18 ޑިސެމްބަރ 2018 - 15:16
މެންޗެސްޓާ (ޑިސެމްބަރު 18) – މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.
މީގެ ދެ އަހަރާއި ބައި ކުރިން އެ ޓީމާ ހަވާލުވި މޮރީނިއޯ ވަކިކުރީ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމުންނެވެ. އެންމެ ފަހުން ކުޅުނު މެޗުން ވާދަވެރި ލިވަޕޫލް އަތުން 3-1 އިން ބަލިވުމާ އެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގެ ފުރުސަތު ވެސް ހަނިވެފަ އެވެ.
ޔުނައިޓެޑުން ބުނީ، ދާއިމީ ކޯޗެއް ހޯދުމަށް ކްލަބުން މަސައްކަތްކުރަމުންދާ މުއްދަތުގައި، ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗަކާ ޓީމު ހަވާލުކުރާނެ ކަމަށެވެ. ޔުނައިޓެޑުން ބުނީ އެ ކްލަބުގައި މޮރީނިއޯ ހޭދަކުރި މުއްދަތުގައި ކުރި މަސައްކަތަށް ޝުކުރުއަދާކުރާ ކަމަށާއި އަދި އޭނާ އަށް ކާމިޔާބީ އެދޭ ކަމަށެވެ.
މޮރީނިއޯ މިއަދު ވަކިކުރިއިރު އިއްޔެ ނޫސްތަކުން ވަނީ، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ޓާގެޓްކޮށް މޮރީނިއޯ ސީޒަނުގެ ނިޔަލަށް މަގާމުގައި ބެހެއްޓުމަށް ބޯޑުން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑްގެ އެންމެ ފަހުގެ ދެ ކޯޗު ކަމަށްވާ ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލަށް މަގާމު ގެއްލުނީ އެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިނުކޮށްދެވުމުންނެވެ.
ޔުނައިޓެޑަށް ސީޒަނުގެ ފުރަތަމަ 17 މެޗަށް ފަހު 26 ޕޮއިންޓް ލިބުނުއިރު، މިއީ 1990 ވަނަ އަހަރަށް ފަހު އެ ޓީމު އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ 2016 ވަނަ އަހަރުގެ މެއި މަހު މޮރީނިއޯ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރުގެ ނިޔަލަށެވެ. ފުރަތަމަ ސީޒަނުގައި ޔުނައިޓެޑާ އެކު ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކުރި ނަމަވެސް މިދިޔަ ސީޒަން ނިންމާލީ ހުސްއަތާ އެވެ. މި އަހަރުގެ ޖެނުއަރީ މަހު މޮރީނިއޯ ވަނީ ޔުނައިޓެޑްގެ ކޯޗުކަމުގައި އިތުރު އެއް އަހަރު ހުންނަން އެއްބަސްވުން އާ ކޮށްފަ އެވެ.
އެ އެއްބަސްވުމުގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން މޮރީނިއޯ މަގާމުން ވަކިކުރާނަމަ ބަދަލެއްގެ ގޮތުގައި ޔުނައިޓެޑުން އޭނާ އަށް 30.3 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެގެން މި ސީޒަން ނިމުމުން މޮރީނިއޯ ވަކިކުރާނަމަ އޭނާ އަށް ބަދަލެއްގެ ގޮތުގައި ދައްކަން ޖެހޭނީ 22.7 މިލިއަން ޑޮލަރެވެ.
ބާސެލޯނާގެ ކުރީގެ ދެ ކޯޗުން ކަމަށްބާ ބޮބީ ރޮބްސަން އާއި ލުއީ ވެން ހާލްގެ އެހީތެރިއެއްގެ ގޮތުން އެ ކްލަބުގައި ކޯޗިންގެ މަސައްކަތް ފެށި މޮރީނިއޯ ރަސްމީކޮށް ކޯޗިން އަށް ނުކުތީ 2000 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާ އިންނެވެ. އެކަމަކު މޮރީނިއޯ ވިދާލީ 2004 ވަނަ އަހަރު ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުންނެވެ.
އޭގެ ފަހުން ޗެލްސީ އަށް ބަދަލުވެ އެ ޓީމަށް ޕްރިމިއާ ލީގު ޖެހިޖެހިގެން ދެ އަހަރު ކާމިޔާބުކޮށްދިނެވެ. އެކަމަކު ނަތީޖާ ދަށްވުމުން 2007 ވަނަ އަހަރު ވަކިކުރީ އެވެ. ދެން ފެނުނީ އިންޓަ މިލާނުންނެވެ. އެ ޓީމަށް އޭނާ 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނެވެ. އޭގެ ފަހުން ރެއާލް މެޑްރިޑާ ހަވާލުވެ އެ ޓީމަށް ވެސް ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނެވެ. އެނބުރި ޗެލްސީ އަށް ބަދަލުވީ 2013 ގަ އެވެ. އެ ޓީމަށް މި ފަހަރު ވެސް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނަމަވެސް ނަތީޖާ ނުނެރެން ފެށުމުން 2015 ގައި ވަކިކުރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިިނަދު
18 December 2018
ސްޕެޝަލް އައުޓް
މުލޭ
18 December 2018
މިވަގުތަށް ވަރަށް ރަނގަޅު ނިންމުމެއް. ޓީމަށާއި މޮރީނިއޯއަށްވެސް ކާމިޔާބީއަށް އެދެން.
ހަގީގަތް
18 December 2018
މިއީ މިއަހަރުގައި ލިބުނު އެންމެ އުފާވެރި ޚަބަރު. މި މޮރީނިޔޯވީ ފުޓްބޯޅައިން ސަސްޕެންޑްކުރަން. ޗެލްސީ ހަލާކުކޮށް މެންޔޫވެސް ހަލާކުކޮށްފި. އުންމީދުކުރަން ވަރަށް ވަރުގަދަކޮށް މެންޔޫ އުނބުރި އަންނާނެކަން. ވަރަށް ވެދުން.
ސިންތިލީ ވޫމް
18 December 2018
އީޔެގަވެސް މަބުނީމެން ނުން މީނަގެ ނިމުން ފަހަގަކުރާނެ ދުވަހޭ. ކޮބާ ކުކުޅު މަސްކެވު ނުތޯ؟
ޕޮގްބާ
18 December 2018
ދެން ޕޮގްބާމެން ސަންޗޭޒްމެންނަށް ކުޅެން ފުރުސަތު ލިބިދާނެ. މިއަށް ވުރެ އުފާވެރި ހަބަރަކީ ކޮބާ ދެން މި އަހަރު.
ރަދީފް
18 December 2018
މެންޔޫގަ ކާމިޔާބް ނުހޯދޭނަމަ ކޯޗެއްގެ ގޮތުގަ ހުންނަން ފަސޭހައެއް ނުވާނެ. އިންސްޓްޓެންޓް ކާމިޔާބީ ނުލިބޭނަމަ ވެރިން ކޯފާވުން އެއީ (ޗެލްސީ އަދި މެންޔޫގަ) ގާތްކަމެއް. މޮރީނިއޯއަށް ކާމިޔާބީއަށް އެދެން. ދަ ސްޕެޝެލިސްޓް އިން ފެއިލިއަރ މިހާރު އެވަނީ ސެކިންގް ލިސްޓްގެ 1 ވަނަ މަގާމްގަ. ވ. ވެދުން
މަޔާމިން
19 December 2018
އާސިންކޮއަށް ވަރަށް ސަލާމް.