ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ އެއް ވަނަ އަށް

އުރިދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 5-1 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް މާޒިޔާ އަލުން ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

ކުރިން ލީގު އެއް ވަނައިގައި އޮތް އީގަލްސް މިއަދު ހަވީރު ކުޅުނު މެޗުން ޓީސީއާ ލަނޑެއް ނުޖެހި އެއްވަރުވުމުން މިރޭގެ މެޗުން މޮޅުވެ މާޒިޔާ އަށް ލީގު އެއް ވަނަ އަށް އެރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ.

މި މޮޅާ އެކު މާޒިޔާ ލީގުގެ އެއް ވަނައިގައި އޮތީ 13 މެޗުން 28 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް އޮތީ 13 މެޗުން 25 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޓީސީ އަށް ވަނީ 13 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ވިކްޓަރީ ލީގުގެ ފަސް ވަނައިގައި އޮތީ 13 މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ.

މެޗު ފަށައިގެން މާޒިޔާ އިން ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ 16 ވަނަ މިނިޓްގައި އަލީ އަޝްފާގު (ދަގަނޑޭ) ހިލޭ ޖެހުމަކުން ނަގައިދިން ހުރަހުން އަމްދާން އަލީ (އެންޑީ) ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ. އޭގެ މިނިޓެއް ފަހުން އޭރިއާ ތެރެއިން އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު މުހައްމަދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ ސިއްސުވާލުމަށް ފަހު ޔުނައިޓެޑް ވިކްޓަރީ އަށް މެޗުގެ 23 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ބިދޭސީ ފޯވާޑް ކެރިކް އަންދްރެޖް އެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް މާޒިޔާގެ އެންޑީ އާއި ސަމޫހު އަލީ (ސަމުއްޓޭ) ކައިިރިން ހޯދުމަށް ފަހު ކެރިކް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ލަނޑާ އެކު މާޒިޔާ އިން ކުޅުން ރަނގަޅުކުރި އެވެ. މާޒިޔާ އަށް އެއްވަރުކޮށްދިނީ މެޗުގެ 30 ވަނަ މިނިޓްގައި އަސަދުﷲ އެވެ. ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން އަސަދުﷲ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދަގަނޑޭ (ކ) ޔުނައިޓެޑް ވިކްޓަރީ ދެ ކުޅުންތެރިން ކައިިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާ އަށް ލީޑު ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ދަގަނޑޭ އެވެ. މެޗުގެ 36 ވަނަ މިނިޓްގައި ދަގަނޑޭ މި ލަނޑު ޖެހީ މުހައްމަދު އުމެއިރު ނަގައިދިން ހިލޭ ޖެހުމަކުންނެވެ.

ދެ ވަނަ ހާފް ފެށިގެން ދަގަނޑޭ ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑް ވިކްޓަރީ ގޯލާ އަމާޒުކޮށް ފޮނުވާލައިފި އެވެ. ދެ ހަމަލާ ވެސް ޔުނައިޓެޑް ވިކްޓަރީ ކީޕަރު މުހައްމަދު ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑަކީ ޔުނައިޓެޑް ވިކްޓަރީގެ ހުސެން ޝުއައިބް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 55 ވަނަ މިނިޓްގައި އުމެއިރު ނަގައިދިން ހުރަސް ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ޝުއައިބް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މިރޭގެ މެޗުގެ ދެ ވަނަ ހާފްގައި މާޒިޔާ އިން ވަނީ ބަދަލުތަކެއް ގެނެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 74 ވަނަ މިނިޓްގައި ކާމިޔާބުކުރީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް އީސާ އެވެ. އީސަ މި ލަނޑު ޖެހީ ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅަ އަކުންނެވެ.

މާޒިޔާގެ ފަހު ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން އަސަދުﷲ އެވެ، މި ޕެނަލްޓީ އަކީ މެޗުގެ 84 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން އެޓީމުގެ މަޒުހަރު އަބްދުﷲ (މަޒޭ) ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދަގަނޑޭ އަށް ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފްގައި ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން ހުސެއިން ޝިމާޒް (ކޮކީ) އާއި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ފޮނުވާލި ހަމަލާތައް ގޯލާ ސީދާވާގޮތެއްނުވި އެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ އާދިއްތަ ދުވަހުގަ އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ބީޖީ ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. އެރޭ ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ވެލެންސިއާއާ އެވެ.

0 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 5%
icon angry icon angry 32%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454