިފުލް
17 August 2016
ރައްޔިތުންގެ މަޖްލީހަކީ އެއީ ކަނޑުކޮހުންގެ މަޖްލީހެއް ނޫނެވެ. އެއީ ބުއްދިން ފުރިގެންވާ ބުއްދި ވެރީންގެ މަޖްލީހެކެވެ. އެހެންވެގެން ނޫންތޯ މާލޭގައި މުޒާހަރާ ކުރާ ކުދިންނަށް އޭސީ ތަނެއް ހަމަޖައްސާދޭން އެއުޅެނީ. އެކަންކަން ފުރިހަމަ ވުމުން ދެން މިރާއްޖެ ހުންނާނީ ބެޓަރ ކަންޓްރީ އަށް ބަދަލު ވެފައެވެ. މިހާރު އެތިބީ އެއް ނޫންތޯ އިދިކޮޅު ރަންރީނދޫ ޓްވިޓަރ ގާރލްސް ކުދިން ވެސް ހަމަ އަކަށް އެޅިފައި. މިދެން ކަންކަން ރަނގަޅު މަގުން ރަނގަޅު ފާލުން ދަނީ އެވެ. އަބިލީވް އިން ބިއުޓިފުލް ތިއަރީސް.
ރަދީފް
17 August 2016
ޕީޕީއެމް އޮޕޮޒިޝަންގަ އޮންނަދުވަހަކު މިގޮތައް ހަދާފަހުރި ގާނޫނުތައް މިމީހުންގެ ފަހަތުން ދުވަންފެށީމަ އެއްޗެއްވިސްނޭނެ. މިބުނީ ލައްކަ ގިނަ ވާހަކަ. ވ.ވެދުން
ހީރޯސް
17 August 2016
މާލޭގައި މުޒާހަރާ ކުރެވެންވާނީ އެއީ ސަރުކާރުގެ މިނިސްޓްރީން ކަނޑައަޅާ ތަނެއްގައެވެ. އެއީ ވަރަށް ރަނގަޅަށް އެއްވެ އުޅުމުގެ ގާނޫނަށް މަޖްލީހުން ގެންނަ އިސްލާހެކެވެ. މިއިސްލާހުގެ ސަބަބުން ރާއްޖެ ބެޓަރ ކަންޓްރީ އަކަށް ބަދަލުވެގެން ދާނެއެވެ. އެނީ ބޮޑީސް ގޮޓް ދަ ޕަވަރ ބޯރޑް. އެވްރީ ބޮޑީ ޔޫޒް އިޓް ރައިޓްވޭ. މާލޭގައި މުޒާހަރާ ކުރާތަން ތަނުގެ ލިސްޓެއް ހޯމް މިނިސްޓްރީން ކަނޑައަޅާފައި އޮތުން އެއީ ވަރަށް ރަނގަޅަށް ކުރައްވާ ކަމެކެވެ.
މުޙައްމަދުހަނީފު
17 August 2016
ޚިޔާލު ފާޅުކުރުމާ މުޒާހަރާ ކުރުމަށް އެއްމެ ރަނގަޅު ތަނަކީ ކޮއްމެވެސް ޖަލެއްގެ ހަތަރުފާރުން އެތެރެ.
ހާލަތު
17 August 2016
އެއްގޮތަކުން ބަލާއިރު މި ގޮތް މާ ރަގަޅެވެ. އެއީ މިހާރު އެއްވެސް ތަނަކަށް އެއްވެއެއް ނޫޅެެވެއެވެ. ގާނޫނު އަސާސީއިން ލިބިދީފައިއޮތް ހައްގު ބޭނުން ނުކުރި އޮތުމުގެ ބަދަލުގައި ކޮންމެވެސް ގޮތަކުން އެހައްގު ލިބެންޔާވެސް އެވެސް ނަސީބެކެވެ. މި ޒާތުގެ ވެރިކަން ކުރާ ތަންތަނުގައި މިއީ އެއްގޮތަކަށްވެސް ލިބިދޭނެ ހައްގެއް ނޫނެވެ.
އަލިދީދީއައްޑޫސިޓީ
17 August 2016
ދެން އެންމެ ރަނގަޅީ ފާރިޝް މައުމޫނާއި މުސްޠަފާ އާއި ދެންވެސް މަޖިލިސް ގައި ތިއްބެވި އިސްލާހަށް އެދޭ ބޭފުޅުން އަވަހަށް އެއްލަވައެއް ކިޔާފަ ތެދުވެ ތިޔަ ޕީޕީއެމް އިން ނުކުމެ އަނެއްކޮޅަށް އަރާ މަޖިސް މެޖޯރިޓީ ނެގުން. އެނޫން އެހެން ގޮތެއް ދެން އޮތް ކަމަކަށް މަގޭ ކޮށި ވިސްނުމަކަށް ނައި.
ދެއްވާ
17 August 2016
އެއްވެ އުޅުމުގެ ގާނޫނަށް ގެންނަނީ ބިއުޓިފުލް އިސްލާހެކެވެ. އެއީ އެއްގޮތަކަށް ވެސް އެއްވެ އުޅުން ނިގުޅައިގަންނަނީ އެއް ނޫނެވެ. އެކަން އޮޅުވާނުލައްވާ މިއަދު ތިޔާ އިސްލާހު މަޖްލީހުން ފާސް ކޮށްދެއްވުން އެއީ ރާއްޖެ ދެން ލިޓިލް ސިންގަޕޯރ އަށް ބަދަލުވާން ކޮންމެހެން ބޭނުންވާ ގާނޫނެކެވެ. އެގާނޫނާއި ދެކޮޅު ބޭފުޅުން ވެސް މިއަދު އެކަން ދޫކޮށްލާ އަވަހަށް ވޯޓް ދެއްވަންވީއެވެ.
ބަސްއަހާތި
17 August 2016
ތިމަރަފުށީ މުސްތަފާ ވެސް ދެން އުޅުއްވާ ގޮތެއް ދޯ. ބަލަގަ އެއްވެ އުޅުމުގެ ގާނޫނަށް ވެސް އިސްލާހު ތަކެއް ގެންނަން ޖެހޭނެ އެކަން ހައްދު ފަހަނައަޅާ ދިއުމުން. މިހާރު އިިދިކޮޅު ރަންރީނދޫ ކުދިން ކޮންމެ ރެއަކު ހެންވޭރު އާރޓިފިޝަލް ބީޗް ކައިރީގައި އެލަވާ ހަޅޭއް ކެއްގެ ސަބަބުން ގައުމަށް ގެއްލުން ދެނިވި ކަންކަން ނޫން އެހެން އެއްވެސް ކަމެއް ނުވެއެވެ. އެއަޑު އަހާނެ ބަޔަކު ތިބެނީ އެއް ނޫނެވެ. އެކަމަކު އޭގެ ސަބަނުން މުޅި ކުޑަ ހެންވޭރު ކުޑަ ކުދިން ތިބެނީ ނުނިދިފައެވެ. މިކަންކަން ހައްލު ކުރުމަށް އެބަޖެހޭ އެއްވެ އުޅުމާއި ބެހޭ ގާނޫނަށް އިސްލާހު ގެންނަން. ދެން އެ އިސްލާހު ގާނޫނު އަސާސީ އާއި ޚިލާފު ނަމަ އެމައްސަލަ ސްޕްރީމް ކޯޓަށް ހުށައެޅީމާ ހުންނާނީ ރަނގަޅަށެވެ. ދެން މަމެންނަށް ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް ފެންނަން ދެން މުސްތަފާ މެން ހައިބަރނޭޓް މޯޑަށް ދާންވީ އެެއް ނޫންދޯ. މިހާރު އިދިކޮޅު ރަންރީނދޫ ޓްވީޓް ކުރާ ކުދިން ވެސް އެތިބީ އެއް ނޫން ބަސްއަހައިގެން ތިއްތި ކޮށް. އެގޮތަށް އެއިރުން މުޒާހަރާ ކުރާ ކުދިން ވެސް ތިބޭނެއެއް ނޫން ތޯ މުސްތަފާ. މުސްތަފާ ވެސް ދެން ބަސް އަހާބަލަ.
ނާއިފް
17 August 2016
އެއްވުން އަދި ސަރުކާރު ޒިންމާދާރުކުރުވުން ހުއްޓިގެންނުވާނެ، އޭގެ ސަބަބުން ތިޔަ ޤާނޫނު ހަދާމީހުންނަށްވެސް އަދި ކޯޓްތަކާއި ފަނޑިޔާރުންނަށާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށްވެސް ގޮންޖެހުންތަކާ ކުރިމަތިވާނެ، އަބްދުﷲ ޤާޒީ ދޫކުރެވުނީ އެއްވެގެން އެތަކެއް ބަޔަކު މަގުމައްޗަށް ނިކުމެގެން އެވަގުތު އަބްދުﷲ ޤާޒީ ހުންނެވީ ގާޒީއަކަށް އެހެންކަމުން އެއްވެވޭގޮތަށް އޮންނަންވާނީ އެއީ ހުރިހައި މީހުންގެ ރައްކަލަކަށް މާދަމާ ނޭގޭ ތިޔަ ޤާނޫނު ހަދަންތިބި މީހުން ޖަލުން ދޫކުރަން މިހާރުގެ އިދިކޮޅުގެ މީހުން އެއްވާން ނުޖެހޭހެކަމަށް އެހެންކަމުން އެއްވުން މަނާކޮށްގެންނުވާނެ