ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ޑިސެމްބަރ 2018 - 18:02
ފާއިތުވި އަހަރުތަކުގައި ފުލުހުންގެ މުއައްސަސާއިން ގޯސްތަކެއް ހަދާފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު އެ ފެށީ އެ ކަންތައްތައް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (އެމްސީ ހަމީދު) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރެއިން ފުލުހުންގެ މުއައްސަސާ އަށް ހަވާލުކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ އެ މުއައްސަސާއާ ގުޅިގެން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންވެ އެކަންކަމަށް ބަލައި ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ފާއިތުވެދިޔަ ތަނުގައި ފުލުހުންގެ މުއައްސަސާއިން ކޮށްފައިވާ ގޯސް ކަންތައްތަކެއް ފާހަގަކުރަމުން އަންނަ އަދި ކޮށްފައިވާ ކަން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންގެ އެހުރި ކަންބޮޑުވުންތަކަށް، ހާއްސަ ގޮތެއްގައި އަޅުގަނޑުމެންނަކީ، ރައްޔިތުންނަށް ހިދުމަތް ދޭން ތިބ ބައެއް. ހިދުމަތުގައި އިސް ވާނީ ރައްޔިތުން. ރައްޔިތުންގެ މެދުގައި އެފަދަ ކަންބޮޑުވުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭ ހިނދު، އެ ކަންބޮޑުވުންތައް އަޅުގަނޑުމެން ދެނެގަނެ އޭގެ މައްޗަށް ކަންކަން ރަނގަޅުކޮށް އިސްލާހުކުރުމުގެ މަސައްކަތް މި ފަށަނީ މިއަދު،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު އެއީ އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. މީގެ ކުރިން ވެސް ފުލުހުންގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުން އެކި ހަފުލާތަކުގައި އެގޮތަށް ވިދާޅުވާ ކަމަށާއި ނަމަވެސް މިހާރު އެކަން ކުރަން ޖެހެނީ އަމަލުން ކަމަށް ފާހަގަކުރެއްވި އެވެ.
"ފުލުހުންގެ މުއައްސަސާއިން ވެސް އެފަދަ ނުފޫޒުތަކަށް ޖާގަ ނުދިނުން އެއީ އެންމެ ރަނގަޅު ގޮތަކީ. އަދި އެފަދަ ނުފޫޒު ފޯރުވަން ތިބިި ބަޔަކު ވެސް އަދި ފަރާތްތަކުން ވެސް ނުފޫޒު ނުފޯރުވުމަށް އަޒުމް ކަނޑައަޅަންވީ،" އެސިސްޓެންޓް ޕޮލިސް ކޮމިޝަނާގެ މަގާމުގައި ހުންނެވި ހަމީދު ވިދާޅުވި އެވެ.
ފުލުހުންގެ މަސައްކަތް ޕްރޮފެޝަނަލްކޮށް ކުރެވޭނެ ކަމަށާއި އެ ބޭފުޅުން މަސައްކަތް ކުރައްވާނީ ގާނޫނުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ރޭންކެއްގެ ފުލުހަކަށް ވިއަސް ބުނާ ބަހަކާއި ކުރާ އަމަލަކަށް އެމީހަކު ޒިންމާވާންޖެހޭނެ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"މުއައްސަސާ، މި މިންގަނޑުގެ ތެރެއިން މަސައްކަތްކޮށް ސިޔާސީ ނުފޫޒުން އެއްކިބާވެ، އަދި އެއްކިބާވާން ވެސް މަސައްކަތްކުރާނެ،" ހަމީދު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް ސިޔާސީ ނުފޫޒު ވަނަ ނުދިނުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ މީހުންނާ ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމުގައި މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު މަސައްކަތް ކުރެވޭ އަދި ކުރާ ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭތޯ ކަަށަވަރުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި ފުލުހުންގެ މުއައްސަސާއާ ގުޅޭގޮތުން ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު އެ އިދާރާ އަށް އެންމެ ބޮޑަށް އަމާޒުވީ ސިޔާސީ ނުފޫޒު ވަދެގެން މަސައްކަތް ކުރުމުގެ ފާޑުކިޔުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
18 December 2018
ގޯސްތަކެއް ހަދާފައިވަންޏާ އެކަންކަން ޢަމަލީގޮތުން ކުރި އެންމެ އާދައިގެ ފުލުހުންނަކީ އޯޑަރަށް ތަބާވާންޖެހޭ ބަޔަކަށް ވުމާއެކު އެމީހުން ޒިންމާ ނުކުރެވުނަސް އެކަންކަން ކުރުވި އިސްމީހުންނާމެދު ފިޔަވަޅު އެޅެން ޖެހޭނެއެވެ. އެހެންނޫނީ މާދަމާވެސް އެވެރިންގެ ބޭނުން އެގޮތަށް ހިފުމަށް ބޭނުންވާ ބަޔެއްގެ އަތްމައްޗަށް ތަންދިއުމާއެކު އެފަދަ ގޯސްތައް ތަކުރާރުކުރާނެއެވެ.
ދީދީ
18 December 2018
ސިޔާސީ މަގާމެއް ނޫނޭތޯ؟ މިހާހު ޕޮލިސް ކޮމިޝަނަރާއި ޗީފް އޮފް ޑިފެންސް ފޯސް ތީ ސިޔާސީ މަގާމަކަށް ނުވާނެ ގޮތެއް ނެތް.
މަރޭމިތުރާ
18 December 2018
ހެދޭ ގޯހެއްކަމަށްވަންޏާ އެކަން ދަތުމޭ ރަނގަޅުގޮތަކީ! ބެދޭމަޅިއަށް ނުބޭނޭހެން ސަލާމަތްވުން އެމޮޅުގޮތަކީ!
ޣަފޫރު
18 December 2018
އެމްބަސީ ކުއްޖާ ހަދާ ޅެން ފަރިއްސަ ވެފައި މިހުންނަނީ.
ހިންނަވަރު ޑޮކްޓަރ ރޫބީ
18 December 2018
ވަރަށްބޮޑެތި ގޯސްތައް ހަދާފައެބަހުރި. އެފަދަ ގޯސްތައް ހަދާމީހުން ނަސޭހަތާއި، އިންޒާރުދީފައި ވަކިކުރަންވީ. އޭރުން އެންމެ ރަނގަޅުވާނީ. ވޭތރިވެދިޔަތަނުގައި ތިޔަތާގެތެރޭގައި ބޮޑެތި ޖަރީމާތައްވެސް ހިންގާފައެހުރި. ރަށްފުުގައިހިންގާފައިވާ ބޮޑެތި ޒަރީމާތައް ސިޔާސީކޮށް އެފަދަ ބައެއް މައްސަލަތައް ތިޔަތަނުގެ ބައެއް ޕޮލިހުން ވެގެން އޮއްބާލާފަވެސް އެބަހުރި. މިއީ، ހަގީގަތް. މިއީ، އެއްޗެއްް ކޮމެންޓް ކުރަންވެގެން ބުނި ވާހަކައެއްނޫން. އަވަހަށް ނަޖިސް ނައްތާލާ.
ޗިއްލޫ
18 December 2018
ތިކަހަލުގެ ގައުމަށް ގައްދާރުވެފަވާ މީހަކު ތިޔަ މުއްސަސާއަށްލުމުން އަހަރަމެން ކުރިން ކުރަމުން އައި އިތުބާރުވެސް ގެއްލިއްޖެ!
އިންސާފް
18 December 2018
މިވެރިން ހީކުރަނީ އަހަރެމެންމީ މޮޔައިން ކަމަށް. ސިޔާސީ ވެރިއަކު ހޮވާ ސިޔާސީ މަގާމެއް ސިޔާސީ ނުވާނެ ގޮތެއް ނޯންނާނެ...
ވޯޓު
17 December 2018
ވޯޓުން ހޮވީމަ ރަގަޅުވާނެތަ ނުވާނެ ޢޭރށްވާނީ މަހުޖަނެއްގެ އަތްދަށުު ވޯޓުން ހޮވާފަތިބިމީހުން ރަގަޅުތަ ވަޒީފާނިނުކުތަސް މުސާރަ މަދެއްނުވޭ އަބަދު ހޮލިޑޭގަ
މުހައްމަދު1234
17 December 2018
އިބޫގެ ލިއަނު އެމްސީ އަކީ ސިޔާސީ ނުވެ ފުލުހުންގެ ޒިންމާ އަދާ ކޮށް ފުލުހުންގެ މުއައްސަސާއާއި ރައްޔިތުންގެ އިތުބާރު ހޯދައި ދެވޭނެ ފަރާތެއް ކަމަށް ދިވެހިން ގަބުލެއް ނުކުރާނެ. މީގެ ކުރިން ކަންހިނގަފައިވާ ގޮތުން މީ ޔަގީން ކަމެއް.
އަލްޖިބްރާ
17 December 2018
ތިޔަތަނުގެ މަތީމީހަކު ބުނިހަދާން އެބަހުރި ! މިއީ ރައްޔިތުން ބިރުގަންނަ ވަރުގެ ތަނަކަށް ހަދާނަމޭ ! ދެން ކަލޭ ކަންތަށް ކުރާނެ ގޮތެއްވެސް އަދި ނޭގޭ ! މިތިބީ ބަލަން !
އުނބުށެން
18 December 2018
މީހަކު ބުންޏޭ ކިޔާފައި ބުނަންޏާ ރަނގަޅުވާނީ ވީހާވެސް އެމީހާބުނިގޮތާ އެއްގޮތަށް އެވާހަކައެއް ބުނުމެވެ. އަހަރެން ވެސް އެވާހަކަ ލައިވްކޮށް އަޑުއެހީމެވެ. އޭނާ ބުނިހަނދާންވަނީ ކުށްކުރާމީހުން ބިރުގަންނާނެ ތަނަކަށް އެތަން ހަދާނެ ކަމުގައެވެ. ހުރިހާ ރައްޔިތުންނަށް ނިސްބަތްވާގޮތަކަށް ނޫނެވެ. ދެރަކަމަކީ ތިޔަގޮތަށް އެވާހަކައަށް ރައްދުދިނީ އެންމެގިނަ ބަޔަކު ލޯބިވާކަމަށް ބުނެވޭމީހަކު ކަމަށްވާތީއެވެ.
ބުރޯބޭބީ
17 December 2018
އެކްޓިންގ ޅިޔަން ކޮމިޝަނަރ.... ވ ވެދުން