ލައިފްސްޓައިލް / މެންޓަލް ހެލްތް

ކުޑައިރުގެ އިންފެކްޝަންތަކާއި ނަފްސާނީ ބަލިތަކާ ގުޅުމެއްވޭ

ކުޑައިރު ޖެހޭ އިންފެކްޝަންތަކާއި ނަފްސާނީ މައްސަލަތައް ކުރިމަތިވުމާ ގުޅުމެއްވާ ކަން ޑެންމާކުގައި ހެދި ދިރާސާއަކުން އެނގިއްޖެ އެވެ.

ޖާމާ ސައިކިއެޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ އިން އެނގުނު ގޮތުގައި ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ ފަދަ ސީރިއަސް އިންފެކްޝަންތައް ޖެހިފައިވާ ނަމަ، ނަފްސާނީ ބައްޔެއް ކުރިމަތިވުމުގެ ނުރައްކާ 84 ޕަސެންޓް ބޮޑެވެ. އަދި އެފަދަ ބައްޔަކަށް ފަރުވާ ހޯދަން ބޭސްކާން ޖެހުމުގެ ނުރައްކާ 42 ޕަސެންޓް ބޮޑުވެ އެވެ.

އޭގެ އިތުރުން، އެންޓިބަޔޮޓިކް ފަދަ ބޭސްތައް ދީގެން ރަނގަޅުކުރެވޭ ސީރިއަސްކަން ކުޑަ އިންފެކްޝަންތައް ވެސް ނަފްސާނީ ބަލިތަކާ ގުޅުމެއްވާ ކަން ދިރާސާ އިން އެނގުނެވެ. އެގޮތުން އެފަދަ ބައްޔަކަށް ޑައިގްނޯޒްކުރުމުގެ ނުރައްކާ 40 ޕަސެންޓަށް ބޮޑުވާ އިރު ބޭސްކާން ޖެހުމުގެ ނުރައްކާ 22 ޕަސެންޓަށް އިތުރުވެ އެވެ.

މި ދިރާސާގައި އިސްކޮށް ހުންނެވީ ޑެންމާކުގެ އާހުސް ޔުނިވާސިޓީގެ ޑރ. އޯލޭ ކޫލާ-ފޯސްބާގް އެވެ. އޭނާ ވިދާޅުވިގޮތުގައި ދިރާސާގެ އެންމެ ހައިރާންކުރަނިވި ހޯދުމަކީ ނަފްސާނީ ގިނަ މައްސަލަތައް ގުޅިފައި ވަނީ އެހާ ސީރިއަސް ނޫން އިންފެކްޝަންތަކާ ކަމަށް ވުމެވެ.

އެކަމަކު އޭނާ ވިދާޅުވިގޮތުގައި މި ދިރާސާ އިން ހަމައެކަނި އެނގިފައި ވަނީ މި ދެ ކަންތަކުގެ ދެމެދުގައި ގުޅުމެއްވާ ކަމެވެ. އޭގެ މާނައަކީ އިންފެކްޝަންތަކުގެ ސަބަބުން ނުވަތަ އެ ބަލިތަކަށް ފަރުވާ ހޯދުމުގެ ސަބަބުން ނަފްސާނީ ބަލިތައް ޖެހުން ނޫން ކަން ކޫލާ-ފޯސްބާގް ފާހަގަކުރެއްވި އެވެ.

"ދަރިން ބަލިވީމާ ނުވަތަ ކުދިންނަށް އެންޓިބަޔޮޓިކް ދޭން ޖެހުނީމާ މައިންބަފައިން ކަންބޮޑުވާނެ ކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

"އިންފެކްޝަންތައް ޖެހުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން. ހަށިގަނޑުގެ ދިފާއީ ބާރު ތަރައްގީކުރުމަށް އިންފެކްޝަންތައް ބޭނުންވޭ. އެކަމަކު ބައެއް ހާލަތްތަކުގައި، އެ އިންފެކްޝަންގެ ސަބަބުން، ނަފްސާނީ ބައްޔެއް ޖެހުމުގެ ނުރައްކާ ބޮޑުވޭ."

ކޫލާ-ފޯސްބާގް ވިދާޅުވީ މި ދިރާސާ އިން ޖުމްލަ ގޮތެއްގައި ލިބޭ މެސެޖަކީ ހަށިގަނޑާއި އިމިއުން ސިސްޓަމާއި އިންފެކްޝަންތަކާއި ދުޅަވުމާއި ސިކުނޑި، ގާތް ގުޅުމަކުން ގުޅިފައިވާ ކަމެވެ.

ކޫލާ-ފޯސްބާގް އާއި އޭނާގެ ޓީމުން ވަނީ 1995 އާއި 2012އާ ދެމެދު ޑެންމާކުގައި އުފަންވެފައިވާ އެއް މިލިއަން މީހުންގެ ސިއްހީ މައުލޫމާތު ދިރާސާކޮށްފަ އެވެ. އުފަންވުމާއި ފުރާވަރުގެ ފަހު އަހަރުތަކާ ދެމެދު އެ މީހުންގެ ސިއްހީ ހާލަތު ހުރި ގޮތް ޚާއްސަ ގޮތެއްގައި ބެލި އެވެ. ދިރާސާވެރިންނަށް އެނގުނީ އިންފެކްޝަނަކަށް ފަރުވާ ހޯދާފައިވާ ނަމަ، ފަހުން، ކުޑަކުދިންގެ ނުވަތަ ބޮޑެތި މީހުންގެ ނަފްސާނީ ބަލިތަކަށް ބޭސް ކާން ޖެހުމުގެ ނުރައްކާ ބޮޑު ކަމެވެ. އަދި އެ ނުރައްކަލުގެ މިންވަރު އެކި ބަލިތަކަށް ތަފާތުކަމެވެ.

މި ދިރާސާގައި އުނި ކަންތައްތަކެއް ވެސް ހުއްޓެވެ. އެ ގޮތުން، މީހުންގެ ސިއްހީ މައުލޫމާތަށް ބަލާފައި ވަނީ ހަމައެކަނި އުމުރުން 18 އަހަރާ ހަމައަށެވެ. އަދި ހަގީގަތުގައި ވެސް އިންފެކްޝަނެއް ޖެހިފައި ވޭތޯ ނުވަތަ ޑޮކްޓަރުން އެ ގޮތަށް ނިންމާފައި ވަނީ އޮޅިގެންތޯ ބެލޭނެ ގޮތެއް ނެތެވެ. މީގެ އިތުރުވެސް ބައެއް ކަހަލަ އުނި ކަންކަން ދިރާސާގައި ހުރިކަން ކޫލާ-ފޯސްބާގް ފާހަގަކުރެއްވި އެވެ. އެކަމަކު އޭނާ ވިދާޅުވީ މިފަދަ ދިރާސާތަކުގައި އެ ކަހަލަ ހުރިހާ ކަމަކަށް ހައްލު ހޯދެން ނޯންނާނެ ކަމަށެވެ.--ސީއެންއެން

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454