ޚަބަރު / ޕީޕީއެމް

ވިޕްލައިނާ ހިލާފުވާ ޕީޕީއެމް މެމްބަރުންގެ އަދަދު އިތުރުވަނީ!

ވިޕާ ހިލާފުވެވަޑައިގެންނެވި މެމްބަރުން (ކ-ވ) ފާރިސް، ސަލީމް، މުސްތަފާ، ހުސެއިން މަނިކު، ޚަލީލް، ރެޑްވޭވް ސަލީމް، އަމީތު އަދި ނާޒިމް ރަޝާދު.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތްރީ ލައިން ވިޕާ ހިލާފުވެވަޑައިގަންނަވާ މެމްބަރުންގެ އަދަދު އިތުރުވެއްޖެ އެވެ.

ސަރުކާރުން ހުށަހަޅާ ބިލްތަކަށް ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވަން ޖެހޭނެ ކަމަށް ޕީޖީ ގްރޫޕުން އުސޫލެއް ކަނޑައަޅާފައި ވަނިކޮށް، ފަހަކަށް އައިސް ނެގި ވޯޓުތަކުގައި ބައެއް މެމްބަރުން ވަނީ ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޖަލްސާގައި ހާޒިރުވެވަޑައިގެން ވޯޓު ނުދެއްވާ މެމްބަރުންނާއި ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ތިއްބަވާ މެމްބަރުންގެ އިތުރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގެން ވިޕްލައިނާ ހިލާފުވެވަޑައިގަންނަވާ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ވޯޓު ދޭ ގަޑިއަށް ޖަލްސާ އިން ބޭރަށް ނުކުމެވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި މެމްބަރުން ދެކޮޅު ހެއްދެވި ބިލްތަކުގެ ތެރޭގައި ހިޔާލުފާޅުކުރުން ހުއްޓުވައި މިނިވަން ނޫސްވެރިކަން ނިގުޅައިގަތުމަށް ފާސްކުރި ބިލާއި އެއްވެ އުޅުން ހަނިކުރަން ފާސްކުރި ބިލުގެ އިތުރުން ކައުންސިލްތައް ކުޑަކުރަން ފާސްކުރި ބިލް ހިމެނެ އެވެ. މިއީ ފަހަކަށް އައިސް ޕީޕީއެމްގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިގެން ދިޔަ ބިލްތަކަކެވެ.

ހިޔާލުފާޅުކުރުން ހުއްޓުވާ ބިލާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުން:

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން

ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފް

ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލް ފާސްކުރި ދުވަހު މަޖިލިހަށް ވަޑައިނުގަންނަވާ މެމްބަރުން

އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު

ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ލޯޔަރު ވައްޑޭ ވާހަކަ ދައްކަވަނީ: އެއްވެ އުޅުން ހަނިކުރާ ބިލަށް މަޖިލިހުގައި ވޯޓަށް އެހުމުގެ ކުރިން އޭނާ ވަނީ މަޖިލިސް ދޫކުރައްވައި ވަޑައިގެންފައި.- ފޮޓޯ: މަޖިލިސް

މީގެ ތެރެއިން ނަޝީދާއި މުސްތޮފާ އާއި ފާރިސް އަދި ހުސެއިން އަރީފް ބިލާ ދެކޮޅު ހެއްދެވީ ޖަލްސާގައި ތިއްބަވައިގެންނެވެ. ސަލީމާއި އަމީތު އަދި ނާޒިމް ރަޝާދު ވޯޓު ދެއްވަން ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވަ އެވެ. އެ ދުވަހުގެ ޖަލްސާއަށް ސަލީމާއި އަމީތު އެއްގޮތަކަށް ވެސް ވަޑައިނުގަންނަވަ އެވެ. އެކަމަކު ނާޒިމް ރަޝާދު ޖަލްސާ އަށް ވަޑައިގަތުމަށް ފަހު، ވޯޓު ގަޑިއަށް މަޖިލިހަށް ވަޑައިނުގަތީ އެވެ.

އެއްވެ އުޅުން ހަނިކުރުމުގެ ވިޕްލައިނާ ހިލާފުވެވަޑައިގަތީ:

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)

ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު

ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކު

އެއްވެ އުޅުން ހަނިކުރުމާ މި މެމްބަރުން ދެކޮޅު ހެއްދެވިއިރު، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ވިޕްލައިނާ ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލް ވަނީ ހިލާފުވެވަޑައިގެންފަ އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު ހަލީލް: އޭނާ ވެސް ޕީޕީއެމްގެ ވިޕްލައިނާ ހިލާފުވި މައްސަލަ ވެސް ވަރަށް ބޮޑު.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މީގެކުރިން ތްރީ ލައިން ވިޕް ނެރޭއިރު ކޯލިޝަންގައި ހިމެނޭ 53 މެމްބަރުން ޖަލްސާ އަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވި ނަމަވެސް ބައެއް ވޯޓުތަކުގައި ވޯޓު ދެއްވާ މެމްބަރުންގެ އަދަދު ވަނީ 31 އަށް ދަށްވެފަ އެވެ.

ޕީޕީއެމްގެ މަޖިލިސް މެމްބަރުން (ކ-ވ) އަބްދުﷲ ޚަލީލް، ފާރިސް މައުމޫން، އަލީ ސަލީމް، މުހައްމަދު މުސްތަފާ، ހުސެއިން މަނިކު ދޮންމަނިކު.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ގާނޫނުއަސާސީއާ ހިލާފުވާ ގޮތަށް ބިލްތައް ހަދައި ފާސްކޮށް ރައްޔިތުންގެ ހައްގުތައް ނިގުޅައިނުގަނެވޭ ކަން މެމްބަރުން ގަބޫލުކުރައްވަ އެވެ. އެކަމަކު އެ ބިލްތަކާ އެއްކޮޅަށް ވޯޓު ދެއްވަނީ "ސަރުކާރު ދެކެ ބިރުން" ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އޭގެ ތެރެއިން ބައެއް މެމްބަރުން ވިޕްލައިނާ ހިލާފުވެވަޑައިގަންނަވަނީ ދާއިރާގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ ހެދި ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި އެއް މެމްބަރަކު ވިދާޅުވި އެވެ.

"ހަގީގަތަކީ މެމްބަރުން ތިއްބެވީ މާޔޫސްކަމަކާއި ފޫހިކަމެއްގެ ތެރޭގައި. އޭގެ ތެރެއިން ބައެއް މެމްބަރުން ބިލްތަކާ ދެކޮޅު ހައްދަވަމުން މި ގެންދަވަނީ ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަންނަން ބޭނުން ނުވާތީ،" މެމްބަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރުން މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވެސް ވަނީ ވިޕްލައިނާ ހިލާފުވެފައި. - ފޮޓޯ: މަޖިލިސް

ސަރުކާރުން ހުށަހަޅާ ކޮންމެ ބިލަކާ ރުހި ގަބޫލުވާން ޖެހޭ ގޮތަށް ހަދައި، ތްރީ ލައިން ވިޕް ނެރުމަކީ ޑިމޮކްރަސީގައި ބީރައްޓެހި ސިފައެއް ކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް "ޗޮއިސްއެއް ނެތް" ކަމަށެވެ.

"ކޮންމެ ކަމަކަށް ތްރީ ލައިން ރެޑް ނުވަތަ ގްރީން ނެރުމަކީ މިއީ މަޖުބޫރުކުރުން. ދުވަހަކު ވެސް ފްރީ ލައިން ވިޕެއް ނުނެރޭ،" އޭނާ ވިދާޅުވި އެވެ.

ޕީޖީ ގްރޫޕުން ބިލްތައް ހުށަހަޅަމުންދާ ގޮތާއި ހާއްސަކޮށް ގާނޫނުއަސާސީއާ ހިލާފަށް ބިލް ފާސްކުރާ މައްސަލާގައި މެމްބަރުންގެ ހިޔާލުތަފާތުވުން ބޮޑެވެ.

އެކަމަކު ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު އެކަން ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވީ މެމްބަރުންގެ މެދުގައި އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ. ސަރުކާރުން ފާސްކުރަން ބޭނުންވާ ބައެއް ބިލްތަކާ ބައެއް މެމްބަރުން ދެެކޮޅު ހައްދަވަނީ، އޭނާ ވިދާޅުވި ގޮތުގައި، އަމިއްލަ ކޮންމެވެސް މަސްލަހަތުތަކަކާ ގުޅިގެންނެވެ. އެއީ، ގާނޫނުއަސާސީއާ ހިލާފު ބިލްތަކަކަށް ވާތީ، ނުވަތަ ރައްޔިތުންނަށް އޭގެ އިން ގެއްލުންތަކެއް ލިބޭތީ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ބިލަށް ވަކި ގޮތަކަށް ވޯޓު ދެއްވަން އެއްވެސް މެމްބަރަކަށް އެއްވެސް ގޮތަކުން މަޖުބޫރުކޮށްފައެއް ނުވާނެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި މަޝްވަރާކޮށް މިހާތަނަށް މަޖިލީހުން ފާސްކޮށްފައިވާ އެއްވެސް ބިލަކީ ގާނޫނުއަސާސީއާ ފުށުއަރާގޮތަށް ނުވަތަ ރައްޔިތުންގެ ހައްގުތައް ގެއްލޭގޮތަށް ފާސްކޮށްފައިވާ ބިލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ހުރިހާ ބިލްތަކެއް ހުށަހަޅަނީ ރައްޔިތުންނާއި ގައުމުގެ ހާލަތު ރަނގަޅުކުރަން ވިސްނުންތަކެއް ވިސްނުމަށް ފަހު ރިޔާޒް ވިދާޅުވި އެވެ.

"ކޮންމެ ބިލަކީ ވެސް ކައުންސެލަ ޖެނެރަލް އަށް ހުށަހަޅައި ގާނޫނުއަސާސީއާ ނުވަތަ އެހެން ގާނޫނުތަކާ ތައާރަޒްވޭތޯ ބެލުމަށް ފަހު ފާސްކުރާ ބިލްތަކެއް،" ރިޔާޒް ވިދާޅުވި އެވެ.

ބިލްތައް ގާނޫނުއަސާސީއާ ހިލާފުނުވާކަމަށް ރިޔާޒް ވިދާޅުވިއިރު، "ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅެވޭނެ ކަމަށް" ގާނޫނުއަސާސީގައި ބުނެފައިވާއިރު އެ މާއްދާއާ ތައާރަޒްވާގޮތަށް ކުރިން ހުއްދަ ހޯދަން ޖެހޭ ގޮތަށް އަދި ހޯމް މިނސްޓްރީން ކަނޑައަޅާ ތަނެއްގައި އެކަނި އެއްވެ އުޅެވޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. މިއީ، ގާނޫނުއަސާސީއާ ހިލާފުވުން ނޫންތޯ ސުވާލު ދެންނެވުމުން ވިދާޅުވީ އެއީ "ގިނަ ބައެއްގެ ހައްގު ހިމާޔަތްކުރަން" ފާސްކުރި އިސްލާހެއް ކަމަށެވެ.

ރިޔާޒްއާ ދެކޮޅަށް ވެސް ބައެއް އެހެން މެމްބަރުންގެ ޝަކުވާ ވަކި މަދެއް ނޫނެވެ. ހިޔާލު ފާޅުކުރުން ހުއްޓުމުގެ ބިލް މަޖިލިހަށް ބަލައިގަންނަން މަޖިލިހުގައި ވޯޓު ނެގި ދުވަހު ރިޔާޒް މަޖިލިހަށް އެއްގޮތަކަށް ވެސް ވަޑައިނުގަތުމަކީ ވިޕްލައިނާ ހިލާފުވުން ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވާހަކަދައްކަވަނީ: އޭނާ ވެސް ވިޕްލައިނާ ހިލާފުވެފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވޭ.---ފޮޓޯ: ނިޝާން އަލީ /މިހާރު

"މިސާލަކަށް އަބުރުގެ ބިލް ފާސްކުރުމުގެ ވޯޓަށް ހުސެއިން މަނިކު [ގުރައިދޫ ދާއިރާގެ މެމްބަރު] ގެނައީ އޭނާ އުމްރާގެ އަޅުކަމަށް ވަޑައިގަތުމަށް މައްކާގައި ހުންނަވަނިކޮށް. އުމްރާ ކެންސަލް ކުރުވާފައި ހުސެއިން މަނިކު ގެނައި ގޮތަށް ރިޔާޒް ރަޝީދު ވެސް، ބިލް ބަލައިގަތުމުގެ ވޯޓަށް ގެނެވެން ޖެހޭނެ. އެހެންވީމާ ރިޔާޒް ރަޝީދު ވެސް އެހުރީ ވިޕްލައިނާ ހިލާފު ވެފައި،" އެހެން ބައެއް ބިލްތަކުގައި ވިޕްލައިނާ ހިލާފުވި މެމްބަރަކު ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ވިޕް ލައިންތަކާ ހިލާފުވެވަޑައިގަންނަވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ އެވެ. މިހާރު ވެސް ބައެއް މެމްބަރުންނާ މެދު އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ޕީޖީގެ ވައިބަ ގްރޫޕުން ނެރުމާއި ކޮމެޓީތަކުން ވަކިކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"ވިޕް ލައިނާ ހިލާފުވެވަޑައިގަންނަވާ މެމްބަރުންނާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅާނެ. ހުރިހާ ފިޔަވަޅުތަކެއް ފަހަރެއްގައި މީޑިއާ އަށް ނޭނގިދާނެ،" ރިޔާޒް ވިދާޅުވި އެވެ.

އެކަމަކު ވިޕްލައިނާ ހިލާފުވި މެމްބަރުންގެ ޝަކުވާއަކީ ރިޔާޒަށް ފިޔަވަޅު ނާޅާ މައްސަލަ އެވެ.

16 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޫމް

02 October 2016

ޖުމްހޫރީ ޕާޓީ އެބައޮތް

The name is already taken The name is available. Register?

ކކ

19 August 2016

ބައިކޮޅަށް ގޯލް ޖެހުމަކީވެސް ބަޔެއް ކުޅުން ތެރިން ގެންގުޅޭ ހުނަރެއް ނުންތޯ!

The name is already taken The name is available. Register?

އަލީ

19 August 2016

ވަޓް ގޯޒް އެރައޫންޑް ކަމްސް އެރައުންޑް..

The name is already taken The name is available. Register?

އަލްޖިބްރާ

19 August 2016

"ތިމާ ފޭހި އިލޮށގަޑު ތިމާގެ ލޮލަށް" ވަންނާނެ ! ބަލަންތިބޭ !

The name is already taken The name is available. Register?

ގުޑް

18 August 2016

ފެތެމުންދާއޮޑިއަށް ނާރާ ދޫކޮށްލާ

The name is already taken The name is available. Register?

މެންޓަލިސްޓް

18 August 2016

ކޮންވިޕްލައިނެށްތަ .. އެމެންބަރަކުބޭނުންގޮތަކަށް ބުއްދީގެ ހަމަތަކުންފެންނަގޮތަކަށް އެއްވެސް ނުފޫޒަކާއި މަޖްބޫރުކަމަކާއިނުލައި ވޯޓްލާންވާނީ ،، އޭރުން ވޯޓްސައްހަވެސް ވާނީ ،،، ތިޔަވިޕްލައިން އަކީ އަޅުގަނޑު ގަބޫލްކުރާއެއްޗެއްނޫން ،،، ރައްޔަތުން ވޯޓްލައިގެން ހޮވާމެންބަރުން ވާންޖެހޭނީ ރައްޔަތުންގެ މަންފާއާޢި ލާބަޔަށް މަސައްކަތްކުރާބަޔަކަށް ، ނުޖެހޭނެ ޕާޓީގެ ލީޑަރުބުނާގޮތަކަށް ވޯޓްލާކަށް ،،

The name is already taken The name is available. Register?

ރާޝިދާޔޫސުފް

18 August 2016

ފުރިތަން ނައަތުވެ ދަތުރުގެ މަގު އޮޅި އޮޑި ފެތެނީ މިހާރު މި ފެންނަނީ ފެތެމުންދާ އޮޑިން ސަލާމަތް ވުމަށް މީހުން އޮޑިން ފުންމާލާ ތަން އަރި އަޅާ ޥެއްޓެންދާ އެއްޗެއްގަ ކޮނޑު ވިއްދާނެ ބަޔަކު ނެތްކަން ފެނިގެން މިދަނީ ސިހި ސިހި އެކަނި ވެފާ ސިހި ސިހި އެކަނި ވެފާ

The name is already taken The name is available. Register?

ފިޔާތޮށި

18 August 2016

ކުދިނނޭ ބާރަށް ހިފަހަށްޓައިގެން ތިބޭތި ތީހަމަ ގަދަ ކަނޑުތަކުގައި އޮޑިފަހަރު ބަންޑުންވަމުން ދާވަގުތު ތަކުގައި ހިންގާ ކަނތައްތައް

The name is already taken The name is available. Register?

ޓުޑޭ

18 August 2016

ބިއުޓިފުލް ސަރުކާރު ވެއްޓެނީ....!!!

The name is already taken The name is available. Register?

އުދުހޭ

18 August 2016

އެންމެފަހުން ނަސްރު ލިބޭނީ ހައްގަށް. އަހަރެމެންނަކީ މުސްލިމުން. ޔާމީނުދެކެ ބިރުގަންނާކަށް ނުޖެހޭ. ބިރުގަންނަންޖެހެނީ ހެއްދެވި ފަރާތްދެކެ އެކަނި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454